ރިޕޯޓު: ސެކިއުރިޓީ ބްރީޗްވުން — ކުޑަ ކަމެއް ނޫން!

22 މާޗް 2023 - 15:03

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަކީ ސަލާމަތީ ބާރުތަކުގެ ގާބިލްކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިގެން ދިޔަ ކަމެކެވެ. ދައުލަތުގެ އެއްބާރުގެ ވެރިޔާ އަވަހާރަކޮށްލުމުގެ މަގުސަދުގައި ދިން އެ ހަމަލާގެ ވީޑިއޯތަކުން ފެނިގެން ދިޔައި ސަލާމަތީ ބާރުތަކުގެ ފަރުވާކުޑަކަމާއި އެފަދަ ހަމަލާއަކަށް ނުވަތަ އިންޒާރަކަށް ވެސް ތައްޔާރުވެފައި ނުވާތަނެވެ. 

ރައީސް ނަޝީދަށް ދިން ހަމަލާއާ އެކު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދިގެ އިސްތިއުފާ އަށް އެތައް ބަޔަކު ގޮވާލިއެވެ. އެއީ އެ ބޭފުޅުން ޒިންމާ ނަންގަވަންޖެހޭ ކަމެއްގެ ގޮތުގައި އެތައް ބަޔަކު ސިފަކުރިއެވެ. ނަމަވެސް ކަންކަން އިސްލާހުކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން އިހުނަށް ވުރެ ވަރުގަދަކުރުން ފިޔަވައި ވީކަމެއް ނެތެވެ. 

advertisement

ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަކުރުމަށް ބޭރުގެ ޑިޕްލޮމެޓުންނާއި ދައުލަތުގެ ވަޒީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ގަލޮޅު ދަނޑުގައި މިދިޔަ އަހަރު ބޭއްވި ހަރަކާތެއްގެ ތެރެއަށް ބަޔަކު ވަދެ ޑިޕްލޮމެޓުންނަށް ހަމަލާދީ ހަރަކާތް ހުއްޓުވުމުން ވެސް ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެ ހަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް ގަލޮޅު ދަނޑުގެ ގޭޓު ފަޅާލައި މީހުން ވަނީ ކިހިނެއްތޯ އެތައް ބަޔަކު ދިޔައީ ސުވާލުކުރަމުންނެވެ. ފުލުހުން ސެކިއުރިޓީ ބަލަހައްޓަނިކޮށް ބަޔަކަށް އެތަނަށް ވަދެވިގެން ނުވާނެއެވެ. އެހެން ނަމަވެސް ދެ ދުވަހަކު ވާހަކަ ދައްކާލާފައި އެކަން ވެސް ނިމުނީއެވެ. ބޭރުގެ އެތައް ޑިޕްލޮމޭޓުންނެއްގެ ހަށިކޮޅަށް ގެއްލުން ލިބޭ ފަދަ ހާލަތަކަށް ތަނުގެ މާހައުލު ވެއްޓުނެވެ. 

މިފަހަރުވެސް ސަލާމަތީ ބާރުތަކަށް ފާޑުކިޔުން

ސަލާމަތީ ހިދުމަތްތަކުގެ ފެއިލްވުމެއް މި ހަފުތާގެ ހޯމަ ދުވަހުގެ ރޭ ވެސް ފެނިގެން ހިނގައްޖެއެވެ. މިފަހަރު އެހެން ހުރިހާ ފަހަރަކަށް ވުރެ ވެސް ބޮޑު ކަމެވެ. ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ބަޔަކު އަރައިގަތީއެވެ. އެކަން ހިނގަން މެދުވެރިވީ ހުޅުމަލޭގައި އޮތް އިވެންޓަކަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގެންނެވި މަގުމަތީގައި ބޮޑުތަކުރުފާނު މަގުން ޕީޕީއެމްގެ އޮފީސް ދޮރުމަތިން މުޒާހަރާކުރަން ތިބި މީހުން ރައީސްގެ މޮޓޯކޭޑް ހުއްޓުވީއެވެ. މޮޓޯކޭޑަށް ކުރިއަށް ނުދެވި އެންމެ ފަހުން ޖެހުނީ އަނބުރާލާފައި ރޫޓް ބަދަލުކުރާށެވެ.

އެ ތަނުގައި 15 ވަރަކަށް މިނިޓް ވަންދެން މޮޓޯކޭޑް ތާށިވިއެވެ. މި ކަމުގެ ތެރޭގައި އެތައް ބަޔަކު ހައްޔަރުކުރި އެވެ. މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ހައްޔަރުކުރިއެވެ. 

މިކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުލްހަވެރި އިހްތިޖާޖު ނިންމާލުމަށްޓަކައި އިހްތިޖާޖުގެ ބައިވެރިން ޕާޓީގެ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާ އެކު ބައިވެރިންގެ ތެރެއަށް ވަނުމަކީ ނޭނގި ހިނގާނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އެއީ ރޭވިގެން ހިންގި އަމަލެއްގެ ގޮތުގައި ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައި ވެއެވެ. 

ޕީޕީއެމް އިން ބުނި ފަދައިން އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ކަމާ ބެހޭ ފަރާތްތަކަށް ނޭނގި އޮތުމަކީ ނާދިރު ކަމެކެވެ. އަދި ކޮންމެ ރެޔަކުހެން ބާއްވާ އިހްތިޖާޖުތައް އޮންނަނީ ކޮން ސަރަހައްދެއްގައި ކަމާއި އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އޮފީސް ހުންނަނީ ކޮން ސަރަހައްދެއްގައި ކަން ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ނޭނގި އޮތުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ. އަނެއްކޮޅުން ގައުމުގެ އެންމެ މަތީ ވެރިޔާގެ މޮޓޯކޭޑް ދަތުރުކުރާ މަގުތަކުގައި ކުރިއާލައި ކަންކަން ހިނގާ ގޮތާއި ވާންޖެހޭ ތައްޔާރީތައް ވުމަކީ އެ ފަރާތްތަކުން ކުރަންޖެހޭ ކަމެކެވެ. ރައީސް ނަޝީދަށް ދިން ހަމަލާ އަށް ފަހު އެއް ދުވަސްކޮޅެއްގައި މުޅި މަގު ހުސްކޮށް، ސަލަމާތީ ކަންކަން ވަރުގަދަކުރިތަން ވެސް ފެނިގެން ދިޔައެވެ. ނަމަވެސް އަނެއްކާ ވެސް އެފަދަ ދޯދިޔާ ކަމެއް ތަކުރާރުވީއެވެ. 

މި ފަހަރު ވެސް އިވެނީ އެއް އަޑެކެވެ. އެކަމާ ގުޅުން ހުރި އިދާރާތައް ފެއިލްވެފައިވާ ކަމުގެ އަޑުތަކެވެ. އިސްވެރިން ނުވަތަ ވަޒީރުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށެވެ. މި ފާޑުކިޔުންތަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ އެކަމަނާ އަށް ރައްދުވާ ގޮތަށް ފާޑުކިޔަމުންދަނީ އަންހެނަކަށް ވީތީ ކަމަށެވެ. ނަމަވެސް ވަކި މީހަކަށް ވީތީ ނުވަތަ ވަކި ޖިންސަކަށްވީތީ ރައްދުވާ ފާޑުކިޔުންތަކެއް ވެސް ނޫނެވެ. މިއީ ބައެއްގެ އިހުމާލުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނުރައްކަލުގެ ތެރެއަށް ވެއްޓުމުން ރައްދުވާ ފަޑުކިޔުންތަކެކެވެ. އެ މަގާމުގައި އަންހެނެއް ނޫން ފިިރިހެނެއް ހުއްޓަސް އެ ފާޑުކިޔުންތައް އަމާޒުވީހެވެ. 

ދައުލަތުގެ މަތީ ވެރިންގެ ސެކިއުރިޓީ ބްރީޗްވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަން ހަވާލުކޮށްފައި ތިބޭ އިސްވެރިން އެކަނި ސަސްޕެންޑްކޮށްގެން ވެސް ހައްލުވާން އޮތް ކަމެއް ނޫނެވެ. މިއީ ސީރިއަސްކޮށް ވިސްނަންޖެހޭ މައްސަލައެކެވެ. އަދި ތަކުރާރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މައުލޫމާތުތައް ލިބޭ ގޮތުން ނަމަ މިއީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބްރީޗްވި ވެސްއ ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން ވެސް އެ މަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގައި ސަލާމަތީ ކަންކަން ދޯދިޔާކަން ވަނީ ފާހަގަކުރެވިފައެވެ. ބޭރުގެ އެހެން ގައުމުތައް ފަދައިން ރާއްޖެއަކީ ވެރިންނަށް އާންމުކޮށް ހަމަލާދީ ކަންކަން ކުރާ ތަނެއް ނޫނެވެ. އެހެން ނަމަވެސް ދައުލަތުގެ އެއް ބާރުގެ ފުރާނަ ދުއްވާލުމަށް ދާދި ފަހުން ވެސް މަސައްކަތްކޮށްފައި ވެއެވެ. އެހެންކަމުން އާންމު ކަމަކަށް ނުވާތީ ރައީސްގެ ސެކިއުރިޓީ އެހާ ދޯދިޔާކޮށް ދޫކޮށްލާފައި ބާއްވަން ހެޔޮނުވާނެއެވެ. އެކަމުގެ ޒިންމާ އެންމެ މަތިން ފެށިގެން ނަގަންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0