ރިޕޯޓް: ރައީސް ސޯލިހާއި ނަޝީދުގެ އަދާވާތްތެރިކަން ހިތަށް ކުޅަދާނަ ނޫން މިންވަރަކަށް!

29 މާޗް 2023 - 12:39

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ އެތެރޭގައި އޮތް ހަމަނުޖެހުމާއި ހިލާފުތަކުގެ އަސްލަކީ ވެރިކަމާއި ބާރު ހޯދުން ކަމުގައިވީ ނަމަވެސް މަލަމައްޗަށް ދައްކަނީ އެއީ ރިޔާސީ އަދި ބަރުލަމާނީގެ ތެރެއިން އުފެދިފައި އޮތް ހިލާފުތަކެއްގެ ގޮތުގައެވެ. މުޅި ޕާޓީ ދެބައިވެ، ހަލާކުވެގެން ދަނީ މި ވިސްނުމުގެ ތެރެއިން ކަމަށް ދެކޭ ބަޔަކު ވެސް އެބަ ތިއްބެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އަސްލު މައްސަލައިގެ މުގޫ ގޮސް ގުޅެނީ ވެރިކަމުގެ ދަހިވެތިކަމާ އެވެ.


ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ޖުމްލަ ގޮތެއްގައި އެމްޑީޕީގެ ސިޔާސަތުތައް ވެސް ބައްޓަން ވެފައި އޮތީ އެ މަގުންނެވެ. މިހާރުގެ ރައީސް އަދި ޕާޓީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހްގެ ވިސްނުން ސީދާ އެކަމާ ދެކޮޅުކަން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ރައީސް ސޯލިހު އަބަދު ވެސް ވިދާޅުވަމުން ގެންދަވަނީ އެއީ ރައްޔިތުން ނިންމަވަންޖެހޭ ކަމެއްގެ ގޮތުގައެވެ.

advertisement

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޕެޓިޝަނެއް ހެދުން


ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނަށް ވާދަނުކުރެއްވި މަޖުބޫރީ ހާލަތަކަށް ވެއްޓި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރެއްވި އިރު ވެސް ދައުރުގެ މެދު ތެރެއިން ނިޒާމު ބަދަލުކުރުގެ މަސައްކަތް ކުރަންޖެހޭނެކަން އެނގިވަޑައިގަންނަވާނެއެވެ. އަދި އެކަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނިވައިވާ ކަމަށާއި ވެރިކަމުގެ 18 މަސް ދުވަހުގެ ތެރޭގައި ނިޒާމީ ވޯޓެއް ނެގުމަށް މެނިފެސްޓޯގައި އޮންނާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް މިއީ ކޯލީޝަން ސަރުކާރެއް ކަމަށް ވުމުން ތަންފީޒުކުރަމުން އަންނަނީ ކޯލީޝަންގެ މެނިފެސްޓޯއެއް ކަމާއި އެ މެނިފެސްޓޯގައި ނިޒާމުގެ ވާހަކަ ނެތް ކަމަށް ސަރުކާރުން އައީ ބުނަމުންނެވެ.


ރައީސް ނަޝީދުގެ ގަބޫލުކުރެއްވުމުގެ މައްޗަށް އެ މަނިކުފާނަށް ތާއީދުކުރާ މެންބަރުން ގެންދިޔައީ ރައީސް ސޯލިހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. ޓީމުތަކަށް ރަށްރަށަށް ދަތުރުކޮށް އެ ޕެޓިޝަނަށް ސޮއި ހޯދުމުގެ ވަރަށް ވަރުގަދަ ހަރަކާތެއް ހިންގިއެވެ. އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެފައި ވަނީ އެ ޕެޓިޝަނުގައި އެއް ލައްކަ އަށް ވުރެ ގިނަ މީހުން ސޮއިކުރި ކަމަށެވެ. އެހެން ނަމަވެސް އަދާހަމައަށް ވެސް އެ ބުނާ ޕެޓިޝަނެއް ރައީސް ސޯލިހަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެއް ނުވެއެވެ.


ޕެޓިޝަންގެ އަޑު މަޑުމަޑުން ގޮސް އޮބުނު ނަމަވެސް ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރެއްވުމަށް ރައީސް ނަޝީދު ގެންދެވީ ވަރަށް ބޮޑަށް ރައީސް ސޯލިހަށް ޕްރެޝަރު ކުރައްވަމުންނެވެ. އަދި މިދިޔަ އަހަރުގެ އޯގަސްޓް މަހު އެމްޑީޕީގެ ކޮންގްރެސް ބާއްވަން ތައްޔާރުވަމުން ދަނިކޮށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު މަޖިލީސް ހުޅުވެގެންދާ އިރު ބަރުލަމާނީ ނިޒާމުގެ އިންތިގާލީ މަރުހަލާ ވެސް ފެށިގެން ދާނެ ކަމަށެވެ. އިންޓަވިއުތަކާއީ ބައްދަލުވުންތަކުގައި އެވާހަކަ ދައްކަވަމުން ގެންދެވީ އެހާ ވެސް ޔަގީންކަމާއި އިތުބާރާ އެކުގައެވެ.


“ފެބްރުއަރީން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިނގަމުން ގޮސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ރިޔާސީ އިންތިހާބު އެއީ ބަރުލަމާނީ ނިޒާމު، ގާނޫނު އަސާސީ އިސްލާހުކުރެވިފައިވާ ގޮތަށް ބާއްވާ ރިޔާސީ އިންތިހާބަކަށްވެ އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކުގައި ފުރިހަމަ ބަރުލަމާނީ ނިޒާމުގައި މަސައްކަތް ކުރެވެން ފަށާނެ” އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.


މިދިޔަ އަހަރުގެ އޯގަސްޓް މަހު ބޭއްވި ކޮންގްރެސް އަށް ވެސް އެފަދަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ. އެކަމާ ގުޅިގެން ކޮންގްރެސްގެ ތެރޭގައި ބޮޑެތި ޒުވާބުތަކެއް ހިނގައި އެންމެ ފަހު ކުރި ލިބިވަޑައިނުގަންނަވާނެކަން އެނގިވަޑައިގަތުމުން ރައީސް ނަޝީދު ވަނީ އެ ގަރާރު އަނބުރާ ގެންދަވާފައެވެ. އޭރު ވިދާޅުވީ ރައީސް ސޯލިހާ އެކު އިތުރު މަޝްވަރާތައް ކުރެއްވުމުގެ ގޮތުން ގަރާރު ފަސްކޮށްލެއްވީ ކަމަށެވެ.


ޕްރައިމަރީ ގާތްވަމުން އައިރު ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު ރައީސް ސޯލިހަށް ޕްރައިމަރީގެ ޓިކެޓް ލިބިވަޑައިގަތީ ނިޒާމީ ވޯޓު ނެގުމަށް ވައުދުވެފައި އޮތް މެނިފެސްޓޯ އިން ކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓެއް ނުނަގައި ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލީހުން ބޭއްވި “އާސްކް ސްޕީކާ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ގިނަ ބަޔަކަށް ހީވެފައި އޮތީ އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުން ޕްރައިމަރީ ވެސް ބޮއިކޮޓްކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހުން ޕްރައިމަރީގައި ވެސް ވާދަކުރެއްވީއެވެ.


ބަރުލަމާނީ ނިޒާމަށް އެހެން ޕާޓީތަކުގެ ތާއީދު ހޯއްދެވުމަށް ވެސް ރައީސް ނަޝީދު ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. އެހެން ނަމަވެސް ސަރުކާރުގެ ކޯލީޝަންގެ ތެރެއިން ވެސް އަދި އިދިކޮޅު ޕީޕީއެމް ވެސް ރުއްސޭ ގޮތެއް ނުވިއެވެ. ޖުމްހޫރީ ޕާޓީން އެކަމަށް ތާއީދު އޮތް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވި ނަމަވެސް ފަހުން އެ ޕާޓީން ވެސް ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އޭގެ ކުރިން ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅަށް އެތައް ފަހަރެއްގެ މަތިން ޖޭޕީގެ ލީޑަރު ގާސިމް ފާޅުގައި ވާހަކަ ދައްކަވާފައި ވެއެވެ.

ނާކާމިޔާބުވުމުން ދެން ސޯލިހާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް


ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަށް ކުރިއެރުމެއް ނުލިބި ވަޅުޖެހެމުންދަނިކޮށް ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެހެން ނަމަވެސް ޕްރައިމަރީ ގަނޑުބަޑުކޮށްފައިވާކަމަށް ބުނެ ޕާޓީގެ ތެރެއިން ފިކުރެއްގެ ދިރުން ނަމުގައި އާ ހަރަކާތެއް ފެއްޓެވިއެވެ. އެ ހަރަކާތުގައި ވެސް މައިގަނޑު ގޮތެއްގައި ކުރިއަށް ދިޔައީ އެކަމުގައި ބައިވެރިވާނެ މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތެވެ. މާލެ އާއި ރަށްރަށަށް ޓީމުތައް ޒިޔާރަތްކުރިއެވެ. ސޮއިކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ބައި ލައްކަ މީހުން ސޮއިކޮށްފި ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުނު ފަރާތްތަކުން ހާމަކުރިއެވެ.


ރައީސް ނަޝީދާއި އެ މަނިކުފާނުގެ ޓީމުން ދެން ފެށީ ފާޅުގައި ރައީސް ސޯލިހާ ދެކޮޅު ހަރަކާތެކެވެ. އަދި އެ ޓީމުގެ ތާއީދު ލިބޭނީ ބަރުލަމާނީ އަށް ބަދަލުކުރަން އެއްބަސްވާ ކެންޑިޑޭޓެއް ކަމަށް ބުނަމުން ދިޔައެވެ. އަދި އެފަދަ ކެންޑިޑޭޓަކަށް ތައީދުކުރަން ފަސޭހަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު ފެންނަން ހުރި މަންޒަރަށް ބަލާއިރު, ރައީސް ނަޝީދުގެ ވިސްނުން ހުރީ ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ނުލިބޭނެ ހުރިހާ ގޮތަކަށް ކަންކަން ގެންދިއުމަށް ތައްޔާރަށެވެ.


މި މަސައްކަތުގެ ތެރެއިން، ބަރުލަމާނީއާ ސީދާ ދެކޮޅު ޖޭޕީގެ ލީޑަރު ގާސިމް އެންމެ ފަހުން އިންތިހާބަށް ވަކިން ނުކުމެވަޑައިގަތުމަށް ރައީސް ނަޝީދާއި ފިކުރެއްގެ ދިރުމުގެ ޓީމުން ވަނީ ބާރު އަޅާފައެވެ. ބަރުލަމާނީ ނިޒާމުގެ ވާހަކަ އޮތްތާ އޮއްވައި ރައީސް ނަޝީދުގެ މަންދޫބުން ވަނީ ޖޭޕީއާ އެކު މެނިފެސްޓޯގެ މަޝްވަރާތައް ވެސް ފަށައިފައެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުންކޮޅެއްގެ ވަކި ޕީޖީއެއް ހަދައި ޖޭޕީއާ އެކު މަސައްކަތްކުރުމަށް ވެސް ނިންމިއެވެ. އަދި ރައީސް ނަޝީދާއި ފިކުރެއްގެ ދިރުމުގެ ތާއީދު މިފަހަރު އޮތީ ސީދާ ގާސިމަށް ކަމަށް ދަނީ ހާމަވަމުންނެވެ.


ސުވާލު އުފެދެނީ މިހާވަރަށް ރައީސް ސޯލިހާއި ނަޝީދުގެ އަދާވާތްތެރިކަން ބޮޑުވެގެން ދިއުމުގެ ސަބަބާ މެދުއެވެ. އެއްބަޔަކު ދެކޭގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދެވުނު ޓެރަރިސްޓް ހަމަލާއާގުޅިގެން ސަރުކާރުން ކަންކަން ގެންދިއައީ ވަރަށް ދޯހަޅިކޮށެވެ. އަނެއް ބަޔަކު ދެކޭގޮތުގައި މިކަމަކީ މާކުރިންވެސް އާއިލީ ވިޔަފާރިތަކާ ގުޅިގެން އޮންނަ ހަސަދަ ވެރިކަމެކެވެ. 2018 ވަނަ އަހަރުގެ އިންތިހާބަށް ރައީސް ސޯލިހު ނެރުމާމެދުވެސް ރައީސް ނަޝީދު ކަނޑައެޅިގެން ދެކޮޅުކަމަށް އެމްޑީޕީގެ އިސްބޭފުޅުން ވިދާޅުވެފައި އެބަހުއްޓެވެ. ކޮންމެއަކަށް ފާޅުވާން ހުރި ހަޤީޤަތަކީ މިދެބޭފުޅުންގެ އަދާވާތްތެރިކަން ހުރީ ހިތަށް ކުޅަދާނަ މިންވަރަކަށް ނޫނެވެ. އަދި ދެބޭފުޅުން އެކުގައި 2023 ގެ އިންތިހާބުގައި ވާދަކުރުމަކީ ވުމަށްވުރެ ނާދިރުކަމެކެވެ.

ރިއެކްޝަންސް
0
0
2
1
0
0
0