ރިޕޯޓް: ބޯހިމެނުމުން ދައްކައިދިނީ ދިވެހިންގެ ސައިޒު

3 އެޕްރީލް 2023 - 11:23

ބޯހިމެނުމަކީ ހަމައެކަނި އަދަދުތަކެއް ނޫނެވެ. އެ ހިސާބު އަކުރުތަކުން ގައުމުގެ އެތައް މައްސަލައެއް ދައްކުވައިދެއެވެ. އެންމެ ފަހުން ނެގި ބޯހިމެނުމުން ވެސް އެތައް ކަމެއް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވުނު ކަމަކީ ރާއްޖޭގައި ބިދޭސީންގެ އަދަދު ހަލުވިކަމާ އެކު އިތުރުވަމުން އަންނަ ކަމާއި ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އާބާދީގައި ދިވެހިންނަށް ވުރެ ބިދޭސީންގެ އަދަދު އިތުރުވާނެ ކަމެވެ.


އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީއަކީ 515،122 އެވެ. މީގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 382،751އެވެ. މީގެ ނުވަ އަހަރު ކުރިން ދިވެހިންގެ އާބާދީއަކީ 338،434 އެވެ. އެހެންކަމުން ދިވެހިންގެ އާބާދީ އަށް އިތުރުވެފައި މި ވަނީ 44،317 މީހުންނެވެ. އާބާދީ އިތުރުވި ރޭޓަކީ 1.5 ޕަސެންޓެވެ.

advertisement

ރާއްޖޭގެ މިހާރުގެ އާބާދީގެ 26 ޕަސެންޓަކީ ބިދޭސީންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 132،371 ބިދޭސީން ދިރިއުޅޭ ކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުން ދައްކައެވެ. މިއީ 2014 ވަނަ އަހަރުގެ ބޯހިމެނި އިރު ބިދޭސީންގެ އަދަދަށް ވުރެ ދެ ގުނައަށް ވުރެ ވެސް އިތުރު އަދަދެކެވެ. އޭރު ބިދޭސީންގެ އަދަދު ކަމަށް ބަލާފައި ވަނީ 63،637 އެވެ.

ލިޔެކިޔުން ނެތް ބިދޭސީން އަދި އޮތީ


ބޯހިމެނުމުގެ ތެރެއިން މިހާރު ފެންނަ ބިދޭސީންގެ އަދަދަކީ ވެސް މުޅިން ސައްހަ އަދަދު ކަމަށް ބެލެވޭކަށް ވެސް ނެތެވެ. ރާއްޖޭގައި ސައްހަ ގޮތުގައި އުޅޭ ބިދޭސީންނެކޭ އެއްގޮތަށް ފިލައިގެން ނުވަތަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީން ވެސް އެބަ އުޅެއެވެ. އަދި ބޯހިމެނުމުގެ ތެރެއިން ވެސް މިހުރިހާ އެންމެން ޓްރޭސްކުރެވިފައިވާނެ ކަމަކަށް ނުބެލެވެއެވެ.

އެހެންކަމުން ބިދޭސީންގެ އަސްލު އަދަދު ދޮޅު ލައްކައާ ކައިރި ނުވަތަ އެއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ. މިހާރު ވަކިވަކި ޤައުމުތަކެއްގެ ބިދޭސީން އިތުރުވާ ރޭޓް ހުރި ގޮތަށް ބަލާއިރު ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކެއް ނާޅައިފި ނަމަ މީގެ 10 އަހަރު ފަހުން ރާއްޖޭގައި ދިވެހިންގެ އާބާދީ އަށް ވުރެ މިފަދަ އެއް ޤައުމެއްގެ ބިދޭސީންގެ އާބާދީ އިތުރުވާނެއެވެ.


ތަފާސް ހިސާބުތަކުން ވެސް ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޖަމާވެފައި ވަނީ މާލެ ސަރަހައްދަށެވެ. ރާއްޖޭގެ އާބާދީގެ 41 ޕަސެންޓް މާލެ ސަރަހައްދުގައި ވަޒަންވެރިވެފައިވާ އިރު ބިދޭސީންގެ އާބާދީގެ ވެސް ބޮޑު ބައެއް ދިރިއުޅެނީ ގްރޭޓާ މާލެ ސަރަހައްދުގައެވެ. ބިދޭސީންނާ އެކު މާލެ ސަރަހައްދުގައި އެކު ޖުމްލަ 212،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ. އަދި އޭގެ ތެރެއިން ވެސް 31 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގެ އަށްވަތަކުގައެވެ. ބާކީ ބައި ހުޅުމާލެ އާއި ވިލިމާލޭގައެވެ. އަދި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ތިލަފުށީގައި ވެސް ދިރިއުޅެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކުގައި އެމްބަސީތަކުގެ އެއްބާރުލުމެއް ނުލިބޭ


ބިދޭސީންގެ މައްސަލަތައް، ހާއްސަކޮށް ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެކެވެ. ކޮވިޑާ ހަމައަށް އެ ވައުދު ފުއްދުމުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިއަށް ދިޔައެވެ. ނަމަވެސް ކޮވިޑާ އެކު އެ މަސައްކަތް ވަޅު ޖެހުނެވެ. ކޮވިޑްގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން އެ މީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްތަކެއް ކުރިއެވެ.

ނަމަވެސް ކޮވިޑަށް ފަހު އެކަން ވެސް ހުއްޓުނީއެވެ. އަދި ކޮވިޑަށް ފަހު ގައުމު ހުޅުވާލުމާ އެކު ބޭރުކުރި އަދަށް ވުރެ އިތުރަށް ބިދޭސީން ރާއްޖެ އަތުވެއްޖެއެވެ. ބަންގްލަދޭޝް ރައްޔިތުންނަށް ވޯކް ވިސާ ދޫކުރުން ހުއްޓާލާފައި އޮތް ނަމަވެސް ޓުއަރިސްޓް ވިސާ ފްރީވުމުން އެ ވިސާގައި އެތެރެވެ، އަނބުރާ ނުގޮސް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝްގެ އެތައް ބަޔަކު ވެސް އެބަ އުޅެއެވެ.


ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެއެވެ. އެކަމުގައި ދަތިތަކެއް ވެސް ހުރެއެވެ. އެ ގޮތުން އެއްވެސް ލިޔެކިޔުމެއް ނެތް މީހަކު ފޮނުވާލުމުގައި އެ މީހަކު ނިސްބަތްވާ އެމްބަސީއެއްގެ އެއްބާރުލުން މުހިންމެވެ.

އެހެން ނަމަވެސް ސަރުކާރުން އެންމެ ބޭނުންވާ ސްޕީޑްގައި އެމްބަސީތަކުން ވެސް ކަންކަން ނުވާކަން މީގެ ކުރިން އެކި އޮފިޝަލުން ވިދާޅުވެފައި ވެއެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ އެއްވެސް ލިޔެކިޔުމެއް ނެތް މީހަކު ނިސްބަތްވާ ގައުމެއް ސާބިތުކުރުމާއި އެ މީހަކު އަނބުރާ ފޮނުވާލުމަށް ބޭނުންވާ ލިޔުންތައް ހޯދުމެވެ.


މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި ފޮނުވާލެވެންދެން ބަންދުކޮށްގެން ގެންގުޅޭނެ ކެޕޭސިޓީއެއް އުފެއްދިފައެއް ނެތެވެ. އެފަދަ ތަންތަނާއި ބަޖެޓެއް ވެސް ސަރުކާރުގައި ނެތެވެ. އެހެން ތަފާތު އޮޕަރޭޝަންތަކުގައި އެފަދަ މީހުން ހައްޔަރުކުރި ނަމަވެސް ކާންދީ ބޯންދީގެން ގެންގުޅެވޭކަށް ނޯވެއެވެ. ޖެހެނީ ދޫކޮށްލާށެވެ.


ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވެން އޮތީ ގައުމީ ބޮޑު އޮޕަރޭޝަނެއް ހިންގައިގެންނެވެ. މިއީ ގައުމީ ބޮޑު ކާރިސާއެއްގެ ގޮތުގައި ބަލައިގެން ނޫނީ ހައްލުވާން އޮތް ކަމެއް ނޫނެވެ. ބައެއް ވިޔަފާރިތަކުގައި މިހާރު ވެސް ދިވެހިންގެ މައްޗަށް ވެރިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިންގެ ހާލަތު ވަރަށް ނިކަމެތި މިންވަރަކަށް ދިއުން އެކަށީގެންވެއެވެ.

އޭރުން އިގްތިސާދީ ގޮތުން ވެސް އަދި ސިޔާސީ ގޮތުން ވެސް ދިވެހިން ބަލިކަށިވެ ފިޖީ ފަދަ ގައުމުތަކަށް ޖެހުނު ހާލު ޖެހޭނެއެވެ. މިހާރުވެސް އިޤްތިސާދުގެ މުހިންމު ދާއިރާތަކުގައި ބޭރު މީހުންގެ ނުފޫޒު ބޮޑެވެ. އޭވިއަޝަން އަދި ޓޫރިޒަމްގެ މަތީ ފަންތީގެ ހުރިހާ ބާރެއް އޮތީ ބިދޭސީންގެ އަތްމައްޗަށް ސޮއްސާލާފައެވެ. މިއީ ބޭރު މީހުންނާ ދެކޮޅު ވުމެއް ނޫނެވެ. ނަމަވަސް ދިވެހިންގެ ގައުމުގައި ދިވެހިންނަށް އިސްކަންދިނުމެވެ. މިކަން މުޅި ދުނިޔޭގައިވެސް ހިނގަނީ މިއުސޫލުންނެވެ. މިކަންކަން ހުއްޓުވެން އޮތީ ސަރުކާރު އިދާރާތަކުގައި އޮންނަ ކޮރަޕްޝަން ހުއްޓުވި އަދި ދިވެހިންގެ އަތްމައްޗަށް އިޤްތިސާދު އަނބުރާ ގެނެވިގެންނެވެ.

ރިއެކްޝަންސް
0
0
0
2
0
0
0