ރިޕޯޓު: ކައިރި ކައިރީގަ އެއާޕޯޓްތަ؟ ނޫނީ އާރުޓީއެލްތަ؟

20 އެޕްރީލް 2023 - 13:30

ރާއްޖެ އަށް ތަރައްގީގެ އާ މިސްރާބަކަށް ދެވެން އޮތީ ރަށްތަކުގައި އެކަހެރިވެ، ބަންދުވެފައި ތިބި އާބާދީތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުންކަން ސަރުކާރުތަކަށް އެނގެއެވެ. އެހެންކަމުން މުދަލާއި މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ ނިޒާމްތައް ގާއިމުކުރުމުގައި އެކި ސަރުކާރުތަކުން އެކި ވިސްނުންތައް ގެންގުޅެފައި ވެއެވެ. ނަމަވެސް މީގެ ކުރިން ގާއިމުކުރުމަށް މަސައްކަތްކުރި އެ ނިޒާމްތައް ވަނީ ފެއިލްވެފައެވެ. ނުވަތަ އެ ނިޒާމްތައް ވެފައި ވަނީ ދައުލަތަށް ހަރަދު ބޮޑު ނިޒާމްތަކަކަށެވެ.

ރައީސް ނަޝީދުގެ ދައުރުގައި ފެރީ ނިޒާމުން ގުޅާލުމުގެ ވިސްނުން ގެންގުޅުން

ރައްޔިތުން އެކަހެރިކޮށް ގެންގުޅުނު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމަށް މާ ބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް އާ ގާނޫނުއަސާސީގެ ދަށުން އާ ވިސްނުންތަކަކާ އެކު ވެރިކަމަށް އައި ރައީސް މުހައްމަދު ނަޝީދު އެކަމުގައި ގެންގުޅުނީ ވަރަށް ދުރުވިސްނުމެކެވެ. ރާއްޖެ ތަރައްގީވާން އޮތީ އެންމެ ކުޑަ ރަށުގެ ރައްޔިތުންނަށް ވެސް އެ މީހުން އުފައްދާ މުދާ ހިފައިގެން ކައިރީގައި ހުރި ބޮޑެތި ރަށްތަކަށް ދަތުރުކުރެވި މުދަލާއި މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ މަގެއް ތަނަސްވެގެން ކަމަށް ރައީސް ނަޝީދު ބުނަމުން ގެންދިޔައެވެ. 

advertisement

ދަތުރުފަތުރުގެ ނިޒާމެއް ފުރަތަމަ ފެއްޓީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ނިޒާމު ހިންގެވުމުގައި ގެންގުޅުނީ ދޯދިޔާ ސިޔާސަތެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ނަމުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ގެންގުޅުނީ އޮޅުވާލުމާއި މަކަރުވެރި ކަމެވެ. މަގުސަދު ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެކަމުގައި އިސްކަން ދީފައި އޮތީ އެކުވެރިންނާއި ގާތް މީހުންނަށް މަންފާވާ ގޮތަށެވެ.

އެ ގޮތުން ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމުގެ ނަމުގައި އެކުވެރިންނަށް ފަޅު ރަށްތަކާއި ބިންތައް އެ ސަރުކާރުގައި ދޫކޮށްފައި ވެއެވެ. އެހެން ނަމަވެސް ދަތުރުފަތުރުގެ އެކަށީގެންވާ ޒަމާނީ ނިޒާމެއް ގާއިމުކޮށްދެވިފައެއް ނުވެއެވެ. 

ޒަމާނާ ނުގުޅޭ އާދައިގެ ސްޕީޑް މަޑު ފެރީތައް ކޮންމެ ވެސް ވަރަކަށް ބޭނުންކުރި ނަމަވެސް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ވެރިކަން ބަދަލުވުމާ އެކު އޭރު ވެސް ހުއްޓެމުން ދިޔަ ދަތުރުފަތުރުގެ ކުރިއަށް ވުރެ ވެސް ބޮޑަށް މަޑުޖެހި އަދި ފަހުން އެއްކޮށް ހުއްޓުމަކަށް އައީއެވެ.

ނަތީޖާއަކަށްވީ އެ ނިޒާމު ގާއިމުކުރުމުގެ ނަމުގައި ރިސޯޓް ހެދުމަށް ދޫކުރި ފަޅު ރަށްތަކުން ބަޔަކު މުއްސަނދިވުމެވެ. އަދި ފަހުގެ ސަރުކާރުތަކަށް ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް އެ ކުންފުނިތަކަށް ދޭންޖެހުމެވެ. އަދިވެސް އެކަމުން މުޅިން އަރައި ނުގަނެވެ. 

ރައީސް ޔާމީނުގެ ދައުރުގައި އެއަރޕޯޓުން ގުޅާލުމުގެ ވިސްނުން ގެންގުޅުން

ދަތުރުފަތުރުގެ ހިތި ތަޖުރިބާއަކަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެރީގެ ނިޒާމު ދޫކޮށްލައި ވައިގެ މަގުން ރަށްތައް ގުޅާލުމުގެ ވިސްނުމެއް އެ ސަރުކާރުން އުފަންކުރިއެވެ. ސިޔާސަތަކަށް އޮތީ ކޮންމެ ވިއްސަކަށް މިނެޓުން ދަތުރުކުރެވޭ ދުރުމިނުގައި އެއާޕޯޓްތައް ގާއިމުކުރުމެވެ. އެ މަސައްކަތުގެ ދަށުން ފަސް އަހަރުގެ ދައުރުގެ ތެރޭގައި ގިނަ އެއާޕޯޓްތަކެއްގެ މަސައްކަތް ވެސް ފަށައި ނިންމިއެވެ.

ބައެއް އަތޮޅުތަކުގައި ދެ އެއާޕޯޓް ވެސް ގާއިމުކޮށްފައި އެބަ ހުއްޓެވެ. ހދ. ހަނިމާދޫގައި އެއާޕޯޓެއް އޮއްވައި ސިޔާސީ ބޭނުމަކަށް ޖެހިގެން އޮތް ކުޅުދުއްފުށީގައި ވެސް އެއާޕޯޓެއް އަޅައި ހުޅުވިއެވެ. ދެން އައި ސަރުކާރުން ވެސް މި ސިޔާސަތު ދެމެހެއްޓިއެވެ. ކުރިން ހަދަމުން އައި އެއާޕޯޓްތަކުގެ އިތުރުން އެތައް އެއާޕޯޓެއްގެ މަސައްކަތް ފެށިއެވެ. އޭގެ ތެރެއިން ބައެއް އެއާޕޯޓްތައް ނިމި މިހާރު އަންނަނީ ހިދުމަތް ވެސް ދެމުންނެވެ. 

ވައިގެ މަގުން ގުޅާލުމަކީ ރައްޔިތުންނަށް ލިބޭ އުފަލެކެވެ. ސްޕީޑް ލޯންޗެއްގައި ދަތުރުކޮށްފައި ކޮންމެ 20 މިނިޓަކުން އެއާޕޯޓަކަށް ދެވުމަކީ ރައްޔިތުންނަށް އޮތް ހިތްހަމަޖެހުމެކެވެ. އެހެން ނަމަވެސް މިއީ ދައުލަތަށް ހަރަދު ބޮޑު ސިޔާސަތަކެވެ.

މަދު އެއާޕޯޓްތައް ހުރި އިރު ވެސް ގައުމީ އެއާލައިނަށް އެތަނުން ފައިދާއެއް ނެރެވެނީ މަދު އެއާޕޯޓަކުންނެވެ. ސަރަހައްދީ ގިނަ އެއާޕޯޓްތަކުން ކުރިން ވެސް ލިބެމުން ދިޔައީ ގެއްލުމެވެ. އަމިއްލަ އެއާލައިންތަކާ ހިލާފަށް ގާއިމުކުރާ ކޮންމެ އެއާޕޯޓަކާ އެކު ގައުމީ އެއާލައިނަށް އެ ތަނަކަށް ދަތުރުކުރުން އޮންނަނީ މަޖުބޫރުވެފައެވެ. ސަރުކާރުގެ ސިޔާސަތަކަށް ވުމުން އިތުރު ގޮތެއް ނޯވެއެވެ. އެހެން ނަމަވެސް އަމިއްލަ އެއާލައިންތަކުން ދަތުރުތައް ކުރަނީ މީގެ ތެރެއިން މަދު އެއާޕޯޓަކަށެވެ. އެ މީހުން އިސްކަންދެނީ ކުންފުންޏަށް ލިބޭ ފައިދާއަށެވެ. 

މިސަރުކާރުގެ ވިސްނުން

އެއާޕޯޓްތައް ތަރައްގީކުރުމުގައި ސަރުކާރުތަކުން ފަހަކަށް އައިސް ގެންގުޅެނީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ގެންގުޅުނު ސިޔާސަތެވެ. އެއާޕޯޓްގެ ބަދަލުގައި ރިސޯޓް ތަރައްގީކުރުމަށް ރަށްތައް ދިނުމުގެ ސިޔާސަތެވެ. ކުރީގެ ދަތުރުފަތުރުގެ ނިޒާމާ ހިލާފަށް އެއާޕޯޓްތައް ގާއިމުކުރުމުގައި މި ސިޔާސަތު ކާމިޔާބެވެ. އެހެން ނަމަވެސް މިއީ ދެކޮޅު ޖެހޭ ސިޔާސަތެއް ކަމަށް ގަބޫލުކުރަން ދައްޗެވެ. އެއީ އެފަދަ ކޮންމެ އެއާޕޯޓަކުން މުއްސަނދިން އިތުރަށް މުއްސަނދިވާއިރު ދައުލަތަށް ނުވަތަ އެ އެއާޕޯޓެއް ހިންގުމަށް ހަވާލުކުރާ ދައުލަތުގެ ކުންފުންޏަކަށް ބޮޑު ބުރައެއް އުފުލަންޖެހުމެވެ. ގެއްލުމާ ކުރިމަތިލާންޖެހެއެވެ. 

އެއާޕޯޓްތައް ތަރައްގީކުރި ނަމަވެސް ދަތުރުފަތުރުކުރުމަށް އޮތް ހަމައެކަނި މަގަކީ އެއާޕޯޓްތައް ނޫންކަން މި ސަރުކާރުން ވަނީ ސާބިތުކޮށްދީފައެވެ. ރައީސް ނަޝީދުގެ ސަރުކާރުން ކުރިން ގެންގުޅުނު ފެރީގެ ނިޒާމާ އެއްފަދައިން މި ސަރުކާރުން ވެސް ވަނީ ފެރީގެ ނިޒާމެއް ފަށާފައެވެ. އެހެން ނަމަވެސް ސަރުކާރުގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ އެމްޓީސީސީން ވަނީ މިކަމަށް އިންގިލާބެއް ގެނެސްފައެވެ.

ސީދާ އެ ނިޒާމަށް ހާއްސަކޮށް ދުވެލި ބާރު ލޯންޗްފަހަރު ވަނީ ބަންނަން ފަށާފައެވެ. ބައެއް އަތޮޅުތަކުގައި އާރުޓީއެލްގެ ނަމުގައި ހިދުމަތް ފަށާފައިވާ އިރު މިހާތަނަށް އެ ހިދުމަތަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ. އަދި އެއާ އެކުއެކީގައި އެމްޓީސީސީން ގެންދަނީ ރަށްރަށުގައި ޒަމާނީ ރީތި ފެރީ ޓާމިނަލްތައް ވެސް ގާއިމުކުރެމުންނެވެ. 

އެއަރޕޯޓުހޭ ނޫނީ ފެރީގެ ނިޒާމުހޭ?

އާރުޓީއެލްގެ ހިދުމަތުގެ ކާމިޔާބީއާ އެކު ގިނަ އެއާޕޯޓްތަކެއް އެޅުމުގެ ސިޔާސަތު ފުށުއަރާ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އަދި އެއާޕޯޓްތަކުން މިހާރު ވެސް އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ސަރުކާރަށް ލިބެމުންދާ އިރު ކައިރިކައިރީގައި އެއާޕޯޓްތައް އެޅުމުގެ ބަދަލުގައި އާރުޓީއެލްގެ ހިދުމަތް މިހާރަށް ވުރެ ވެސް ފުޅާކުރުން  ދައުލަތަށް މާ ފައިދާވާނެ ކަމަށް ބައެއް ފާރަތްތަކުން ދެކެއެވެ.

އަދި އަތޮޅުގެ ދެ ބިތުގައި އެއާޕޯޓް އެޅުމުގެ ބަދަލުގައި އާރުޓީއެލްގެ ފެރީތަކުން އަތޮޅުތަކުގެ އެތެރެއާއި ސަރަހައްދީ ރަށްތަކަށް ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ ދައުލަތަށް ވެސް ލުއިވާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. 

ރ. އަތޮޅުގައި މިހާރު ވެސް އެއާޕޯޓެއް އޮއްވައި ސިޔާސީ ބޭނުމަށްޓަކައި އިތުރު ދެ އެއާޕޯޓެއް އެޅުމުގެ މާނައެއް ނެތެވެ. އޭގެ ބަދަލުގައި އާރުޓީއެލްގެ ޒަމާނީ ހިދުމަތުން ރަށްތައް ގުޅާލުމުން ލިބޭ ފައިދާ ބޮޑުވާނެއެވެ. ސިޔާސީ ކެމްޕެއިނުގެ ތެރޭގައި ކޮންމެ ރަށަކަށް ވަޑައިގެން އެއާޕޯޓެއް ބޭނުންތޯ ސުވާލުކޮށްފި ނަމަ ކޮންމެ ބަޔަކު ވެސް އާއެއެކޭ ބުނެފާނެއެވެ.

އެހެން ނަމަވެސް ދައުލަތަކުން ކަމެއް ކުރާ އިރު އެކަމުގެ ދެކޮޅު ޖެހޭނެ ގޮތެއް ބަލަންޖެހެއެވެ. އެއާޕޯޓެއް ގާއިމުކުރާ އިރު އެ ތަނުގައި ޑިމާންޑް އޮތީ ކިހާ މިންވަރަކަށްތޯ ވިސްނާލަންޖެހެއެވެ. ޓުއަރިޒަމް އެހާ ވަރަށް ފުޅާވެފައި ނެތް ސަރަހައްދުތަކުގައި ވެސް އެއާޕޯޓް ތަރައްގީކުރަމުންދާ އިރު އެ އެއާޕޯޓްތަކަށާއި އެއާލައިންތަކަށް ފައިދާއެއް ލިބޭ ވަރަށް ދަތުކުރާނެ މީހުންނެއް ނެތެވެ. ޑިމާންޑެއް ނެތެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދަށް މުހިންމީ އަތޮޅުގެ ދެ ބިތުގައި އެއާޕޯޓްތޯ ނުވަތަ އާރުޓީއެލްގެ ފެރީގެ ނިޒާމު ފުޅާކުރުންތޯ ވިސްނާލަންޖެހެއެވެ. ހަމައެކަނި ލިބޭ ސިޔާސީ މަންފާއަކަށް ވުރެ ދައުލަތުން އުފުލަންޖެހޭ ބުރައަށް ވެސް ވިސްނާލަންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0