ރިޕޯޓު: ކޮތަޅުތަ؟ ނުވަތަ މުހިންމީ ތިމާވެށިތަ؟

26 އެޕްރީލް 2023 - 14:22

ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެކެވެ. ރާއްޖޭގެ އިގްތިސާދު ބިނާވެފައި ވަނީ އެ ނާޒުކު ތިމާވެށީގެ މައްޗަށެވެ. ދިވެހި ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ބިނާވަނީ ފަރުގެ ދިރުންތަކާއި ރީތި ދޮންވެލީގެ ތުނޑިތަކާއި ސާފު ވިލުތަކުގެ ރީތިކަން ވިއްކައިގެން ކުރާ ޓުއަރިޒަމްގެ ވިޔަފާރީގެ މައްޗަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރާއްޖޭގެ ތިމާވެއްޓައި ދިވެހިންގެ ދިރުމާއި ވަނީ ގުޅިލާމެހިފައެވެ.

އެހެންކަމުން ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަމާ ވީހާ ވެސް ދުރުވުމަކީ ކުރަން މަޖުބޫރުވެފައި އޮތް ކަމެކެވެ. ޕްލާސްޓިކް ކޮތަޅައި ފުޅިފަދަ ތަކެތީގެ ސަބަބުން މިހާރު ވެސް ކަނޑުގެ އެތައް ދިރުމަކަށް ވަނީ ނުރައްކާ ވެފައެވެ. ރީތި ގޮނޑުދޮށްތައް ވަނީ ހަޑިވެފައެވެ. ޓުއަރިސްޓުންނަށް މަރުހަބާ ކިޔާ ބަނދަރުތައް ވަނީ ގޮނޑުވެފައެވެ.

advertisement

ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ މަގްސަދު

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ރާއްޖެ އަށް އެތެރެކުރުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމާ އެކު ސަރުކާރުން މިހާރު އެ ވަނީ އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން އެކަމާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހުތައް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނުގައި ރާއްޖެ އަށް އެތެރެކުރުން މަނާ ބާވަތްތަކެއް ވަނީ ކަނޑައަޅައި އެ ތަކެތި އެތެރެކުރުން މަނާވާނެ ތާރީހްތަކެއް ވަނީ ކަންޑައަޅާފައެވެ.

ފުރަތަމަ މަރުހަލާގައި ސުޕާރީ ޕެކެޓާއި ކުދި ފުޅި އާއި ޕެކެޓް އަދި އެއް ފަހަރު ބޭނުންކުރާ އުލާއި ސަމްސަލާއި ޕްލާސްޓިކް ހިމެނޭ ކަފަބުރާއި މިހެން ގޮސް ގިނަ ސާމާނުތަކެއް އެތެރެކުރުން ހުއްޓާލިއެވެ. އެކަމަށް ގިނަ ބައެއްގެ ތައުރީފް ސަރުކާރަށް ލިބުނެވެ. އަދި ގިނަ ފައިދާތަކެއް ވެސް އެކަމުން ލިބިގެން ހިނގައްޖެއެވެ. މީގެ ކުރިން މަގުތަކުގެ ކާނުތަކުން އެތައް ޓަނެއްގެ ސުޕާރީ ޕެކެޓްތައް ނަގާފައިވާ އިރު މިހާރު އެކަން އެ ވަނީ ހައްލުވެފައެވެ. 

ސަރުކާރުގެ މަގުސަދަކީ އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ 85 ޕަސެންޓް މި އަހަރުގެ ނިޔަލަށް އެތެރެކުރުން ހުއްޓާލުމެވެ. އެކަމުގެ މަގުސަދުތަކުގެ ތެރޭގައި;

  • މޫދަށް އެޅޭ ޕްލާސްޓިކާއި ކުނި މަދު ކުރުން
  • އާންމު ކުނިބުނިން ޕްލާސްޓިކު ހިމެނޭ ކުނި ވަކި ކުރުން
  • އާންމުންގެ ފަރާތުން މަގުތަކަށް އަޅާ ޕްލާސްޓިކު ކުނި މަދު ކުރުން
  • ވީ އެންމެ ބޮޑަކަށް ޕްލާސްޓިކު ރީސައިކަލްކޮށް ޕްލާސްޓިކު އުފައްދާ މައުދަންތައް ނެގުން މަދު ކުރުމަށް ބާރު އެޅުން
  • ޕްލާސްޓިކު ބޭނުން ކުރާ ފަރާތްތައް ތިމާވެއްޓަށް ހެޔޮ ތަކެއްޗަށް ބަދަލުވުމަށް ބާރު އެޅުން
  • ކުނި ނައްތާލުމަށް އާންމުންގެ އަތުން ކުރަންޖެހޭ ހަރަދު ކުޑަކުރުން
  • ޕްލާސްޓިކު ކުނީގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަ ކުރުން
  • ޕްލާސްޓިކުން ސިއްހަތަށް ކުރާ ގެއްލުން ކުޑަ ކުރުމާ އެކު އާންމުންގެ ދުޅަހެޔޮކަން އިތުރު ކުރުން

ކޮތަޅުން ފީ ނެގުން — ރަނގަޅު ނިންމުމެއްތަ?

ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ދެ ވަނަ ފިޔަވަހީގައި ހިމެނޭ ޕްލާސްޓިކް ކޮތަޅުން ބޭނުންކުރާ މިންވަރު މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން މި މަހުގެ ތެރޭގައި ވަނީ ޕްލާސްޓިކް ކޮތަޅުން ފީއެއް ނެގުމަށް ނިންމައި އެ އަށް އަމަލުކުރަން ފަށާފައެވެ. ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ފިހާރަތަކުން ވިއްކާ ކޮންމެ ކޮތަޅަކުން 2ރ.ގެ ވީއެއް ވަނީ ނަގަން ފަށައިފައެވެ.

މި ނިންމުމާ އެކު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފީ ނަގާ ގޮތް އެއް ބަޔަކަށް ކަމަކު ނުދެއެވެ. އަނެއް ބަޔަކު ދަނީ ފީ ނެގުމުގައި ގެންގުޅޭ އުސޫލް ބަދަލުކޮށް ލުއި ފަސޭހަ ގޮތަކަށް އެކަން ކުރުމަށް ބާރު އަޅަމުންނެވެ. ސަރުކާރުން ވެސް ވަނީ އެކަމާ ގުޅުން ހުރި އިސްލާހްތަކެއް މަޖިލީހަށް ފޮނުވާފައެވެ. އަނެއް ބަޔަކު ދަނީ ސަރުކާރުގެ މި ނިންމުމަށް ތައުރީފު ވެސް ކުރަމުންނެވެ. 

“އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު އިންކާރެއް ނުކުރާނެ ބާޒާރަށް ދަމުން ކޮތަޅެއް ހިފައިގެން ދާކަށް. އެއީކީ އެއް މިރާއްޖޭގައި އެކަނި މީހުން ކުރާ ކަމެއް ނޫން. އަދި އެ ކޮތަޅު ގިނައިގިނައިން ބޭނުންކުރުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަކަށް ދިރިއުޅުމަށް ތަކުލީފަކަށް ވެގެނެއެއް ނުދާނެ،” ތިމާވެށި ހިމާޔަތްކުރުމުގައި އަޑުއުފުއްލަވާ ބޭފުޅުންގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ އެއް ބޭފުޅާ ކަމަށްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުން ސޯޝަލް މީޑިއާ ކެކި އެރިއެވެ. ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ބާރު އަޅާއިރު އެކަން ނުކޮށް ވާނެ ގޮތްތައް ހަމަނުޖައްސައި އެކަން ފެށުމުން އެއް ބަޔަކު ކަންބޮޑުވިއެވެ. އެ ގޮތުން ކާޑުގެ ބާވަތްތައް ފިހާރަތަކުން ވިއްކަނީ ކޮތަޅުގައި ކަމަށްވާ އިރު އެއީ ސީދާ ކާޑުގެ ބާވަތްތަކުގެ އަގުން 2ރ. ބޮޑުކުރުން ކަމަށް އެއްބަޔަކު ސިފަކުރިއެވެ. އެހެން ނަމަވެސް މިހާރު އޮތް ގާނޫނީ ހުދޫދުގެ ތެރެއިން ވެސް އެކަމަށް ބޭނުންކުރާ ކޮތަޅު ފީ ނުނެގޭނެ ކަމަށް ބުނެފައި އޮވެއެވެ.

ވެމްކޯއިން ކޮތަޅު ދޫކުރުން ކިހިނެއް ވާނީ?

އަނެއްކޮޅުން ކުނި އުކާލެވެން އަންނަނީ ކޮތަޅަށް އަޅައިގެން ކަމަށްވާ އިރު އެއީ ކުނިން ބޮޑުވި އަގެއްގެ ގޮތުގައި ވެސް އެއް ބަޔަކު ސިފަކޮށްފައި ވެއެވެ. އެ ގޮތުން މިހާރު ކުއްޏަށް ދައްކާ އަގުގެ ދެ ގުނަ ކުނީގެ ފީއަށް އިތުރުވީ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. މިއީ ވެސް ގާނޫނުގައި ހިމެނިފައިވާ ކަމެކެވެ. ނަމަވެސް އެކަން ބަލާނެ ގޮތެއް ނުވަތަ މެނޭޖްކުރާނެ ގޮތެއް ގާނޫނުގައި ބުނެފައި ނެތުމުން ކުނި އެޅުމަށް ބޭނުންކުރާ ކޮންމެ ކޮތަޅަކަށް ވެސް 2ރ.ގެ ފީއެއް ދައްކަންޖެހެއެވެ.

މި ފާޑުކިޔުންތައް ވަރަށް ރަނގަޅު ހައްލުތައް ވެސް ސޯޝަލް މީޑިއާގެ ތެރެއިން ފެނިގެން ދިޔައެވެ. އެ ގޮތުން ކުނި އުކާލުމަށް ބޭނުންކުރާ ކޮތަޅުން ފީ ނުނަގާނެ ގޮތްތައް ހަމަޖެއްސުން ހިމެނެއެވެ. އެ ގޮތުން ކުނި އުކާލުމަށް ބޭނުންކުރާ ކޮތަޅު ކުނި ނައްތާލުމުގެ މަސައްކަތްކުރާ ކުންފުނިން ފީއެއް ނެތި ލިބޭނެ ގޮތް ހަމަޖެއްސިދާނެ ކަމަށް ބައެއް ފަރާތްތަކުން ހިޔާލު ފާޅުކޮށްފައި ވެއެވެ. ކޮވިޑްގެ ދަތި ދުވަސްވަރު ވެމްކޯ އިން ވަނީ ކޮތަޅު ވިއްކައިފައެވެ. ގޭގެ އަށް ޑެލިވަރީ ވެސް ކޮށްދީފައި ވެއެވެ. އެހެން ކަމުން މިއީ ވާނެ ކަމެއްކަން އެ ކުންފުނިން އެ ވަނީ ސާބިތު ކޮށްދީފައެވެ.

“ވެމްކޯ އިން ކޮތަޅު ދޫކުރާ ގޮތަށް ހަދަންވީ. ފީއެއް ނެތި ގަނޑުކޮށް ކޮތަޅު ލިބޭނެ އިންތިޒާމެއް ހަމަޖައްސަންވީ،” އާންމުންގެ މީހަކު ހިޔާލު ފާޅުކުރިއެވެ. 

ގަނޑުކޮށް ކޮތަޅު ގަންނަ ނަމަ ފީ ނުނަގާ ގޮތަށް ސަރުކާރުން މިހާރު ވަނީ އިސްލާހެއް ހުށަހަޅާފައެވެ. އެ ގޮތުން 50 ކޮތަޅަށް ވުރެ އިތުރަށް ހިމެނޭ ބޮނޑި އެއްފަހަރާ ގަންނަ ނަމަ ކޮތަޅުން ފީ ނުނަގާނެ ގޮތަކަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މަޖިލީހުގައި މިކަމާ ބެހޭ ގޮތުން ކުރެވޭ މަޝްވަރާތަކަށް ފަހު އިތުރު އިސްލާހުތައް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ކޮތަޅު ހިފައިގެން ބާޒާރަށް ނިކުންނަށް ދިވެހިން އާދަކުރަން ޖެހޭ

އާ ކަމެއް ފަށާއިރު ތަކުލީފުތަކެއް ހުންނާނެއެވެ. ހާއްސަކޮށް ކަށީގައި ހިފާފައި ހުންނަ ކަމެއް ދޫކޮށްލުމަކީ ފަސޭހައިން ވާނެ ކަމެއް ވެސް ނޫނެވެ. އެހެންކަމުން ކިތަންމެ ކުޑައެއްޗެއް ގަތަސް ކޮތަޅަކަށް ލައިގެން ނޫނީ ނުގެނެވޭ ބަޔަކަށް ކުއްލިއަކަށް އެ ކޮތަޅުތައް ދޫކޮށް ބާޒާރުކުރުމަށް ކޮތަޅު ހިފައިގެން ދިއުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް ތަހުޒީބީ ދިރިއުޅުމެއްގައި މިއީ ލަދުވެތި ނުވަތަ ހަޑި ކަމެއް ވެސް ނޫނެވެ. މުޅި ދިރިއުޅުމާއި އިގްތިސާދު ނާޒުކު ތިމާވެއްޓަށް ބަރޯސާވެފައިވާ ދިވެހި ރާއްޖޭގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ތަކެތި ދޫކޮށްލުމަކީ މަޖުބޫރު ކަމެކެވެ.

ކޮތަޅުން ނަގަން ފެށި ފީއާ މެދު ބައެއް ފަރާތްތަކުން ކުރާ އެހެން ޝަކުވާއެއް ވެސް އެބަ އޮތެވެ. އެއީ ކޮތަޅު ފީ ނެގުމުން ބޭނުންވާ މަގުސަދު ހާސިލްވާނެ ކަމާ މެދުގައެވެ. އެ ވާހަކަ އަށް ބާރުދޭ ކަމަކީ ދުންފަތުގެ ބާވަތްތަކުން އެކި ފަހަރު މަތިން ޓެކްސް ބޮޑުކޮށްގެން ވެސް ދުންފަތުގެ ބާވަތްތައް އެތެރެކުރާ މިންވަރު މަދުކުރެވިފައި ނުވުމެވެ.

ހަމަ އެ ގޮތަށް ކޮތަޅު ބޭނުންކުރަން އާދަވެފައިވާ ދިވެހިންނަށް ކޮތަޅަށް އިތުރަށް 2ރ. ދެއްކުމަކީ އެކަން ހުއްޓާލުމަށް ބާރު އަޅާ ކަމެއްގެ ގޮތުގައި ނުވެދާނެއެވެ. އެހެން ކަމުން ޓެކްސް ބޮޑުކުރުމަށް ވުރެ ހައްލު އޮތީ އެތެރެކުރުން މަނާކުރުން ކަމަށް ދެކޭ ބަޔަކު ވެސް އެބަ ތިއްބެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކޮންމެ ކޮތަޅަކުން 2ރ. ނެގުމަކީ ސަރުކާރުގެ ސިޔާސަތު ހާސިލްކުރުމަށް އޮތް މަގެއް ނޫނެވެ. އޭގެ ބަދަލުގައި ކޮތަޅު ރާއްޖެ އަށް އެތެރެކުރުން މަނާކުރަންވީއެވެ. ކުނި އުފުލުމަށް ބޭނުންކުރާ ކޮތަޅު އެތެރެކޮށް ވިއްކުމުގެ ހުއްދަ ހަމައެކަނި އެ ކަމަށް ހާއްސަ ކުންފުނިތަކަށް ދޫކުރަންވީއެވެ.

ކާޑުގެ ބާވަތްތައް އެޅުމަށް ވެސް ކޮތަޅު ނޫން ގޮތެއް ހޯދިދާނެއެވެ. އެ ގޮތުން ހަނޑޫ، ފުށް އަދި ހަކުރު މިހާރު ވެސް ބްރޭންޑްކޮށްގެން ވަކި ޕެކެޓްގައި ވިއްކައެވެ. ހަމަ އުސޫލުން އާދައިގެ ހަނޑުލާއި ހަކުރު އަދި ފުށް ވެސް ވިއްކޭނެ ގޮތެއް ހޯދިދާނެއެވެ. 

އާންމު ފަރާތްތަކަށް ދަތިތައް ކުރިމަތިވުމަކީ ތިމާވެށި ގުރުބާންކުރަންޖެހޭ ކަމެއް ނޫނެވެ. ކޮތަޅުން 2ރ. ނެގުމާއި ނުނެގުމާ މެދުގައި އޮތް ހިޔާލަކީ މުޅިން އެހެން ކަމެކެވެ. ޕްލާސްޓިކް ކޮތަޅު މަދުކުރެވޭނެ ގޮތެއް ހޯދުމަކީ އެއީ ކުރަންޖެހޭ ކަމެކެވެ. އެކަމަށް ލުއިތަކެއް ވެސް ދޭކަށް ނުޖެހެއެވެ. ކުރަންޖެހޭ ކަމަކީ އެއާ ނުލައި އުޅެވޭނެ ގޮތްތަކެއް ހޯދުމެވެ.

ބާޒާރަށްދާއިރު ފޮތި ނުވަތަ އެ ނޫން ވެސް ގިނަ ފަހަރު ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ކޮތަޅު ބޭނުންކުރަންވީއެވެ. ޕްލާސްޓިކް ކޮތަޅަށް ހިފާފައިވާ ދެވި ކަނޑުވާލަންވީއެވެ. ކޮތަޅުން ނަގާ ފީ އަށް ލުއި ދިނުމުގެ ބަދަލުގައި ކޮންމެހެން ބޭނުންވާ ކަންކަމަށް ކޮތަޅު ލިބޭނެ އެހެން ގޮތްތަކެއް ހޯދައި އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތިގައި އޮތް ޕްލާސްޓިކް ކޮތަޅުތައް ދޫކޮށްލަންވީއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0