ރިޕޯޓު: ކޮރަޕްޝަންގެ ބޮޑު އަގު

1 މެއި 2023 - 16:44

ރާއްޖޭގެ ކޮރަޕްޝަން އޮތްމިންވަރާއި އެކަމުން ފައިދާވާ މީހުންނަކީ ކޮބައި ކަމާއި އެކަންކަމުގައި ބައިވެރިވެ ރާވައި ހިންގާ ފަރާތްތަކާއި މެދު އެއްވެސް ފިޔަވަޅެއް އަޅާނެ އިދާރާއެއް ނެތްކަމާއި އެކަމުގެ ސަބަބުތައްވެސް އެންމެނަށްވެސް އެނގެއެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ 2021 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް ގައި ރާއްޖެ އޮތީ 180 އިން 137 ވަނައިގައެވެ. މާނައަކީ މިގައުމުގައި ކޮރަޕްޝަން އޮތް މިންވަރު ވަރަށް ބޮޑެވެ.

ވެރިކަމަށް އައި ބަދަލާއި ކޮރަޕްޝަން 

ރައްޔިތުން, 2008 ވަނަ އަހަރު އާ ގާނޫނު އަސާސީ ފާސްކޮށް, އާ ނިޒާމެއްގެ ވެރިކަމެއް ގެނައީ ހުދުމުހުތާރުވެރިކަމެއް ބަދަލުކުރުމަށެވެ. އާއިލީވެރިކަމާއި ދެކޮޅަށެވެ. ވައްކަމޭ ކޮރަޕްޝަނޭ އޭރު ކިޔައި އުޅެނީ ވަރަށް މަދުންނެވެ. 

advertisement

އޭރު އެންމެންވެސް އާއްމުކޮށް ދައްކައި އުޅުނީ ވެރިކަމުގައި އެކަކު މާގިނަ ދުވަސްވެއްޖެ ވާހަކައާއި, އާއިލާއާއި ގާތް ރައްޓެހިންނަށް ސަރުކާރުގެ މަގާމުތައް ދޭވާހަކަ އާއި އިންސާނީ ހައްގުތައް ގެއްލިފައިވާ ވާހަކައެވެ. ހާއްސަކޮށް ޖަލުތަކުގައި ގައިދީންނަށް ކުރަމުން އައި އަނިޔާގެ ވާހަކައެވެ. 

މިކަންކަމާއި އިދިކޮޅުވެ, އިންސާނީ ހައްގާއި, ޑިމޮކްރަޓިކް އުސޫލުން އެންމެންގެ މަޝްވަރާގެ މަތިން ކަންކަން ނިންމުމަށް އެދި މަލްޓިޕާޓީ ސިސްޓަމް އެކުލެވޭ ޑިމޮކްރަޓިކް ނިޒާމަކަށް ރައްޔިތުންވެސް އެތުރުނީ އެއީ އެންމެ މޮޅުގޮތަ ކަމަށް ގަބޫލުކޮށްގެންނެވެ.

އެހިސާބުން ފެށިގެން މިހާހަމައަށް ރައްޔިތުންގެ ފައިސާއިން ގެއްލިފައިވާ މުދަލާއި ފައިސާގެ އަދަދާއި އޭގެ އަގު އެނގޭނެ ވަކި އިދާރާއެއްވެސް ނެތެވެ. ސަބަބަކީ ހިޔާނާތާއި ވައްކަންތަކުގެ އަމަލުތަކަކީ ލިޔެކިޔުންތައް ބަރާބަރަށް ބަލަހައްޓައިގެން މީހުން ކުރާ ކަންކަމަށް ނުވާތީއެވެ. މައުމޫނުގެ ދިގު ތިރީސް އަހަރުގައި ނުހިނގާ މިންވަރުގެ ބޮޑެތި ހިޔާނާތްތައް ސަރުކާރުގެ މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން މިހާރުވެސް އަންނަނީ ހިންމުންނެވެ.

ބޮޑު އެއް ވައްކަން –  “އެމްއެމްޕީއާރްސީ ހިޔާނާތް”

ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އެމެއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ދައުލަތުގެ އެހެން މުވައްސަސާތަކުގެ ވެރިންނާއި އަމިއްލަ ފަރާތްތައް ގުޅިގެން މިފަހަކުން ހިންގި އެންމެ ބޮޑު އެއް ވައްކަމަކީ “އެމްއެމްޕީއާރްސީ ހިޔާނާތް”ގެ ނަމުން މަޝްހޫރު ހިޔާނާތާއި ވައްކަމުގެ މައްސަލައެވެ. 

ދައުލަތުގެ ބެލުމުގެ ދަށުގައު ހުރި ފަޅުތަކާއި ފަޅުރަށްތައް އެކި ފަރާތްތަކަށް ވަރަށް ކުޑަ އަގުތަކެއްގައި ބަހައި ހުސްކޮށް, އެހޯދި ފައިސާވެސް ވަގަށް ނެގީއެވެ. ޖުމުލަ ގެއްލުމުގެ އަގު ހޯދާފައެއްވެސް ނެތެވެ. ސަބަބަކީ މި ވައްކަމުގައި ގަނެވިއްކި ރަށްތަކާއި ފަޅުތަކަކީ އަގުނުކުރެވޭވަރުގެ މުއްސަނދި ކަންކަމަށް ވާތީއެވެ. 21 ވަނަ ގަރުނުގައި ދުނިޔޭގައި އެންމެ އަގުބޮޑު އެއްޗަކީ ފަޅުރަށްތަކެވެ.

އެކަން ހިންގި ސަރުކާރުގެ ދައުރު ހަމަވެގެން ދެން އައި ސަރުކާރުން މިމައްސަލަ ބަލަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން އުވާލިއިރުވެސް އެންމެ ފައިސާފޮއްޗެއް ވެސް ދައުލަތަށް ހޯދިފައި ނެތެވެ. 

ހަމަ މިއާއި އެކު އެކިފަރާތްތަކަށް ބަހާފައިވާ ރަށްތަކާއި ފަޅާއި ފަރުތައް އަނބުރާ ދައުލަތަށް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ސަބަބެއް ކަމުގައި ދައްކަނީ އިންވެސްޓަރުންގެ ކޮންފިޑެންސް އެވެ. މިހާރު އިންވެސްޓަރުން އެރަށްތަކަށް އިންވެސްޓް ކޮށް ބައެއް ރަށްތައް ރިޒޯޓުތަކަށް ބަދަލުކޮށް ހިންގަން ފަށައިފި ވާހަކައެވެ.

ސަރުކާރުތަކުގެ ވެރިން ހިންގާ މިފަދަ ބޮޑެތި ވައްކަންތައް ބެލުމަށް ހާއްސަ ކޯޓެއް ހަދައިގެން, ބޭރުގެ ޖަޖުން ގެނެސްގެން އާއްމުކޮށް ހުޅުވާލައިގެން ޝަރީއަތްކޮށް ދައުލަތަށް ދިން ގެއްލުމުގެ ބަދަލާއި ރައްޔިތުންގެ މުދާ އަނބުރާ އަތުލަންޖެހެއެވެ. އެއީ ދެން ތިބީންނަށް އިބުރަތަކަށްޓަކައެވެ. ހައްގާއި އިންސާފުން ކަންކަން ހިންގުމަކީ އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލެންޖެހޭ ސަބަބެއް ނޫނެވެ. އެރަށްތައް އަނބުރާ ދައުލަތަށް ނެގުމުން އިންވެސްޓަރުންނަށް ވެސް ދަސްވެ އެނގެންވާ ފިލާވަޅު ލިބޭނެއެވެ. 

އެނގެންވާ ކަމަކީ ގައުމެއްގެ ރައްޔިތުންގެ މުދާ ބަޔަކު ވިއްކިއަސްވެސް އެކަމަކީ ނުކިއްސަރު އަދި ނުބައްދަލު އަގުތަކެއްގައި ހިންގާ މުއާމަލާތެއް ނަމަ އެވިޔަފާރީގައި ބައިވެރިނުވުމެވެ. ރާއްޖޭގެ ރަށްތަކަކީ ދެތިން ލައްކަ ޑޮލްރުދީގެން މަކަރުން ހޯދިދާނެތަންތަން ނޫންކަން އިންވެސްޓަރުންނަށް ކަށަވަރުވެ އެފަދަ ކޮރަޕްޓް ކަންކަން ހިންގާ ސަރުކާރުގެ އިސްފަރާތްތަކާއި އެކު ޑީލް ނުހެދުމަށް ދަސްވުމެވެ.

ކޮރަޕްޝަން ނުހުއްޓެނީ ކީއްވެ?

ކޮރަޕްޝަން ނުހުއްޓުވެނީ އެއްނޫނެވެ. ނުހުއްޓުވަނީ އެވެ. ޔޫއެން އިން ނެރެފައިވާ “އެންޓި ކޮރަޕްޝަން އިން ދަ މޯލްޑިވްސް: ޕްރޮގްރެސް އެންޑް ޗެލެންޖެސް” ރިޕޯޓުގައި ފާހަނގަކޮށްފައިވާ ގޮތުން ރާއްޖެއިން ކޮރަޕްޝަން ނައްތާލަން ހުރީ ސީރިއަސް އަދި ބޮޑެތި ހުރަސްތަކެކެވެ. 

އޭގެތެރޭގައި ހިމެނެނީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތައް ކުޑަވުމާއި, ސަރުކާރު ހިންގުމުގައި ޓްރާންސްޕޭރެންސީ ނުވަތަ ދެފުށްފެންނަ ސިޔާސަތުތައް ނެތުމާއި ކޮރަޕްޝަން ހިންގާ ފަރާތްތަކަށް އަދަބު ނުދީ މިނިވަންކަމާއި އެކު އުޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތުމެވެ. 

މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިޔަނާއި ގާތްކުރާ އަދަދަށް އެކި ފަރާތްތަކަށް ފައިސާ ދޫކޮށްފައެވެ. މިއީ ކޮން ގެއްލުމެއްގެ ބަދަލެއް ކަމެއް އަދި ކޮން ބަޔަކަށް ދިން ފައިސާއެއް ކަމެއް ސަރުކާރުގެ ކަމާއި ގުޅޭ އެއްވެސް އިދާރާއަކުން ހާމަނުކުރެއެވެ. އެމައުލޫމާތު ވަނީ ސިއްރު މައުލޫމާތުގެ ގޮތުގައި ކަނޑައަޅާފައެވެ. މިއީ ޓްރާންޕޭރެންސީ ގެއްލިފައިވާ މިންވަރު ހާމަވާ އެއް މިސާލެވެ.

ރާއްޖޭގެ އިޖުތިމާއީ ކުރިއެރުމާއި އިގްތިސާދީ ކުރިއެރުން އަދި ސިޔާސީ ހަމަޖެހުން ގާއިމުވުމާއި އެންމެ ބޮޑަށް ގުޅިފައިވާ އެއްކަމަކީ ކޮރަޕްޝަންއެވެ. އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީއަކުން ކުރާ ކަމަކީ އިދިކޮޅު ޕާޓީއަށް ލަނޑު ދިނުމަށް އެކިއެކި މާލީ އަދި ސިޔާސީ ކަންކަން ނިންމަނީއެވެ. 

މިދިޔަ ސަރުކާރުން އެއްވެއުޅުމުގެ ހައްގާއި ގުޅޭ ގާނޫނާއި މާލިއްޔަތުގާނޫނާއި އަދިވެސް މިނޫން މުހިއްމު އެހެން ގާނޫނުތަކަށް ބަދަލުގެނައި އިރު އިދިކޮޅުގައި އޮތް އެމްޑީޕީއިން ބުނަމުން އައީ އެފަދަ ހުރިހާ ގާނޫނުތަކެއް އުވާލާނެ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު ވެރިކަމަށް އައިސް, 2019 ވަނަ އަހަރުގެ 19 ވަނަ މަޖިލީހުގެ ސުޕަ މެޖީރިޓީ ލިބިއޮވެމެ, މި ސަރކާރަކުންވެސް އެކަމެއް ނުކުރެއެވެ.

 ސަރުކާރު ހިންގަމުން އަންނަނީ ވައްކަމާއި ފަސާދައަށް މަގުފަހިވާގޮތަށް ހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މަތީގައި އެތުރިތިބެއެވެ. ކޮރަޕްޝަން އަށް ފަހިވާގޮތަށް ކުރީ ސަރުކާރުތަކުން ކުރި އެއްވެސް ކަމެއް އިސްލާހެއް ނުކުރެއެވެ.

ކޮރަޕްޝަނާއި ގުޅޭގޮތުން އދ އާއި ޓްރާންސްޕޭރަންސީ އިން އާއްމުކޮށްފައިވާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި ރާއްޖޭގައި ކޮރަޕްޝަން އޮތީ މައިގަނޑުގޮތެއްގައި ސަރުކާރު އޮފީސްތަކުގެ ވެރިންގެ ކިބައިގައެވެ. މަގާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި, ރިޝްވަތުދިނުމާއި ހޯދުމާއި, ގާތްތިމާގެ މީހުންނަށް ވަޒީފާ ދިނުމާއި, އޮފީސްތަކަށް ބޭނުންވާ މުދަލާއި ހިދުމަތް ގަތުމުގެ ތެރެއިން އޮފީސްތަކުގެ ވެރިން ވައްކަން ހިންގާކަން މިއީ އާއްމުންވެސް ގަބޫލުކުރާ ހަގީގަތެވެ. 

މަސްތުވާތަކެތި ވިއްކުމާއި އިންސާނީ ވަގުފާރި ކުރުމާއި ކަޅުފައިސާ ލޯންޑާ ކުރުން ފަދަ ބޮޑެތި ސީރިއަސް އޯގަނައިޒްޑް ވައްކަންތައް ހިންގަމުން އަންނަނީ ގާނޫނުތައް ވެސް އެކަމަށްޓަކައި ކޮށާހެޔޮވަރުކޮށްގެނެނެވެ.

މިގޮތުން ޕްރޮކިޔުމަންޓް ނިޒާމުގެތެރެއިން, ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަނި 1.6 ބިލިޔަން ރުފިޔާ މިދިޔަ 4 އަހަރުގެތެރޭގައި ދައުލަތުން ހޭދަކޮށްފައި އެބަވެއެވެ. އެ ބަދަލުތައް ދޭން ޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކުރަން ޖެހުމުގެ ސަބަބުން ކަމަށް ވާއިރު, މިފަދަ ކަންކަމަކީ އެކަން ހިންގުމުގައި ބައިވެރިވި އެންމެން ޒިންމާދާރުކުރުވައި މިފަދަ ގެއްލުން ދައުލަތަށް ވާގޮތަށް އެއްބަސްވުން ހެދިފަރާތްތަކުން ޒިންމާވާން ޖެހޭނެ ކަންކަމެވެ. ނަމަވެސް އެފަރާތްތަކާއި ހަމައަށް އަތް ފޯރުވޭނެ ދައުލަތުގެ އެއްވެސް މުއައްސަސާއެއް އިދާރާއެއް އޮފީހެއް ހަމަ ނެތީއެވެ. .

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް 2017 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރި އިންޑިއާގެ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ އެކު ސޮއިކުރި އެއްބަސްވުން ދިވެހި ސަރުކާރުން އުވައިލުމާ ގުޅިގެން އެ ކުންފުންޏަށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދޭން ޖެހުނު ކަން އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓެއްގައި ވެއެވެ. 

މިއީ ހައްތަހާވެސް ސިޔާސީ ބާރުގެ ބޭނުންކޮށްގެން ހިންގާ ސިޔާސީ ވާދަވެރިކަމާއި ފަސާދައިގެ އަމަލުތަކެވެ. މިއީ އެއްވެސް ހާލެއްގައި ރައްޔިތަކަށްޓަކައި ކުރި ކަމަކުން ނިކުތް ނަތީޖާއެއް ނޫނެވެ.

ރާއްޖޭގެ ހުރިހާ ދިމާއެއްގައި ވެސް ކޮރަޕްޝަން އިންތިހާއަށް

އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ފުލުހުން ގުޅިގެން މިދިޔަ އަހަރު ބޭއްވި އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި ފުލުހުންނާއި, އެންޓިކޮރަޕްޝަން ކޮމިޝަނާއި, ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މަދަނީ ފަރާތްތަކާއި, ސަރުކާރުގެ އެކި ވުޒާރާތަކާއި އެކު ބޭއްވި މި ކޮންފަރެންސް އިން ހާމަވި ހަގީގަތަކީ ރާއްޖޭގެ ހުރިހާ ދިމާއެއްގައި ވެސް ކޮރަޕްޝަން އިންތިހާ އަށް ފެތުރިފައިވާ ކަމެވެ. 

މުޅި ނިޒާމުގެ ތެރޭގައި އެކަން އަށަގަނެ މޫލައި “ނޯމަލް” ކަމަކަށް ވެފައިވާ ކަމެވެ. މި ކޮންފަރެންސްގައި އޭސީސީ އިން ބުނެފައިވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަން މޫލައި އެންމެ އާދައިގެ ކުދި ކުދި ކަންކަމުން ފެށިގެން ފިތްކަނޑައިގެންދާ ވަރުގެ ބޮޑެތި މައްސަލަތައް ހުރި ކަމަށެވެ.

ކުންފުނިތަކުން ބީލަންތައް އިއުލާންކުރަނީ ވެސް ވަކި ބަޔަކަށް ދިނުމަށްޓަކައެވެ. ބިޑްތައް ވަކި ކުންފުންޏަކަށް ދިނުމަށް ބީލަމުގެ ސްޕެސިފިކޭޝަން ވަކިގޮތަކަށް ބަދަލުކުރުމާއި, ކަރުދާސް ކުންފުނިތައް ނުވަތަ ވަކި ބޭނުމަކަށް ހަމައެކަނި ކަރުދާހުގައި އުފައްދާފައި ހުންނަ ކުންފުނިތައް ވެސް ބީލަމުގައި ބައިވެރިކުރަނީއެވެ. 

ސަރުކާރުން މަސައްކަތްތައް ހަވާލުކުރާ ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި ވެސް ކޮރަޕްޝަން އިންތިހާ އަށް އޮތްކަން އޭސީސީ އިން ގަބޫލުކުރެއެވެ. އެ ގޮތުން ވަކި ކުންފުނިތަކަކަށް ނުވަތަ ވަކި ބަޔަކަށް ސަރުކާރާއި ކުންފުނިތަކުން ފައިސާ ދޫކުރުން އަވަސްކުރުމާއި އެކަން ކުރުމުގައި ކުންފުނީގެ މެނޭޖްމަންޓަށް ނުވަތަ ވެރިންނަށް “ކަޓް” ދޭން ޖެހޭކަން އެފަރާތުންވެސް ފާހަނގަކޮށްފައިވެއެވެ.

ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރާއި އެކަމުން ވަމުން މިދާގެއްލުންތައް އެންމެނަށްވެސް އެނގެއެވެ. ސަރުކާރުގެ ހުރިހާ އިދާރާތަކަށް ވެސް އެނގެއެވެ. ރައްޔިތުންނަށް ވެސް އެނގެއެވެ. އދ އާއި ވޯލްޑްބޭންކް އާއި މދަނީ ޖަމިއްޔާތަކާއި, މާލީ އެހީދޭ އެހެން އިދާރާތަކުންވެސް އެކި ފަހަރުމަތިން އެކި ރިޕޯޓުތަކުގައި މިކަން ފާހަނގަކޮށް, ކޮރަޕްޝަން މަދުކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް އިރުޝާދުދީފައިވެއެވެ. 

މިކަން ހިންގާ ސަބަބުތަކާއި ހުއްޓުވަން ކުރަންޖެހޭ ކަންކަން އެފަރާތްތަކަށް ސާފެއެވެ. ނަމަވެސް ރައީސް ވިދާޅުވީ ކޮރަޕްޝަން މަދުކުރުމަށް އޮތް ހައްލަކީ އެކަމުގެ ސަބަބުތައް ދެނެގަތުން ކަމަށާއި އެކަމަށް ދުވަސް ނަގާނެ ކަމަށެވެ. 

ކޮރަޕްޝަން އާއްމުވެ މިމިންވަރަށް ފެރުތުމަކީ ނުރައްކާތެރި ކަމެއްކަން އެންމެންވެސް ދަނެތިބިއިރު, އަދި މިކަން ހުއްޓުވޭނީ ކިހިނެތްކަން އެނގޭ އިރުވެސް މިކަން ހުއްޓުވުމުގެ ބާރު އޮތް ފަރާތްތަކުން ތިބީ މިކަން ހުއްޓުވައިފިނަމަ އެފަރާތްތަކަށް ލިބޭނެ ގެއްލުމަށްޓަކައި ހަނުއެވެ. މިކަން ހުއްޓުވޭނީ ކިހިނެތްކަން ނޭނގޭ ކަމަށް ހަދައިގެންނެވެ. ދެން އޮތީ މައި ބާރު ކަމުގައިވާ ރައްޔިތުން މިކަމާއި މެދު ގޮތެއް ނިންމުމެވެ. ނުވަތަ ގައުމު ސޮއްސާލި ސޮއްސާލީނުން ދެނެއް އަތަކު ނުޖެހޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0