ރިޕޯޓު: މިނިވަންކަން އިންތިހާ އަށް، އެކަމަކު މިނިވަނެއް ނޫން!

4 މެއި 2023 - 16:46

ފީޗަރ ފޮޓޯ: އެމް.ޖޭ.އޭ

ނުލިޔެވެނީ ކޮން އެއްޗެއް ހެއްޔެވެ؟ ނުދެއްކެނީ ކޮން ވާހަކައެއް ކޮން މަންޒަރެއް ހެއްޔެވެ؟ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާ އިރު ދިވެހި ރާއްޖޭގެ ހަޔާތުގައި މިދެކޭ ދުވަސްތަކަކީ މީޑިއާގެ ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަން ހައްދެއް ނެތް މިންވަރަށް ލިބިފައިވާ ދުވަސްތަކެކޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އެހެން ނަމަވެސް ހަގީގަތުގައި ވެސް މީޑިއާ މިނިވަންތޯ ކުރެވޭ ސުވާލު އެބަ އޮތެވެ.

advertisement

ކުރީގެ ސަރުކާރުތަކާ އަޅާ ބަލާއިރު މި ހިނގާ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ތަންދޭތަ?

ކުރީގެ ސަރުކާރުތަކާ ހިލާފަށް މިވެރިކަން ފެށުމާ އެކު މީޑިއާ އަށް ވަރަށް ބޮޑު މިނިވަންކަމެއް ލިބިގެންދިޔައެވެ. ނަތީޖާއަކަށްވީ ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި ރިޕޯޓާސް ވިތައުޓް ބޮޑާސް އިން ކޮންމެ އަހަރަކު ނެރޭ ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ބޮޑުތަނުން ކުރިއަށް ޖެހިލުމެވެ.

ކުރީގެ ސަރުކާރު ނިމުނު އިރު ރާއްޖެ އޮތީ 120 ވަނައިގައެވެ. ސަރުކާރު ބަދަލުވެ ނޫސްވެރިންނަށް ހުރި ގިނަ ހުރަސްތަކެއް ނެތިކޮށްލުމާ އެކު ޖެހިގެން އައި އަހަރު 98 ވަނައަށް އަދި 2020 ވަނަ އަހަރު 79 އަށް ޖެހިލިއެވެ. އަދި 2021 ވަނަ އަހަރު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރާއްޖެ އެ ލިސްޓްގެ 72 ވަނަ އަށް ޖެހިލިއެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރިކަން ފާހަގަކޮށްލަންޖެހެއެވެ. އެ ގޮތުން ނޫސްވެރިން ތަޅު އަޅުވައި އަދަބު ދިނުމުގެ މަގުސަދުގައި މިދިޔަ ސަރުކާރުން ތަސްދީގުކުރި ނޫސްވެރިކަމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނު މި ސަރުކާރުން އުވާލިއެވެ.

އަދި ކުރިއާ ހިލާފަށް ނޫސްވެރިން ޖަލަށްލުމާއި ނޫސްވެރިންގެ މައްޗަށް ދައުވާކުރުމާއި މީޑިއާތައް ޖޫރިމަނާކުރުން ފަދަ ކަންކަން މި ސަރުކާރުގައި މުޅިން ހުއްޓުމަކަށް އައެވެ. އެހެން ނަމަވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ ސޮއްސާލާފައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ސޮއްސާލީ ކީއްވެ?

ކުރިއާ ހިލާފަށް ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ހުޅުވިގެން ދިޔަ ނަމަވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި ޕްރެސް ފްރީޑަމް އިންޑެކްސް އިން ރާއްޖެ ފަހަތަށް ޖެހުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އޮތީ ނޫސްވެރިންނަށް އޮތް ބިރަށް ވުރެ މުޅި ނޫސްވެރިކަމަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކެވެ. އެ ގޮތުން ގާނޫނީ ގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭ ފަދަ ބަދަލުތަކެއް ގެނައުމާއި މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތް އަދިވެސް ބައެއް އިދާރާތަކުގެ ތެރޭގައި އޮތްކަން ފާހަގަކުރެވެއެވެ. 

މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޕްރެސް ފްރީޑަމް އިންޑެކްސްގައި ފާއިތުވި ދެ އަހަރު ފަހަތަށް ދިއުމުގައި މައިގަނޑު ތިން ކަމެއް ފާހަގަކުރެވެއެވެ. އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ކަންތައްތަކެއް ހެއްކާ ބެހޭ ބިލުގައި ހިމެނިގެން ދިއުމެވެ. އެ ގޮތުން ވަކި ހާލަތްތަކެއްގައި މަސްދަރު ހާމަކުރަންޖެހުން ހިމެނެއެވެ.

މިކަމާ ދެކޮޅަށް ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން އަޑު އުފުލަމުން ދިޔަ ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ގިނަ ބޭފުޅުން ނުވަތަ ސަރުކާރުން އެ ވާހަކަތައް އަޑުއަހައި ހައްލެއް ހޯދައިދޭން މަސައްކަތް ނުކުރާކަން ފާހަގަކުރެވެއެވެ. 

ދެ ވަނަ ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ފާހަގަކުރަނީ މާލީ ގޮތުން މީޑިއާތައް ކޮންޓްރޯކުރުމަށް ސަރުކާރުން މަސައްކަތްކުރުމެވެ. އެ ގޮތުން ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް މީޑިއާތަކުގެ އެޑިޓޯރިއަލް ޕޮލިސީތަކަށް ނުފޫޒު ފޯރުވުން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރު ޕްރޮމޯޓްކުރުމަށް ފައިސާ ހޭދަކުރާ އިރު އެކަމުގައި އިންސާފާއި ހަމަހަމަކަން ނެތުމާއި ހާމަކަން ކުޑަވުމަކީ ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅިފައިވާ ހުރަހެކެވެ. 

ތިން ވަނަ ކަމެއްގެ ގޮތުގައި އޮތީ ޒަމާނުއްސުރެ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އޮތް މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނެއް އޮތް ނަމަވެސް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން މައުލޫމާތު ހޯދުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަންޖެހެއެވެ. މިހާރު ވެސް މިފަދަ އެތައް މައްސަލަތަކެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގަ އާއި އަދި ކޯޓުތަކުގައި ވެސް ކުރިއަށް އެބަދެއެވެ.

ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މައުލޫމާތު ހިފެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ނަމަވެސް އައިކޮމް ފަދަ އިދާރާތައް މެދުވެރިވާ ހިސާބަށް ވަރަށް ގިނަ ފަހަރު ކަންތައްތައް ދާކަން ފާހަގަކުރަންޖެހެއެވެ. އަދި މައުލުމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް ސަރުކާރުގެ އިދާރާތަކުން އަމަލުނުކުރުމާއި އެ ގާނޫނާ މެދު ހޭލުންތެރިކަން ކުޑަވުމަކީ ވެސް ނޫސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. 

ޕްރެސް ފްރީޑަމް އިންޑެކްސްގައި 2022 ވަނަ އަހަރު ރާއްޖެ 15 ދަރަޖަ ފަހަތަށް ޖެހި އަދި މި އަހަރު 13 ދަރަޖަ ފަހަތަށް ޖެހި މިހާރު އޮތީ އެ ލިސްޓްގެ 100 ވަނައިގައެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ނޫސްވެރިއަކު ލިޔަން ބޭނުންވާ އެއްޗެއް ލިޔަން ބޭނުންވާ ބަހުރުވައަކުން ލިޔުމުގެ މިނިވަންކަން އޮތް އިރު ވެސް މި ލިސްޓްގެ މިހާ ދަށަށް ވެއްޓުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިކަމުން އެނގި ދޭހަވަނީ ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ހުޅުވިފައިވީ ނަމަވެސް ނޫސްވެރިކަމަށް ހުރި ހުރަސްތައް މަދު ނޫން ކަމެވެ. 

ރިއެކްޝަންސް
0
0
1
0
0
0
0