ރިޕޯޓް: ޑީއާރުޕީ އާއި ޕީޕީއެމް ބައިބައިވިގޮތަށް އެމްޑީޕީ ބައިބައިވެގެންދާނެތަ؟

17 މެއި 2023 - 10:59

މި ސަރުކާރު އުފެދި މާ ގިނަ ދުވަހެއް ނުވެ ސަރުކާރުގެ ތެރެއިން ސަރުކާރާ ދެކޮޅު ހިޔާލުތަކެއް އުފަންވާން ފެށިއެވެ. ހާއްސަކޮށް މަޖިލީހުގެ އިންތިހާބަށް ފަހު މަޖިލީހުގެ ރައީސް ހޮވުމުގެ މަރުހަލާގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު އެމްޑީޕީގެ އެތެރެގައި ދެ ފެކްޝަނެއް އުފެދުނެވެ.

އެކި ފަހަރު މަތިން އެ ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެ، އެންމެ ފަހުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމާ ހަމައިން ވަރަށް ބޮޑަށް ހުޅުގަނޑު ފަޅައިގެން ގޮސް ފިކުރެއްގެ ދިރުމުގެ ނަމުގައި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެމްޑީޕީގެ އެތެރޭގައި ވަކި ގޮތްޕެއް އުފައްދާފައެވެ.

advertisement

އިދިކޮޅު ފާޓީއެއްގެ ރޯލު އަދާކުރަނީ ނަޝީދުގެ ފެކްޝަން


މި ސަރުކާރު އުފެދުނީއްސުރެ މިއަދާ ހަމައަށް ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅެއް ނޫނެވެ. އެމްޑީޕީގެ އެތެރޭގައި ރައީސް ސޯލީހާ ދެކޮޅަށް ހިންގާ ކަންކަމުން ސަރުކާރަށް ލިބޭ ގެއްލުން މާ ބޮޑެވެ. ރައީސް ނަޝީދަށް ތާއިދުކުރައްވާ މަޖިލީހުގެ މެންބަރުންކޮޅެއްގެ ސަބަބުން ސަރުކާރަށް ކުރިމަތިވާ ފިއްތުންތައް މާ ބޮޑެވެ.

އިދިކޮޅު ޕާޓީއެއްގެ ދައުރު ހަގީގަތުގައި މި ވަގުތު އަދާކުރަމުން ދަނީ ސަރުކާރު ހިންގާ އެމްޑީޕީގައި ތިއްބެވި މަދު މެންބަރުން ކޮޅެކެވެ. ފިކުރެއްގެ ދިރުމުގެ ނަމުގައި ނުކުމެ ސީދާ ރައީސް ސޯލިހާ ދެކޮޅަށް އެ ފަރާތްތަކުން އެ ގެންދަނީ ފާޅުގައި މަސައްކަތްކުރަމުންނެވެ.


މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މަދު މެންބަރުންކޮޅެއް މި ވަގުތު މަޖިލީހުގައި މަސައްކަތް ކުރައްވަމުން ގެންދަނީ އެމްޑީޕީ އިސްވެ އުފައްދާފައި އޮތް ކޯލީޝަން ސަރުކާރާ ދެކޮޅަށެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށެވެ. އެކަން ވަނީ ފާޅުގައި އިއުލާނުކޮށްފައެވެ. އަދި ރައީސް ސޯލިހާ ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އަށް ތާއީދުކުރާކަން އެ މެންބަރުން ހިމެނޭ ފިކުރެއްގެ ދިރުމުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އަދިވެސް އެ މެންބަރުން ތިއްބެވީ އެމްޑީޕީގައެވެ. އެމްޑީޕީން އެ މެންބަރުންނާ މެދު ފިޔަވަޅު ނާޅަނީ ކީއްވެތޯ އެތައް ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.


ޖޭޕީގެ ލީޑަރަށް ތާއިދުކުރުން އެކަންޏެއް ނޫނެވެ. ޗާގޮސް ކަނޑުގެ އިމުގެ މައްސަލާގައި ވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ތިއްބެވީ ސީދާ ސަރުކާރާ ދެކޮޅަށެވެ. މި ފަހަރު އެހެން ފަހަރުތަކަށް ވުރެ ވެސް ބޮޑަށެވެ.

އެކަމުގައި ޕީޕީއެމްއާ އެކު ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ވެސް ވަނީ ފަށައިފައެވެ. ފޯޅަވަހި ކޯލީޝަނުން މިހާރު ވަނީ ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހާ ހަމައަށް ގެންގޮސްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމުގެ މަސައްކަތް ވެސް ކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ. އެކަންކަން އިއުލާންކުރުމަށް ބޭއްވި ފޯޅަވަހި ކޯލީޝަންގެ ޕޯޑިއަމް ކައިރީގައި އެމްޑީޕީގެ މަޖިލިސް މެންބަރުންކޮޅެއް ވެސް ތިއްބެވިއެވެ.

ޕާޓީގެ ނިންމުންތަކާ ހިލާފުވާ މެމްބަރުން ޕާޓީއިން ވަކިކުރަންވީތޯ؟


އެއް ބަޔަކު ދެކޭ ގޮތުގައި ފިކުރެއްގެ ދިރުމުގެ މެންބަރުންނާ މެދު އެމްޑީޕީން ފިޔަވަޅު އެޅުން ލަސްވީ ޕާޓީގެ އެތެރޭގެ މަސްލަހަތު މިހާރަށް ވުރެ ވެސް ގޯސްވެދާނެތީއެވެ. އެހެން ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި އެ މެންބަރުން ޕާޓީގައި ތިބެގެން ޕާޓީ އަށް ލިބޭ ގެއްލުން މާ ބޮޑެވެ. އެގޮތުން ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބެ ޕާޓީގެ ނަމުގައި މަޖިލީހުގެ ތެރޭގައި ސަރުކާރަށް އެއްޗެހި ގޮވުމާއި އެ ފަރާތްތަކުން ހިންގާ އެކި ކަންކަމުގައި ޕާޓީގެ ލޯގޯ އާއި ޕާޓީގެ ނަން ބޭނުންކުރުމަށް ފުރުސަތު ލިބުމަކީ ޕާޓީ އަށް ލިބޭ ގެއްލުމެކެވެ.


ފިކުރެއްގެ ދިރުމަށް ނިސްބަވްތާ މަޖިލިސް މެންބަރުންނަށް ފިޔަވަޅު ނިންމައި މަޖިލީހުގެ އެކި ކޮމިޓީތަކުގެ މުގައްރިރުންގެ ގޮތުގައި ތިއްބެވި ފިކުރެއްގެ ދިރުމުގެ މެންބަރުން އެ މަގާމުތަކުން ވަކިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

“މީގެ ކުރިން ވެސް ޕާޓީގެ ނިންމުންތަކާ ހިލާފުވާ އަދި ތްރީލައިން ވިލާ ހިލާފުވާ މެންބަރުން ޕާޓީން ވެސް ވަކިކޮށްފައި އެބަހުރި. ރީކޯ މޫސަ އާއި އަލްހާން ފަހުމީ ފަދަ ބޭފުޅުންނަކީ އޭގެ މިސާލެއް. ކީއްވެތޯ މިހާރު އެކަން ނުކުރެވެންވީ. އެ މީހުން ވަކި ކޮށްގެން ޕާޓީ އަށް ވަކި ލިބޭނެ ގެއްލުމެއް މިހާރު ދެން ނޯންނާނެ. ރިޔާސީ އިންތިހާބަށް ވިސްނައިގެން ވެސް ދެން ބައިތިއްބާނެ ކަމެއް ނެތް. ޔަގީނުން ވެސް އެނގޭ ކަމަކީ ދެ ވަނަ ބުރަކަށް ދިޔަޔަސް އިދިކޮޅަށް ތާއިދުކުރަންޖެހުނަސް އެ މެންބަރުން ދެން ރައީސް ސޯލިހަށް ތާއީދެއް ނުކުރާނެކަން. ސިޔާސީ މަގާމުތަކުގައި ވެސް ތިބީ ހަމަ އެ ކަހަލަ ބައެއް. އެ މީހުން ދެން އަލުން ރައީސް ސޯލިހަށް ތާއީދެއް ނުކުރާނެ. ދެން ކީއްކުރަންތޯ ބޮޑު މުސާރަ ދީފައި ސިޔާސީ މަގާމުތަކުގައި ބިއްތިއްބަނީ. އެ މީހުން ދޭނީ ގެއްލުން،” ރައީސް ސޯލިހަށް ތާއިދުކުރާ މަޖިލީހުގެ މެންބަރަކު ބުންޏެވެ.


ފެނިގެންދާ މަންޒަރުތަކުން ޔަޤީންވަކަމަކީ ސަރުކާރާ އިދިކޮޅު މައިހަރަކާތް ދެން ލީޑު ކުރާނީ ފިކުރެއްގެ ދިރުމުގެ ތެރެއިންކަމެވެ. އިދިކޮޅު ޕާޓީ ގައި މިފަދަ ހަރަކާތެއް ހިންގޭނެ ހިތްވަރެއްވެސް އަދި ޤާބިލްކަމެއް ހުރިކަމަށް ފާއިތުވެދިޔަ މަސްތަކުގައި ފެނިފައެއް ނުވާކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. މިއީ ޑީއާރުޕީ ދެބައިވުން, ޕީޕީއެމް ދެބައިވުން ފަދަ ހަރަކާތެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މިހާރު އުފެދޭ ސުވާލަކީ ސަރުކާރަށް 2023 ކާމިޔާބުކުރުމަށް މިއީ ކިހާބޮޑު ގެއްލުމަކަށް ވެދާނެކަމުގެ ސުވާލެވެ. އަދި ފިކުރެއްގެ ދިރުން ދިިރިގެން ދާނެ ހިސާބަކާމެދު އުފެދޭ ސުވާލެވެ. ޔަޤީންވާ ކަމަކީ ވަގުތާއެކު މިކަންކަމަށް ޖަވާބު ލިބިގެންދާނެކަމެވެ.

ރިއެކްޝަންސް
0
1
0
0
0
0
0