ރިޕޯޓް: ލޯކަލް ޓުއަރިޒަމްގައި ދެމެހެއްޓެނިވި ސިޔާސަތެއް ނެތް

21 މެއި 2023 - 16:27

ރާއްޖޭގައި ރިސޯޓްތައް ތަރައްގީކުރެވެނީ ސަރުކާރުން ކަނޑައަޅާ ބެޑް ކެޕޭސިޓީއެއްގެ ތެރޭގައެވެ. އެ ތަނުގައި ހުންނަންވާނެ ކޮޓަރި އާއި އެނދުގެ އަދަދުތައް ހުންނަނީ ކަނޑައެޅިފައެވެ. އިތުރަށް ބޮޑުކުރާ ނަމަ އެކަން ވެސް ކުރެވެނީ ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުއްދައެއް ދީގެންނެވެ. 

އެހެން ނަމަވެސް ލޯކަލް ޓުއަރިޒަމްގައި މި އުސޫލެއް ނެތެވެ. ރަށްރަށުގައި ގެސްޓްހައުސްތައް ތަރައްގީކުރުމުގައި މާ ހަރުދަނާ އުސޫލްތަކެއް ނެތުމުން ނުރަނގަޅު އެތައް ކަމެއް ދަނީ ކުރިމަތިވަމުންނެވެ. ރަށްރަށުގެ މި ބާރުތައް އޮންނަނީ ކައުންސިލްތަކަށް ދޫކޮށްލާފައެވެ. އެހެންކަމުން އެކި ރަށްރަށުގައި އަމަލުކުރަމުން ގެންދަނީ އެކި އުސޫލަށެވެ

advertisement

ޑރ. ސޯލިހްގެ ވާހަކަފުޅުގައި ހުރި ކަންބޮޑުވާންޖެހޭ ކަންތައްތައް

މި މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވި އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަންގެ ހަތް ވަނަ މީޑިއާ ސަމިޓްގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހް ވަނީ ރާއްޖޭގެ ޓުއަރިޒަމާއި ތިމާވެއްޓާ ގުޅިލާމެހިފައިވަ މިންވަރު ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވާފައެވެ. 

ރާއްޖޭގެ އިގްތިސާދުގައި ޓުއަރިޒަމްގެ މުހިންމުކަމައި ރިސޯޓްތައް ތަރައްގީކުރުމުގައި ދެމެހެއްޓެނިވި ޓުއަރިޒަމަކަށް އިސްކަންދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ކޮންމެ ރިސޯޓަކުގެ ކެޕޭސިޓީ ކަނޑައެޅުމުގައި ސަރުކާރުން ގެންގުޅޭ އުސޫލްތައް ޑރ. ސޯލިހް ވަނީ ބަޔާން ކޮށްދެއްވާފައެވެ. އެހެން ނަމަވެސް ޑރ. ސޯލިހްގެ ވާހަކަފުޅުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ވެސް ހާމަކޮށްދެއްވިއެވެ. 

ޓުއަރިޒަމްގެ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޑރ. ސޯލިހް ވިދާޅުވީ ރާއްޖޭގައި ކޮންމެ ރިސޯޓެއް ތަރައްގީކުރަނީ އެ ރިސޯޓެއްގެ ކެޕޭސިޓި ސަރުކާރުން ކަނޑައެޅުމަށް ފަހުގައި ކަމަށެވެ. އެއީ ތިމާވެށީގެ ގޮތުން އެ ރަށަކަށް ބުރަ އުފުލޭނެ މިންވަރާއި ކުނި އުފެދޭނެ މިންވަރާއި ހިދުމަތް ދެވޭނެ މިންވަރު ފަދަ އެތައް ކަމެއްގެ މައްޗަށް ބިނާކޮށް ކަނޑައަޅާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. 

އަދި އެ ރިސޯޓަކަށް ކަނޑައަޅާ މިންވަރަށް ވުރެ އިތުރަށް އެންމެ ޓުއަރިސްޓަކު ވެސް އަރުވައިފި ނަމަ އެތައް މައްސަލައެއް ކުރިމަތިވާނެ ކަމަށާއި ޓުއަރިޒަމް ތަރައްގީކުރުމުގައި އެއްފަހަރާ އެތައް ރިސޯޓެއް ނުވަތަ އެތައް ބެޑެއް އިތުރުކުރުމުގެ ބަދަލުގައި ސަރުކާރުން ގެންގުޅެނީ ދެމެހެއްޓެނިވި ޓުއަރިޒަމްގެ ސިޔާސަތެއް ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. 

ޑރ. ސޯލިހް މިހެން ވިދާޅުވީ ރިސޯޓްތަކަށް ނިސްބަތް ކުރައްވައެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓުއަރިޒަމް މިހާރު އޮތީ ހަމައެކަނި ރިސޯޓުތަކުގެ އިންފާރުގެ ތެރެއަކު ނޫނެވެ. ލޯކަލް ޓުއަރިޒަމް ނުވަތަ ގެސްޓްހައުސްތަކަކީ ވެސް ޓުއަރިޒަމްގެ ވަރަށް ބޮޑު ހިއްސާއަކަށް މިހާރު ވަނީ ވެފައެވެ. 

ކަންބޮޑުވުން އޮތީ ލޯކަލް ޓުއަރިޒަމްގައި ސަރުކާރުގެ ސިޔާސަތެއް ނެތުމެވެ. ނުވަތަ ރިސޯޓްތައް ތަރައްގީކުރުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތު ތަންފީޒުކުރެވެމުން ނުދިއުމެވެ. އެކަމުގައި ބަރުމަރުކާއެއް ނެތުމެވެ. އޭބީޔޫގެ ސަމިޓްގައި ޑރ. ސޯލިހް ވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. އަދި އެއީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ

ރާއްޖޭގައި ލޯކަލް ޓުއަރިޒަމް ތައާރަފުވުން 

ރާއްޖޭގައި ފުރަތަމަ ލޯކަލް ޓުއަރިޒަމް ތައާރަފްކުރި އެއް ރަށް ކަމަށްވާ ކ. މާފުއްޓަކީ ސަރުކާރުން ގެންގުޅޭ ދެމެހެއްޓެނިވި ޓުއަރިޒަމްގެ ސިޔާސަތާ ދިމާ އިދިކޮޅު ލޯކަލް ޓުއަރިޒަމެއް އޮތް ރަށަކަށް ވަނީ ބަދަލުވެފައެވެ. ލޯކަލް ޓުއަރިޒަމުން މާފުއްޓަށް ގިނަ ފައިދާތަކެއް ލިބުނު ނަމަވެސް އެ ރަށަކީ މިހާރު ލޯކަލް ޓުއަރިޒަމްގެ ރަށެއްގެ ގޮތުގައި ބެލުމުގެ ޖާގައެއް ނެތެވެ. 

އޭގެ ބަދަލުގައި އެ ރަށަކީ ޓުއަރިޒަމް އައިލެންޑެކެވެ. އުސް އިމާރާތްތަކާއި އާދައިގެ ރިސޯޓަކަށް ވުރެ ގިނަ ޓުއަރިސްޓް އެނދު ހިމެނޭ “ގެސްޓްހައުސް”ތައް އެ ރަށުގައި އެބަ ހިންގައެވެ. ގެސްޓްހައުސްގެ ނަމުގައި ހަ ބުރި ހަތް ބުރީގެ ބިޔަ ބޮޑެތި ސިޓީ ހޮޓާތައް ހިންގަމުން ދާ އިރު އެކަން ކޮންޓްރޯލްކުރުމަށް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި އެބަޔަކު ހިތަށް އެރި ގޮތަކަށް، ހިތަށް އެރި މިންވަރަކަށް ވިޔަފާރި ފުޅާކުރަމުން ދަނީއެވެ.

މިއީ ހަމައެކަނި މާފުއްޓަށް ދިމާވެފައި އޮތް ކަމެއް ނޫނެވެ. ރާއްޖެގެ ބައެއް އެހެން ރަށްރަށުގައި ވެސް ލޯކަލް ޓުއަރިޒަމްގެ ވިޔާރި ހުރީ މި މިސްރާބަށެވެ. ރަށުގެ ކެޕޭސިޓީ އަށް ވިސްނުމެއް ނެތި ގެސްޓްހައުސްތަކުގެ ނަމުގައި ދުނިޔޭގެ ފެންވަރުގެ ބިޔަ ބޮޑެތި ސިޓީ ހޮޓާތައް ދަނީ ބުރިބުރި އަށް ހިއްލަމުންނެވެ. މީގެ ކުރިން އަމާން ރީތި ވެއްޓެއް އޮތް އެތައް ރަށެއް ދަނީ މާލެ ފަދައިން ކޮންކްރީޓް ޖަންގައްޔަކަށް ބަދަލުވަމުންނެވެ. އުސް އިމާރާތްތަކާއި ރަށްތަކަށް ނުކަތާ ވަރަށް ޓުއަރިސްޓް އެނދު އިތުރުކުރާ އިރު އެކަމާ ގުޅުން ހުރި އެހެން އެތައް ކަމެއް ތަރައްގީ ނުވެ އެބަހުއްޓެވެ

ގެސްޓްހައުސް ތަރައްގީކުރުމުގައި އުސޫލެއް ނެތް

ރިސޯޓެއް ތަރައްގީކޮށް ހިންގަން ހުއްދަ ދޭ އިރު އެތަނެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެވިފައި ހުރުމާއި ކުނި ނައްތާލެވެނޭ އިންސިނިރޭޓަރު ގާއިމުކޮށްފައި ހުރުމާއި ބެޑް ކެޕޭސިޓީއާ އެއްވަރަށް މުވައްޒަފުން ކަނޑައެޅުމާއި މިފަދަ އެތައް ކަމެއް ފުރިހަމަވެފައި ހުންނަންޖެހެއެވެ.

 އެހެން ނަމަވެސް ގެސްޓްހައުސް ތަރައްގީކުރުމުގައި މި އުސޫލެއް ނެތެވެ. ރަށުގައި ހިދުމަތްތައް ދެވޭނެ ގޮތްތައް ނެތި އަދި ފެނާއި ނަރުދަމާ ފަދަ އަސާސީ ނިޒާމުތައް ގާއިމުނުކުރެވި ވެސް ގެސްޓްހައުސްތައް ދަނީ ތަރައްގީކުރަމުންނެވެ. ހާއްސަކޮށް ކުނި ނައްތާލެވޭނެ ނިޒާމުތައް ގާއިމުނުކުރެވި އެތައް ހާސް ޓުއަރިސްޓުން އުފައްދާ ކުނީގެ ސަބަބުން ރަށްރަށް ދަނީ ހަލާކުވަމުންނެވެ. ރަށުގެ ރަށުވަންތަކަން ނެތި ރީތި ތުނޑި އާއި ފަރުތައް ދަނީ ހަލާކުވަމުންނެވެ. 

ރަށުގައި ތޮއްޖެހި، ސަގާފަތާއި ރީތި އާދަތައް ދަނީ ގެއްލެމުންނެވެ. ކުށްތައް ދަނީ އިތުރުވަމުންނެވެ. ރިސޯޓްތަކުން ދޭ ބަނގުރާގެ ހިދުމަތް ދިނުމަށް އެކަމުގެ ވަގު ވިޔަފާރި ރަށު ތެރޭގައި ފުޅާވެފައިވާ އިރު ރަށު ކައިރިއަށް ސަފާރީ ފަދަ އުޅަނދުފަހަރު ގެނެސް ވެސް އެ ހިދުމަތް ދެނީއެވެ. މާލެ އާއި ހުޅުމާލޭގައި ވެސް މިކަން އޮތީ މިހެންނެވެ. 

ލޯކަލް ޓުއަރިޒަމްގެ މިސްރާބު މިހާރު ހުރި ގޮތުން ރާއްޖޭގެ ޓުއަރިޒަމަށް އަދި ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ. ދެމެހެއްޓެނިވި ޓުއަރިޒަމް ނެތި ތިމާވެއްޓަށް އެތައް ގެއްލުމެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. ރިސޯޓްތަކުގައި ޓުއަރިޒަމް ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތު ލޯކަލް ޓުއަރިޒަމް ފުޅާކުރުމުގައި ވެސް ގެންގުޅެންޖެހެއެވެ.

 ކޮންމެ ކައުންސިލަކުން ވަކި އުސޫލްތަކެއް ގެންގުޅުމުގެ ބަދަލުގައި އެކަމުގައި އެންމެން އެއްގޮތަކަށް އަމަލުކުރާނެ ސިޔާސަތެއް އަދި އުސޫލްތަކެއް ގަވާއިދުގައި ކަނޑައެޅިފައި އޮންނަން އެބަޖެހެއެވެ. އެހެން ނޫން ނަމަ ޑރ. ސޯލިހް އެ ވިދާޅުވި ފަދަ ދެމެހެއްޓެނިވި ޓުއަރިޒަމް ނެތި ރާއްޖޭގެ މުޅި ޓުއަރިޒަމް އިންޑަސްޓްރީ އަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. އެއީ އިގްތިސާދީ ގޮތުން ވިޔަސް އަދި ތިމާވެށީގެ ގޮތުން ވިޔަސް ފޫބައްދަން އުނދަގޫ ގެއްލުމަކަށް ވުން އެކަށީގެންވެއެވެ

ރިއެކްޝަންސް
0
0
0
0
0
0
2