ފ. މަގޫދޫގައި ތަރައްގީގެ އިތުރު ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބުނެފި

28 މެއި 2023 - 11:03

މި ސަރުކާރުން ފ. މަގޫދޫގައި ތަރައްޤީގެ އިތުރު ގިނަ މަޝްރޫޢުތަކެއް ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބުނެފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ބުނީ ފ. މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެވުމަށާއި ފ. މަގޫދޫގައި އަލަށް ޢިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތް ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވިއެވެ. އަދި މަގޫދޫގައި ތިބި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، އާންމު ރައްޔިތުން ބައިވެރިވިއެވެ.

advertisement

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މި ސަރުކާރު އައުމުގެ ކުރިން ފ. މަގޫދޫ އޮތް ޙާލަތާއި އަދި މި ސަރުކާރުން ފ. މަގޫދޫގައި ހިންގާފައިވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. އަދި ފ. މަގޫދޫގައި މި ސަރުކާރުން އަދިވެސް ހިންގަވާނެ ބައެއް މަޝްރޫއުތަކުގެ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ މަގޫދޫގެ ރައްޔިތުންނާއި ހިއްސާކުރިއެވެ.

މަގޫދޫގައި ހަދަމުންދާ އެއަރޕޯޓާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ބުނީ މަގޫދޫ އެއަރޕޯޓު ވެގެންދާނީ ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓަށް ކަމަށެވެ. އަދި މި އެއަރޕޯޓްގެ ޓަރމިނަލާއިއެކު ވީއައިޕީ ލައުންޖެއްވެސް ހެދިގެންދާނެ ކަމުގައި ބުނިއެވެ. އަދި މަގޫދޫ އެއަރޕޯޓަކީ ޕްރައިވެޓް ޖެޓްތައް ޖެއްސޭނެ އެއަރޕޯޓެއް ކަމަށާއި، އެއަރޕޯޓްގެ ރަންވޭ 1800 މީޓަރަށް ދިގުކުރުމަށް މިހާރު ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ހަދައި، ފްލައިޓްތަކަށް ހިދުމަތް ދިނުމަށް ފިއުލް ފަރމެއްވެސް ހެދިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ބުނިއެވެ. އަދި އެއަރލައިންތަކުގެ ކްރޫއިންނަށް ތިބެވޭނެ ގޮތަށް ހޮޓަލެއްވެސް ހެދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބުނިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބުނީ މަގޫދޫގެ ތަރައްގީއަށް ސަރުކާރުން ހިންގާނެ މަޝްރޫއުތަކުގެ ތެރޭގައި މަގޫދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހިމެނޭ ކަމަށެވެ. އަދި މަގޫދޫ ފަޅުގައި ރަށެއް ހިއްކައިގެން ރިޒޯޓު ހެދުމާއި ގުޅޭ ގޮތުން ބަޔަކާއި ވާހަކަދެކެވެމުން އަންނަކަމުގައިވެސް ހާމަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫ ތަރައްޤީވުމުގެ އެންމެ މުހިންމު ސަބަބަކީ މަގޫދޫ ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށެވެ. އަދި މަގޫދޫ ތަރައްގީކުރުމުގައި ރައްޔިތުން ތިބެނީ އެއްބައެއްގެ ގޮތުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި، މަގޫދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ. މި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވީ، މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދެވެ.

ފ. މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކުރީ އަލްޓެކް މޯލްޑިވުސް ޕްރައިވެޓް ލިމިޓެޑާއެވެ. މަގޫދޫގައި ޤާއިމްކުރި މި ފެނުގެ ނިޒާމަކީ “އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް” އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ޚިދުމަތް ދެވިގެން ދާނެ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރު.އޯ ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރގެ 2 ޓޭންކު ބަހައްޓައި، 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަޅައި، 168 ގެއަށް ފެންގުޅައި ދީފައިވެއެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަން ހަދައި 4.2 ކިލޯމީޓަރގެ ހޮޅިއަޅައި، 168 ގެއަކަށް ނަރުދަމާގެ ހިދުމަތް ގުޅައިދީފައިވެއެވެ. މި މަޝްރޫއަކީ ދިވެހިސަރުކާރުގެ ބަޖެޓުންނާއި، ގްރީން ފަންޑުން ޚަރަދު ކޮށްގެން ހިންގާފައިވާ މަޝްރޫއެކެވެ.

ފ. މަގޫދޫ އިންޖީނުގޭގެ އޮފީސް އިމާރާތުގެ ގޮތުގައި މީގެ ކުރިން ވަކި ޢިމާރާތެއް ނުހުރެއެވެ. އަލަށް ހެދުނު އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވެއެވެ. ކުރިން އިންޖީނުގޭގެ އެތެރޭގައި އޮފީސް ހިންގަމުން އައިރު އެތަނުގައި ހުރީ 3 މުވައްޒަފުން މަސައްކަތް ކުރާނެ ޖާގައެވެ. އަލަށް ހެދުނު އިންޖީނުގޭގެ އޮފީސް ޢިމާރާތަކީ ޒަމާނީ އޮފީސް އިމާރާތެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0