ރިޕޯޓް: ރައީސް މައުމޫނުގެ ސިޔާސީ ހަޔާތުގެ ކުރިމަގު

5 ޖޫން 2023 - 14:08

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ 30 އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން އެކި ފަރާތްތަކުން ސިޔާސީ ޕާޓީތައް ހެދުމަށް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް އެކަމަށް އެމަނިކުފާނު ގިނަ ހުރަސްތަކެއް ކުރިމަތި ކުރެއްވިއެވެ.

ވެރިކަމުގެ ފަހު ދައުރުގައި ޕާޓީތައް ވުޖޫދުކުރަން އެ ސަރުކާރަށް މަޖުބޫރުވީ އެތެރެ އާއި ބޭރުގެ އެތައް ފިއްތުންތަކެއް ކުރިމަތިވުމުންނެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީތައް ވުޖޫދުވުމަށް ފަހު މަލްޓި ޕާޓީ ޑިމޮކްރަސީގައި ވެސް ރައީސް މައުމޫނު ވަނީ އެހެން ހުރިހާ ލީޑަރުންނަށް ވުރެ ވެސް ކުރިއަށް ޖެހިވަޑައިގެންފައެވެ.

advertisement

ޕާޓީ ސިސްޓަމުގައި މައުމޫނަށް ނާކާމިޔާބު


ރައީސް މައުމޫނުގެ ވެރިކަމުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީއާ ވާދަކުރެއްވުމަށް އެމަނިކުފާނު ފުރަތަމަ އުފެއްދެވީ ޑީއާރުޕީގެ ނަމުގައި ޕާޓީއެކެވެ. ނަމަވެސް ވެރިކަން ނިމި އިދިކޮޅުގައި މަސައްކަތް ފެއްޓެވުމާ އެކު އެ ޕާޓީ ބައިބައިވެ، އެތައް ޕާޓީއެއް އުފެދުނެވެ. ޑީއާރުޕީގައި އިސްކޮށް އުޅުއްވި ފަރާތްތަކުން ފަހުން އުފެއްދެވި ޕާޓީތަކުގެ ތެރޭގައި ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ޕީއޭ އާއި އަހްމަދު ސިޔާމްގެ އެމްޑީއޭ ފަދަ ޕާޓީތައް ހިމެނެއެވެ. މި ޕާޓީތަކުގެ ވެރިންނަކީ ރައީސް މައުމޫނުގެ އަރިހުގައި ވަރަށް ގާތްކޮށް މަސައްކަތްކުރެއްވި ބޭފުޅުންނެވެ. އެހެން ނަމަވެސް ފަހުން ހިޔާލު ތަފާތުވެ ވަކިން ޕާޓީތައް އުފެއްދެވީއެވެ.


ސިޔާސީ ގޮތުން ކާމިޔާބު ބޭފުޅެއް ނަމަވެސް މަލްޓި ޕާޓީ ސިސްޓަމްގެ ތެރޭގައި ރައީސް މައުމޫނު ފާހަގަކުރެއްވެނީ ނާކާމިޔާބު ލީޑަރެއްގެ ގޮތުގައެވެ. އެމަނިކުފާނަށް ޕާޓީތަކުގެ ތެރެއިން ލިބިވަޑައިގެންނެވި ކާމިޔާބީތަކަށް ވުރެ ލިބުނު ގެއްލުންތައް މާ ބޮޑެވެ. އެ ގޮތުން ޑީއާރުޕީގައި އިސްކޮށް އުޅުއްވި ފަރާތްތަކާ މައްސަލަ ޖެހި އެންމެ ފަހުން ޕާޓީ ވެސް ދޫކޮށް ނުކުންނަވަންޖެހުނެވެ. ފަހުން ޕީޕީއެމްގެ ނަމުގައި ޕާޓީއެއް އުފެއްދެވި ނަމަވެސް އެންމެ ފަހުން ކޮއްކޮފުޅު ޔާމީނާ މޫނުކެނޑި އެ ޕާޓީ ވެސް ދޫކޮށްލަން ޖެހިވަޑައިގެންނެވީ ހިތި ގޮތަކަށެވެ.


ބައެއް އެކުވެރިންނާއި އާއިލީ ބޭފުޅުންކޮޅަކާ އެކު ސިޔާސީ މައިދާނުގައި ދެމިހުންނަވަން މަސައްކަތްކުރެއްވި ނަމަވެސް, އެންމެ ފަހުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ވެސް 3،000 މީހުން ހަމަނުކުރެވިގެން އިލެކްޝަންސް ކޮމިޝަނުން އެ ވަނީ އެ ޕާޓީ ވެސް އުވާލާފައެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގައި އަދިވެސް ކޮންމެ ޕާޓީއަކުން ވެރިކަން ކުރި ނަމަވެސް ރައީސް މައުމޫނަށް އޮތީ ފައިދާއެވެ. ސަބަބުތައް ގޮސް ގުޅެނީ އެމަނިކުފާނުގެ ބޭބޭފުޅުންނާއި ދަރިދަރިކަނބަލުންނާއެވެ.

ސިޔާސީ މަޝްރަހުގައި އާއިލާ ބައިބައިވުން


ސިޔާސީ ގޮތުން ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ނިކަމެތިކަމަކީ އާއިލާ ބައިބައިވުމެވެ. ކޮއްކޯފުޅު ޔާމީންގެ ވެރިކަމުގައި ޖަލަށް ލެއްވުމުން އެމަނިކުފާނުގެ ހުރިހާ އާއިލީ މެންބަރުން އެކުގައި ތިއްބަވާނެ ކަމަށް ބެއްލެވި ނަމަވެސް ހަގުދަރިކަލުން ޣައްސާން ނެއްގެވީ ބޮޑުބޭބޭފުޅު ޔާމީންގެ ފަޅިއެވެ. ބައްޕާފުޅު ޖަލުގައި އޮންނެވި ނަމަވެސް މިނިވަންކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ ބަދަލުގައި ޣައްސާން ހުންނެވީ ރައީސް ޔާމީންގެ އެ ނިންމެވުމަށް ތާއީދުކުރައްވައިގެންނެވެ. އަދިވެސް ދެމިހުންނެވީ އެ ގޮތުގައި ބޮޑުބޭބޭފުޅާއެކުގައެވެ.


ރައީސް މައުމޫނުގެ އަންހެން ދެ ބޭފުޅުންގެ ތެރެއިން މި ވަގުތު ދުންޔާ މައުމޫނު ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައި އުފެއްދެވި އެމްއެންޕީއާ އެކުގައެވެ. އެމްއެންޕީގެ ޓިކެޓްގައި ވެރިކަމަށް ވަޑައިގަތުމަށް ނާޒިމް ކުރައްވާ މަސައްކަތުގައި ދުންޔާގެ ފުރިހަމަ ތާއީދު އެބަ އޮތެވެ.


ޕާޓީ އުވާލުމާ ހަމައަށް ވެސް ރައީސް މައުމޫނާ އެކު އެމްއާރުއެމްގައި ފާރިސް މައުމޫނާއި ޔުމްނާ މައުމޫނު ހުންނެވި ނަމަވެސް އެ ދެ ބޭފުޅުންގެ ވެސް ވިސްނުން މިހާރު އެއްގޮތެއް ނޫނެވެ. މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރުކަމުގައި ހުންނެވި ޔުމްނާ ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދިފާއުކުރައްވައި ދެ ވަނަ ދައުރަކަށް ގެންނެވުމަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ.

އެހެން ނަމަވެސް ފާރިސް މައުމޫނާއި އެމްއާރުއެމްގެ ބައެއް އެހެން ބޭފުޅުންގެ މިސްރާބު ހުރީ ރައީސް ސޯލިހާ ފެއަށެވެ. މި ދެ ބޭފުޅުންގެ ތެރެއިން މި ފަހަރު ރައީސް މައުމޫނު އިހްތިޔާރުކުރައްވާނީ ކޮން ބޭފުޅެއް ކަމެއް އަދި ސާފެއް ނޫނެވެ. ފާރިސްގެ ވިސްނުންފުޅު ހުރި ގޮތުން ޕާޓީ އުވާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ޕާޓީގެ އިސް ގިނަ ބޭފުޅުންތަކެއް ވަނީ ޕާޓީ ދޫކުރައްވާފައެވެ.

ޕާޓީ އުވާލަންޖެހުނު މައިގަނޑު ސަބަބަކީ ވެސް ޕާޓީގެ މެންބަރުން ހަމަކުރުމަށް އިލެކްޝަނުން ދިން ތިން މަހުގެ މުއްދަތުގައި މެމްބަރުން ހަމަނުކުރެވި ވަނިކޮށް ކުއްލިއަކަށް ގިނަ އަދަދެއްގެ ބޭފުޅުން އެއްފަހަރާ ޕާޓީ ދޫކޮށްލެއްވުމެވެ.


އިލެކްޝަނުން ޕާޓީ އުވާލި ނަމަވެސް އެމްއާރުއެމް އިން ބުނަމުންދަނީ އެއީ ސިޔާސީ ނިންމުމެއް ކަމަށާއި އުވާލީ ބައެއްގެ ނުފޫޒުން ކަމަށެވެ. ނަމަވެސް އެ ވާހަކަތަކުގައި މާ ބޮޑު ބުރަދަނެއް ނެތް އިރު އިސްކޮށް ހުންނެވި ފާރިސް ވިދާޅުވެފައި ވަނީ ކަންކަން ކޮށްދީގެން މީހުން އިތުރުކުރުމަކީ އެމްއާރުއެމްގެ ސިޔާސަތު ނޫން ކަމަށެވެ. އެ ޕާޓީގައި ތިބޭނީ އެ ޕާޓީގައި އަމިއްލަ އަށް ރުހިގެން ތިބެން ބޭނުންވާ މީހުން ކަމަށް ވެސް ފާރިސް ވިދާޅުވެފައި ވެއެވެ. މި ވާހަކަތަކަށް ބަލާއިރު ވެސް އެމްއާރުއެމްގެ މެންބަރުން އިތުރުކުރުމަށް ޕާޓީގެ މާ ބޮޑު ޝައުގެއް ނެތްކަން ހާމަވެއެވެ. އަދި ޕާޓީ އުވިގެން ދިއުމުގައި އެ ސިޔާސަތު ވަރަށް ބޮޑު ސަބަބަކަށް ވެފައިވާކަން އެނގެއެވެ.

ކޮންމެ މީހަކު ވެރިކަމަށް އެރިނަމަވެސް މައުމޫނަށާއި އާއިލާއަށް އޮތީ ފައިދާ


ސިޔާސީ ޕާޓީތަކުގައި ކިތަންމެ ހިތި ތަޖުރިބާތަކެއް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ސިޔާސީ މައިދާނުގައި ރައީސް މައުމޫނަށް އަދިވެސް އޮތީ ކާމިޔާބީ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ސަބަބަކީ މި ވަގުތު ކަން އޮތް ގޮތުން ކޮންމެ ޕާޓީއަކަށް ވެރިކަން ލިބުނަސް އެ މަނިކުފާނަށާއި އާއިލާ އަށް ކޮންމެވެސް ސިފައެއްގައި މަންފާކުރުމެވެ.

ޕީޕީއެމް އަށް ވެރިކަން ލިބޭ ނަމަ ޣައްސާނަކީ މުސްތަގުބަލުގައި ރައީސް ކަމަށް ވުމުގެ ފުރުސަތު އޮތް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އެމްޑީޕީ ވެރިކަމުގައި ދެމިއޮންނަ ނަމަ ޔުމްނާ މައުމޫނު އަދިވެސް ވަޒީރުކަމުގައި ދެމި ހުންނަވާނެ ކަމަށް ބެލެވެއެވެ. ޖޭޕީ އަށް ވެރިކަން ލިބިއްޖެ ނަމަ މި ވަގުތު ޖޭޕީގެ ވިސްނުމުގައި ހުންނެވި ފާރިސް އަށް އަދި ފަހަރެއްގައި ކަން ހިނގާ ގޮތަކުން ޖޭޕީއާ އެކު އެމްއެންޕީ އިން ކޯލީޝަން ހަދާ ނަމަ ދުންޔާ ވެސް އަލުން ވަޒީރުކަމަށް ވަޑައިގަތުން ގާތެވެ. އެހެންކަމުން ކޮންމެ ޕާޓީއަކުން ވެރިކަން ކުރި ނަމަވެސް ރައީސް މައުމޫނާއި އާއިލީ ބޭފުޅުންނަށް ފައިދާ ނުލިބި ނުދާނެއެވެ. އެމަނިކުފާނަކީ ހަގީގަތުގައި ވެސް މަލްޓި ޕާޓީ ބޭފުޅެކެވެ.

ރިއެކްޝަންސް
0
1
0
0
0
0
0