ރިޕޯޓް: ރައްޔިތުންގެ މަޖިލިސް ބޮޑު ޖޯކަކަށް

6 ޖޫން 2023 - 13:11

ގިނަ ދުވަސް ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށަނީ ވެސް ހަޅޭކުގެ އަޑުންނެވެ. ޖަލްސާ ފެށޭ އިރު ވެސް އެއް މެންބަރަކު ހުންނަވަނީ “ހަމައަކު” ނޫނެވެ. ދެން އިވެނީ ޒުވާބުކުރުމާއި ހަޅޭކުގެ އަޑެވެ. ބުދަ ދުވަހުގެ ޖަލްސާގެ މެދު ތެރެއިން ސިޔާސީ އެކި ފަރާތްތަކުގެ އަބުރަށް ހުތުރުވާ ގޮތަށް ޕޯޓަބަލް ސްޕީކަރެއް ވައްދައިގެން ލަވަޖަހާ އަޑު ވެސް އިވުނެވެ.

މިއީ ގާނޫނު ހަދާ މަޖިލީހުގެ ހާލަތެވެ. އެއްވެސް އިންތިޒާމެއް ނެތެވެ. ގައުމީ ބޮޑެތި މައްސަލަތައް ހުރި ގޮތަށް ހުރީއެވެ. މުހިންމު ގާނޫނުތަކުގެ މަސައްކަތެއް ކުރިއަކަށް ނުދެއެވެ. މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ފަހަނަ އަޅައިގެން ދިޔައީއެވެ. މަޖިލީހުން އަޅައެއް ނުލައެވެ. މުހިންމު އެތައް ކަމެއް ހުއްޓައި މަޖިލީހުގެ މެންބަރުން މަސްއޫލުވެ އުޅެނީ އަމިއްލަ އެޖެންޑާތައް ކުރިއެރުވުމުގައެވެ. ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށެވެ.

advertisement

އެމްޑީޕީ ޕްރައިމަރީ: މަޖިލިސް ހަމައިން ނެއްޓުމުގެ ފެށުން


މަޖިލީހުގެ ހަމަނެއްޓިގެން ދާން ފެށީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ބޭއްވި ޕްރައިމަރީ އަށް ފަހުގައެވެ. ޕްރައިމަރީން ރައީސް ނަޝީދު ބަލިވި ނަމަވެސް އެކަން ގަބޫލުނުކުރައްވައި އެމްޑީޕީގެ ތެރޭގައި އުފެއްދި ވަކިވެގަތުމުގެ ފިކުރާ އެކު މަޖިލީހުގެ އިންތިޒާމުތައް ވެސް ހަމައިން ނެއްޓެއް ފެށިއެވެ.

އަދި އެ ބޭފުޅުން އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމާ އެކު މަޖިލީހުގެ ކޮމިޓީތަކަށާއި މައްސަލަތަކުގައި ބަހުސްކުރުމަށް ވަގުތު ދިނުމުގެ ކަންކަމުގައި އާންމުކޮށް އަމަލުކުރަން އޮންނަ އުސޫލްތަކާ ހިލާފަށް ރައީސް ނަޝީދު ގެންދަވަނީ އަމަލުކުރަމުންކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ދަނީ ބުނަމުންނެވެ. ނަތީޖާއަކަށްވެފައި ވަނީ ކޮމީޓީތަކުގެ މަސައްކަތްތައް ވެސް ހުއްޓުމަކަށް އައިސް އަދި މުހިންމު ގާނޫނުތައް ބާއްވައި ޗަރުކޭސް ކުޅުމުގައި މަޖިލިީހުގެ ވަގުތުތަށް ދުއްވާލުމެވެ.


އެމްޑީޕީގެ އެތެރޭގައި އުފެދުނު ކޯޅުމާއި ބައިބައިވުމުގެ އެންމެ ބޮޑު ފައިދާއެއް ނަގަމުންދަނީ އިދިކޮޅުގައި ތިބި ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންނެވެ. ސަރުކާރަށް ދަތިކުރުމަށް ގަރާރުތައް ހުށަހެޅުމާއި ލަވަޖެހުމާއި ކަންކަމަށް ރިޔާސަތު ދަނީ ފުރުސަތު ދިނުމުގެ ސަބަބުން ނަތީޖާއަކަށް ވެފައި ވަނީ މުހިންމު ގިނަ ކަންކަން ހުއްޓިފައި ހުރުމެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުނު އިރު ވެސް މިދިޔަ އަހަރު ނުނިމި އޮތް 20 ބިލެއް މަޖިލީހުގައި އޮތެވެ. އާ ދައުރާ އެކު ސަރުކާރުން އިތުރު 11 ބިލެއް ހުށަހެޅިއެވެ. އެހެން ނަމަވެސް އަހަރުގެ ފުރަތަމަ ހަ މަސް ވެގެން ދިޔަ އިރު މަޖިލީހުގައި ފާސްކުރެވުނީ އެންމެ ދެ ބިލެވެ. ބައެއް ބިލްތައް ކޮމިޓީ މަރުހަލާގައި ތާށިވެފައެވެ. އަނެއް ބިލުތައް ކޮމިޓީ މަރުހަލާ ނިމުނު ނަމަވެސް މަޖިލީހުގެ ތަޅުމުގައި ބަހުސްގެ ތެރޭގައެވެ. އަނެއްބައި ބިލުތަށް ވޯޓާ ހަމައިގައެވެ. މީގެ ތެރެއިން ބައެއް ބިލްތައް ކޮންމެ ދުވަހަކު ވެސް އެޖެންޑާގައި ހިމެނެއެވެ. އެހެން ނަމަވެސް ގަރާރުތަކާއި އެ ނޫން ވެސް ބޭކާރު މަސައްކަތަށް ވަގުތު ހުސްކޮށްފައި އެޖެންޑާގައި ބިލްތައް ހިމެނޭ ހިސާބަށް ނުދެވި ކޮންމެ ދުވަހަކު މަޖިލިސް ޖެހެނީ ނިންމާލަންށެވެ.

މަޖިލީހުގެ މަސައްކަތްތައް ފިނިހަކަ ސްޕީޑްގައި


މަޖިލީހުގައި ބިލުތަކަށް ވުރެ ގަރާރުތައް ގިނައެވެ. މި އަހަރުގެ ފުރަތަމަ ދައުރުގައި މެންބަރު ހުށަހެޅި 11 ގަރާރާ އެކު ޖުމްލަ 30 ގަރާރު މަޖިލީހަށް ހުށަހެޅިފައިވާ އިރު ފުރަތަމަ ދައުރު ނިމުނީ ހަތް ގަރާރެވެ. އެހެންކަމުން އަދިވެސް 23 ގަރާރު މަޖިލީހުގެ އެކި މަރުހަލާތަކުގައި އެބަ އޮތެވެ. އަދި އިދިކޮޅު ފަރާތްތަކާއި ފިކުރެއްގެ ދިރުމުން އަދިވެސް ދަނީ ގަރާރުތައް ހުށަހެޅަމުންނެވެ.

އެހެން ކަމުން ކޮންމެ ދުވަހަކު މަޖިލީހުގެ ވަގުތުގެ ތެރެއިން ބޮޑު ބައެއް ހޭދަވަނީ މި ގަރާރުތައް ބޭނުންކޮށްގެން ޒުވާބުކުރުމުގައެވެ. ފުލުފުލުގައި ކުއްލި މައްސަލަތައް ވެސް ދަނީ ހުށަހަޅަމުންނެވެ. އެއްބަޔަކު ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އަށް އެއްޗެހި ގޮވުމުގައެވެ. އަނެއް ބަޔަކު އެ ވާހަކަތައް ދިފާއުކުރުމުގައެވެ.


ސަރުކާރަށް ނިސްބަތްވާ މެންބަރުން މަޖިލީހުގައި ކިތަންމެ ގިނަ ނަމަވެސް ރިޔާސަތުގައި ތިއްބެވި ތިން ބޭފުޅުންގެ ސަބަބުން މަޖިލީހުގެ ކޮންޓްރޯލް އޮތީ އިދިކޮޅުގައެވެ. ތިން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން ނިސްބަތް ވަނީ އަލަށް އުފައްދަވާ ޕާޓީ “ދަ ޑިކޮމްރެޓްސް” އަށެވެ. ނައިބު ރައީސް އީވާ އަބްދުﷲއަކީ އާ ޕާޓީގެ މެންބަރެކެވެ. ދުވަސްވީ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

މަޖިލީހުގެ ރައީސް ނަޝީދު އަދި ހުންނެވީ އެމްޑީޕީގައެވެ. އެހެން ނަމަވެސް “ދަ ޑިމޮކްރެޓްސް”އަކީ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ފެއްޓެވި ފިކުރެއްގެ ދިރުމުގެ ތެރެއިން އުފެދިގެން އަންނަ ޕާޓީއެކެވެ.

ހައްލަކީ މަޖިލީހުގެ ރިޔާސަތު ބަދަލުކުރުންތަ?


ސަރުކާރުން ދެކޭގޮތުގައި މަޖިލިސް ހަމައަކަށް އެޅުވެން އޮތީ ރިޔާސަތު ބަދަލުކޮށްގެން ކަމަށްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ވައްދާފައެވެ. ރައީސް ނަޝީދު ރިޔާސަތުން ދުރުކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ވަކާލާތުކުރާ މެންބަރުން ވަކި މަދެއްނޫނެވެ. މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ކަންތައް ކުރައްވާ ގޮތުން ރައީސް ނަޝީދުގެ އިތުބާރު ގެއްލެން ފަށައިފި ކަމަށެވެ.

އެމްޑީޕީގައި މި ވަގުތު ތިއްބެވި ވަރަށް ގިނަ ބޭފުޅުން ވެސް އެ ގޮތަށް ގެންދަވަނީ ވިދާޅުވަމުންނެވެ. މަޖިލީހުގެ ކަންކަން ބޮއްސުންލައިގެން ދާތީ ހަމައަކަށް އެޅުވުމަށް މަޖިލީހުގެ ރިޔާސަތު ބަދަލުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ގަބޫލުކުރެއްވި ނަމަވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ގިނަ ބޭފުޅުން ބޭނުންފުޅުނުވަނީ އެމަނިކުފާނަށް ކުރައްވާ އިހްތިރާމެއްގެ ބޮޑުކަމުންނެވެ.

ނަމަވެސް ކަންކަން ހިނގާ ގޮތަށް ބަލާއިރު ރައީސް ނަޝީދު ބޭނުންފުޅުވަނީ އެ ގޮތް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ސަބަބަކީ ޕާޓީން ވެސް ބޭރުކޮށްލީ ކަމަށް ދެއްކުމަށް ކުރައްވާ މަސައްކަތެވެ. އަދި މަޖިލީހުގެ ރައީސްގެ މަގާމު ގެއްލުމާ އެކު އެމަނިކުފާނުގެ ސެކިއުރިޓީ އަށް ގެންނަ ބަދަލުތައް ބޭނުންކުރައްވައި “ސިމްޕަތީ” ހޯއްދެވުމަކީ ވެސް އެކަމުގެ މަގުސަދެއް ކަމަށް އެއްބަޔަކު ދެކެއެވެ.


ކޮންމެ ގޮތެއް ވިޔަސް ގަބޫލުރަންޖެހޭ ކަމަކީ މަޖިލިސް މި ވަގުތު އޮތީ ހަމައިން ނެއްޓިފައި ކަމެވެ. އަދި މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި އޮއްވައި ޗަރުކޭސް ކުޅުމަކީ ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމެކެވެ. ހާއްސަކޮށް ސަރުކާރަށް ތާއިދުކުރާ މެންބަރުންނަށް މަޖިލީހުގައި މެޖޯރިޓީ އޮއްވައި އެކަން އެ ގޮތަށް ވެގެން ނުވާނެ ކަމަށާއި އަދި މަޖިލިސް ހަމައަކަށް އެޅުވުމަށްޓަކައި އެ މެންބަރުން އަވަސް ޒިންމާ އަދާކުރުން މުހިންމު ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރިއެކްޝަންސް
0
0
2
0
0
0
0