ރިޕޯޓް: ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވާނީ ކާކު؟

11 ޖޫން 2023 - 16:21

މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ވަގުތު ކުޑަތަން ވަނީއެވެ. ރިޔާސީ އިންތިހާބުގައި ބޮޑެތި ހުރިހާ ޕާޓީތަކުން ވާދަކުރުމުގެ ރޫހު ހުރި އިރު ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ހަދާނެ ގޮތެއް އަދިވެސް ނޭންގެއެވެ.

އެއް ލީޑާޝިޕެއްގެ ދަށުން ހިންގާ އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ޕީއެންސީން ނިންމާފައި ވަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ނަމަވެސް ގާނޫނީ ހަމަތައް މިވަގުތު އޮތް ގޮތުން އެ މަނިކުފާނަށް ވާދަކުރުމުގެ ފުރުސަތެއް ނެތެވެ. އެހެންކަމުން މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ އިދިކޮޅު އެންމެ ބޮޑު ކޯލީޝަނުން ދެން ހަދާނީ ކިހިނެއް ކަމާ މެދުގައެވެ. ނުވަތަ އެ ޕާޓީން ދެން ނެރޭނީ ކޮން ކެންޑިޑޭޓެއްބާއެވެ؟

advertisement


ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެން އޮތީ ރިޝްވަތުގެ ތުހުމަތުގައި އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލްކޮށްފި ނަމައެވެ. އިސްތިއުނާފުގެ މައްސަލަ އަދިކިރިޔާ ހައި ކޯޓުގައި ފެށީއެވެ. އެހެންކަމުން އިންތިހާބަށް ކުރިމަތިލުމަށް ދޭ މުއްދަތު ހަމަވާ އިރު ވެސް އެ މައްސަލައިގެ ހުކުމަކާ ހަމައަށް އައުމަކީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މިއީ އަންދާޒާކުރެވިފައިވާ ކަމަކަށް ވިޔަސް ރައީސް ޔާމީން ކޮންޓްރޯލްކުރައްވާ ޕީޕީއެމް/ޕީއެންސީ ކޯލީޝަންގެ ލީޑާޝިޕުން އެ ކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ވަކިވަކި ލީޑަރުން އަޑިއަޑިން އަމިއްލަ އެޖެންޑާތަކެއް ގެންގުޅުއްވި ނަމަވެސް މީޑިއާއަށާއި އާންމުންނަށް ދައްކަމުން ދަނީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމެވެ.

ރިޔާސީ އިންތިހާބު ފަސްވެދާނެތަ?


ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން އިންތިހާބު ފަސްވުމުގެ ފުރުސަތެއް ވެސް އެބަ އޮތެވެ. އެއީ ރައީސް ޔާމީންގެ ކެންޑިޑެންސީ އީސީން ގަބޫލުނުކޮށްފި ނަމަ އިދިކޮޅު ކޯލީޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމެވެ. އެފަދަ ހާލަތެއްގައި ރައީސް ޔާމީންގެ ހުކުމާ މެދު ގޮތެއް ނިމެންދެން އިންތިހާބަށް ކުރިމަތިލުމަށް އޮތް ފުރުސަތު ދިގު ދައްމާލަން ނުވަތަ އިންތިހާބު ފަސްކުރުމުގެ އަމުރެއް އައުން އެކަށީގެންވާ ކަމަށް ދެކޭ ގާނޫނީ ވަކީލުން ވެސް އެބަ ތިއްބެވެ.

އެހެން ނަމަވެސް ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ވަރަށް ނާދިރު ހާލަތެކެވެ. ސުވާލަކީ މި ހާލަތު މެދުވެރި ނުވެއްޖެ ނަމަ ނުވަތަ ރައީސް ޔާމީންގެ ކެންޑިޑެންސީ އީސީން ގަބޫލުނުކޮށްފި ނަމަ ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟


ތުންތުން މަތިން އަޑުއިވޭ ގޮތުން ނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމާ އެކު ޕީޕީއެމް އާއި ޕީއެންސީން ދެ ފޯމެއް ހުށަހަޅާނެއެވެ. އެއް ފޯމަކީ ރައީސް ޔާމީނުގެ ފޯމެވެ. އަނެއް ފޯމަކީ ބެކަޕް ކެންޑިޑޭޓްގެ ފޯމެވެ. އެހެން ނަމަވެސް ޖަވާބު ނުލިބި ސިއްރުވެފައި އޮތް ކަމަކީ އެއީ ކޮން ކެންޑިޑޭޓެއް ކަމާ މެދުގައެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި 2018 ވަނަ އަހަރު އޭރުގެ އިދިކޮޅު އެމްޑީޕީ އަށް ވެސް މިހާލަތު ކުރިމަތިވިއެވެ.

އެ ފަހަރު ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިލެއްވުމަށް އޮތް ހުރަހަކަށްވީ އެ މަނިކުފާނުގެ މައްޗަށް އޮތް ޖަލު ހުކުމެވެ. ރައީސް ނަޝީދަށް ކުރިމަތިނުލެއްވޭނެކަން އެނގި ހުރެ އެމްޑީޕީން ވެސް އެ ފަހަރު ޕްރައިމަރީއެއް ބޭއްވިއެވެ. ސަރުކާރުން އެ ފުރުސަތު ނުދިނުމަށް ފުލުހުން މެދުވެރިކޮށް ޕްރައިމަރީ ހުއްޓުވުމަށް މަސައްކަތްކުރި ނަމަވެސް ފޮށިގަނޑުގަނޑާއި އުވަގަށާ މެޝިނާއި ބާލިދީ އަށް ވޯޓު އަޅައިގެން ވިޔަސް އެ ފަހަރު އެމްޑީޕީން ނިންމީ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށެވެ.


އިންތިހާބުގައި ރައީސް ނަޝީދަށް ވާދަކުރެއްވެން ނެތުމުން އެމްޑީޕީން ނިންމީ ރައީސް ނަޝީދުގެ ބަދަލުގައި އެހެން ބޭފުޅަކު އިންތިހާބަށް ނެރުމަށެވެ. ދެތިން ނަމަކާ މެދު މަޝްވަރާކުރެވުނެވެ. އެހެން ނަމަވެސް އޭރު އޮތް އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތާއި އެހެން އިދިކޮޅު ލީޑަރުންގެ ކޯލީޝަނާ އެކު މަސައްކަތްކުރުމަށް އޮތް އެންމެ ފަހި ފުރުސަތަކީ ރައީސް ނަޝީދު ނެތް ދަނޑިވަޅުގައި އިދިކޮޅު ހަރަކާތްތައް ލީޑުކުރެވި އަދި ޕާޓީގެ ޕީޖީ ލީޑަރަކަށް ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް އެންމެ ގިނަ ދުވަސްވީ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބަށް ނެރުން ކަމުގައި އެމްޑީޕީގެ ލީޑާޝިޕަށް ވިސްނުނެވެ.

ޕާޓީ ބައިބައި ނުވެ، އެގޮތަށް ހުރިހާ ފަރާތްތަކަށް ވެސް އެއްބަސްވެވި ވަރުގަދަ ކެމްޕޭނަކާ އެކު އިދިކޮޅު ކޯލީޝަނުން އެ ފަހަރުގެ އިންތިހާބު އޭރު ރައީސަކަށް ހުންނެވި ޔާމީނުގެ މައްޗަށް ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ހޯދީއެވެ. އެހެން ނަމަވެސް އޭރުގެ ހާލާތާއި އަދި ޕީޕީއެމް/ޕީއެންސީގެ ހާލަތު މުޅިން ތަފާތެވެ. ސުވާލަކީ ރައީސް ޔާމީން ނޫން ބޭފުޅަކު ނެރުމަށް އިދިކޮޅު ކޯލީޝަނަށް އެއްބަސްވެވިދާނެ ކަމާ މެދުގައެވެ. އަދި އެ ހާލަތުގައި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެދާނެބާއެވެ؟

އިދިކޮޅު ކޯލިޝަނުގެ ބެކްއަޕް ކެނޑިޑޭޓަކަށްވާނެ ފަރާތްތައް


ތުންތުން މަތިން އިވޭ އަޑުތަކުން ޕީޕީއެމް/ޕީއެންސީ ކޯލީޝަންގެ ޓިކެޓް ބޭނުންވެފައި ތިއްބެވި ބޭފުޅުން ވަރަށް ގިނައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް އަޑު އިވޭ ތިން ބޭފުޅުންނަކީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން މައުމޫނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ. އޭގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ރައީސް ޔާމިންގެ އިސް ވަކީލު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފުގެ ނަން ވެސް އިވެއެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި އެންމެ ވާދަވެރިކަން އޮތީ ޑރ. މުއިއްޒު އާއި ޣައްސާނާ ދެމެދުގައެވެ. އަޑިއަޑިން އިވޭ އަދި މި ފަހަކަށް އައިސް ޕާޓީ ތެރެއިން ތިލަވި ވާހަކަތަކަށް ބަލާއިރު ބެކަޕް ޓިކެޓް ހޯއްދެވުމަށް ޑރ. މުއިއްޒު ގެންދަވަނީ މަސައްކަތް ވެސް ކުރައްވަމުންނެވެ. އެ ގޮތުން ރައީސް ޔާމިނަށް ވާދަނުކުރެއްވޭ ހާލަތުގައި ބެކަޕް ކެންޑިޑޭޓެއް ކަނޑައެޅުމަށާއި އެ ފަރާތަކީ ޑރ. މުއިއްޒު ކަމަށް ކަނޑައެޅުމަށް ޕާޓީގެ ތެރެއިން ވަކި ހަރަކާތްތަކެއް ހިންގާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މިގޮތުން ޕާޓީގެ އިސް ސަފުގެ ގިނަ ބަޔަކަށް މާލެ ސިޓީ ކައުންސިލުން ވަޒީފާ ދިނުމާއި އަދިވެސް އެފަދަ މައްސަލަތައް ފެންމަތިވެފައި ވެސް ވެއެވެ. އަދި ދާދި ފަހަކުން އެފަދަ މައްސަލައެއްގައި ޕާޓީގެ އިސް ބޭފުޅެއްގެ މައްސަލަ ބަލައި ޕާޓީން ވަކިވެފައި ވެސް ވެއެވެ. އަދި ބެކަޕް ޕްލޭނެއްގެ ވާހަކަ ދެއްކުމާ ގުޅިގެން އިތުރު ބޭފުޅުންތަކެއްގެ މައްސަލަ މިހާރު ވެސް ބަލަމުން އަންނަ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.


މިފަދަ ވާހަކަތަކާ ގުޅިގެން ދާދި ފަހުން ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ވަނީ ނިއުސް ކޮންފަރެންސެއް ބާއްވާފައެވެ. ސުވާލުކުރުމުގެ ފުރުސަތު މާބޮޑަށް ހުޅުވައި ނުލައި ބޭއްވި އެ ބައްދަލުވުމުގައި ވަކިވަކިން ކޮންމެ ބޭފުޅަކު ވަނީ ކެންޑިޑޭޓަކީ ރައީސް ޔާމީނު ކަމަށް ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި އަމަލުކުރި ގޮތުން ވަރަށް ގިނަ ފާޑުކިޔުންތައް ވެސް އެ ބޭފުޅުންނަށް އަމާޒުވިއެވެ. އަދި އެއީ “ބޮލުގައި ބަޑިޖައްސައިގެން” ސީދާ ރައީސް ޔާމީނުގެ އެންގެވުމަކަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް އަޑުތައް ފެތުރިފައިވެއެވެ.


ޕީޕީއެމް/ޕީއެންސީގެ ހާލަތު އޮތް ގޮތުން މިއީ ފަސޭހަ ނިންމުމަކަށް ނުވާނެއެވެ. ރައީސް ޔާމީނު ނެތް ހާލަތެއްގައި އިންތިހާބު ބޮއިކޮޓްކުރުމަކީ ވެސް ވެދާނެ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

އެހެން ނަމަވެސް އިދިކޮޅު އެންމެ ބޮޑު ކޯލީޝަނަށް އެއީ މަރުފަލި ޖެހުން ފަދަ ކަމެކެވެ. އަނެއްކޮޅުން އެހެން ކެންޑިޑޭޓަކު ނެރުމަށް ނިންމާ ނިންމުމާ އެކު ޕާޓީ ފަޅައިގެން ހިނގައިދާނެކަމުގެ އަލާމާތްތައް ވެސް ދަނީ ފެންނަމުންނެވެ. މީގެ ކުރިން 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ހާލަތު އޮތީ މުޅިން އެހެން ގޮތަކަށެވެ.

އޭރު އިދިކޮޅު ކޯލީޝަނުން ތިބީ ކޮންމެ ބޭފުޅަކު ނެރެގެން ވިޔަސް ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ ވިސްނުމުގައެވެ. އެހެން ނަމަވެސް މި ފަހަރު އެ ހާލަތެއް ނެތެވެ. އިދިކޮޅުގައި އޮތް އެއް ލީޑާޝިޕްގެ ދަށުގައި އޮތް ދެ ޕާޓީ ފިޔަވައި އެހެން ޕާޓީއެއް އަދި ކޯލީޝަން ހަދާފައެއް ނެތެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ކޯލީޝަންގެ ތެރޭގައި ބާއްވާ ޕްރައިމަރީ މުޅިން ތަފާތު ވާނެއެވެ.


އާއިލާ ތެރޭގައި ވެރިކަން ބޭއްވުމުގެ ނިޔަތުގައި ޣައްސާނަށް ޓިކެޓް ދެއްވުމަށް ރައީސް ޔާމީން ނިންމަވައިފި ނަމަ އެކަން ގަބޫލުކުރަން ދެކޮޅު ހަދާނެ ބަޔަކު އެ ދެ ޕާޓީގައި ވެސް އެބަ ތިއްބެވެ. އަނެއްކޮޅުން ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބު ވެއްޖެ ނަމަ ޕާޓީގެ ތެރޭގައި މަސްލަހަތު ގެއްލި ބައިބައިވުން އުފެދުމުގެ ފުރުސަތު ބޮޑެވެ. އަދި އޭގެ ކުރިން ޑރ. މުއިއްޒު ޕާޓީން ވަކިކުރުމަކީ ވެސް އެކަށީގެންވާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. އެހެން ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މޫނު މައްޗަށް ދައްކަމުން ދަނީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް ޔާމީނުގެ ފަހަތުގައި ތިބި ތަނެވެ. ސުވާލަކީ ރިޔާސީ އިންތިހާބަށް ހުޅުވާލާ ހިސާބުން މި މަންޒަރު ބަދަލުނުވާނެބާއެވެ؟

ރިއެކްޝަންސް
0
0
2
0
0
0
0