Bordaru hulhuvaali fahun averagekoh dhuvaalaku 200 touristun raajje aisfaivey: Immigration

2 ސެޕްޓެމްބަރ 2020 - 18:54

ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވައިލިތާ ދޮޅު މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 200 ޓުއަރިސްޓުން އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޖުލައި މަޖުގެ 15 އިން ފެށިގެން އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 9،329 ޓުއަރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 198 ޓުއަރިސްޓުންނެވެ.

advertisement

ބޯޑަރު އަލުން ހުޅުވުމާ ގުޅިގެން ރާއްޖެ އަންނަ ޓުއަރިސްޓުންގެ އަދަދު ދުވަހެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 31ގެ ނިޔަލަށް 1،700 ޓުއަރިސްޓުން ރާއްޖެ އައިސްފައިވާ އިރު އޯގަސްޓް މަހުގެ ތެރޭގައި 2018 ޓުއަރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެ އަލުން ހުޅުވާލުމާ ގުޅިގެން އެންމެ ފުރަތަމަ ޓުއަރިސްޓުން އައިސްފައި ވަނީ ޔޫއޭއީއިންނެވެ. މިހާތަނަށް އެންމެ ގިނަ ޓުއަރިސްޓުން އައިސްފައި ވަނީ ވެސް އެ ގައުމުންނެވެ. އެއީ 1،627 ޓުއަރިސްޓުން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެ ވަނަ އަށް އެންމެ ގިނަ ޓުއަރިސްޓުން އައިސްފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އެއީ 715 ޓުއަރިސްޓުންނެވެ.

ރާއްޖެ އަލުން ހުޅުވައިލި ނަމަވެސް ރާއްޖެ އަންނަ ޓުއަރިސްޓުންގެ އަދަދު އެހާ ބޮޑަށް އިތުރުވަމުން ނުދާ މައިގަނޑު ސަބަބަކީ ގިނަ ގައުމުތަކުގެ ކޮވިޑް ސޭފް ޑެސްޓިނޭޝަން ލިސްޓްގައި ރާއްޖެ ހިމެނިފައި ނުވުމެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތް ވެސް ހިމެނެއެވެ. ނަމަވެސް ރާއްޖެ އެ ލިސްޓްގައި ހިމެނުމަށް  ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ރާއްޖޭގެ ރިސޯޓްތައް ފުރޭ ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީގެ ކުރިން ކޮވިޑްގެ ހާލަތު ރަނގަޅުކޮށް ރާއްޖެ  އަންނަ ޓުއަރިސްޓުން އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖެ އަށް ޓުއަރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ ހިމެނެއެވެ. ރާއްޖެ އަށް އެންމެ ގިނައިން ޓުއަރިސްޓުން އަންނަ ޗައިނާގެ އިތުރުން ކުރިއަރަމުން އަންނަ މާކެޓެއް ކަމަށް އިންޑިއާ އަދި މި ލިސްޓްގައި ނުހިމެނެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވައިލި ނަމަވެސް ގިނަ ރިސޯޓްތައް އަދި ވެސް ހުޅުވާލާފައެއް ނުވެއެވެ. އަދި ގެސްޓް ހައުސްތަކަށް ހުއްދަ ދިނުމަށް ވެސް ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖެ އަށް ޓުއަރިސްޓުންނަށް މިހާރު އާދެވެނީ ކޮވިޑް ނެގެޓިވް ޓެސްޓެއް ހުށަހެޅުމުންނެވެ. ރާއްޖެ އަންނަ ބައެއް ޓުއަރިސްޓުން ވެސް ދަނީ ކޮވިޑް އަށް ޕޮސިޓިވް ވަމުންނެވެ. ލޮކްޑައުންގެ ދުވަސްތަކަކަށް ފަހު ބައެއް ލުއިތައް ދީ ބޯޑަރު ހުޅުވައިލި ފަހުން ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ އެވްރެޖްކޮށް 150 އަށް ވުރެ މަތީގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0