Russiain Rajjeah Hafthaa aku dhe Flight Fashanee

3 ސެޕްޓެމްބަރ 2020 - 9:12

ރާއްޖެ އަށް ހަފުތާއަކު ދެ ފްލައިޓް އޮޕަރޭޓްކުރުމުގެ ހުއްދަ ރަޝިޔާގެ ސަރުކާރުން ދީފިއެވެ.

ރަޝިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިސްރާއި ޔޫއޭއީ އަދި ރާއްޖެ އަށް ފްލައިޓްތައް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި ބޮޑުވަޒީރު މިޚައިލް މުޝުސްޓިން ސޮއިކުރައްވާފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ގާޚިރާ އަށް ހަފުތާއަކު ތިން ދަރުތުކުރާނެއެވެ. އަދި ދުބާއީ އާއި ރާއްޖެ އަށް ހަފުތާއަކު ކޮންމެ މަންޒިލަކަށް ދެ ދަތުރު ކުރާނެއެވެ.

advertisement

ރަޝިޔާ އިން ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވަނީ ވަކި މިންގަނޑުތަކަކަށް ފެތޭ މަންޒިލްތަކަށެވެ. އެ ގޮތުން މި ހުއްދަ ދިނުމުގައި ބަލާފައި ވަނީ ފާއިތުވި 14 ދުވަހު އާބާދީގެ ނިސްބަތުން ކޮންމެ އެއް ލައްކަ މީހެއްގެ ތެރެއިން 40 މީހުންނަށް ވުރެ މަދުން ކޮވިޑް 19 އަށް ޕޮސިޓިވްވަމުން އަންނަ ސަރަހައްދުތަކަށެވެ. އަދި އަލަށް ޕޮޒިޓިވްވާ ނިސްބަތް ހަފުތާއަކު އެއް ޕަސެންޓަށް ވުރެ މައްޗަށް ނޭރުމަކީ ވެސް އެ ގައުމުން ބަލާފައިވާ މިންގަނޑެކެވެ.

ރަޝިޔާ އިން އެ ގައުމުގެ ބޯޑަރު ބަންދުކޮށް ވައިގެ ދަތުރުފަތުރުތައް ހުއްޓާލާފައި ވަނީ މާޗް މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން ހާލަތު ރަނގަޅުވުމާ ގުޅިގެން އޯގަސްޓް މަހުން ފެށިގެން ބައެއް ގައުމުތަކަށް ދަތުރުތައް ކުރުމުގެ ހުއްދަ އަންނަނީ ދެމުންނެވެ. އެ ގޮތުން އިނގިރޭސި ވިލާތާއި ޓެންޒޭނިއާ އަދި ތުރުކީ އަށް އޯގަސްޓް 1 ގައި ހުއްދަ ދީފައި ވެއެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސްވިޒަލޭންޑަށް ދަތުރުކުރުގެ ހުއްދަ ވެސް އެ ގައުމުން ދީފައި ވެއެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިޔާއަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ ޓުއަރިސްޓުން އަންނަ ގައުމެކެވެ. ޖެނުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެ އަށް 14 ވަނަ އަށް އެންމެ ގިނައިން ޓުއަރިސްޓުން އައިސްފައި ވަނީ ރަޝިޔާއިންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0