Thanavaskan Hoadheyny India aa Gulhun Baavaigen: Raees Nasheed

3 ސެޕްޓެމްބަރ 2020 - 14:51

ދިވެހި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި ދިވެހިންގެ ތަނަވަސްކަން ދެމެހެއްޓޭނީ ވިސްނުންތެރިކަމާ އެކު އެ ގުޅުން ދެމެހެއްޓިގެން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން އިންޑިއާއަށް ފާޑުކިޔަމުން ދާދިޔުމަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ ވެސް އިންޑިއާއާ އޮތް ގުޅުމުގެ ސަބަބުންނެވެ. އެ މަނިކުފާނު އެ އިޝާރާތްކުރައްވައި ވަނީ ތަމަޅައިންގެ ބަޔަކު ރާއްޖެ ހިފުމަށް ދިން އުދުވާނީ ހަމަލައިން ރާއްޖެ ސަލާމަތްކޮށްދިނުމުގައި އިންޑިއާ ސިފައިން އަދާކުރި މުހިންމު ދައުރަށެވެ.

advertisement

އެމަނިކުފަނު ވިދާޅުވީ “ދިވެހިންގެ ތަނަވަސްކަން ހޯދޭނީ ވެސް އެ ގުޅުން ވިސްނުންތެރިކަމާ އެކު ގެންގުޅެގެން” ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ވަޒީރުން އެކަން ކުރައްވާނެ ކަމާާ މެދު ޝައްކުނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު އިންޑިއާ އިން އެކި ނަންނަމުގައި ލޯނު ނަގައި އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ. އަދި މި ސަރުކާރުން ރާއްޖެ އިންޑިއާ އަށް ވިއްކާލަން އުޅޭ ކަމަށް އެ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

އަބަދު ވެސް އިންޑިއާއާ ގާތްގުޅުމެއް ގެންގުޅުއްވާ ރައީސް ނަޝީދު ވަނީ އިންޑިއާއާ އެންމެ ވާދަވެރި އެއް ގައުމުކަމަށްވާ ޗައިނާ އަށް ވެސް ފާޑުވިދާޅުވެފައެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު ޗައިނާއަށް އަމާޒުކުރައްވައި އެ މަނިކުފާނު ބަސްތައް ވިދާޅުވެފައިވާ އިރު ރޭ ކުރެއްވި ޓްވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުން ޗައިނާއާ އެކު ހެދި “ޑީލްތައް” ދަރަނީގެ ދަންތުރަކަށް ވެފައިވާ ކަަމަށެވެ. އަދި އެކަމުގެ އެކަށީގެންވާ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދެވިފައި ނުވާތީ މި ސަރުކާރުން ގައުުމު ވިއްކާލިކަމުގެ ދޮގު ތުހުމަތު ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ދަނޑިވަޅުގައި ވެސް އިންޑިއާ އިން ގެންދަނީ ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އަދި މި ސަރުކާރުގެ މުހިންމު ގިނަ ޕްރޮޖެކްޓްތަކަށް އިންޑިއާ އިން ގެންދަނީ ފަންޑްކުރަމުންނެވެ. އެ ގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެއާ ބްރިޖަކުން ގުޅައިލުމުގެ ބިޔަ މަޝްރޫއަށް އިންޑިއާ އިން އަންނަނީ ފަންޑްކުރަމުންނެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުންދާ އިރު ސަރުކާރުގެ އިސް ފަރާތްތަކާއި މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ އަދި މި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެ ފަރާތްތަކަށް ރައްދު ދެމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0