Fenkunfuneege Flathah Anna Aharuge Junegai Havaalukureveyne: Shah

3 ސެޕްޓެމްބަރ 2020 - 15:47

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ހަދަމުން އަންނަ ފްލެޓްތަކުގެ ތެރެއިން އެމްޑަބްލިޔުއެސްސީގެ ފްލެޓްތައް އަންނަ އަހަރުގެ ޖޫން 26ގެ ކުރިން އެ ފްލެޓްތަކުގެ ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބޭއްވި ވާޗުއަލް ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓްވެންޓީތަރޑް މެޓަލެޓިކް ކޮންސްޓްރަކްޝަން ގްރޫޕް އޮފް މިންމެޓަލްއާ ހަވާލުކޮށްގެން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރާ ފްލެޓްތަކުގެ 65 ޕަސެންޓަވަރު މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބާކީހުރި މަސައްކަތް އަންނަ އަހަރުގެ ޖޫން މަހަށް ނިންމުމަށް ތާވަލްކުރެވިފައިވާ ކަމަށެވެ.

advertisement

ދެ ޓަވަރުގައި 384 އެޕާޓްމަންޓް ހިމެނޭ ގޮތަށް ތަރައްގީކުރާ މި ދެ އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ އިރު ފިނިޝިންގެ މަސައްކަތްތަކާއި އިތުރު އެހެން މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ދާ ކަމަށް ޝާހް ވިދާޅުވިއެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ދަތުރު ފަތުރުތަކަށް ބުރޫއަރާފައިވާތީ ތަކެތި ހޯދުމުގައި އުނދަގޫތަކެއް ހުރި ކަމަށް އެ މަސައްކަތްކުރާ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ ދަތިތަކެއް ހުރި ނަމަވެސް މުއްދަތަކަށް މަސައްކަތް ނިންމާލެވި އެ ތަންތަން ހަވާލުކުރެވޭވަރުވާނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ ފްލެޓްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ގޮތުން ދެކޮޓަރީގެ އެޕާޓްމަންޓެއްގެ ޖާގައިގެ ބޮޑު މިނަކީ 692.63 އަކަފޫޓާއި 701.28 އަކަފޫޓު ކަމަށްވާއިރު އަދި އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް އެކި ސައިޒްތަކަށް އަންނަނީ ތަރައްގީ ކުރަމުންނެވެ. އެ ގޮތުން 392.95 އަކަފޫޓާއި 405.18 އަކަފޫޓުގެ ތަންތައް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މެއިޑްރޫމްއާ އެކު ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް އެ ކުންފުނީގެ ޓަވަރުތަކުގައި ހުންނާނެއެވެ. އަދި ތިން ކޮޓަރީގެ 69 އެޕާޓްމަންޓް ވެސް އެ ޓަވަރުތަކުގައި ހިމެނެއެވެ. ޝާހް ވިދާޅުވީ އެ ކުންފިނީގެ 72 މުވައްޒަފަކު ފްލެޓްތަކަށް ކުރިމަތިލި ކަމަށާއި އެ ފަރާތްތަކަށް ފްލެޓް ލިބޭނެ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ކުންފުނިން ހަމަޖައްސައިދޭނެ ކަމަށް ވެސް އޭނާ .ވިދާޅުވިއެވެ

ރިއެކްޝަންސް
0
0
0
0
0
0
0