Hussain Mohamad akee undhagoo vaguthu thakugaves heyo lafaa dhevvi beyfulheh: Raees

4 ސެޕްޓެމްބަރ 2020 - 16:27

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދަކީ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް ހެޔޮލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ހަވަހާރަވި ހުސައިންގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން ހަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާ އެކުގައި ކަމަށާއި “ހުސެންނަކީ ގައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް” ކަމަށެވެ. އަދި އެއީ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

advertisement

ދައުލަތުގެ މީޑިއާގައި ހުސައިން އިސް މަގާމުތަކެއް ފުރުއްވާފައިވާ އިރު ރައީސް ސޯލިހް ވެސް ވަނީ ދައުލަތުގެ މީޑިއާގައި ކުރިން މަސައްކަތް ކުރައްވާފައެވެ. އަދި ދައުލަތުގެ މީޑިއާގައި ކުރިން ޚިދުމަތް ކުރެއްވި ބޭފުޅުންގެ މެދުގައި އުފައްދަވާފައިވާ ގްރޫޕްގައި ދެ ބޭފުޅުން ހިމެނިވަޑައިގަންނަވާ އިރު އެ ގްރޫޕުން ބާއްވާ އެކި ހަފްލާތަކުގައި ދެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ އިތުރުން މަޖިލީހުގައި 2005 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރު  އާ މަޖިލީހެއް ހޮވުމާ ހަމައަށް ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާފައިވެއެވެ. “މަރުހޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރުކުރައްވައި އާއިލާ އަށް ކެތްތެރިކަން ދެއްވާށި، އާމީން” ރައީސް ކުރެއްވި ޓްވީޓްގައި ވެއެވެ.

ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ހުސައިން، 71، އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ސިޔާސީ ދާއިރާގެ އިތުރުން ހުސައިން ވަނީ ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުކަން ޖެހިޖެހިގެން ތިން ދައުރު ފުރިހަމަކުރެއްވި އިރު އެންމެ ފަހުން ހުންނެވީ މަތިވެރި ދާއިރާގެ މެންބަރު ކަމުގައެވެ. އެއީ 2014 އިން 2019 ވަނަ އަހަރަށް ކުރިއަށް ދިޔަ އެންމެ ހަލަބޮލި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. ކުރިން ޑީއާރުޕީގައި ހުންނެވި ނަމަވެސް ފަހުން ހުސައިން މަސައްކަތްކުރެއްވީ ޖުމްހޫރީ ޕާޓީއާ އެކުއެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) ގައި ޚިދުމަތްތަކެއް ކުރެއްވި ހުސައިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތައް ވެސް ފުރުއްވާފައެވެ. އެގޮތުން އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ކަމާއި މިނިސްޓަރުގެ ނައިބުކަން ވެސް ކުރެއްވިއެވެ. މީޑިއާގެ ރޮނގުން ބަލާއިރު ހުސައިން ވަނީ ދައުލަތުގެ މީޑިއާ ތަރައްގީކުރެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފައެެވެ. އެގޮތުން ރޭޑިއޯ އާއި ޓީވީ އަށް ގިނަ ޚިދުމްތަކެއް ކުރެއްވުމުގެ އިތުރުން ހުސައިން ފާހަގަކޮށްލެވެނީ ބޭރު ދުނިޔޭގެ ޚަބަރުތައް ލިޔުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އެ ގޮތުން ބައެއް ނޫސް މަޖައްލާތަކަށް ވެސް ލިޔުއްވާފައި ވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0