Aburuge Gaanoonu Uvaalun: Hedhunu Goahehtha?

5 ސެޕްޓެމްބަރ 2020 - 15:37

ސޯޝަލް މީޑިއާއާ އެކު އެ މީހެއްގެ ވިސްނުން ހާމަކުރުމުގެ މިނިވަންކަން އިންތިހާ އަށް ވަނީ ހުޅުވިގެން ގޮސްފައެވެ. ކޮންމެ ކަމަކަށް ވެސް ފާޑުކިޔަންވީއެވެ. ކޮންމެ ހިޔާލެއް ވެސް ހާމަކުރަންވީއެވެ. ޒާތީ ކަންކަމުން ފެށިގެން ސިޔާސީ އަދި ގައުމީ މައްސަލަތަކުގައި ވެސް ހުއްޓުމެއް ނެތެވެ. މިހެން ގޮސް އަނެކާގެ އަބުރު ކަތިލުމުގެ ފުރުސަތު ވެސް ފަސޭހަކަމާ އެކު ސޯޝަލް މީޑިއާގެ ސަބަބުން ވަނީ ހުޅުވިގެން ގޮސްފައެވެ. މި ބަދަލާ އެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުދޫދުން ވަނީ ބޭރުވެފައެވެ. ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަންޖެހެއެވެ. ހައްދުން ބޭރުވާ ނަމަ އެ ރޮނގުގެ ތެރެއަށް ވެއްދޭނެ ނިޒާމެއް ގާއިމުކުރަންޖެހެއެވެ. އަނެކާގެ އަބުރަކީ ހިތުހުރި ގޮތަކަށް ނަގައިލެވޭނެ އެއްޗަކަށް ވެގެން ނުވާނެއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކުށަށް އަރައިގަތުމަށް ދެވޭ ހިތްވަރަކަށް ވެގެން ނުވާނެއެވެ. އެއީ ޓެރަރިޒަމަށް މަގުފަހިކޮށް، ހައްދުފަހަނަ އަޅައި ދިޔުމަށް ބާރުއަޅާ ހަތިޔާރަކަށް ވެގެން ނުވާނެއެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ ޑިކްޓޭޓަރުންގެ ކަމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް މިނިވަންކަން ބިނާ ވަނީ އަނެކާގެ މިނިވަންކަމަށް އަރައި ނުގަނެވޭނެ ގޮތަކަށެވެ. އެފަދަ ނިޒާމެެއް ގާނޫނީ ހުދޫދުގެ ތެރެއިން ގެނައުން މުހިންމު ވަނީ އެ ސަބަބަށްޓަކައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ގާނޫނެ އުފަންކުރުވިއެވެ. އޭރު އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މީޑިއާ މެދުވެރިކޮށްގެން މީހުން އަބުރު ހިތުހުރި ގޮތަކަށް ނަގާލަން ފުރުސަތު ލިބިފައި އޮތުމެވެ. އެ ގާނޫނު ވުޖޫދަށް އައުމާ ހަމައަށް މީހެއްގެ އަބުރު ނަގައިލުމުގެ އަދަބަކީ އެންމެ ގިނަ ވެގެން ވެސް 5،000ރ. އެވެ. އެހެން ކަމުން ވަކީލަކަށް 10،000ރ. ގެ ފީއެއް ދީގެން 5،000ރ. ގެ ބަދަލެއް ހޯދަން ކޯޓަން ދާން އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ.

advertisement

އަބުރުގެ ގާނޫނުގައި ގިނަ ކަންތައްތަކެއް ހިމެނުނެވެ. ނަމަވެސް އޭރު ގާނޫނު ބައްޓަންކުރި ފަރާތްތަކަށް ވިސްނިފައި އޮތީ އަބުރަކީ ހަމައެކަނި ޓީވީ ޗެނަލެއް މެދުވެރިކޮށް ނަގައިލެވޭ ކަމެއްގެ ގޮތުގައެވެ. އެހެންކަމުން މުޅި ގާނޫނު ބައްޓަންކުރީ މީޑިއާތަކަށެވެ. ހާއްސަކޮށް ބްރޯޑްކާސްޓަރުންނަށެވެ. ކެތްނުވާ ވަރުގެ ބޮޑެތި އަދަބުތައް ކަނޑައެޅީ މީޑިއާތަކަށެވެ. އަބުރު ނަގާލާ މީހާ އަށް އެއްވެސް ފޯކަސްއެއް ނެތެވެ. ދޭ އަދަބެއް ވެސް ކަނޑައެއް ނާޅައެވެ. އެހެންކަމުން މަގުސަދު ހާސިލް ނުވެ، އެ ގާނޫނު ވީ އަތަށް ގޮވި އެއްޗަކަށެވެ. ހިތުހުރި އެއްޗެއް ގޮވަމުން ދިޔަ ދިޔުން ހުއްޓުމަކަށް ގެނައުމަށް އެ ގާނޫނު ނުކުޅެދުނެވެ. ޖަލްސާތަކާއި ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގައި ހަމަ ކުރިއެކޭ ވެސް އެއްގޮތަށް އެކަން ކުރިއަށް ދިޔައެވެ. ކޮންމެ ފަދަ ބޮޑު ދޮގު ބުހުތާނު ވާހަކައެއް ވެސް ފަސޭހަކަމާ އެކު ފަތުރަންވީއެވެ. ނަމަވެސް ގާނޫނީ މަޅިން ސަލާމަތްވެގެންނެވެ. ޓީވީއަކުން ނުދައްކަނިކޮށް ނިމުނީއެވެ.

އާ ސަރުކާރެއް އައިސް ފުރަތަމަ އުވާލި ގާނޫނަކަށް އަބުރުގެ ގާނޫނު ވުމުގެ މައިގަނޑު ސަބަބަކީ ވެސް އެ ގާނޫނުގެ މަގުސަދު ހާސިލްނުވެ، މީޑިއާތަކަށް ބިރަކަށް ވުމެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި އުފަންކުރި ގާނޫނުން އެއްވެސް މީހެއްގެ އަބުރު ރައްކާތެރިނުވެ މީޑިއާތައް އިނދަޖެހުނީއެވެ. މުޅި މައްސަލައަށް އޮތީ ހައްލެއް ނުލިބިއެވެ.

މިއަދު އަނެއްކާ ވެސް އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ އަޑުތައް މިވަނީ ގަދަވެފައެވެ. ހުދޫދެއްގެ ތެރެއަށް ގެންނަޖެހޭ ކަން ގަބޫލުކުރާ މީހުން ގިނައެވެ. މީޑިއާތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތުހުރި އެއްޗެއް ގޮވުމުގެ މިނިވަންކަން އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް ހުދޫދެއްގެ ތެރޭގައި އޮންނަންޖެހޭކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަމަށް ހުދޫދުތަކެއް ކަނޑައަޅާ ގާނޫނެއް އޮަންނަންޖެހެއެވެ. އެއީ ކުރިން އޮތް އަބުރުގެ ގާނޫނު ކަމުގައި ނުވިޔަސް ހުދޫދުތަކެއް ކަނޑައަޅާނެ ގާނޫނެއް އަންނަން އެބަޖެހެއެވެ. މީހެއްގެ އަބުރުގެ އަގަކީ 5،000ރ އެއް ނޫންކަން ގަބޫލުކުރަން އެބަޖެހެއެވެ. ހިޔާލު ފާޅުކުރުމުގެ ތެރެއިން ކޮންމެ ކޮންމެ ވާހަކައެއް ނުދެއްކޭނެކަން އެނގެން އެބަޖެއެވެ. މައްސަލައަކަށް ވާންވީ ހަމައެކަނި ފާޅުކުރި ހިޔާލު ގެނެސްދިން ޓީވީ ޗެނެލް ނުވަތަ މީޑިއާ އެކަންޏެއް ނޫނެވެ. އެ ވާހަކަ ދެއްކި މީހާ ވެސް އޭގެ ޒިންމާ ނަގަންޖެހޭ ގޮތަށް ގާނޫނު ބައްޓަންވާން ޖެހެއެވެ. ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން ވިޔަސް އެ ފާޅުކުރާ ހިޔާލެއްގެ ޒިންމާ އެ ފަރާތްކުން ނަގާނެ ގޮތަކަށް ގާނޫނާއި ގަވާއިދުތައް ހަދަންޖެހެއެވެ. ކުށްވެރިވާންވީ ހަމައެކަނި އެ ހިޔާލު ގެނެސްދިން ވަސީލަތެއް ނޫނެވެ. އެ ހިޔާލު ފާޅުކުރި ފަރާތް ވެސް އެ އަށް ޖަވާބުދާރީ ވާންޖެހޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0