ރިޕޯޓް: ސިޔާސީ ފިކުރުއޮތީ ވަކި މީހަކު ވެރިކަމަށް ނުގެނައުމާއި ވެރިކަމުން ބޭލުމުގެ މައްޗަށް

1 އޯގަސްޓް 2023 - 15:10

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އަދިވެސް އޮތީ ވަކި ވަކި ފިކުރުތަކެއް ނުވަތަ އެ ފިކުރުތައް ތަމްސީލްކުރާ ޕާޓީތަކުގެ މައްޗަށް އެކުލެވޭ ސިޔާސީ އާބާދީއެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ގިނަ މީހުން ތާއީދުކުރަނީ ވަކި ފިކުރަކަށް ނޫނެވެ. 

އޭގެ ބަދަލުގައި އެ މީހުންގެ ސިޔާސީ ފިކުރު ބިނާވަނީ ވަކި މީހަކަށެވެ. އެފަދަ މީހުން އެ ތާއީދުކުރާ ފިކުރެއް ނުވަތަ ޕާޓީއެއް ނުވަތަ މީހަކަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތިބެނީ ތައްޔާރަށެވެ. އެކަމުގައި ގައުމީ މަސްލަހަތަށް ވުރެ އަބަދު ވެސް އިސްކުރެވެނީ ތާއީދުކުރާ މީހެއް ނުވަތަ ޕާޓީއެކެވެ. ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ.

advertisement

ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެކިއެކި ފިކުރުތައް

ރާއްޖޭގެ ސިޔާސީ ހަޔާތުގައި އަބަދުވެސް ފިކުރު އޮތީ ދެ ބަޔަކަށް ބެހިފައެވެ. އެއީ ރާއްޖޭގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރެއްވި އަދި އެމަނިކުފާނުގެ ވެރިކަން ބަދަލުކުރެއްވި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފިކުރެވެ. އެހެން ނަމަވެސް މިއީ މުޅިން ހަގީގަތެއް ނޫނެވެ. 

ޒަމާނާ އެކު އައި ބަދަލުތަކާ އެކު އެނގިގެން ގޮސްފައި ވަނީ ދިވެހިން ވެސް ސިޔާސީ ގޮތުން ފިކުރު ބިނާކުރަނީ ވަކި މީހަކު ވެރިކަމަށް ނުގެނައުމާއި ވެރިކަމުން ބޭލުމުގެ މައްޗަށްކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި އެކަން ބެހިގެން ދަނީ އެ އިރެއްގައި ވެރިކަމުގައި ހުންނަ ފަރާތަކާ އެއްކޮޅު ފިކުރާއި ދެކޮޅު ފިކުރަށެވެ. ވަކި މީހަކަށް ނުވަތަ ވަކި ވައްތަރެއްގެ ސިޔާސީ އުސޫލުތަކަށް ތަބާވެ އެ ގޮތުގައި ދެމި ތިބެނީ މަދު ބައެއްކަން ފާއިތުވި ދުވަސްތަކުގައި ހިނގައިދިޔަ ކަންކަމުން އެނގި ހާމަވެއެވެ.

ރައީސް މައުމޫނަކީ ގިނަ ބަޔަކު ތާއީދުކުރެއްވި ލީޑަރެކެވެ. އެހެން ނަމަވެއް އާރާއި ބާރު ގެއްލުމުން އެ މަނިކުފާނަށް ތާއީދުކުރާ މީހުން ވަނީ ވަރަށް މަދުވެފައެވެ. އޭގެ ފަހުން އެންމެ ގިނަ ބައެއްގެ ލޯބި ހޯއްދެވި ލީޑަރަކީ ރައީސް ނަޝީދެވެ. އެހެން ނަމަވެސް މި ފަހުން ފެނިގެންދިޔަ މަންޒަރަކީ އެމަނިކުފާނުގެ ފަހަތުން ޕާޓީ ދޫކޮށްފައި ނުވަތަ އެ މަނިކުފާނާ އެކު ސާބިތުވެ ތިބީ މަދު ބައެއް ކަމެވެ.

ރައީސް މައުމޫނަށް ފަހު ދެން އެންމެ ގިނަ ބަޔަކު ތާއީދުކުރާ އެއް ލީޑަރަކީ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހެން ނަމަވެސް މިވަގުތު ޖަލުގައި އޮތް އެމަނިކުފާނަށް ވެސް ހަގީގަތުގައި ތާއިކުރާ މީހުންގެ އަދަދަކީ ކޮބައިކަން ބުނަން ދައްޗެވެ. އެންމެ ފަހުން ބޭއްވި އިންތިހާބުގައި ލައްކެއެއްހާ މީހުންގެ ވޯޓު ހޯއްދެވި ނަމަވެސް އެއީ އެމަނިކުފާނަށްޓަކައި ގުރުބާންވާން ތިބި މީހުން ނޫންކަން މި ފަހުން ހިނގައިދިޔަ ކަންކަމުން ސާބިތުވެއެވެ. 

ފައިސާއާ ގުޅޭ އެކި ކުއްތަކުގައި ބޮޑު ހުކުމެއް އައިސް މިހާރު ޖަލުގައި އޮންނެވި ޔާމީނަށް ކިތަންމެ ގިނަ ބަޔަކު ތާއީދުކުރި ކުރި ނަމަވެސް އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އެ މަނިކުފާނުގެ ސަޕޯޓަރުން ބާއްވާ އެއްވުންތަކުން ދައްކުވައިދެނީ މުޅިން އެހެން މަންޒަރަކެވެ. މިހާރު ފެންނަމުންދަނީ ޕާޓީގެ ތެރެއިން ރައީސް ޔާމީން ނޫން ޗޮއިސްއެއް ހޯދަން މަސައްކަތްކުރާ މަންޒަރެވެ.

ވަކި ވަކި ލީޑަރުންނަށް ތާއީދުކުރާ މީހުންނަށް ވުރެ ޕާޓީ ފިކުރަށް ތާއިދުކުރާ މީހުން ގިނަކަން ޕާޓީތަކުގެ ދަފްތަރުން ވެސް ހާމަވެއެވެ. އެމްޑީޕީގައި ބައި ލައްކަ އަށް ވުރެ ގިނަ ރައްޔިތުން ރަޖިސްޓްރީވެފައި ވެއެވެ. ޕީޕީއެމްގައި ވެސް އެއާ ގާތްކުރާ އަދަދަކަށް މެންބަރުން އެބަ ތިއްބެވެ. ދެން ތިބި ޕާޓީތަކާއި ލީޑަރުންގެ ފަހަތުގައި 10 ވަރަކަށް ހާސް މީހުން އަބަދު ވެސް އެނބުރެއެވެ. އެހެން ނަމަވެސް ހަގީގަތުގައި އެއީ އެ ޕާޓީތަކަށް ނުވަތަ އެ ލީޑަރުންނަށް ތާއީދުކުރާ މީހުންގެ ސައްހަ އަދަދުކަމާ މެދު އަބަދު ވެސް ސުވާލު އުފެދެއެވެ.

ވަކި ފިކުރަކަށް ތަބާވުމުގައި ހައްދުފަހަނާ އަޅާދާ މީހުން ގިނަ

ވަކި ފިކުރަކަށް ތަބާވުމުގައި ހައްދުފަހަނަ އަޅާފައިވާ މީހުން ވެސް ފެނެއެވެ. އެ ގޮތުން އާއިލީ ގުޅުންތަކަށް ވުރެ އެމީހަކު ތާއީދުކުރާ ޕާޓީ ނުވަތަ ސިޔާސީ ލީޑަރަށް އިސްކަން ދޭތަން ފެނެއެވެ. ވަކި މީހަކަށް ތާއީދުނުކުރާ ނަމަ އާއިލީ ގުޅުން ކެންޑުމާއި ޕާޓީން ނުވަތަ ތާއީދުކުރާ ލީޑަރު ބުނެފި ނަމަ ކޮންމެ ފަދަ ކަމެއް ކުރަން ޖެހިލުން ނުވާ މީހުން ވެސް އެބަ ތިއްބެވެ.

ސިޔާސީ ފިކުރުގެ ތެރެއިން ފެންނަން އޮތް ހަގީގަތަކީ އަބަދު ވެސް ގައުމަށް ވުރެ ޕާޓީ ނުވަތަ ގަބޫލުކުރާ ފިކުރެއް އިސްކުރެވޭ ކަމެވެ އެއީ ގައުމަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ކަމުގައި ވިޔަސް މެއެވެ. އޭގެ އެއް މިސާލަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީން ވެސް ގައުމީ މަސްލަހަތަށް ވުރެ ޕާޓީ ނުވަތަ ޕާޓީގެ ލީޑަރުންގެ މަސްލަހަތު އިސްކޮށްފައިވާތަން ފެންނަން އޮތުމެވެ.

އޭރު ޕާޓީގެ ލީޑަރު ރައީސް ނަޝީދު ޖަލުގައި އޮންނެވި އިރު އެމަނިކުފާނު ޖަލުން ނެރުމަށްޓަކައި އެމްޑީޕީ ކުޑަކަކޫ މައްޗަށް ތިރިވިތަން ފެނުނެވެ. ހިތާ ދެކޮޅަށް އަދި ގައުމަށް ގެއްލުން ލިބޭނެ ކަމަށް އެމްޑީޕީން ބުނި ބައެއް ބިލްތަކަށް އެ ޕާޓީގެ މެންބަރުން ވޯޓު ދީ ފާސްކޮށްފައިވާކަން ފެންނަން އެބަ އޮތެވެ. 

މިހާރު ވެސް ކަން އޮތީ އެހެންނެވެ. އަމިއްލަ މަސްލަހަތަށްޓަކައި ނުވަތަ ޕާޓީއަށްޓަކައި ގައުމުގެ މަސްލަހަތަށް ބެލުމެއް ނެތި ނިންމުންތައް ނިންމާތަން ދަނީ ފެންނަމުންނެވެ. ގައުމަށް ކޮންމެ ފަދަ ގޮތެއް ވިޔަސް ތިމާ މީހާ ބޭނުން ކަންތައް ހާސިލްނުވުމުން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަނީއެވެ. 

ކޮންމެ ފަދަ ބޮޑު އޮޅުވާލުމެއް ވެސް އޮޅުވާލަނީއެވެ. ތިމާ އަށް ވެރިކަން ނުލިބޭ ނަމަ ޕާޓީ ކީއްކުރަން ހެއްޔެވެ؟ ގައުމު ވެސް ރޫޅާލަން ސިޔާސީ ލީޑަރުން ތިބެނީ ތައްޔާރަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0