Mudahrisun Kiyavaadhinumuge License Hoadhanjeheygothah Thauleemu Bill Faaskohfi

6 ސެޕްޓެމްބަރ 2020 - 16:19

ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ކިޔަވައިދިނުމުގެ ލައިސަންސް ހޯދަން ޖެހޭ ގޮތަށް ހިމަނައި ތަޢުލީމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 59 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ތަޢުލީމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި، މުދައްރިސުން ރަޖިސްޓްރީކުރުމާއި ގުޅޭ އެންމެހައި، ކަންތައްތައް ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު އުފައްދަންވާނެ ކަމަށް މި ބިލުގައި ވަނީ ބުނެފައެވެ.

advertisement

މުދައްރިސުންގެ ގޮތުގައި ތިބި މީހުން ޤާނޫނަށް ޢަމަލުކުރަންފަށާތާ 2 އަހަރު ދުވަހުގެ ތެރޭގައި އެ ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެއެވެ. ބޯޑުގައި ރަޖިސްޓްރީ ނުވެ އެއްވެސް ސްކޫލެއްގައި އަދި ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި މަސައްކަތް ކޮށްގެންނުވާނެކަމަށް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ. ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ތަޢުލީމުގެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރީނުކޮށް ތައުލީމުދޭ ތަންތަން ހިންގާ ނަމަ އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ބާރު މިނިސްޓްރީއަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި އެފަދަ ތަނެއް ހިންގަނީ ޤާނޫނާ ޚިލާފަށް ކަމަށްވާނަމަ ރަޖިސްޓްރީ ކުރުމަށް އެންގުމާއެކު ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރު ވެސް ވަނީ ދީފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0