Ehves Beyru Gaumehge Hathiyaaru Elhi Sifainneh Rajjeaku Nei: Shamaal

6 ސެޕްޓެމްބަރ 2020 - 18:54

އެއްވެސް ބޭރު ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތް ކަމަށާއި އެ ފުރުސަތު ރާއްޖެއިން ނުދޭނެ ކަމަށް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ރާއްޖޭގައި އެހެން ގައުމެއްގެ އަސްކަރީ ނުވަތަ މިލިޓަރީ ޕްރެސެންސް ނެތް ކަމަށެވެ.

advertisement

މިލިޓަރީ ޕްރެސެންސްގެ ގޮތުގައި ޝަމާލް ސިފަކުރެއްވީ ހަތިޔާރު އަޅައިގެން ތިބޭ، ވަކި މަގުސަދެއް ހާސިލްކުރުމަށް ތިބޭ ސިފައިންގެ ގޮތުގައެވެ. ޝަމާލް ވިދާޅުވީ ޓެކްނިކަލް ނުވަތަ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތިބޭ ތިބުން އެއީ މުޅިން ތަފާތު ކަމެއް ކަމަށެވެ. އެ ގޮތުން އިންޑިއަގެ ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމަށް ރާއްޖޭގެ ސިފައިންނާ އެކު އިންޑިއާގެ ސިފައިން ހަރަކާތްތެރިވަމުން އައުމަކީ މިލިޓަރީ ޕްރެސެންސްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމުގައި އިންޑިއާ ސިފައިން ބޭނުންކުރަނީ ހެލިކޮޕްޓަރު ދުއްވާ ދިވެހި ހާއްސަ ޕައިލެޓުން ނެތުމުން ކަމަށާއި ދިވެހިން ތަމްރީންކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަމާލް ވިދާޅުވި އެވެ. އަދި ދިވެހި ޕައިލެޓުން ހެލިކޮޕްޓަރު ދުއްވާ ތަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ކޮމާޝަލް ޕައިލެޓުންނަށް ދޭ ފަދަ މުސާރަ އާއި އިނާޔަތް ދެވެން ނެތުން ކަމަށާއި އެހެންކަމުން ދިވެހި ޕައިލެޓުން ހޯދަން އުނދަގޫ ކަމަށެވެ. ސިފައިންގެ ތެރޭގައި ތިބީ ހައެއްކަ ޕައިލެޓުން ކަމަށާއި އެއީ ތަފާތު އެކި ތަމްރީނު ޕްރޮގްރާމްތަކުގައި އެކި އެކަޑަމީތަކުން އެއާކްރާފްޓް ދުއްވުމުގެ ތަމްރީން ހަދާފައިވާ ފަރާތްތައް ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާލް ވިދާޅުވީ ހެލިކޮޕްޓަރުތަކުގެ މެއިންޓަނަންސްގެ ކަންކަން އިންޑިއާ ސިފައިން ބަލަހައްޓަމުން އަންނަނީ ވެސް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމަށާއި އޮޕަރޭޓްކުރަނީ ވެސް ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ގޮތުން ކޯސްޓްގާޑްގެ އުޅަނދުފަހަރު ވެސް މަރާމާތުކުރުމަށް އިންޑިއާ އަށް ގެންދާ ކަމަށާއި އެކަން ވެސް ކޮށްދެނީ އިންޑިއާ އިން ކަމަށެވެ.

“އެހެންވީމަ އޭގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި އެއް ތަނުން އަނެއް ތަނަށް ހެލިކޮޕްޓަރު އުދުހެނީ ވެސް އެމްއެންޑީއެފްގެ އިންސްޓްރަކްޝަނާ އެކީގައި،” ޝަމާލް ވިދާޅުވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0