Resort Muvahzafun Rashah Dheveygothah genai Islaahu: Siyaasee Kamehbaa?

7 ސެޕްޓެމްބަރ 2020 - 10:40

ރިސޯޓް މުވައްޒަފުން ޑިއުޓީ ގަޑި ނިމުމުން ރަށައްދެވޭގޮތައް ރައްޔިތުންގެ މަޖިލީހުން ވަޒީފާއާއިބެހޭ ޤާނޫނު މިވަނީ އިސްލާހުކޮށްފައެވެ. މިއީ ހަމަ ހަޤީގަތުގައިވެސް ރިސޯޓުގައި ވަޒީފާ އަދާކުރާ މީހުންނަށް ފައިދާކުރާނެ ކަމެއްތޯ ނުވަތަ ސިޔާސީ ކަމެއްތޯ މިދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ މިއީ ކުރެވިދާނެ ކަމެއްތޯ ސުވާލު އުފައްދާފައެވެ. ސަބަބަކީ ރާއްޖެ އުފެދިފައިވާގޮތުން މިކަން ކުރުމުގައި ދަތިތަކެއް ދިމާވެދާނެކަމަށް އެފަރާތްތަކަށް ޤަބޫލުކުރެވޭތީއެވެ.

advertisement

ރާއްޖޭގެ ރިސޯޓްތައް ތަރައްޤީކޮށްފައިވަނީ “ވަން އައިލެންޑް، ވަން ރިސޯޓް” ކޮންސެޕްޓަށެވެ. ރިސޯޓްތައް ތަރައްޤީކޮށްފައިވަނީ މީހުން ދިރިއުޅޭ ރަށްރަށާއި ވަކިންނެވެ. ޙާއްސަކޮށް މަތީ ފަންތީގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންނަށް މިނިވަންކަން ލިބޭނެކަން ކަށަވަރުކުރުމަށް މިފަދަ ރިސޯޓްތައް ތަރައްޤީކޮށްފައިވަނީ މީހުން ދިރިއުޅޭ ރަށްރަށާއި ވަރަށް ދުރުގައެވެ.

ރިސޯޓް މުވައްޒަފުން ޑިއުޓީ ގަޑި ނިމުމުން ރަށައްދެވޭގޮތް ހަމަޖެއްސުމަށް ރަނގަޅު ދަތުރުފަތުގެ ނިޒާމެއް ބޭނުންވާނެއެވެ. ގިނަ ރިސޯޓްތައް ތަރައްޤީކޮށްފައިވަނީ މާލެ ސަރަހައްދަށްވެފައި ރިސޯޓްގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ އަތޮޅުތެރޭގެ ރަށްރަށުގެ މީހުންނަށްވުމުގެ ސަބަބުން އެމީހުންނަށް އަނބުރާ ރަށައް ދެވޭނީ ދަތުރުފަތުރުކުރުމުގެ ރަނގަޅު ނިޒާމެއް ޤާއިމްވެފައިވާނަމައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރާއްޖޭގައި 5 ތަރީގެ ހޮޓެލް ޗެއިން ހިންގާ ކުންފުންޏެއްގެ އެޗްއާރ ޑިރެކްޓަރަކު ވިދާޅުވީ، މިކަން ތަންފީޒުކުރުމަށް ސަރުކާރުން ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރަންޖެހޭނެކަމަށެވެ. ރިސޯޓްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީ އަމިއްލަ އުޅަނދެއް ހިފައިގެން ރަށައް ދަތުރުކުރެވޭނެ މީހެއް ނޫންކަމަށާއި، މިކަމަށް އަމަލުކުރަންފަށާއިރު، އަމިއްލަ އުޅަނދުތަކަށް ރިސޯޓަށް ވަދެވޭނެ އިންތިޒާމްވެސް ހަމަޖައްސަންޖެހޭނެކަމަށެވެ.

މިކަމާއި ގުޅެގޮތުން ރާއްޖޭގެ މަތީފަންތީގެ ރިސޯޓެއްގެ ހޮސްޕިޓަލިޓީ ޕްރޮފެޝަނަލްއެއްކަމަށްވާ އާތިފް އިބްރާހިމް ވިދާޅުވީ، މި މުޅި ބިލަކީވެސް ސިޔާސީ ކަމެއްކަމަށެވެ. ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ރަށާއި ދުރުގައި މަސައްކަތްކުރާ ބައެއްކަމުން މިއީ ކުރަން ފަސޭހަކަމެއް ނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން އެކި ފަރާތްތަކުގެ ޚިޔާލު ތަފާތެވެ. 5 ތަރީގެ ރިސޯޓެއްގެ މެނޭޖަރަކު ވިދާޅުވީ، މިކަން ފަށައިގަތުމަށް ކުރީކޮޅު ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. މިކަން ތަންފީޒުކުރުމަށް މުޅި އޮޕަރޭޝަންއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. ސަބަބަކީ ފަތުރުވެރިކަމުގެ ޙިދުމަތްދޭ މީހުންނަކީ ދުވާލާއި ރޭގަނޑުވެސް މިކަމުގެ ތެރޭގައި އުޅެންޖެހޭ ބައެއްކަމުން ޑިއުޓީ ނިމުމުން މުވައްޒަފުން ރަށައް ފޮނުވުމުގައި ދަތިތަކެއް ދިމާވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މެނޭޖަރެއްގެ ހައިސިއްޔަތުން ވިސްނާއިރު މިއީ ވަރަށް އުނދަގޫ، ހަރަދުބޮޑު އަދި އެންމެ އިންސާފުވެރި ގޮތައް ނުވެދާނެކަމަށެވެ. މުވައްޒަފެއްގެ ހައިސިއްޔަތުން ވިސްނާއިރު ފުރުސަތުއޮތް ފަރާތްތަކަށް މިކަން ކުރެވޭނެ މަގު ފަހިކޮށްދޭންޖެހޭނެކަމަށް ޤަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރަނގަޅު ނިންމުމެއްގެ ގޮތުގައި ސިފަކުރާ ފަރާތްތައްވެސް މަދެއްނޫނެވެ. ރާއްޖޭގެ ރިސޯޓެއްގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރަކު ވިދާޅުވީ، ބައެއް ރިސޯޓުތަކުން މުވައްޒަފުންނާއިމެދު އަމަލުކުރަނީ ވަރަށް ހަރުކަށިކޮށްކަމަށެވެ. މި އިސްލާހުގެ ސަބަބުން މުވައްޒަފުންނަށް މިނިވަންކަންލިބި ވަޒީފާގެ އިތުރުން ދިރިއުޅުމުގެ ކަންކަމަށް ވަގުތު ލިބިގެންދާނެކަމަށެވެ. މި އިސްލާހާއިއެކު ދިވެހި އަންހެނުންނަށް ރިސޯޓްތަކުގައި މަސައްކަތްކުރުމަށް ބާރުއެޅިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ރިސޯޓް މުވައްޒަފުން ޑިއުޓީ ގަޑި ނިމުމުން ރަށައްދެވޭގޮތައް އިސްލާހު ގެނައުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.  މި އިސްލާހަށް ވިސްނާލާއިރު އެންމެ އެކަށީގެންވާގޮތައް ތަންފީޒުކުރެވިއްޖެނަމަ މިއީ ގިނަ އަދަދެއްގެ ރިސޯޓް މުވައްޒަފުންނަށް މީގެ ލާބައާއި މަންފާ ލިބިގެންދާނެ އިސްލާހެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0