ADB ge Fiyavalhu: Sarukaarah Amehkaaves Filaavalheh!

7 ސެޕްޓެމްބަރ 2020 - 20:04

ރާއްޖޭގެ އިގްތިސާދުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ ހިއްސާ ބޮޑެވެ. އޭގެ ތެއިން ވެސް މި ސަރަހައްދުގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔާ ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިއްސާ އިންތިހާ އަށް ބޮޑެވެ. ރާއްޖޭގެ ތަރައްގީގައި ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި އެ ބޭންކްގެ އެހީތެރިކަން އަގު ނުކުރެވޭހާ ގިނައެވެ. ހަމައެކަނި މިއަހަރަށް ބެލި ނަމަވެސް އޭޑީބީގެ މަޝްރޫއުތަކުގެ އެކު ޖުމްލަ ބިލިއަން ރުފިޔާ އަށް އަރައެވެ. އެހެންކަމުން އެފަދަ ފަރާތެއް މާޔޫސްވާ ގޮތަށް ގައުމެއްގެ ހައިސިއްޔަތުން އަމަލުކުރެވުމަކީ ނުރައްކާތެރި އަދި އެހާމެ ލަދުވެތި ކަމެވެ.

ވިޔަފާރިއާ ގުޅުން ހުރި މުއާމަލާތްތައް އެއް ވިއުގައެއްގެ ތެރެއިން ކުރެވޭނެ ގޮތަށް އިކޮނޮމިކް މިނިސްޓްރީ އާއި އެ މިނިސްޓްރީއާ ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އޭޑީބީގެ އެހީތެރިކަމާ އެކު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއު ހަވާލުކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފަޅާއަރައި އެ މަޝްރޫއު ހުއްޓާލުމަށް އެ ބޭންކުން އަންގަންޖެހުމަކީ ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި ޖެހުނު ބޮޑު ލައްގަނޑެކެވެ. ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 6.7 ބިލިއަން ޑޮލަރު (103 މިލިއަން ރުފިޔާ) އަށް އަރައެވެ.

advertisement

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް ހުއްޓާލުމަށް އޭޑީބީން އެންގީ، އެ މަޝްރޫއު ހަވާލުކުރި ކުންފުންޏަކީ އެ ބޭންކުން ކަނޑައަޅާފައިވާ އުސޫލްތަކާ ހިލާފު ކުންފުންޏަކަށް ވުމުން ކަމަށް އޮންލައިން ނޫހެއް ކަމަށްވާ “މިހާރު”ގައި ރިޕޯޓްކޮށްފައި ވެއެވެ. އެ ނޫހުން އޭގެ ކުރިން ވަނީ އެ މަޝްރޫގައި ހުރި ބޮޑެތި މައްސަލަތަކަކާ ބެހޭ ގޮތުން އިންވެސްޓިގޭޓިވް ރިޕޯޓެއް ވެސް ތައްޔާރުކޮށްފައެވެ.

ސިންގަލް ވިންޑޯ ޕްރޮޖެކްޓް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ހަވާލުކުރާނެ ބައެއް ހޮވާފައި ވަނީ އޭގެ ފަސް ވަރަކަށް މަސް ފަހުން ކަމަށް ރިޕޯޓުގައި ބުނެފައެވެ. އޭޑީބީގެ އުސޫލުގައިވާ ގޮތުން މި ޕްރޮޖެކްޓަށް ކުރިމަތިލެވޭނެ ގައުމުތަކެއް ކުރިން ވަނީ ކަނޑައަޅާފައެވެ. އެ ގޮތުން ކުރިމަތިލިވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން 68 ގައުމެއް ލިސްޓްކޮށްފައި ވެއެވެ. އޭގެ ތެރޭގައި މަޝްރޫއު ހިންގުމަށް ހަވާލުކުރި ވެބް ފޮންޓެއިންގެ އަސްލު ނިސްބަތްވާ ޔޫއޭއީ ނުހިމެނެއެވެ.

މައި އޮފީސް ޔޫއޭއީގައި ހުންނަ އެ ކުންފުނިން އަގު ބޮޑު މި މަޝްރޫއަށް ކުރިމަތިލީ ފިލިޕީންސްގައި ކަރުދާސް ގޮތްޕެއް ގާއިމުކޮށްގެން ކަމަށް ވެއެވެ. ކުރިމަތިލާން ކުންފުންޏަކީ ސިންގަލް ވިންޑޯ ޕްރޮޖެކްޓެއް އެއްވެސް ގައުމެއްގައި ހިންގާފައިވާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ފިނޭންސްގެ ބިޑް ޑޮކިއުމެންޓްގައި ބުނެފައިވީ ނަމަވެސް “މިހާރު” ގައި ރިޕޯޓްކޮށްފައިވާ ގޮތުން ފިލިޕީންސްގެ އެ ކުންފުންޏަކީ މިހާތަނަށް އެފަދަ އެއްވެސް މަޝްރޫއެއް ހިންގާފައިވާ ބައެއް ނޫނެވެ. އަދި އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ އެއަށް ވުރެ ހެޔޮ އަގުގައި އެކަން ކުރުމަށް އެހެން ކުންފުނިތަކުން ބިޑްކޮށްފައި ވަނިކޮށް ކަމަށް ވެސް ލިޔެކިޔުންތަކުން ހާމަވާ ކަމަށް ވެސް މީޑިއާ އިން ރިޕޯޓްކޮށްފައި ވެއެވެ. އަދި މަޝްރޫއު ހަވާލުކުރާ ކުންފުންޏަކީ ހަތަރު މިލިއަން ޑޮލަރަށް ވުރެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏަކަށް ވާންޖެހޭ އިރު ފިލިޕީންސްގެ ކުންފުނީގެ އެ ޝަރުތު ވެސް ހަމައެއް ނުވެއެވެ. އަދި ބިޑަށް ކުރިމަތިލީ އިރު ހުށަހަޅާފައި ވަނީ ޔޫއޭއީގެ މައި ކުންފުނިން ހިންގާފައިވާ މަޝްރޫއުތަކުގެ ލިޔެކިޔުންތައް ކަމަށް ވެއެވެ.

މިފަދަ ބޮޑެތި އޮޅުވާލުންތަކެއްގެ ތެރެއިން މި މަޝްރޫއުގެ ގެންދާ ކަމުގެ މައުލޫމާތު ލިބިގެން އެ ބިޑް ހުއްޓުވައިދިނުމަށް އެދި ޑިސެމްބަރު މަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް އަމިއްލަ ފަރާތަކުން ހުށަހަޅާފައި ވެއެވެ. ނަމަވެސް އެ މައްސަލަ އޭސީސީން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާތީ ދެ ވަނަ ފަހަރަށް ވެސް މައްސަލަ ހުށަހަޅާފައި ވެއެވެ. “މިހާރު” އިން ބުނެފައި ވަނީ އޭސީސީން މިކަމާ ބެހޭ ގޮތުން ކުރި މަސައްކަތް މިހާތަނަށް ވެސް އެ މައްސަލަ ހުށަހެޅި ފަރާތާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ގެންގުޅޭ މި ސަރުކާރުގައި މިފަދަ ބޮޑު ޖަރީމާއެއް ބަޔަކު ހިންގި އިރު އެކަން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތައް ކަމަށްވާ ފިނޭންސް މިނިސްޓްރީ އާއި އަދި މިފަދަ ކަންކަމަށް ފާރަލާން އޮތް އޭސީސީ އަށް ނޭނގި އަމިއްލަ މީޑިއާއަކުން ކުރި ތަހުގީގެއްގެ އެހީގައި ބައިނަލްއަގުވާމީ ބިޔަ ބޭންކަކުން ފިޔަވަޅު އަޅާ ހިސާބަށް ދިޔުމަކީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ގާއިމުކޮށްފައިވާ ނިޒާމުގައި ބާގަނޑުތައް ގިނަ އަދި ބޮޑުކަން ހާމަވާ ހެއްކެކެވެ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ބެލޭކަށް ނެތެވެ. އޭޑީބީ ފަދަ ބާރުގަދަ ބޭންކަކުން ފިޔަވަޅު އަޅާ ހިސާބަށް ދާ ނަމަ އެއީ ނުރައްކާތެރިކަމުގެ ސިގްނަލެކެވެ. ކުރިއަށް ހުރި ތަރައްގީގެ މަޝްރޫއުތަކާ މެދު ވެސް ސުވާލު އުފެދޭނެ ކަމެކެވެ. އަދި އޭޑީބީގެ އިތުރުން ރާއްޖެ އަށް މިފަދަ އެހީތަށް ދޭން ތިބި ބައިނަލްއަގުވާމީ ފަރާތްތައް ފަސްޖެހޭނެ ކަމެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ބައެއް އިދާރާތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މިފަދަ ދުވަސްވަރެއްގައި ހެކިތަކަށް ބުރަވެ، އޭޑީބީ ފަދަ ބައިނަލްއަގުވާމީ ޖަމާއަތަކުން ފިޔަވަޅެއް އެޅުމަކީ ކުޑަ ކަމެއް ނޫނެވެ.

މިފަދަ ކަންކަމުން ސަލާމަތްވުމަށް ނުވަތަ ލިބޭ ގެއްލުން ކުޑަކުރުމަށް އޮތް ހަމައެކަނި މަގަކީ އެކަން ކުރުމުގައި ބައިވެރިވި ފަރާތްތަކާ މެދު ޒީރޯ ޓޮލަރެންސްގެ ދަށުން ފިޔަވަޅު އެޅުމެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދާނޭ ގޮތެއްގެ މަތިން އިންތިޒާމްތައް ހަމަޖެއްސުމެވެ. ކޮރަޕްޝަންގެ މައްސަލަތަކުގައި މި ސަރުކާރުން މީގެ ކުރިން އަމަލުކޮށްފައި ވަނީ މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތިއެވެ. އެހެން ސަރުކާރުތަކާ ހިލާފަށް މަޖިލީހާއި ސަރުކާރުގެ އިސް ބޭފުޅުންގެ ފަރާތުން އެކަންކަން ހިމާޔަތްކުރުމުގެ ބަދަލުގައި އެ މައްސަލައެއް ތިލަކޮށް، އިސްލާހުކުރުމަށް ބޭރު އެޅުމަކީ ކަންކަން ރަނގަޅުކުރުމުގެ ނިޔައަތް ސަރުކާރުގައި އޮތްކަމުގެ ހެއްކެކެވެ. މިއީ ވެސް ލިބުނު ފިލާވަޅަކަށް ބަލައި އިސްލާހުކުރުން މުހިންމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0