Goaheh Nuhadhan, Technical Teamah Baeh Kankan Faahaga Nukurevunee: Finance

8 ސެޕްޓެމްބަރ 2020 - 13:00

ވިޔަފާރިއާ ގުޅޭ މުއާމަލާތްތައް އެއް ވިއުގައަކުން ގުޅާލުމަށް އޭޝިއަން ޑިވެލޮޕްމަންޓްގެ އެހީގައި ހިންގާ 100 މިލިއަން ރުފިޔާގެ ސިންގަލް ވިންޑޯ މަޝްރޫއު ހަވާލުކުރުމުގައި ގޯހެއް ހަދާފައި ނުވާ ކަމަށާއި ނަމަވެސް އިވެލުއޭޝަންގެ ތެރޭގައި ޓެކްނިކަލް އިވެލުއޭޝަން ޓީމަށް ބައެއް ކަންކަން ފާހަގަ ނުކުރެވި އޮތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމު ބައިވެރިއެއް ކަމަށްވާ އޭޑީބީގެ އެހީގައި ހިންގާ ސިންގަލް ވިންޑޯ މަޝްރޫއު ފިލިޕީންސްގެ ކުންފުންޏަކާ ހަވާލުކުރުމުގައި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކޮށް އެ މަޝްރޫއަށް ފަންޑުނުދެވޭނެކަން އޭޑީބީން ވަނީ އަންގާފައެވެ.

advertisement

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ހުސައިން ހަމީމް ވިދާޅުވީ ފިލިޕީންސްގެ ވެބް ފޮންޓެއިން އިންކޯޕަރޭޓެޑް ކުންފުނީގެ ޝަރުތުތައް ހަމަވާ ކަމަށާއި ނަމަވެސް އެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި އެ ކުންފުނިން ހުށަހަޅާފައި ވަނީ އެ ކުންފުނީގެ މައި އޮފީސް ހުންނަ ޔޫއޭއީގެ ކުންފުނީގެ ލިޔެކިޔުންތަކަށް ވުން ކަމަށެވެ. ޓެކްނިކަލް އިވެލުއޭޝަން ޓީމަށް އެކަން ފާހަގަވެފައި ނެތްކަން، މަސައްކަތް ހަވާލުކުރި ގޮތުގެ ރިވިއުއެއް ހެދުމުން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް ހުއްޓާލުމަށް އޭޑީބީން އެންގީ، އެ މަޝްރޫއު ހަވާލުކުރި ކުންފުންޏަކީ އެ ބޭންކުން ކަނޑައަޅާފައިވާ އުސޫލްތަކާ ހިލާފު ކުންފުންޏަކަށް ވުމުން ކަމަށް އޮންލައިން ނޫހެއް ކަމަށްވާ “މިހާރު”ގައި ރިޕޯޓްކޮށްފައި ވެއެވެ. އެ ނޫހުން އޭގެ ކުރިން ވަނީ އެ މަޝްރޫގައި ހުރި ބޮޑެތި މައްސަލަތަކަކާ ބެހޭ ގޮތުން އިންވެސްޓިގޭޓިވް ރިޕޯޓެއް ވެސް ތައްޔާރުކޮށްފައެވެ. ފިންސް އިން ވަނީ އެކަމާ ގުޅިގެން އެ މަޝްރޫއު ހަވާލުކުރި ގޮތުގެ ރިވިއުއެއް ހަދާފައެވެ.

ނަމަވެސް ހަމީމް ވިދާޅުވީ މަޝްރޫއު ހުއްޓާލަން އޭޑީބީން ނާންގާ ކަމަށާއި ނަމަވެސް ފަންޑްކުރެވެން ނެތްކަން އަންގާފައިވާ ކަމަށެވެ. މަޝްރޫއު ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ސަރުކާރަށް އެބަ އޮތް ކަމަށާއި ނަމަވެސް ސަރުކާރުން ނިންމީ އެއްބަސްވުން ބާތިލްކޮށް ބިޑަށް ހުޅުވާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިންގަލް ވިންޑޯ ޕްރޮޖެކްޓް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ހަވާލުކުރާނެ ބައެއް ހޮވާފައި ވަނީ އޭގެ ފަސް ވަރަކަށް މަސް ފަހުން ކަމަށް ރިޕޯޓުގައި ބުނެފައެވެ. އޭޑީބީގެ އުސޫލުގައިވާ ގޮތުން މި ޕްރޮޖެކްޓަށް ކުރިމަތިލެވޭނެ ގައުމުތަކެއް ކުރިން ވަނީ ކަނޑައަޅާފައެވެ. އެ ގޮތުން ކުރިމަތިލިވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން 68 ގައުމެއް ލިސްޓްކޮށްފައި ވެއެވެ. އޭގެ ތެރޭގައި މަޝްރޫއު ހިންގުމަށް ހަވާލުކުރި ވެބް ފޮންޓެއިންގެ އަސްލު ނިސްބަތްވާ ޔޫއޭއީ ނުހިމެނެއެވެ.

މައި އޮފީސް ޔޫއޭއީގައި ހުންނަ އެ ކުންފުނިން އަގު ބޮޑު މި މަޝްރޫއަށް ކުރިމަތިލީ ފިލިޕީންސްގައި ކަރުދާސް ގޮތްޕެއް ގާއިމުކޮށްގެން ކަމަށް ވެއެވެ. ކުރިމަތިލާން ކުންފުންޏަކީ ސިންގަލް ވިންޑޯ ޕްރޮޖެކްޓެއް އެއްވެސް ގައުމެއްގައި ހިންގާފައިވާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ފިނޭންސްގެ ބިޑް ޑޮކިއުމެންޓްގައި ބުނެފައިވީ ނަމަވެސް “މިހާރު” ގައި ރިޕޯޓްކޮށްފައިވާ ގޮތުން ފިލިޕީންސްގެ އެ ކުންފުންޏަކީ މިހާތަނަށް އެފަދަ އެއްވެސް މަޝްރޫއެއް ހިންގާފައިވާ ބައެއް ނޫނެވެ. އަދި އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ އެއަށް ވުރެ ހެޔޮ އަގުގައި އެކަން ކުރުމަށް އެހެން ކުންފުނިތަކުން ބިޑްކޮށްފައި ވަނިކޮށް ކަމަށް ވެސް ލިޔެކިޔުންތަކުން ހާމަވާ ކަމަށް ވެސް މީޑިއާ އިން ރިޕޯޓްކޮށްފައި ވެއެވެ. އަދި މަޝްރޫއު ހަވާލުކުރާ ކުންފުންޏަކީ ހަތަރު މިލިއަން ޑޮލަރަށް ވުރެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏަކަށް ވާންޖެހޭ އިރު ފިލިޕީންސްގެ ކުންފުނީގެ އެ ޝަރުތު ވެސް ހަމައެއް ނުވެއެވެ. އަދި ބިޑަށް ކުރިމަތިލީ އިރު ހުށަހަޅާފައި ވަނީ ޔޫއޭއީގެ މައި ކުންފުނިން ހިންގާފައިވާ މަޝްރޫއުތަކުގެ ލިޔެކިޔުންތައް ކަމަށް ވެއެވެ.

ހަމީމް ވިދާޅުވީ އެ މަޝްރޫއުގައި ހަވާލުކުރުމުގައި ކަންބޮޑުވުންތަކެއް ހުރިކަން މާޗް 3 ގައި އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ އެކު އޭޑީބީ އަށް ވަގުތުން އެކަން އަންގާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުއާ ގުޅޭ ކަންކަން މަޑުޖައްސާލުމަށް ފަހު ރިވިއުއެއް ފެށި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓެކްނިކަލް އިވެލުއޭޝަން ކޮމިޓީގައި ހިމެނެނީ އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެންސީއައިޓީ އަދި ކަސްޓަމްސް އާއި ފިނޭންސް މިނިސްޓްރީގެ ފަންނީ މުވައްޒަފުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ހަމީމް ވިދާޅުވީ ފިލިޕީންސް ކުންފުނިން ތަޖުރިބާގެ ގޮތުގައި ޔޫއޭއީގެ ކުންފުނީގެ ތަޖުރިބާގެ ލިޔެކިޔުންތައް ހަށަހަޅާފައި ވަނީ އޮޅުވާލައިގެން ނޫން ކަމަށާއި ތަޖުރިބާގެ ގޮތުގައި ހުށަހަޅާފައި ހުރީ ޔޫއޭއީގެ ކުންފުނިން އެކަން ކުރި ކަމުގެ ލިޔުންތައް ކަމަށެވެ. ނަމަވެސް މައްސަލައަކަށް ދިމާވީ އިވެލުއޭޝަންގެ ތެރޭގައި އެކަން ފާހަގަ ނުވެ އޮތުން ކަމަށް ވެސް ހަމީމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އެއްބަސްވުން އުވާލައި އަލުން މަޝްރޫއު ހުޅުވާލުމަށް އޭޑީބީން އެންގި ނަމަވެސް އެ މަޝްރޫއު ހަވާލުކުރުމުގައި އެ ބޭންކްގެ އެންޓި ކޮރަޕްޝަން ޕޮލިސީއާ ހިލާފުކަމެއް ފާހަގަކުރެވިނުވާ ކަމަށް އެ ބޭންކުން އަންގާފައިވާ ކަމަށެވެ. އަދި މަޝްރޫއު ހަވާލުކުރަން ކުރިން އޭޑީބީން ހުއްދަ ދިނީ ވެސް އެފަދަ ކަމެއް އެ ބޭންކަށް ވެސް ފާހަގަވެފައި ނެތުމުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަންސް
0
0
0
0
0
0
0