Idhikolhu faraaithakun siyaasy harakaaithah hingany vakkanthan foruvan – Ali Azim

8 ސެޕްޓެމްބަރ 2020 - 13:25

އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތައް ހިންގަނީ މިދިޔަ 5 އަހަރު ކޮށްފަހުރި ވައްކަންތައް ފޮރުވުމަށްކަމަށް އިދިކޮޅު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ތުހުމަތުކުރައްވައިފިއެވެ.

ރާއްޖެ ޓީވީއިން ގެނެސްދިން ސިޔާސީ ދުނިޔެ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން  އަލީ އާޒިމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތައް ހިންގަނީ އެބޭފުޅުން މިދިޔަ ވެރިކަމުގައި ކޮށްފައިހުރި ކަންތައްތައް ފޮރުވުމަށްކަމަށެވެ. އިދިކޮޅު ފަރާތްތަކުން ހީކުރަނީ މި ސަރުކާރަށް ޕްރެޝަރުދީގެން، މި ސަރުކާރު ވައްޓާލައިގެން އެކަންތައްތަކުން ސަލާމަތްވެވިދާނެކަމަށްކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ނާއިންސާފުން ފައިސާ ހޯދާފައިވާ ފަރާތްތައް ހޯދައިގެން އެމީހުންނާއި ދޭތެރޭގައި ތަހުޤީގުކޮށް ކޯޓާއި ހިސާބަށް މައްސަލަތައް ފޮނުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

advertisement

“ސިޔާސީ ހަރަކާތްތައް ހިންގަމުންދަނީ އެބޭފުޅުން މިދިޔަ 5 އަހަރު ކޮށްފަހުރި ކަންކަން ފޮރުވަން. އެބޭފުޅުން ހީކުރީ މި ސަރުކާރަށް ޕްރެޝަރުދީގެން، މި ސަރުކާރު ވައްޓާލައިގެން މި މީހުން މިކަމުން ސަލާމަތްވެދާނެއޭ. މީގެކުރިން ކުރި ވައްކަމުން ސަލާމަތްވެގެން ރީތިކޮށް މި މަގުމަތީގައި ނުކުމެ އުޅެލެވޭނެއޭ. މި ސަރުކާރުގެ ވައުދެއް އިންސާފު ހޯދަދިނުމަކީ. ނާއިންސާފުން ފައިސާ ހޯދާފައިވާ ފަރާތްތައް ހޯދައިގެން އެމީހުންނާއި ދޭތެރޭގައި ތަހުޤީގެއްކޮށް ކޯޓާއި ހިސާބަށް މައްސަލަތައް ފޮނުވުން.” އާޒިމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ރައީސް ޔާމީނު ސަލާމަތްކުރަން ނޫންކަން ފާހަގަކުރައްވައި އާޒިމް ވަނީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފުގައި މިއަދު ތިބީ ނިމިދިޔަ ސަރުކާރުގައި ނާއިންސާފުން ފައިސާ ހޯދާފައިވާ ފަރާތްތައްކަން ތުހުމަތުކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ މިކަމުން ރެކެންވެގެން ދައްކާ ވާހަކަތަކެއްކަމަށް އާޒިމް ވިދާޅުވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0