COVID-19 ge pandemicge thereygaa STO hihsaage faidhaa ah bodu adhadheh behy kyhve??

8 ސެޕްޓެމްބަރ 2020 - 14:01

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯ އިން ކޯވިޑް19 ގެ މިހާލަތުގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބޮޑު އަދަދެއް ބަހައިފިއެވެ. 2019 ވަނަ އަހަރު ކުންފުނީގެ ފައިދާއިން އެސްޓީއޯގެ ހިއްސާދާރުންނަށް ބަހާފައިވަނީ ހިއްސާއަކަށް 58 ރުފިޔާއެވެ. މިއީ ސަރުކާރުގެ އެހެން ކުންފުނިތަކާއި އަޅާބަލާއިރު ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ ތެރޭގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 383 މިލިއަން ރުފިޔާއެވެ. 

އެހެން ބައެއް ކުންފުނިތަކަށް ބަލާލާއިރު ދިރާގުން ހިއްސާގެ ފައިދާގެ ގޮތުގައި މިއަހަރު ބަހާފައިވަނީ ހިއްސާއަކަށް 12 ރުފިޔާއެވެ. 2019 ވަނަ އަހަރު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 942 މިލިއަން ރުފިޔާއެވެ. އުރީދޫގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 3.30 ރުފިޔާއެވެ. މިދިޔަ އަހަރު އުރީދޫއަށް ލިބިފައިވާ ފައިދާގެ ޖުމްލަ އަދަދަކީ 599 މިލިއަން ރުފިޔާއެވެ. 

advertisement

މީގެއިތުރުން ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއިން ވެސް ހިއްސާދާރުންނަށް ބަހާފައިވަނީ އެސްޓީއޯއާއި އަޅާބަލާއިރު މަދު އަދަދެކެވެ. އެމްޓީސީސީއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހާފައިވަނީ ހިއްސާއަކަށް 2 ރުފިޔާއެވެ. 2019 ވަނަ އަހަރު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 53.3 މިލިއަން ރުފިޔާއެވެ. 

ދުނިޔޭގެ އެހެން ބައެއް ބޮޑެތި ކުންފުނިތަކުންވެސް ކޯވިޑް19 ގެ މިހާލަތުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ މަދު އަދަދެކެވެ. ކޮކާކޯލާއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ ހިއްސާއަކަށް 1.60 ޑޮލަރެވެ. މިއީ 24.6 ރުފިޔާއެވެ. މައިކްރޯސޮފްޓްއިން ބަހާފައިވަނީ ހިއްސާއަކަށް 2.04 ޑޮލަރެވެ. މިއީ ހިއްސާއަކަށް 31.4 ރުފިޔާއެވެ. 

ކުންފުނީގެ ފައިދާގެ ބައެއް ހިއްސާދާރުންނަށް ނުބަހައި ބެހެއްޓުމަކީ އެންމެ ރަނގަޅުކޮށްކަމަށްބުނެ ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވީ، ކުންފުނީގެ ފައިދާގެ ވަކި އިންސައްތައެއް ހިއްސާދާރުންނަށް ނުބަހައި ބެހެއްޓުމަކީ ފަހަށް ވިސްނާއިރު އެންމެ ރަނގަޅު ގޮތްކަމަށެވެ. ސަބަބަކީ މީގެ ސަބަބުން އިންވެސްޓްމަންޓްތަކާއި ކުންފުނި އިތުރަށް ފުޅާކޮށް ފައިދާ ހޯދުމަށް މަގުފައިވެގެންދާނެކަމަށެވެ. ނަމަވެސް އެކި ކުންފުނިތަކުން ކުންފުނީގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ބެހުމަށް ތަފާތު ގޮތްތައް އަންނަނީ ގެންގުޅެމުންނެވެ.

ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ، މިކަމުގައި ބައެއް ފަރާތްތަކުން ޕޮޒިޓިވްކޮށް ދެކޭއިރު އަނެއްބަޔަކު ނެގެޓިވްކޮށްދެކޭކަމަށެވެ. ޕޮޒިޓިވްކޮށް ދެކޭފަރާތްތައް ބުނާގޮތުން ކުރިއަށްއޮތްތަނުގައި އިތުރު ކެޕިޓަލް ކުންފުންޏަށް ލިބުމަށް މީގެ ސަބަބުން އެހީވެދޭނެކަމަށް ޤަބޫލުކުރާކަމަށެވެ. ނަމަވެސް ނެގެޓިވްކޮށް ދެކޭފަރާތްތަކުން ބުނަނީ ކުރިއަށްއޮތްތަނުގައި އެސްޓީއޯއަށް ރަނގަޅު ޕްރޮޖެކްޓްތަކެއް ލިބުމުގެ ފުރުސަތު ކުޑަވުމުގެ ސަބަބުން ހިއްސާގެ ފައިދާ ބެހުމަކީ އެންމެ ރަނގަޅުގޮތްކަމަށް ހިއްސާދާރުންނަށް ޤަބޫލުކުރެވުމެވެ.

ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތްކުރަމުންދާ ހޮޓެލްގެ މަސައްކަތްވެސް އެކަށީގެންވާ ވަރަށް ފައިސާ ނެތުމުގެ ސަބަބުން ހުއްޓިފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ކޯވިޑް19 ގެ މި ދަނޑިވަޅުގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބޮޑު އަދަދެއް ބެހުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ދާއިރާގެ ބައެއް ފަރާތްތަކުން ދެކެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0