Indiage Askaree Dhe Mathindhaaboathu aai Thamreenthakeh!

8 ސެޕްޓެމްބަރ 2020 - 15:21

އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓު މިއަދު ހަނިމާދޫ އަށް ޖެއްސީ ދިވެހި ސިފައިންނާ ގުޅިގެން ހިންގާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ޑޯނިއާ ދެ މަތިންދާބޯޓު މިއަދުގެ ވަގުތެއްގައި ހަނިމާދޫ އިންޑިއާނޭޝަނަލް އެއާޕޯޓަށް ޖެއްސި މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއާ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ކޯސްޓް ގާޑާއި އިންޑިއާގެ ނޭވީ ގުޅިގެން ހިންގާ އޭރިއަލް ސާވަޔަލަންސް ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޖޮއިންޓް އޮޕަރޭޝަނެއް ކަމަށެވެ.

advertisement

އެމްއެންޑީއެފް އިން ބުނީ ދެ މަތިންދާބޯޓުގެ ތެރެއިން އެއް ބޯޓު މިއަދު އެނބުރި ދާނެ ކަމަށާއި އަނެއް ބޯޓު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ހާއްސަ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާއާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް އިންޑިއާ އިން އަންނަނީ ކުރަމުންނެވެ. އަދި މި މަސައްކަތުގެ ތެރެއިން ދެ ގައުމުގެ ސިފައިން ގުޅިގެން އެކި ދުވަސްވަރު މަތިން މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގައެވެ.

އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓު ރާއްޖެ އައިސްފައި މި ވަނީ އިންޑިއާގެ ދެ ހެލިކޮޕްޓަރު ބެލެހެއްޓުމަށް އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އަދި އިންޑިއާ އިން ގެންނަ މަތިންދާބޯޓާ އެކު އިތުރު ސިފައިން ރާއްޖެ އަންނަ ކަމަށް ބުނެ އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައި އިދިކޮޅުން “އިންޑިއާއައުޓް”ގެ ނަމުގައި ކެމްޕެއިނެއް ފަށާފައި ވަނިކޮށެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0