JSC ah Nasih Ahyankuruvaifi

9 ސެޕްޓެމްބަރ 2020 - 10:16

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް މިއަދު އައްޔަންކުރައްވައިފިއެވެ.

ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީ އަށް ނާސިހް އައްޔަންކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވަނީ ފަތްކޮޅު ހަވާލުކުރައްވާފައެވެ. އެ ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި ލައްވައިދިނީ މި ކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމްއެވެ.

advertisement

މިދިޔަ ހަފުތާގެ ތެރޭގައި ސީއެސްސީގެ މެންބަރު ކަމަށް ނާސިހަށް މަޖިލީހުން ރުހުން ދީފައިވާ އިރު އެ ކޮމިޝަންގެ ރައީސް ކަމަށް ނާސިހް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ނިންމާފައި ވަނީ މި ހަފުތާގައި ބޭއްވި ޖަލްސާގައެވެ.

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ކ) އާއި ޖޭއެސްސީގެ ގާނޫނުގެ 3 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގައިވާ ގޮތުން ޖޭއެސްސީގެ މެންބަރުންގެ ތެރޭގައި ސީއެސްސީގެ ރައީސް ހިމެނިވަޑައިގަންނަވައެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރުމާ ހަމައަށް ނާސިހް ހުންނެވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. ނާސިހް ވަނީ ހިންގުމުގެ ދާއިރާ އިން 28 އަހަރުގެ ތަޖުރިބާ ހޯއްދަވާފައެވެ. އަދި މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައި ވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0