ރިޕޯޓް: އިންތިހާބަށް ސިޔާސީ މީހުން ރަށްރަށަށް ދިއުމުން އަތިރިމައްޗަށް ނުކުމެ ނަށައި ސަފު ހެދުން މަދުވެއްޖެތަ؟

19 އޯގަސްޓް 2023 - 16:43

ޒަމާނުއްސުރެންވެސް ރާއްޖެތެރެއަށް ސިޔާސީ މީހަކު އަންނަ އިރު އެމީހެއްގެ އިސްތިގުބާލުގައި ރަށުގެ ކުދި ބޮޑު އެންމެން ކަހަލަގޮތަކަށް ނިކުމެ ތިބެއެވެ. 1990ގެ އަހަރުތަކުގައި ރަށަކަށް އޭރުގެ ރައީސް މައުމޫނު އަންނަ ނަމަ ރައީސްގެ ކާރު ދުއްވަން ހާއްސަކޮށް ވަކި މަގުތަކެއް ކަނޑައަޅައި އެމަގުތަކަށް ދޮންވެލި ލާ ގަސްޖަހައި ރީތިކުރެއެވެ. އެމަގުތަކުގައި ހުންނަ ގެތަކުގެ ފާތުތަކުގައި އުވަލައި ހުދުކޮށް ޗާލުކުރެއެވެ.

ބައެއް ފަހަރު ރައީސަށް ރަށަށް އާދެވޭ އިރު މާގަސްތައް މިލާފައިވެސް ހުރެއެވެ. އެއީ އެދުވަހު ތަނަކުން ގެނެސް މަގުގައި މާގަސް އިންދީމާ ވާގޮތެވެ. ގިޑިގެ ހަދައި ބަނދަރުމަތި ނަލަކޮށް، މަދަރުސާތަކުގެ ކުދިން ނަލަހެދިގެން ގޮސް ގައުމީ ދިދަ ހިފައިގެން ފާލަން މަތީގައި ނުވަތަ ޖެޓީ ކައިރީގައި އެތުރި ތިބެއެވެ. 

advertisement

އެއަންނަ މެހުމާނެއް ކުރިމަތީ ނެށުމާއި، ކަރުގައި މާފަތި އެޅުވުމާއި ސިއްހަތު ރަނގަޅު އަންހެން ކުދިން ރޭގަނޑު އަތޮޅުގެއަށް ފޮނުވުންވެސް އޭރު އޮވެއެވެ. ފާލަން މަތީގައި އަވީގައި ތިބެން ޖެހުމުން ބައެއް ކުދިން މޫނުމައްޗަށް އަނދިރިވެ ހުރިދިމާ ބިންމައްޗަށް ވެއްޓެންވެސް ވެއްޓެއެވެ. މިހެން ތިއްބައި ބައެއް ފަހަރު ރައީސް ބައެއް ރަށްރަށަށް ނުގޮސް އެނބުރި މާލެވެސް ދެއެވެ.

އެޒަމާނުގައި ބޮޑުންނަށް އިހުތިރާމް ދިނުން އޮންނަ ގޮތް

އައްޑުއަތޮޅަށް ކުރި ދަތުރެއްގައި އެއަތޮޅު ރަށްތަކަށް ޒިޔާރަތްކުރަމުން ގޮސް ވަކި ހިސާބަކުން ދަތުރު ކުރުކޮށް މާލެ ދިޔުމުން ބާކީ ހުރި ރަށްތަކުގެ މީހުން ރޮއެވެސް ހެދިކަމަށް ވެއެވެ. ކޮންމެއަކަސް އެއީ އެޒަމާނެވެ. މިނިސްޓަރެއް ވިޔަސް އަތޮޅުވެރިއެއް ވިޔަސް، ސަރުކާރުގެ “ބޮޑު” މީހެއް ކަމުގައި ރައްޔިތުން ދެކޭ މީހަކު ރަށަށް އަރައިފި ނަމަ އެމީހަކަށް އިހުތިރާމް ދިނުން އޮންނަނީ މިފަދައިންނެވެ.

މި ސަގާފަތަކީ އަޅުވެތިކަން ރަމްޒުކޮށްދޭ ސަގާފަތެއްކަމުން މިކަމާއި ދެކޮޅަށް މީހުން ވާހަކަދައްކަން ފެށިއެވެ. އިސްވެ އެވާހަކަތައް ދައްކަން ފެށީ އެމްޑީޕީ އިންނެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ ރަށަކަށް މާލެއިން ސިޔާސީ މީހަކު ދާއިރު ފާލަންމަތީ ތިބޭ މީހުން މަދެއް ނޫނެވެ. މަދަރުސާތަކުގެ ކުދިން ޔުނިފޯމުގައި ނުނެރުނު ނަމަވެސް އަދިވެސް ކުދިން ގެންގޮސް ސަފުހަދާފައި ބައިތިއްބާ ރަށްތައް ގިނައެވެ.

މަޖިލީހުގެ މެމްބަރުން އެ މެމްބަރެއްގެ ދާއިރާ އަށް ޒިޔާރަތް ކުރާއިރު، މާލޭގައި އޮންނަ އޭނާގެ ޓީމަކުން އޭނާގެ ފައިސާއިން ރަތްދޫލަ ގަނެފައި ރަށްތަކަށް ފޮނުވުމަކީ ވެސް މިހާރުވެސް ހިނގާ ކަންކަމެވެ. ރަށަށް ގޮސް މެމްބަރު ފައި ބީއްސާ ދޫލަ އަކީ ލޯބިން އޭނާގެ ދާއިރާ މީހުން އަޅާ އެއްޗެއް ނޫނެވެ. އެއީ ކަން ދެއްކުމުގެ ބޭނުމުގައި އޭނާ އަމިއްލައަށް ގަނެގެން ގެނެސް ފަތުރާލާ ދޫލައެކެވެ. އިހުތިރާމާއި ލޯބި އެއީ މިހާރު ސްޓޭޖް ކޮށްގެން ދައްކާލަން ކޮންމެހެން މުހިންމު ކަމެއް ކަމަށް ސިޔާސީ މީހުން ދެކެއެވެ.

މިއީ ކުރަން ނުޖެހޭ ކަމެއްކަމަށް ވާހަކަ ދެއްކި މީހުންވެސް ރަށްރަށަށް އަރައިގެން ދަނީ އެތުރިގެން ތިބޭ މީހުން އެމީހާގެ ކަރުގައި އަޅުވާ މާފަތި ކަރަށް މަހަމުން ހެމުންނެވެ. ނަމޫނާ ދައްކައި، ތިމަންނާ މީ މިފަދަ ނާތަހުޒީބީ އަމަލުތަކަށް ހިތްވަރުދޭނެ މީހެއް ނޫން ކަން އަމަލުން ދައްކައި، މާފަތި ނުގެނައުމަށާއި، ބަނދަރުމަތީގައި އެތުރި ނުތިބުމަށާއި، އެމީހުންނަށް ހުށަމަދުކުރުމަށް ނަށައި ގުދަށް ނުތިބުމަށް އަންގާނީ ކޮން ސިޔާސީ ވެރިއެއްބާއެވެ؟

މާލޭގައާއި ރާއްޖެތެރޭގައި މި ސަގާފަތް އޮތްގޮތް

މި ސަގާފަތް ކުރިއާ އަޅާކިޔާއިރު މިފަހަރުގެ އިންތިހާބުގައި މަދުކަމަށް ފާހަނގަކުރެވެއެވެ. ނަމަވެެސް އަދިވެސް މިކަން ހުއްޓިގެން ނުދާކަމީ ރާއްޖެތެރޭ މީހުން ކުޅަނދު ހަމަނޫންކަމަށް ބެލެވޭނެ ކަމެއް ކަމަށް ޓްވިޓަރގައި މީހަކު ފާޅުކޮށްފައި އޮތް ހިޔާލެއްގައިއޮތެވެ. 

ބަނދަރު މަރާމުތުކޮށްލިޔަސް، ވަށާފާރެއް ރޭނިޔަސް އަދި އެމްބިއުލަންސްއެއް ލިބުނަސް ގިނަ ރަށްރަށުގެ ރައްޔިތުންގެ މާލެއިން އަންނަ ސިޔާސީ މީހުން ރުއްސަން ޖެއްސުނު ވައްތަރެއް ޖައްސާފައި ނަށައި ބޮޑު ކެއުމެއް ކާންދިނުމަކީ ނުހުއްޓި އޮތް ލަދުވެތި އާދައެކެވެ.

ޕާޓީ އެކްޓިވިސްޓުން ގޮތުގައި އުޅޭ ރަށްރަށުގެ މީހުންގެ ނާޖާއިޒު ފައިދާ ނަގައިގެން އެމީހުން ލައްވާ ހިލޭ ސާބަހަށް ރަށު ވިސްނުމުގައި މަސައްކަތް ކުރުވާތާ ވީޒަމާނެއް ވީއެވެ. މާލޭގެ ތާރު މަގާ ބުރިޖު ހުޅުވި އިރަކު މާލޭ އުޅޭ މީހުން މާފަތި ހިފައިގެން ރަތްދައްކާ އަވީގައި ނަށާ ކޭންތައްޔާރުކުރަން އުޅުނުތަނެއް ހަމަގައިމުވެސް ނުދެކެވެ.

އަދި ހިލޭ ބިލިއަން ރުފިޔާގެ ގެދޮރު ބަހާލިއިރުވެސް މާލޭގެ ރައްޔިތުން މަގު މައްޗަށް ނިކުމެ ނަށައި ވައްތަރު ޖައްސާ އުޅުނު މަންޒަރެއް ނުފެނެއެވެ. ރާއްޖެތެރޭގެ ރަށްރަށް ތަހުޒީބުވާނީ ސިޔާސީ މީހަކު ދާއިރަށް ސަފުަހަދައި, ނަށައި ޖެއްސުނުހާ ވައްތަރެއް ޖެއްސުން ހުއްޓާލި ދުވަހަކުންނެވެ

ރިއެކްޝަންސް
1
0
2
0
0
0
0