India Kochin aa Kulhudhuhfuttaa dhemedhu Cargo Ferry hidhumaih fashany.
September 10, 2020
އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުޓާދެމެދު މިމަހުގެ ފަހުކޮޅު ކާގޯ ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މިހާރު ކުރިއަށްދަނީ މިކަމާއިގުޅޭ އެންމެ ފަހުގެ ތައްޔާރީތައްކަމަށެވެ.
މިމަހުގެ ފަހުކޮޅު، ފުރަތަމަ ކާގޯ ފެރީ ބާއްވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހަރު ވަނީ ވިދާޅުވެފައެވެ. ކާގޯ ފެރީގ ޙިދުމަތް ފެށިގެންދާއިރު އަމާޒަކީ މަހަކު ދެ ފެރީ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ބޭއްވުމަށްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މިހާރު ވަނީ ކުޅުދުއްފުށީ ދާއިރާގެ މެންބަރުންނާ ބައްދަލުކުރައްވައި މިކަމާގުޅޭ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.
ކުޅުދުއްފުއްޓާއި ކޮޗިންއާއި ދެމެދު ކުރާ ކާގޯ ފެރީގައި ގެންނަ މުދާ އަރުވާ ބޭލުމުގައި ބޭނުންކުރާނީ ޓަގުބޯޓާއި ބާޖެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މިގޮތައް އަމަލުކުރަން ނިންމާފައިވަނީ ކާގޯ ފެރީގެ ގޮތުގައި ބޭނުންކުރަނީ ބޮޑެތި ފެރީތައްކަމަށްވުމުން ކުޅުދުއްފުށީ ބަނދަރަށް އެފެރީތައް ނުވެއްދޭނެތީއެވެ.
ކޮޗިންއިން އަންނަ ބޯޓު ފުރަތަމަ ކައިރިކުރާނީ ކުޅުދުއްފުއްޓަށެވެ. އަދި އެއަށްފަހު މާލެ ބަނދަރަށްވެސް ކައިރިކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. ކޮޗިންއާ ކުޅުދުއްފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ ރާއްޖޭގެ ލޯކަލް އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިންއެވެ.



