އަމިއްލަ ހިޔާލު: ވޯޓު ލާ މީހުން މަދުވެދާނެތަ؟

20 އޯގަސްޓް 2023 - 15:55

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރީ-ރެޖިސްޓްރީ ވުމަށް ހުޅުވައިލި ފުރުސަތުގައި ތިމާ ނިސްބަތްވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައި ވަނީ 35،000 މީހުންނެވެ. އެއްބަޔަކު ދެކޭ ގޮތުގައި މިއީ އެހެން ފަހަރުތަކާ އަޅާބަލާއިރު މަދު އަދަދެކެވެ. މިކަމުން ދޭހަކޮށްދެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޓާން އައުޓް ނުވަތަ ވޯޓުލާ މީހުންގެ ނިސބަތް މަދުވުން ހެއްޔެވެ؟

އެންމެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލުމުން 95،000 މީހުން ރަޖިސްޓްރީކުރިއެވެ. މި ފަހަރު އެ ފުރުސަތު މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް ހަމަވި އިރު އޮންލައިންކޮށް 22،882 އަދި ފޯމް ހުށަހަޅައިގެން 19،985 ރަޖިސްޓްރީކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި ވެއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އަންދާޒާކުރި ގޮތުގައި މި ފަހަރު ރީ-ރެޖިސްޓްރީކުރާ މީހުންގެ އަދަދު ލައްކައަކަށް އަރާނެ އެވެ. 

advertisement

ރީ-ރެޖިސްޓްރީކުރި މީހުންގެ އަދަދު 

އެހެން ނަމަވެސް އޭރު އޮތީ މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކުގައި އަމަލުކުރާ ގޮތަށް އެ މީހަކު ނިސްބަތްވާ ރަށަކުން ނުވަތަ “ސުމަކުން” ރަޖިސްޓްރީ ފަށާ ގޮތަށެވެ. އެހެން ނަމަވެސް ގައުމީ ލަފާ ދޭ ކޮމިޓީގައި މިކަމާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހުން ނިންމީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ މީހަކު ރަޖިސްޓްރީވެފައިވާ ތަން ހިމަނައިގެން ލިސްޓް ނެރުމަށެވެ. 

އެހެންކަމުން ކުރީ އިންތިހާބުތަކާ އަޅާބަލާއިރު މި ފަހަރު ރީ-ރެޖިސްޓްރޭޝަން މަދުވާނެކަން ކުރިން ވެސް އޮތީ އަންދާޒާކުރެވިފައެވެ. އެ ގޮތުން ކޮމިޝަނުން އަންދާޒާކުރީ 30،000 އާއި 40،000 ދެމެދުގެ އަދަދެކެވެ. މި އަންދާޒާ އަށް ބަލާއިރު ރީ-ރެޖިސްޓްރީކުރި މީހުންގެ އަދަދު މަދެކޭ ވެސް ބުނެވޭކަށް ނެތެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މި ފަހަރު ވޯޓުލާ ނުކުންނަ މީހުން އަދަދު މަދުވުން އެކަށީގެންވެއެވެ.

އާންމު ގޮތެއްގައި ރާއްޖޭގައި ރިޔާސީ އިންތިހާބުގައި 80 ޕަސެންޓް މީހުން ވޯޓުލާން ނުކުމެއެވެ. މީގެ ފަސް އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިހާބުގައި 87.2 ޕަސެންޓް މީހުން ވޯޓު ލާން ނުކުމެފައި ވެއެވެ. މި ފަހަރުގެ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. މިއީ 2013 ވަނަ އަހަރާ އަޅާބަލާއިރު 43،290 މީހުންގެ އިތުރުވުމެކެވެ. އެހެންކަމުން ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ކޮންމެވެސް ވަރަކަށް މަދުވިޔަސް މުޅި ޖުމްލަ އަދަދު މިދިޔަ އަހަރަށް ވުރެ އިތުވާނެ ކަމަށް އަންދާޒާކުރެވެއެވެ. 

މި ފަހަރުގެ އިންތިހާބު ފޯރިގަދަވާ ސަބަބުތައް

މި އަހަރުގެ އިންތިހާބަކީ ހުރިހާ ގޮތަކުން ވެސް ތަފާތު އިންތިހާބެކެވެ. އެހެން ފަހަރުތަކާ ހިލާފަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވެސް މި ފަހަރު ވާދަކުރެއެވެ. މުއްދަތު ހަމަވި އިރު ނުވަ ބޭފުޅަކު އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވިއެވެ. އެހެން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ އިލެކްޝަނުން ގަބޫލުނުކުރުމުން ސުޕްރީމް ކޯޓުން ވެސް ނިންމާފައި ވަނީ އެ ފުރުސަތު ނުދިނުމަށެވެ. 

އެހެންކަމުން މި ފަހަރުގެ ކަރުދާސްކޮޅުގައި އަށް ކެންޑިޑޭޓުންނާއި ރަނިން މޭޓުން ހިމެނޭނެއެވެ. މިއީ ވެސް މި ފަހަރުގެ އިންތިހާބު ފޯރިގަދަވާ އެއް ސަބަބެވެ. އަދި ގިނަ ކެންޑިޑޭޓުން ތިބުމުން ވޯޓު ލާން މީހުން ނެރުމަށް ކުރާ މަސައްކަތް އިތުރުވާނެއެވެ. އެހެންކަމުން ރީ-ރެޖިސްޓްރީ އަށް ހުށަހެޅީ ފޯމްގެ އަދަދު މަދު ނަމަވެސް އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އަންދާޒާކުރެވެއެވެ. 

ޕާޓީތަކުގެ ތެރޭގައި ހިޔާލު ތަފާތުވުންތައް

މިކަން ކަމަށް ބަލާއިރު ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވުނަސް ވޯޓު ލާން ނުކުންނަށް ބޭނުން ނުވާ ބަޔަކު ވެސް އެބަ އުޅެއެވެ. އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ތެރޭގައި ވޯޓު ބޮއިކޮޓްކުރުމުގެ ވިސްނުމެއް ވެސް އޮތެވެ. ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެކަން އެނގިވަޑައިގަތުމުން އެމަނިކުފާނު ފުރަތަމަ ބޭނުންފުޅުވީ ޕީޕީއެމް އާއި ޕީއެންސީން އަދި އެ މަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން އިންތިހާބު ބޮއިކޮޓްކުރުމަށެވެ. 

އެހެން ނަމަވެސް ޕީއެންސީ އަދި ޕީޕީއެމްގެ ސެނެޓުގައި ކުރެވުނު މަޝްވަރާތަކަށް ފަހު އިންތިހާބުގައި ވާދަކުރުމަށް ފާސްކޮށް އެރުވި މަޝްވަރާ އަށް ފަހު އެމަނިކުފާނު ވެސް އެގޮތަށް ރުހިވަޑައިގެންނެވިއެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދުކުރެއްވިއެވެ. އެހެން ނަމަވެސް ރައީސް ޔާމީނަށް ވާދަނުކުރެއްވޭތީ އިންތިހާބުގައި ވޯޓުނުލާނެ ބަޔަކު ވެސް ތިބޭނެއެވެ. އަދި ޑރ. މުއިއްޒުއާ މެދު ހިތްހަމަނުޖެހޭ ބަޔަކު ވެސް އެ ދެ ޕާޓީގައި އެބަ ތިއްބެވެ. އެހެންކަމުން އެ ދެ ޕާޓީ ނޫން އެހެން ޕާޓީއަކަށް ވޯޓުލާން ބޭނުން ނުވާތީ ވޯޓު ލާން ނުކުންނަން ބޭނުން ބަޔަކު ވެސް އެބަ ތިއްބެވެ.  

ޕީޕީއެމް އާއި ޕީއެންސީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުމެކޭ އެއްގޮތަށް އެމްޑީޕީގެ ތެރޭގައި ވެސް އޮތް ހިޔާލު ތަފާތުވުން ބޮޑުވެ އިންތިހާބަށް ނުކުމެފައި ވަނީ ވަކި ދެ ޕާޓީއެއްގެ ގޮތުގައެވެ. އެހެންކަމުން މިހައިޖާނުގެ ތެރޭގައި ވެސް ސިޔާސީ ކަންކަމާ މެދު ފޫހިވެފައި ތިބި ބަޔަކު އެބަ ތިއްބެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެތީ ވޯޓު ލާން ބޭނުން ނުވާ ބަޔަކު ވެސް އެބަ އުޅެއެވެ. އެ މީހުންނަކީ ރައީސް ނަޝީދު އަދި ކޮންމެ ބޭފުޅަކު ދެއްކެވިޔަސް ވޯޓު ލާން ބޭނުންވާ ބައެއް ނޫނެވެ. 

އެހެންކަމުން މިއީ ވެސް ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މަދުވެދާނެ ސަބަބެއް ކަމަށް ބައެއް މީހުން އަންދާޒާކުރެއެވެ. އެހެން ނަމަވެސް ރީ-ރެޖިސްޓްރޭޝަން އާއި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ބަލާއިރު މަންޒަރު ފެންނަނީ އެހެން ގޮތަކަށެވެ. 

ރިއެކްޝަންސް
0
0
0
0
0
1
0