ރިޕޯޓް: ކޮންމެ ވެރިކަމަކާ އެކު ބަދަލުނުވާނެ ފަދަ ގައުމީ ތަރައްގީގެ ޕްލޭނެއް!

22 އޯގަސްޓް 2023 - 14:35

ރާއްޖޭގައި ދިގު ވެރިކަމެއް ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިގު ރާސްތާގެ ތަރައްގީގެ ޕްލޭނެއް ގެންގުޅުއްވިއެވެ. ވިހިވިހީގެ ތަސައްވުރަކާއި އަދި މި ނޫން ވެސް ދިގު އަހަރުތަކަކަށް ދެމިގެންދާނެ ފަދަ ޕްލޭންތަކެއް ގެންގުޅުއްވިއެވެ.

ބައެއް މީހުން ސިފަކުރާ ގޮތުގައި އެ ޕްލޭންތަކުގެ މައިގަނޑު އަސާސަކަށް ވެފައި އޮތީ އެ މަނިކުފާނު ދިގު މުއްދަތަކަށް ވެރިކަމުގައި ދެމި ހުންނެވުމެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއަށް އައި ބޮޑު ބަދަލުތަކާ އެކު މަލްޓިޕާޓީ ޑިމޮކްރަސީގެ ދަށުން ފުރަތަމަ ފަހަރަށް ވެރިކަން ފުރޮޅިގެން ދިޔުމާ އެކު މި ޕްލޭންތަކަށް ވެސް ބަދަލު އައެވެ.

advertisement

އެކި ވެރިކަމުގައި ކޮށްފައިވާ ކަންތައްތައް

ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމާ އެކު ކުރީގެ ވެރިކަމުގައި ޕްލޭންކޮށްފައި ހުރި ވަރަށް ގިނަ ކަންކަން ބަދަލުކުރެއްވިއެވެ. އޭގެ އެއް މިސާލަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ތެރޭގައި ހިއްކައި އާބާދުކުރި ހުޅުމާލެ ސަރުކާރުން ދިން ސަމާލުކަން  ކުޑަވެ، މާލެ ކައިރިން އެހެން ފަޅެއް ހިއްކައި އެތަން ތަރައްގީކުރުމުގެ މަސައްކަތް ފެށުމެވެ. އެމްޑީޕީގެ ސަރުކާރުން އިސްކަންދިނީ ހުޅުމާލެ އަށް ވުރެ ގުޅިފަޅު ތަރައްގީކުރުމަށެވެ. 

ޕްލޭންތައް ކުރެހީ ވެސް އެ ގޮތުގެ މަތިންނެވެ. އެހެން ނަމަވެސް އެ ކުރެހުމުގައި މުޅިން ފުރިހަމަ އަށް ކުލަނުޖެހި އުޅެނިކޮށް ތިން އަހަރުގެ ތެރޭގައި ސަރުކާރު ބަދަލުވުމާ އެކު އެމްޑީޕީގެ ސަރުކާރުން ކުރެހި ޕްލޭންތަކަށް އަނެއްކާ ވެސް ބަދަލު އައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރުކަމުގައި ގުޅިފަޅުގެ މަޝްރޫއު ހުއްޓުވައި އެ ތަން ފަޅުވާން ދޫކޮށްލީއެވެ. ބޮޑު އަގުގައި ފްލެޓް ގަނެއް ދިރިއުޅުން ބަދަލުކުރުމުގެ މަގުމަތީގައި ތިބި އެތައް ބަޔަކު މަގުމަތިވެގެންދިޔައީ އެ ސަރުކާރުގެ ސިޔާސަތު ބަދަލުވުމުންނެވެ.

އެ ވެރިކަމާއި ޖެހިގެން އައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަނެއްކާ ވެސް ހުޅުމާލެ އަށް މިސްރާބު ބަދަލުވިއެވެ. ދެ ވަނަ ފިޔަވައްސެއް އުފަންވެ، ހުޅުމާލެއިން ފެށިގެން ހުޅުލޭ ހުރަސްކޮށް މާލެއާ ހަމައަށް ބްރިޖަކުން ގުޅާލިއެވެ. އަދި އެ ދައުރު ނިމެމުން ދިޔަ އިރު މާލެ ސަރަހައްދުން އާ ފަޅުތަކެއް ހިއްކުމުގެ ޕްލޭންތަކެއް ކުރިއެވެ. ޕީޕީއެމްގެ ސަރުކާރުން އެ ތަންތަނުން ގޯތި ދޫކުރުމުގެ ލިޔުން ވެސް ބައެއް ފަރާތްތަކާ ހަވާލުކުރިއެވެ.

ހައުސިން މަޝްރޫއުތަކާއި އެއާޕޯޓްތައް ތަރައްގީކުރުމާއި މިފަދަ ބިޔަ އެތައް މަޝްރޫއުއަކާ މެދު އަމަލުކުރެވިފައި ވަނީ މިފަދަ ގޮތަކަށެވެ. ކޮންމެ ސަރުކާރަކާ އެކު އެތައް ބަދަލުތަކެއް ގެނެވެއެވެ. ހާއްސަކޮށް ތަރައްގީއާ ގުޅޭ މަޝްރޫއުތަކެވެ. އެއް ސަރުކާރަކުން ކޮށްފައި ހުންނަ ކަންކަން ފަޅުވާން ދޫކޮށްލުމަކީ އާންމު ކަމެކެވެ. ނުވަތަ އެއްބަޔަކު ކޮށްފައި ހުރި މަސައްކަތްތައް އެއީ ގޯސް މަސައްކަތްތަކެއް ކަމަށް ބަލައި އާ ގޮތަކަށް ކުރުމަކީ ވެސް މިހާތަނަށް ފެނިފައިވާ ކަންކަމެކެވެ. އެހެން ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ދަމަހައްޓަންޖެހޭ ކަންތައްތައް

ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ދަމަހައްޓަންޖެހޭ ކަންތައްތަކެއް ހުންނަންޖެހެއެވެ. ހާއްސަކޮށް ރައްޔިތުން އަސާސީ ބޭނުންތަކާ ގުޅުން ހުރި ތަރައްގީގެ މަޝްރޫއުތަކަކީ ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް ބަދަލެއް ނެތި ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުން ހިންގަންޖެހޭ ކަންކަމެކެވެ. 

އެހެންކަމުން ގައުމީ ތަރައްގީގެ ދިގު ރާސްތާ ޕްލޭނެއް އެކުލަވާލެވި އެ އަށް ގާނޫނީ ބާރު ދިނުމަކީ އެއްބަޔަކު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތެވެ. އެފަދަ ދިގު ރާސްތާ ޕްލޭނަކަށް ގާނޫނީ ހަދާ މަޖިލީހުން ބާރު ދީފި ނަމަ ކޮންމެ ސަރުކާރެއް އައި ނަމަވެސް އެ ޕްލޭން ކުރިއަށް ގެންދިއުމަށް ބާރަކަށް ވެގެންދާނެއެވެ. 

ދެން އޮތް ސުވާލަކީ އެފަދަ ޕްލޭނެއްގައި ހިމަނާނީ ކޮން ކަންތައްތަކެކެވެ. ހަގީގަތުގައި އެފަދަ ޕްލޭނެއްގައި ހުރުމަށް ލާޒިމްކުރާ ގިނަ ކަންކަން މިހާރު ހުންނަންޖެހޭނީ ފުރިހަމަވެފައި ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި ކޮންމެ އާބާދީއަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ނިޒާމާއި ދަތުރުފަތުރުކުރެވޭނެ ގޮތްތަކާއި ބަނދަރާއި ސިއްހަތާއި ތައުލީމު ލިބޭނެ ވަސީލަތްތައް ފަދަ އަސާސީ ކަންކަން ހިމެނެއެވެ. އެހެން ނަމަވެސް މިކަންކަން ފުރިހަމަކުރުމުގައި އެކި ވެރިކަންތަކުގައި އިސްކަންދީފައި ވަނީ އެކި މިންވަރަށެވެ. 

އެކި ވެރިކަމުތަކުގައި އިސްކަންދީފައިވާ ކަންކަން

މީހުން ބިނާކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެ ގޮތުން ތައުލީމު ފެތުރުއްވުމާއި ލިޔަންކިޔަން ދަންނަ މުޖުތަމައުއެއް ބިނާކުރެއްވުމަށް އެ މަނިކުފާނުގެ ސަރުކާރުން ކުރި މަސައްކަތް ފާހަގަކުރަންޖެހެއެވެ. އެހެން ނަމަވެސް ރަށްރަށުގެ ތަރައްގީ އާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި މީހުންގެ ދިރިއުޅުމުގެ ތަރައްގީގެ ރޮނގުގައި އެ ސަރުކާރު އުޅެނީ ތަންކޮޅެއް ފަހަތުގައެވެ. 

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ އަސާސީ ހައްގުތައް ކަށަވަރުކޮށްދީ އާމްދަނީ އިތުރުކުރުމެވެ. އެގޮތުން ޓެކްސްގެ ނިޒާމު ތައާރަފްކުރުމާއި ބޭސްފަރުވާ އާއި ތައުލީމު ހިލޭ ލިބޭނެ ނިޒާމުތައް ތައާރަފްކުރެވިގެން ދިޔައެވެ. އަދި އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ގާނޫނުތަކަށް ބަދަލުތައް ގެނެވުމެވެ. ފަރުދުންގެ އާމްދަނީ އިތުރުކުރުމަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް އާ އިންޑަސްޓްރީއެއްގެ ގޮތުގައި ގެސްޓްހައުސް ވިޔަފާރި ތައާރަފްކުރުން ފަދަ ކަންކަން ފެނިގެން ދިޔައެވެ.

އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރުން ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިއެވެ. ނަމަވެސް ރަށްރަށުގެ ތަރައްގީއަށް ވުރެ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ވީހާ ވެސް ގިނަ ބަޔަކު މާލެ ސަރަހައްދަށް ގެނައުމަށެވެ. އެ ގޮތުން ގިނަ އަދަދެއްގެ ފްލެޓް އެޅުމާއި މާލެ ސަރަހައްދު ހިއްކައި އެތައް ހާސް ބަޔަކަށް ފްލެޓާއި ގޯތި ދިނުމުގެ މަޝްރޫއުތައް އެ ސަރުކާރުން ރޭވިއެވެ. ހިޔާ ފްލެޓްތަކުގެ މަސައްކަތް ފެށިއެވެ. 

ސިއްހީ ދާއިރާގެ ތަރައްގީގައި ވެސް ޕީޕީއެމްގެ އަމާޒަކަށްވީ ސެންޓްރަލައިޒްކުރުމެވެ. އެ ގޮތުން މާލޭގައި 25 ބުރީގެ ހޮސްޕިޓަލެއްގެ މަސައްކަތް ފެށިއެވެ. އެވެރިކަމުގައި ރަށްރަށުގެ ތަރައްގީ އަށް ވުރެ ބޮޑަށް އިސްކަންދީފައި ވަނީ މާލެ ސަރަހައްދު ތަރައްގީކުރުމަށެވެ. 

އެހާ ހިލާފަށް 2018 ވަނަ އަހަރު ރައީސްކަމަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަރައްގީގެ މުޅި މިސްރާބު ބަދަލުކުރެއްވިއެވެ. ލާމަރުކަޒީ ވިސްނުމެއްގައި އެމްޑީޕީގެ ދެ ވަނަ ވެރިކަމުގެ އަމާޒަކަށް ހިފީ ރަށްރަށުގެ އަސާސީ ހިދުމަތްތަކުގެ ވާހަކަ އެހެން ވެރިކަމެއްގައި ދައްކަންނުޖެހޭ ވަރަށް ކަންކަން ފުރިހަމަ ކޮށްދިނުމަށެވެ. 

ހާއްސަކޮށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުތައް ހުރިހާ ރަށެއްގައި ގާއިމުކުރުމަކީ ސަރުކާރުގެ އެއް އަމާޒެވެ. ކަރަންޓް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކޮށް މަގުތައް ހެދުމަކީ އެ ޕްލޭންގެ ބައެކެވެ. ރައީސް ސޯލިހް ވިދާޅުވަމުން ގެންދަނީ އެމަނިކުފާނުގެ ފުރަތަމަ ދައުރު ނިމޭ އިރު ބޯފެނާއި ނަރުދަމާ ގާއިމުނުވާ ނުވަތަ އެފަދަ މަޝްރޫއެއް ނުފަށާ އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ. 

އަދި އެއީ ދެން އެހެން ކެންޑިޑޭޓަކު ދައްކަންޖެހޭނެ ވާހަކައަކަށް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދެވިއެވެ. ނަސީބު ކަންދިމާކުރި ގޮތުން ކޮވިޑްގެ ވަބާގައި ދެ އަހަރެއްހާ ދުވަހު މުޅި ދުނިޔެ ހުއްޓިފައި އޮތުމުން އެމަނިކުފާނުގެ އެ ލަނޑުދަނޑި ހާސިލްކުރުމުގައި ސަރުކާރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. 

އެހެން ނަމަވެސް ވައުދުވެވަޑައިގެންނެވި ގޮތަށް ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާ އިރު ބާކީ ހުރި ރަށްތަކުގައި އެ މަސައްކަތް ދަނީ ހަލުވިކަމާ އެކު ކުރެވެމުންނެވެ. ނުވަތަ އެކި ފަރާތްތަކާ ވަނީ ހަވާލުކުރެވިފައެވެ. 

ދެންއޮތް ދައުރުގައި ކޮށްދެން ވައުދުވާ ކަންތައްތައް

ދެ ވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ އިރު ރައީސް ސޯލިހް ގެންދަވަނީ އާ ގިނަ މަޝްރޫއުތަކެއް އަދި ގިނަ ކަންތައްތަކެއް އިއުލާންކުރައްވަމުންނެވެ. މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ގޯތި ދިނުމާއި ފްލެޓް ދިނުމަށް ލިސްޓްތައް ވަނީ ނެރެފައެވެ. ފަޅުތައް ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ތިލަފުއްޓާ ހަމައަށް ބްރިޖް އެޅުމުގެ މަސައްކަތް ވަނީ މެކުހައް ޖަހާފައެވެ. ރަށްރަށުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވެސް ކުރިއަށް އެބަދެއެވެ. ދެން އޮތް ސުވާލަކީ ވެރިކަން ބަދަލުވެއްޖެ ނަމަ ވެސް މިކަންކަން ކުރިއަށް ދާނެތޯއެވެ؟

މިހާތަނަށް ވާދަވެރި ކެންޑިޑޭތުން ދައްކަވާ ވާހަކަތަކަށް ބަލާއިރު އެންމެ ވާދަވެރި ކެންޑިޑޭޓުން ވިދާޅުވަމުން ގެންދަވަނީ ގޯތި ދިނުމާއި ފްލެޓް ދިނުމަށް މި ސަރުކާރުން ހިންގާ ކަންކަން ބަދަލުނުކުރާނެ ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒު ވެސް ވިދާޅުވީ ސަރުކާރުން ދޭ ގޯތިތަކާއި ފްލެޓްތައް އަތުނުލާނެ ކަމަށެވެ. 

އޭގެ ބަދަލުގައި އިތުރު ފްލެޓްތަކާއި ގޯތި ދޭނީ ކަމަށެވެ. ވާދަވެރި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވަނީ މި ސަރުކާރުން ދީފައިވާ އަދި ދޭ ތަންތަން ވެސް ހިލޭ ކޮށްދެއްވާނެ ކަމަށެވެ. އެހެންކަމުން މިހާތަނަށް ފެންނަން ފެނުމުން މި ސަރުކާރުން ގެންގުޅޭ ޕްލޭންތައް ބަދަލުކުރުމުގެ ވިސްނުމެއް މި ފަހަރުގެ ކެމްޕެއިންގެ ތެރެއިން އިވިގެން ނުދެއެވެ. އެހެންނަމަވެސް ކެމްޕެއިން ތެރޭގައި އަޑު ނީވޭ ނުވަތަ ނުބުނާ ކިތަންމެ ކަމެއް ވެރިކަން ބަދަލުވުމަށް ފަހު ބަދަލުވެގެން ދެއެވެ.  

މި ކަންކަމަކީ ވެރިކަމަށް އޭރަކު ވަޑައިގަންނަވާ ރައީސެއް ނުވަތަ ސަރުކާރެއްގެ އިހްތިޔާރުގައި އޮންނަ ކަމެކެވެ. ކުރީގެ ސަރުކާރުތަކުން ހިންގި މަޝްރޫއުތަކަށް ނުވަތަ ގެންގުޅޭ ސިޔާސަތަކަށް ގެނެވޭ ބަދަލެއްގެ ސަބަބުން ދައުލަތަށް އޭގެ ބުރަ އުފުލަންޖެހެއެވެ. އޭގެ އެއް މިސާލަކީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމުން ދޭންޖެހުނު ބަދަލެވެ. ދަތުރުފަތުރުގެ ނިޒާމަށް ގެނެވުނު ބަދަލުގެ ސަބަބުން ދޭންޖެހުނު ބަދަލު ވަކި ކުޑައެއް ނޫނެވެ. 

އެހެންކަމުން ތަރައްގީއާ ގުޅޭ ދިގު ރާސްތާ ޕްލޭނަކަށް ގާނޫނީ ބާރެއް ދެވިފައި އޮތުމަކީ މި ކަންކަމަށް ހައްލެއް ލިބޭނެ ކަމެކެވެ. ކޮންމެ ވެރިކަމެއް އައި ނަމަވެސް އަސާސީ ބޭނުންތަކާ ގުޅޭ ތަރައްގީގެ މަޝްރޫއުތައް އެއްގޮތެއްގައި ކުރިއަށް ގެންދިއުމަށް އިސްކަންދޭންޖެހެއެވެ. އެއީ އެއިރެއްގައި ވެރިކަންކުރާ ފާރަތެއްގެ އިހްތިޔާރަށް ދޫކޮށްލާ ނަމަ ލިބޭ ގެއްލުން ކުޑައެއް ނޫނެވެ.

ރިއެކްޝަންސް
0
2
0
0
0
0
0