ރިޕޯޓް: އާބަން ސެންޓަރުތަކުގެ ވާހަކަ: ހަމައެކަނި ލިޔެކިޔުމުގައި އޮންނަ އެއްޗެއް!

27 އޯގަސްޓް 2023 - 15:32

ސަރަހައްދީ ތަރައްގީގެ ވާހަކަ އެންމެ ފުރަތަމަ މައުނަވީ ސިފައެއްގައި ތަރައްގީގެ ޕްލޭންތަކުގައި ހިމެނިގެން ދިޔައީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު އިއުލާންކުރެއްވި ރިފޯމް އެޖެންޑާގެ ތެރެއިންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ގާއިމުކުރުމުގެ ވާހަކަ އޭރު ދެކެވުނު ނަމަވެސް އެ ކަމަށް މާ ބޮޑު އަމަލީ ސިފައެއް އައިސް ނުވަތަ ގެނައުމަށް އެ ސަރުކާރުން މަސައްކަތް ކޮށްފައެއް ނުވެއެވެ.

ލާމަރުކަޒީ ވިސްނުމެއްގެ ތެރެއިން އެންމެ ފުރަތަމަ ވެރިކަން ކުރަން ފެށީ 2008 ވަނަ އަހަރުއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލެ އަށް ޖަމާކޮށްފައި އޮތް ބާރުތައް ރަށްތަކަށް ދިނުމަކީ އެމްޑީޕީގެ ވައުދެކެވެ. 

advertisement

އެހެން ނަމަވެސް ލާމަރުކަޒު ކުރުމަށް ބޭނުންވާ ގާނޫނު ހެދުމުގެ ފުރުސަތު މަޖިލީހުގެ ތެރެއިން އެމްޑީޕީ އަށް އޭރު ލިބެން ނެތުމުން އެމްޑީޕީގެ މެނިފެސްޓޯގައި ޖަހައި ލާމަރުކަޒު ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ޕްރޮވިންސްތަކެއް ހަދައިގެންނެވެ. އެކަމަށް ގާނޫނީ ސިފައެއް ނުގެނެވި އުޅެނިކޮށް ދައުރުގެ މެދުތެރެއިން ވެރިކަން ބަދަލުވުމާ އެކު އެ ވިސްނުމަށް ހިރަފުސް އަރައި ފޮރުވުނީއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ސަރަހައްދީ ތަރައްގީ ސިފަކޮށްފައި އޮތީ ވަރަށް ހިތްގައިމު ގޮތެއްގައެވެ. މައިގަނޑު ބޭނުމަކަށް ވެފައި އޮތީ އާބަން ނުވަތަ ސަރަހައްދީ ގޮތެއްގައި ރަށްތަކެއް ތަރައްގީކުރުމެވެ. ނަމަވެސް އޭގެ ފަހުން ތިން ދަރުއު އަދި ހަތަރު ރައީސުން ވެރިކަމަށް އަތުވެއްޖެއެވެ. އެމްޑީޕީގެ ދެ ވަނަ ދައުރެއް ނިމެނީއެވެ. މެނިފެސްޓޯގައި އޮތް ސަރަހައްދީ ތަރައްގީ ނުވަތަ އާބަން ސެންޓަރުތައް ކޮބައި ހެއްޔެވެ؟

ގުދުރަތީ އާބަން ސެންޓަރުތައް

ގުދުރަތީ ގޮތުން ފެށުނީއްސުރެ ރާއްޖޭގައި އާބަން ސެންޓަރުތަކެއް އުފެދިފައި ހުއްޓެވެ. އެއީ މީހުން ދިރިއުޅެން ފެށީއްސުރެ ދަތުރުފަތުރުކުރުމާއި އާބާދީ ގޮތުންނާއި ގުދުރަތީ ގޮތުން އެ ރަށްތަކަށް ލިބިފައިވާ ކަމެކެވެ. މިސާލަކަށް ބުނާ ނަމަ ދެކުނުން އައްޑު އަތޮޅެވެ. 

ރާއްޖެ އިނގިރޭސީންގެ ދަށުގައި އޮތް އިރު މާލެއަކީ ވެރިކަން ކުރާ ރަށްކަމުގައިވީ ނަމަވެސް ސަރަހައްދީ ތަރައްގީގައި އައްޑޫ އުޅުނީ މާކުރީގައެވެ. އިނގިރޭސިން ގާއިމުވެ ތިބުމުން އެއާޕޯޓެއް އޮތުމާއި އެ މީހުންގެ ބޭނުންތަކަށް ޒަމާނީ ހިދުމަތްތައް ލިބޭނެ މަގުފަހިވެފައި އޮތުމަކީ އޭގެ މައިގަނޑު ސަބަބެވެ. 

އެހެންނަމަވެސް އިނގިރޭސިން އައްޑޫ ދޫކޮށް ދިޔަ އިރު އެ ތަނަށް ދޫކޮށްފައި ދިޔަ “ތަހުޒީބު” މާލޭ ސަރުކާރަށް ހަޖަމްނުވި ކަހަލައެވެ. ހާއްސަކޮށް ވަކި ދައުލެއްގެ އުފެއްދުމަށް ކުރި މަސައްކަތުގެ ތެރެއިން އައްޑޫ “ފުނޑުނީ” އެވެ. އެ ތަރައްގީ އާއި ތަހުޒީބު ދެމެހެއްޓުމުގައި މަރުކަޒީ ސަރުކާރަށް މާބޮޑު ކަމެއް ކޮށްދެވިފައެއް ނުވެއެވެ.

އައްޑޫއެކޭ އެއްގޮތަށް ހުވަދޫ އަތޮޅަކީ ވެސް ކަނޑުގެ މަގުން ސީދާ ބޭރުގެ ގައުމުތަކާ ގުޅިފައި އޮތް ސަރަހައްދެކެވެ. ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫ އަށް ކުރިމަތިވި ހުރިހާ ދުއްޕާނެއްގެ އަސްލަކަށްވީ ވެސް ސަރަހއްދީ ތަރައްގީގައި ތިނަދޫ ހިމެނޭހެން އެ ސަރަހައްދުގެ ރަށްތަކުން ހޯދަމުން ދިޔައި އިގްތިސާދީ މިނިވަންކަމެކެވެ. 

މަރުކަޒީ ސަރުކާރުގެ އެންގުންތަކާ ދެކޮޅަށް އަމިއްލަ އިގްތިސާދެއް ކޮޅަށް ޖެހުމަށް ކުރި މަސައްކަތުގައ ތިނަދޫން މީހުން ބާލައި ލާއިންސާނީ އެތައް އަމަލުތަކެއް އެ ސަރުކާރުން ހިންގިއެވެ. އާހިރުގައި ސަރަހައްދީ ތަރައްގީ އަށް ކުރި މަސައްކަތް ވީރާނާވެ، ވިއްސިވިހާލިވެގެން ދިޔައީއެވެ. 

އައްޑޫ ނަގާފައި ދެން އެންމެ ބޮޑު އާބާދީއެއް އޮތް ހދ. ކުޅުދުއްފުށި ވެސް އޮތީ އާބަން ސެންޓަރެއްގެ ގޮތުގައެވެ. ޒަމާނުއްސުރެ އާބާދީގެ ގޮތުން މީހުން ގިނަވުމާއި އިގްތިސާދީ މަސައްކަތްތަކުގައި އުތުރުން އެންމެ ނަގާ ކިޔާ ރަށެއްގެ ގޮތުގައި އޮތް ކުޅުދުއްފުށި ފާހަގަކުރެވެނީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން އެކި ބޭނުންތަކުގައި ދަތުރުކުރަން މަޖުބުރުވެފައި އޮންނަ ރަށެއްގެ ގޮތުގައެވެ. އެކަން މިހާރު ވެސް އޮތީ އެ ގޮތުގައެވެ. ހދ. އަދި ހއ. އާއި ށ. އަތޮޅުގެ ރައްޔިތުންނަށް ވެސް ކުޅުދުއްފުށީގެ މުހިންމުކަން ބޮޑެވެ. 

މެދު ރާއްޖެތެރެއަށް ބަލާއިރު ބ. އޭދަފުށި ފާހަގަކުރެވެނީ އެހެން ރަށްތަކަށް ވުރެ އިގްތިސަދީ ގޮތުން ކުރީގައި އުޅޭ ރަށެއްގެ ގޮތުގައެވެ. ހަމަ އެގޮތަށް ރ. އުނގޫފާރަކީ ވެސް ޅ. އަތޮޅާ ހަމައަށް އޮތް ރަށްތަކުގެ މީހުންނަށް މުހިންމު ރަށެކެވެ. މައިގަނޑު ސަބަބަކަށް ވެފައި އޮތީ އެ ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު އަދި ރީޖަލް ހޮސްޕިޓަލް އެ ރަށުގައި ހުރުމެވެ. އެހެންކަމުން ދާދިފަހަކާ ޖެހެންދެން ވެސް ބ. އަތޮޅާއި ޅ. އަތޮޅުގެ މީހުން ވެސް ބޮޑު ކަމެއް ޖެހިއްޖެ ނަމަ މާލެ އަށް ވުރެ އަވަހަށް ދަތުރުކުރަމުން އައީ ރ. އުނގޫފާރަށެވެ. 

ތައުލީމީ ގޮތުން ޅ. ހިންނަވަރު ފާހަގަކުރެވުނީ އުތުރުގެ ރަށްތަކުގެ ދަރިވަރުންގެ މައި މަރުކަޒުގެ ގޮތުގައެވެ. ށ. އަތޮޅުން ފެށިގެން ރ. ބ. އަދި ޅ. އަތޮޅުގެ ރަށްތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ހިންނަވަރުގައި ހުންނަ ޅ. އަތޮޅު ތައުލީމީ މަރުކަޒުން ތައުލީމު ހާސިލްކޮށްފައި ވެއެވެ. މި ކަން ކަމަށް ބަދަލު އަންނަން ފެށީ އެހެން އަތޮޅުތަކުގައި ވެސް ލިބެމުން އައި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތައް އަންނަން ފެށުމާ ގުޅިގެންނެވެ. އެހެންކަމުން މިހާރު އާބަން ސެންޓަރުތަކުގެ ގޮތުގައި މީގެ ކުރިން ހުރި ރަށްތަކަށް ވުރެ ބޮޑަށް މީހުން އިސްކަން ދެނީ ވެރިކަން ކުރާ މާލެ އަށް އައުމަށެވެ. 

ސަރަހައްދީ ތަރައްގީގެ ވާހަކަތައް

މިއީ އިންތިހާބީ ދުވަސްވަރުކަމުން ސަރަހައްދީ ތަރައްގީގެ ވާހަކަ ވަރަށް ބޮޑަށް ދެކެވެއެވެ. އެހެން ނަމަވެސް ކެމްޕެއިންގައި އަޑުގަދަކޮށް ދެކެވޭ ވާހަކަތައް އަމާޒުވެފައި ހުރީ މުޅި އާބާދީ މާލެ ސަރަހައްދަށް ތޮއްޖެއްސުމަށެވެ. އެއް ކެންޑިޑޭޓަކަށް ވުރެ އަނެއް ކެންޑިޑޭޓެއް ހަރުއަޑުން ބުނަމުން ގެންދަނީ މާލެ ސަރަހައްދު ހިއްކައި ގޯއްޗާއި ފްލެޓް ދޭ ވާހަކައެވެ. 

ދެން އަންނަ ސަރުކާރަކުން ވެސް ނުވަތަ މި ސަރުކާރު ދެމި އޮތް ނަމަވެސް އަމާޒު އޮތީ މާލެ ސަރަހައްދާ ދިމާއަށެވެ. އެތައް ހާސް ބަޔަކަށް ގޯއްޗާއި ފްލެޓްދީ މާލެ ސަރަހައްދު ތަރައްގީކުރާނެ ގޮތުގެ ކުރެހުންތައް ދަނީ ދައްކަމުންނެވެ. 

އެމްޑީޕީގެ ފުރަތަމަ ސަރުކާރަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދާއި އަދި އޭގެ ފަހުން ވެރިކަން ކުރެއްވި އަބްދުﷲ ޔާމީން ވެސް އިސްކަން ދެއްވީ މާލެ ސަރަހައްދަށެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި މާލެ ސަރަހައްދު ތަރައްގީކުރެއްވުމަށް ބޮޑު އިސްކަމެއް ދެއްވިއެވެ. 

ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖަކުން ގުޅައިލުމާއި ބޭސްފަރުވާގެ ކަންކަން މާލެއިން ހަމަޖެހޭނެހެން 25 ބުރީގެ ހޮސްޕިޓަލެއްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އެތައް ހާސް ފްލެޓްތަކެއްގެ މަސައްކަތް ފެއްޓެވިއެވެ. އަދި ބޯހިޔާވަހިކަން ބޭނުން ކޮންމެ މީހަކަށް އެކަން ހަމަޖެހޭނެ ސިޔާސަތެއް 2018 ވަނަ އަހަރުގެ ކެމްޕެއިންގައި އެ މަނިކުފާނު އިއުލާނުކުރެއްވިއެވެ. 

އިންތިހާބުން ބަލިވުމުން ވެސް ރައީސް ޔާމީން ގެންދެވީ އެ ސިޔާސަތު ތަންފީޒުކުރައްވަމުންނެވެ. ވުޖޫދުގައި ނެތް ފްލެޓްތަކެއްގެ ލިޔުން އެތައް ބަޔަކަށް ދިނެވެ. ނުހިއްކައި އޮތް ފުށިދިއްގަރު ފަޅުންނާއި ހުޅުމާލެއިން ހިލޭ ގޯތި ދިނުމުގެ މަސައްކަތް އެ ސަރުކާރުން ކުރިއެވެ. 

ފ. އަތޮޅު ފަދަ އާބާދީ މަދު އަތޮޅުތައް ފަޅުކޮށް އެ އަތޮޅުގެ ރަށްތަކު މީހުން މާލެ އަށް ބަދަލުކޮށްލުމުގެ ވިސްނުމެއް އެ ސަރުކަރުން ގެންގުޅުނެވެ. އަލަށް އާބާދުކުރި ޅ. މާފިލާފުށިން މީހުން ބާލައި އެ މީހުންނަށް ހުޅުމާލެއިން ފްލެޓް ދިނެވެ. އެހެން ނަމަވެސް ސަރަހައްދީ ވިޔާފާރި މަރުކަޒުތަކެއްގެ ވާހަކަ ރައީސް ޔާމީނު ވެސް ދޭތެރެއަކުން ދައްކަވަމުން ގެންދެވިއެވެ. 

ހިޔާ ފްލެޓްތަކަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އަމާޒު ހިފައިގެން ހިންގި މަޝްރޫއެކެވެ. އެހެން ނަމަވެސް ތަފާސް ހިސާބުތަކުން ފެންނަނީ އެހެން މަންޒަރެކެވެ. ހިޔާ ފްލެޓް ސަރަހައްދުގައި ސާޅީހަކަށް ހާސް މީހުން ދިރިއުޅޭ އިރު ހުޅުމާލެ އަށް ނިސްބަތްވަނީ 200 ވަރަކަށް މީހުންނެވެ. 

މާލޭގެ އެހެން އަވަށްތަކަށް ނިސްބަތްވާ ތިބީ ވެސް މަދު މީސްކޮޅެކެވެ. އެ ސަރަހައްދުގައި ތިބި ގިނަ މީހުންގެ ނަން އޮތީ ކޮންމެ ވެސް ރަށެއްގައެވެ. އެހެންކަމުން ހަގީގަތަކީ އެ މަޝްރޫއުއަކީ ވެސް ރަށްރަށުގެ މީހުން މާލެ އަށް ތޮއްޖެއްސުމަށް ފަހިވި އިތުރުމަގެއް ކަމެކެވެ. 

އެހެން ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން ރަށްތަކަށް ދިން ސަމާލުކަން ބޮޑެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް އޮއްސާލިއެވެ. އެހެން ނަމަވެސް މި ކަމުގެ ތެރެއިން ވެސް މާލެ ތޮއްޖެއްސުމާ ދުރަށް ދެވޭ ގޮތެއް ނުވިއެވެ. ދައުރު ނިމެން ކައިރިވެ، އާ ދައުރަކަށް ކުރިމަތިލައްވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިން ކުރައްވަމުން ގެންދަވާ އިރު އެމަނިކުފާނު ވެސް ކަންކުރައްވަނީ ހަމަ ރައީސް ޔާމީން ވެސް ކަންކުރެއްވި ގޮތަށެވެ. 

މާލޭގެ އެތައް ހާސް ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ގޯތި ދޫކުރުމަށް ގިރާވަރު ފަޅާއި ގުޅީފަޅު އެ ދަނީ ހިއްކަމުންނެވެ. އިންތިހާބަށް ދެ ހަފުތާއެއްހާ ދުވަހަށްވެފައިވާ އިރު ރަށްރަށުގެ މީހުން ހިމެނޭހެން އެތައް ހާސް ބަޔަކަށް ފްލެޓް ދިނުމުގެ މަސައްކަތެ އެބަ ކުރެވެއެވެ. 

ކެމްޕެއިންގެ ތެރޭގައި ސަރަހައްދީ މަރުކަޒުތަކެއްގެ ވާހަކަ ކޮންމެ ފަހަރަކު ވެސް ދެކެވެއެވެ. އެހެން ނަމަވެސް ކޮންމެ ދައުރެއް ނިމިގެންދާ އިރު މުހިންމު ތަނަކަށް ވެގެންދަނީ މާލެއެވެ. ކުޅުދުއްފުއްޓާއި އޭދަފުއްޓާއި ތިމަރަފުއްޓާއި އައްޑޫ އާއި ތިނަދޫގެ ވާހަކަ ދައްކަނީ ހަމައެކަނި ކެމްޕެއިންގެ ބޭނުމަށެވެ. 

ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް އެ ސަރަހައްދުތަކުގައި މި ސަރުކާރުން ފެށި ނަމަވެސް އިގްތިސާދީ މިސްރާބު ބަދަލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ވެސް އަދި އެހެން އެއްވެސް ކެންޑިޑޭޓެއްގެ ވެސް ނެތެވެ. ފަޅުތައް ހިއްކައިގެން ވިޔަސް ސަރުކާރުތަކުގެ އަމާޒަކީ ތޮއްޖެހިފައިވާ މާލެ ސަރަހައްދަށް މީހުން ޖަމާކުރުމެވެ. އާބަން ސެންޓަރުތަކުގެ ވާހަކައަކީ ހަމައެކަނި މެނިފެސްޓޯތަކާއި ސަރުކާރުގެ ދުރުރާސްތާ ޕްލޭންތަކުގައި ހަމައެކަނި ލިޔެވިފައި ހުންނަ ވާހަކަތަކަކަށް ވަނީ ވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0