!ރިޕޯޓް: ވާންވީ މި ވައުދުތައް

29 އޯގަސްޓް 2023 - 13:27

ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާ އަޅައިދޭނަމެވެ. މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭން ވައުދުވަމެވެ. ބަނދަރު ބޮޑުކޮށް ބިން ހިއްކައިދޭނަމެވެ. ރަށުގެ މެދުގައި ގެދަބުޅި އަރުވަމުން ދާ އިންޖީނުގެ އާބާދީއާ ދުރު ހިސާބަކަށް ބަދަލުކޮށްދީ ޒަމާނީ އިންޖީނުގެއެއް މި ރަށުގައި އަޅައިދޭ ނަމެވެ. މިއީ ކޮންމެ އިންތިހާބެއްގައި ވެސް އާންމު ގޮތެއްގައި އިވޭ އަޑުތަކެވެ. މި ފަހަރު މި އަޑު ތަންކޮޅެއް މަޑެވެ. ސަބަބީ މީގެ ތެރެއިން ގިނަ ކަންކަން ވަނީ މި ހިނގާ ސަރުކާރުން ކޮށްފައި ނުވަތަ ފަށައިފައެވެ. އެހެންކަމުން މި ފަހަރުގެ ވައުދުތައް ތަފާތެވެ. 

ރިޔާސީ އިންތިހާބު މެކުހަށް ޖަހާފައިވާ އިރު މި ފަހަރުގެ ކެމްޕެއިންގެ ތެރެއިން އެންމެ ހަރު އަޑުކޮށް އިވޭ ވާހަކައަކީ އެއާޕޯޓް އެޅުމުގެ ވައުދުގެ ވާހަކައެވެ. ހާއްސަކޮށް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެޖެންޑާގައި މި ވައުދު ގިނައެވެ. އެއް އަތޮޅެއްގެ ދެ ކޮޅުގައި ވެސް އެއާޕޯޓް އެޅުމަށް އެމަނިކުފާނު ވެސް އެބަ ވައުދުވެވަޑައިގަންނަވައެވެ. ހަމައެއާ އެކު ވާދަވެރި ބައެއް ކެންޑިޑޭޓުން ވެސް ހަމަ އެ ވައުދު ތަކުރާރުކުރައްވާތީ އެބަ ފެނެއެވެ.

advertisement

ދެން އެންމެ ބޮޑަށް މި ފަހަރުގެ އިންތިހާބުގައި އިވެނީ ބޯހިޔާވަހިކަމާ ގުޅުން ހުރި ވައުދުތަކެވެ. ގިނަ ކެންޑިޑޭޓުންގެ މެނިފެސްޓޯތަކުގައި އެކަން އެބަ އިއުލާނުކުރައްވައެވެ. އެއްބަޔަކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޭ ވާހަކަ ދައްކާ އިރު އަނެއް ބަޔަކު އެކަން ކޮށްދޭނީ ހިލޭ ކަމަށް ބުނެއެވެ. ހިލޭ ކޮށްދޭ ވާހަކައިން ފާހަގަކުރެވޭ އަނެއް ކަމަކީ ގިނަ ކަންތައްތަކެއް ހިލޭ ނުވަތަ މައާފްކުރުމުގެ ވައުދެވެ. މި މައާފްކޮށްދޭ ލިސްޓްގައި ދަރިވަރުންގެ ކިޔެވުމަށް ނަގާ ލޯނާއި އެޕާޓްމަންޓް ކުއްޔާއި ނުވިތާކަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ދޫކޮށްފައި ހުރި ލޯނުތައް ވެސް މައާފްކޮށްދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވައުދުވެވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ވައުދުގެ ލިސްޓް ދުވަހެއް ދުވަހަކަށް ގިނަވެ، ފުނިޖެހެމުންދާ އިރު މި ވައުދުތައް ފުއްދާނެ ގޮތެއް ބުނެދެއްވަނީ ވަރަށް މަދު ކެންޑިޑޭޓެކެވެ. މިއިން ކޮންމެ ވައުދަކީ އެ ބޭފުޅެއްގެ އަމިއްލަފުޅުން ޖީބުން ނުވަތަ ކުންފުނިން ހަރަދުކުރައްވައިގެން ފުއްދަވާ ވައުދެއް ނޫނެވެ. މިއީ ދައުލަތުން ބަޖެޓްކުރެވި ލިބޭ އާމްދަނީ އާއި ދަރަނިން ހޭދަކޮށްގެން ފުއްދަންޖެހޭ ވައުދުތަކެވެ. ސުވާލަކީ އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ 

ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ވައުދަކީ މުހިންމު އެއްޗެކެވެ. އެހެން ނަމަވެސް ވާންވާނީ ހަމަ ބުއްދި ހުރި އިންސާނުންނަށް ވެސް ގަބޫލުކުރެވޭ ވައުދުތަކެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަގަށް ނުފެތޭ، ނުވަތަ ހަމަ ބުއްދި ހުރި އިންސާނަކަށް ގަބޫލުކުރަން ދަތި ކިތަންމެ ވައުދެއް އެބަ ވެއެވެ.

އަސާސީ ހިދުމަތްތަކާ ގުޅިފައިވާ ވައުދުތަކަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ފުއްދާނެ ނުވަތަ ފުއްދުމަށް މަސައްކަތްކުރާނެ ވައުދުތަކެވެ. މިސާލަކަށް ކޮންމެ ސަރުކާރެއް އަޔަސް ރަށްރަށުގައި ފެނާއި ނަރުދަމާ އެޅުމަށް މަސައްކަތްކުރާނެއެވެ. މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައި ދޭންޖެހޭނެއެވެ. ބިން ނެތް ރަށްރަށް ހިއްކައިގެން ބިން އިތުރުކޮށްދޭންޖެހޭނެއެވެ. ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ފަޅު ފުންކޮށް ބަނދަރު ހަދަންޖެހޭނެއެވެ. ސްކޫލާއި ހެލްތު ސެންޓަރުގެ އިމާރާތުގެ ދަތިކަން ފިލުވައިދޭންޖެހޭނެއެވެ. މި ހުންނަނީ އާންމު އަދި އަސާސީ ކަންކަމެވެ. އެހެން ނަމަވެސް ހަގީގާތުގައި ވާންވީ ވައުދަކީ މިއީއެވެ.

ޓުއަރިޒަމް ނޫން ގޮތެއް ހޯދުން

ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައި ވަނީ ޓުއަރިޒަމްގެ މައްޗަށެވެ. އެއީ ނާޒުކު އިންޑަސްޓްރީއެކެވެ. އެކަން އެންމެ ބޮޑަށް އިހްސާސްވި ދަނޑިވަޅަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔެ ހުއްޓުމަކަށް އައިސް ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން އިގްތިސާދު ވެސް ހުއްޓުމަކަށް އައި ދަނޑިވަޅެވެ. އެކަމުން އަދިވެސް އަރައިނުގަނެވެއެވެ. މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ގައުމު އިނދަ ނުޖެހުނު ނަމަވެސް އިގްތިސާދީ ގޮތުން ހީނަރުކަން ވަނީ ކުރިމަތިވެފައެވެ.

އެހެންކަމުން ހަމައެކަނި ޓުއަރިޒަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަށް ކުރިން ދައްކަމުން އައި ވާހަކަ އިތުރަށް ދައްކަންޖެހެއެވެ. ވައުދުވާންވީ އެކަމަށެވެ. ޓުއަރިޒަމް ނޫނަސް ގައުމަށް ބޭރުގެ ފައިސާ ވަންނާނެ މަގެއް ހޯދުމެވެ. ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެކެވެ. އެހެންކަމުން މެނުފެކްޗަރިންގެ ރޮނގުން ހޯދާނެ މޮޅެއް އޮތް ކަމަކަށް ނުފެނެއެވެ. މައުދަލެއް ތެލެއް ނެތެވެ. ދަނޑު ވިމެއް ނެތެވެ. މަސައްކަތްތެރިންގެ އަގު ވެސް ހެވެއް ނޫނެވެ. އެހެންކަމުން ލޭބާ ކޯސްޓް ކުޑަ އެހެން ގައުމުތަކާ ވެސް ވާދަކުރެވޭކަށް ނެތެވެ. ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟

ރާއްޖެ އޮތީ މުހިންމު ސަރަހައްދެއްގައެވެ. ދުނިޔޭގެ އިރުމަތީ ބިތާއި ހުޅަނގު ބިން ވަކިވެގެންދާ މެދު ރޮނގުގައެވެ. ދުނިޔޭގެ އެއްފަޅިން އަނެއް ފަޅި އަށް ދަތުރުކުރުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރަންޖެހެއެވެ. އޭގެ ފައިދާ ނެގުމުގެ ވާހަކަ ދައްކާތާ މިހާރު އެތައް ޒަމާނެކެވެ. ރާއްޖެ ހުރަސްކޮށް ދަތުރުކުރާ އާގު ބޯޓުފަހަރަށް ހިދުމަތް ދޭނެ ޓްރާންޝިޕްމަންޓް ބަނދަރެއްގެ ވާހަކަ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ސިޔާސީ ޕޯޑިއަމްތަކުގައި ވެސް ދެކެވެން ފަށައިފިއެވެ. އެހެން ނަމަވެސް އެކަމުގައި އަމަލީ ސިފަ ނުޖެހި އުޅެނިކޮށް އަވަށްޓެރި ގައުމުތަކުން އޭގެ ފައިދާ ނަގައި މާކެޓްގެ ބޮޑު ބައެއް ކަހާލައިފިއެވެ. ލަންކާގެ ކޮޅުނބުގައި ވަރުގަދަ ބަނދަރެއް ހެދީ ރާއްޖެއިން އެ ވާހަކަ ދައްކަ ދައްކާ ތިއްބައެވެ. ސުވާލަކީ މިހާރު އެ ފައިދާ ރާއްޖެ އަށް ނެގިދާނެ ހެއްޔެވެ؟

އިގްތިސާދީ މާހިރުން ދެކޭ ގޮތުގައި ލަންކާއަކީ ޗެލެންޖެކެވެ. އެހެން ނަމަވެސް ރާއްޖެ އަށް އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. އެކަށީގެންވާ ހިދުމަތްތަކެއް ދީފި ނަމަ، ލަންކާ އަށް މަޑުކޮށް މުދާ ޓްރާންސިޓްކުރާ އުޅަނދުފަހަރު ރާއްޖެ އަށް ވެސް އަނބުރާލެވިދާނެއެވެ. އެ ކަމަށްޓަކައި އެކަށީގެންވާ ޕްލޭނެއް ހަދައި ރަނގަޅު ވައުދެއް ތައްޔާރުކުރެވިއްޖެ ނަމައެވެ.

ޓުއަރިޒަމް ފުޅާކުރުން

ނަރުދަމާ އާއި ބަނދަރާއި ރަށާ ކައިރި އަށް އެއާޕޯޓް އައުމުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބެއެވެ. އެހެން ނަމަވެސް މިއިން ކޮންމެ މަޝްރޫއަކީ ސީދާ ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަންނަ ކަމަކަށް ނުވެދާނެއެވެ. އަދި މިފަދަ ގިނަ މަޝްރޫއުތަކެއް ދެމެހެއްޓުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ ވެސް ބޮޑުވެދާނެއެވެ. އޭގެ އެއް މިސާލަކީ ރަށްރަށުގެ އެއާޕޯޓްތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަ އިންތިހާ އަށް ބޮޑުވުމެވެ. އަދި ގައުމީ އެއާލައިނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެއާޕޯޓްތަކަށް ދަތުރުކުރަން ޖެހުމެވެ. 

އެހެން ނަމަވެސް ޓުއަރިޒަމް ފުޅާކުރުމުން އާމްދަނީ ވަންނަނީ ސީދާ ރައްޔިތު މީހާގެ ޖީބަށެވެ. ޓުއަރިޒަމް ދާއިރާގައި ހދ. އަދި ހއ. އަތޮޅާއި އައްޑޫ އާއި ފުވައްމުލަކު ރައްޔިތުން ގިނަ ނަމަވެސް ރަށާ ކައިރިން ވަޒީފާ އަދާކުރުމުގެ ފުރުސަތު އެ އަތޮޅުތަކުގެ ރައްޔިތުންނަށް ނުލިބި ވަނީ އެ ސަރަހައްދުތަކުގައި ޓުއަރިޒަމް އެކަށީގެންވާ ގޮތެއްގައި ފުޅާކުރެވިފައި ނުވާތީއެވެ. އެހެންކަމުން ކެމްޕެއިންގައި ވާންވީ ވައުދަކީ އެއީއެވެ. އެ އަތޮޅުތަކުގައި ޓުއަރިޒަމް ފުޅާކުރާނެ ގޮތުގެ ތަސައްވުރެއް ރައްޔިތުންނަށް ދައްކަންވީއެވެ. 

މައިދޮރޯށި ފުޅާކޮށް އެހެން ސަރަހައްދުތަކަށް އިންޓަނޭޝަނަލް ފްލައިޓް އިތުރުކުރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެއްޓެވި އެންމެ މުހިންމު އެއް މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތެވެ. އާ ރަންވޭ ނިންމި ނަމަވެސް ވެރިކަން ނިމުނު އިރު ޓާމިނަލްގެ މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އާ ސަރުކާރާ އެކީ މަޝްރޫއު މަޑުޖެހިފައި އޮތުމުން މި ދައުރުގައި ވެސް އެ މަސައްކަތް އެއްކޮށް ނިންމާލެވޭ ގޮތެއް ނުވިއެވެ. މިހާރު އާ ޓާމިނަލްގެ މަލަމަތި ރީތިވަމުން އައި ނަމަވެސް އަދިވެސް ހިދުމަތް ދެވެން ފެށޭވަރުވާނީ އަންނަ އަހަރުގެ ތެރޭގައެވެ. އެއީ އިގްތިސާދީ ދުވެލީގައި ޖަހާލެވޭ ހުޅަކަށް ވާނެއެވެ.

ދެން ކުރަން އޮތް ކަމަކީ އެ އެއަޕޯޓަށް އަންނާނެ އެތައް މިލިއަން ޓުއަރިސްޓުންނަށް ކޭޓާކުރެވޭނެ ރިސޯޓްތަކާއި ފެސިލިޓީތައް ތަރައްގީކުރުމެވެ. ވައުދުވާންވީ ހުއްޓިފައި ހުރި ރިސޯޓްތައް ހަދައި ނިންމައި އަދި އާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ޓުއަރިޒަމް ފެސިލިޓީތައް ތަރއްގީކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމަށެވެ. އެހެން ނަމަވެސް ހަމަ ބުއްދި އަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށެވެ. 50،000 ޓުއަރިސްޓް ބެޑް ދައުރެއްގެ ތެރޭގައި ތަރައްގީކުރާނެ ކަމަށް ބުނެ ހިސާބު ހަދަން އުޅެގެން އަރާނީ އޮޅުމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ އެހެން ހަބްތައް ވެސް ތަރައްގީކުރަން އެބަޖެހެއެވެ. ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ މުހިންމު ބިޔަ މަޝްރޫއެކެވެ. އެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު ކުރިއަށް އެބަދެއެވެ. އެހެން ނަމަވެސް އެ ނަމަ އެއަޕޯޓުގެ ފައިދާ ބިނާވަނީ އެތަނަށް އަންނާނެ އިންޓަނޭޝަނަލް ފްލައިޓްގެ އަދަދުގެ މައްޗަށެވެ. ދުވާލެއްގެ މައްޗަށް މަދުވެގެން 900 ފަތުރުވެރިން ގެނެވިގެން ނޫނީ އެ ފީސިބަލް ނުވާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާކޮށްފައި ވެއެވެ. އައްޑޫ ގަން އެއަޕޯޓް ވެސް އޮތީ ތަރައްގީކުރުމުގެ މަގުމަތީގައެވެ. އެއީ ވެސް މުހިންމު ކަމެކެވެ. 

މަސްވެރިކަން ފުޅާކުރުމަށް އޮތް ހުރަސް ނައްތާލުން

ރާއްޖޭގެ ޓުއަރިޒަމް ފުޅާވެ އިގްތިސާދުގެ މައި ނާރަށް ވުމާ ހަމައަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އައީ މަސްވެރިކަމުންނެވެ. އެހެން ނަމަވެސް ދައުލަތުގެ މަސް ކުންފުނި ހިންގަން ނޭނގި ލިބޭ ފައިދާ އަށް ވުރެ ބޮޑު ގެއްލުމެއް މަސްވެރިކަމުން ދައުލަތަށް ލިބެން ފެށުމަކީ އެ މަސައްކަތުން އަތް ދޫކޮށްލަންޖެހޭ ކަމެއް ނޫނެވެ. މަސްވެރިކަމުން އަމިއްލަ ކުންފުނިތަކުން ރާއްޖެ އަށް އެތައް މިލިއަން ޑޮލަރެއް އެބަ ވައްދައެވެ. 

ކެންޑިޑޭޓުން ވާންވީ ވައުދަކީ އެ އަދަދު އިތުރުކުރުމަށް މަގު ފަހިކޮށްދިނުމުގެ ވައުދެކެވެ. ޔޫރަޕްގެ މާކެޓަށް ވަނުމަށް އޮތް ހުރަސްތައް ނައްތާލެވޭނެ ގޮތެއް ހޯދުމުގެ ވައުދެވެ. މި ސަރުކާރުން މިހާރު ވެސް ވަނީ އެ މަސައްކަތް ފަށައިފައެވެ. ޔޫރަޕުން ނަގާ ބޮޑު ޓެކްސް އަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް މި ސަރުކާރުން ވަނީ ފަށާފައެވެ. ދެން ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ކުރައްވަންވީ އެކަމެވެ. އޭރު ދުނިޔޭގެ އެހެން ވާދަވެރި މާކެޓްތަކެކޭ އެއްގޮތަށް ރާއްޖެ އަށް ވެސް އެތައް ފުރުސަތެއް ލިބިގެންދާނެއެވެ.

ދައުލަތުގެ މަސްކުންފުންޏަށް ފައިދާ ލިބޭނެ ގޮތްތައް ހޯދުމަށް ވައުދުވުމަކީ ވެސް މުހިންމު ކަމެވެ. ހަމައެކަނި އަނގަބަހުން އެހެން ވިދާޅުވިޔަކަސް ކަމަކު ނުދާނެއެވެ. އެކަން ކުރާނެ ގޮތުގެ ޕްލޭނެއް ވެސް ވިދާޅުވެ ދެއްވަން ވާނެއެވެ. ޕްރައިވަޓައިޒްކުރާނީތޯ ނުވަތަ މަހުން އުފައްދާ ބާވަތްތައް އިތުރުކުރާނީތޯ މެނިފެސްޓޯގައި ހިމަނަންވީއެވެ.

މި ހުންނަނީ ހަގީގީ ވައުދެވެ. ފެނާއި ނަރުދަމާ އާއި ބަނދަރު ހެދުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރަކަށް ވެސް ލާޒިމް އަދި އަސާސީ ކަންކަމެވެ. ނަމަވެސް ސަރުކާރެއްގެ މުހިންމު މަސައްކަތް ބިނާވަނީ ގައުމުގެ އިގްތިސާދު ފުޅާކުރުމަށެވެ. ވައުދުވާންވީ އެކަން ކުރުމަށެވެ. ރައްޔިތުންނަށް ބުނެދޭންވީ އެކަން ކުރާނެ މަގެކެވެ. 

ރިއެކްޝަންސް
1
1
0
0
0
0
0