އަމިއްލަ ހިޔާލު: ސަރުކާރުގައި އަބަދު ބަންދު ބޯޑު — ނުބައި އާދައެއް!

31 އޯގަސްޓް 2023 - 14:31

ދުނިޔޭގެ ނިސްބަތުން ވެސް ދައުލަތުގެ އޮފީސްތައް މަސައްކަތް ނުކުރާ ދުވަސް އެންމެ ގިނަ އެއްގައުމަކަށް ރާއްޖެ ވާނެއެވެ. ދައުލަތުގެ މުއައްސަސާތައް މިހާރު ވެސް މަސައްކަތްކުރަނީ ހަފުތާއަކު ފަސް ދުވަހުއެވެ. ސަރުކާރުގެ ޝިފްޓް ޑިއުޓީ ހަދާ ތަންތަނުގައި ވެސް ހަފުތާއަކު ދެ ދުވަހު އޮފް ލިބެއެވެ. އޭގެ އިތުރުން ކުޑަ އީދާއި ބޮޑު އީދާއި މިނިވަން ދުވަހާއި މިހެން ގޮސް އެ ދުވަސްތަކާ ގުޅިގެން ހަފުތާ އެއްކޮށް ބަންދުކުރާ ފަހަރުތައް ވެސް މަދެއް ނޫނެވެ. ސުވާލަކީ ސަރުކާރުގެ ޕްރޮޑަކްޓިވިޓީ ދަށްވުމުގައި މިއީ ސަބަބަކަށް ނުވޭ ހެއްޔެވެ؟

ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރުގައި އަންނަ ހާއްސަ ދުވަސްތަކާއި އެ ދުވަސްތަކާ ގުޅިގެން ބަންދުކުރާނެ ދުވަސްތައް ސަރުކާރުން އޮންނަނީ އިއުލާނުކުރަމުންނެވެ. ފާއިތުވި އަހަރަށް ބަލާއިރު ދެ އީދާ ގުޅިގެން އަދި މިނިވަން ދުވަހާ ގުޅިގެން ބަންދުކުރި ދުވަސްތައް ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ބޮޑު އީދާ ދިމާކޮށް އެ ހަފުތާ އެއްކޮށް ބަންދުކުރުމަކީ އާންމު ކަމެކެވެ.

advertisement

ބަންދު ދުވަސްތައް އިތުރުކުރުމުގެ ރޭހެއް

މިހާ ހިސާބުން ނިމުނީކީ ނޫނެވެ. މިހާރު ކުރިއަށްދާ ސިޔާސީ ފޯރިގަނޑުގެ ތެރޭގައި ވެސް ބަންދު ދުވަސްތައް އިތުރުކުރުމުގެ ރޭހެއް ވަނީ ފެށިފައެވެ. ވެރިކަން ލިބިއްޖެ ނަމަ ސަރުކާރު މުވައްޒަފުންނަށް ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތައް ހަމަޖެއްސުމުގެ ވައުދުތައް ދަނީ ވަމުންނެވެ. 

އެ ގޮތުން ރޯދަ މަހުގެ ފަހު 10 ދުވަސް ސްކޫލް ދަރިވަރުންނަށް ބަންދުކޮށް ދައުލަތުގެ މުވައްޒަފުން ގޭގައި މަސައްކަތްކުރެވޭ ގޮތަށް ހަމަޖައްސަވައިދެއްވާނެ ކަމަށް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެ ވަޑައިގެންފައި ވެއެވެ. ސަރުކާރުގެ މުވައްޒަފުންނަށް ވެސް އެ 10 ދުވަހު މަސައްކަތް ކުރަންނުޖެހޭނެ ގޮތަކަށް އެ މަނިކުފާނާ އެންމެ ވާދަވެރި އެއް ކެންޑިޑޭޓް ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ސަރުކާރު ބަންދުވި ނަމަވެސް އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް ހިނގައެވެ. އެ ކުންފުނިތަކަށް ބޭނުންވާ އެތައް ކަމެއް ސަރުކާރުގެ އެކި ވުޒާރާތަކާއި ބޭނުންތަކާއި ގުޅިފައި ހުރެއެވެ. ސަރުކާރު ބަންދުވުމުން މިފަދަ ކަންކަމަށް ބުރޫ ނާރާނެ ގޮތަކަށް ކަންކަން ހަޖެހިފައި އޮންނަންޖެހެއެވެ. މި ކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލުތަކެއް ޒަމާނީ ނިޒާމްތަކުގެ ތެރެއިން މިހާރު ފަހިވެފައި ވެއެވެ. 

އެ ގޮތުން ބޭންކްގެ ގިނަ ހިދުމަތްތަކެއް އޮންލައިން ބޭންކިންގެ ތެރެއިން ހަމަޖެހިގެން ދިއުމާއި އޭޓީއެމް ފަދަ ތަންތަނުން ކަންކަން ހަމަޖެހުމާއި ދައުލަތުގެ ވުޒާރާތައް އެއް ވިއުގަޔަކުން ގުޅާލައި ވަންގޮވް ޕޯޓަލްގެ ތެރެއިން ހިދުމަތްތައް ފޯރުކޮށްދެން ފެށުމަކީ ސަރުކާރު ބަންދު ދުވަސްތަކާއި ވަގުތުތަކުގައި ވެސް ހިދުމަތް ފޯރުކޮށްދިނުމަށް ފަހިވެފައިވާ މަގުތަކެވެ. އެހެން ނަމަވެސް މިއީ ހުރިހާ ކަމަކަށް ހައްލު ލިއްބައިދޭ ނިޒާމްތަކެއް ނޫނެވެ.

ބަންދު ދުވަސްތަކުގެ އިތުރުން އިނާޔަތްތައް ދިނުމުގައި ވެސް ދައުލަތުގެ މުވައްޒަފުންނާއި މުޖުތަމައުގެ އެހެން ފަރާތްތަކާއި ތަފާތުވާ ގޮތަށް ބައެއް ކެންޑިޑޭޓުން ވެސް ދަނީ މިފަދަ ވައުދުތައް ވަމުންނެވެ. އެ ގޮތުން ވިހެއުމާ ގުޅިގެން މި ސަރުކާރުން ދޭން ފެށި ހަ މަސް ދުވަސް އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ވެސް ކެންޑިޑޭޓަކު ވަނީ ވައުދުވެފައެވެ. 

އަދި ދެމަފިރިންގެ ތެރެއިން ކޮންމެ ވެސް އެކަކު ގޭގައި ދަރިންގެ ކަންކަން ބެލުމަށް މަޑުކުރާ ނަމަ 20،000ރ. ގެ އިނާޔަތެއް ދިނުމާއި މިހެން ގޮސް މަސައްކަތް ނުކޮށް ވެސް އާމްދަނީ ލިބޭނެ އެތައް ކަމެއް ކެންޑިޑޭޓުން ގެންދަނީ އިއުލާނުކުރަމުންނެވެ. ނަމަވެސް މިއީ ހަމަޖެހޭ ކަމެއްބާއެވެ؟

ސަރުކާރު ބަންދު ދުވަސްތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު

ދައުލަތުގެ މުވައްޒަފުންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދިން ކަމުގައި ވިޔަސް އާންމު ފަރުދުންނަށް ނުވަތަ އަމިއްލަ ކުންފުނިތަކުގެ އާމްދަނީ ގިނަ ފަހަރަށް ބިނާވެފައި އޮންނަނީ މަސައްކަތްކުރާ މިންވަރެއްގެ މައްޗަށެވެ. ހާއްސަކޮށް ގިނަ ވަގުތުތަކެއްގައި މަސައްކަތްކޮށްގެން ނޫނީ ކުންފުނިތަކަށް ގިނަ ފަހަރަށް އެކަށީގެންވާ އާމްދަނީއެއް ނުލިބެއެވެ. އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ މަސައްކަތްތައް މި ގޮތަށް ބައްޓަންވެފައިވާ އިރު ސަރުކާރުގެ މުވައްޒަފުންނަށް ލިބޭ ބަންދު ދުވަސްތަކާއި އިނާޔަތްތަކުގެ ނޭދެވޭ އަސަރު އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ވެސް ކުރެއެވެ.

ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އިނާޔަތްތައް ވެސް ދޭންޖެހެއެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ދެން ނުކުންނަ ނަތީޖާއާ މެދު ވެސް ސަރުކާރުތަކުން އަދި ކެންޑިޑޭޓުން ސަމާލުކަން ދޭންޖެހެއެވެ. މާޒީން ފެންނަން އޮތް ގޮތުން ނަމަ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ އެކު ތަކެތީގެ އަގު މައްޗަށް ޖެހެއެވެ. ކުލިތައް މައްޗަށް ޖެހެއެވެ. މާކެޓްގައި ގެންގުޅޭ ފައިސާ ތިޔާގިވެ ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ ޑޮލަރުގެ ތާށިކަން ކުރިމަތިވެއެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ޖެހެއެވެ. 

އޭގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަނީ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގައި މަސައްކަތް ކުރާ މީހުންގެ ދިރިއުޅުމަށެވެ. ކުލި ބޮޑުވެ ތަކެތީގެ އަގު ބޮޑުވިޔަސް އެ މީހުންގެ މުސާރަ ބޮޑެއް ނުވެއެވެ. ޑޮލަރުގެ އަގު މައްޗަށް ދިޔަ ވަރަކަށް ތަކެތީގެ އަގު އުފުލުނު ނަމަވެސް އަމިއްލަ ވަޒީފާގައި އުޅޭ މީހާގެ އާމްދަނީ އިތުރެއް ނުވެއެވެ.

އަސާސީ ހިދުމަތްތައް ދިނުމުގައި ވެސް ބައެއް ފަހަރު ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ މީހުންނާއި އާންމު ފަރުދުންނާއި ތަފާތުކުރެވޭ ފަހަރު އެބަ އާދެއެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއުތަކުން ވެސް މި ތަފާތުކުރުން އެބަ ފެނެއެވެ. މިސާލަކަށް ދައުލަތުގެ ވަކި މުއައްސަސާތަކެއްގެ މުވައްޒަފުންނަށް ހާއްސަށްކޮށް ދައުލަތުގެ ބަޖެޓުން ފްލެޓް އަޅައިދިނުމާއި ސޯޝަލް ހައުސިން ލިބުމުގައި ސަރުކާރުގެ މުވައްޒަފުންނަށް ފުރުސަތު ބޮޑުވާ ގޮތަށް ޕޮއިންޓް ދިނުމުގެ ސިސްޓަމަކީ ވަރަށް ބޮޑު ތަފާތުކުރުމެކެވެ.

އިނާޔަތްތައް ދިނުމުގައި ވެސް ބޮޑަށް ފެންނަނީ ސަރުކާރުގެ ނުވަތަ ދައުލަތުގެ މުވައްޒަފުންނަށް ނުވަތަ އާބާދީގެ ވަކި ބަޔަކަށް އަމާޒުކުރެވޭ ތަނެވެ. ކެންޑިޑޭޓުންގެ ވައުދުތައް ވެސް ބައްޓަން ވަނީ މި ބީދައިންނެވެ. އެހެން ނަމަވެސް ވިސްނަންޖެހޭ ކަމަކީ މިއިން ކޮންމެ ކަމެއްގެ އަސަރު މުޅި މުޖުތަމައުއަށް ކުރާ ކަމެކެވެ. 

އެހެންކަމުން މިހެން ގެނެވޭ ކޮންމެ ބަދަލަކުން ކުރާނެ އަސަރު ދެނެގަތުން މުހިންމެވެ. ސަރުކާރު މުވައްޒަފުންނަށް ދޭ ޗުއްޓީ އާއި މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމުން އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރާނެ އަސަރު ދެނެގަތުން މުހިންމެވެ. އަސާސީ ހިދުމަތްތައް .ފޯރުކޮށްދިނުމުގައި ސަރުކާރު މުވައްޒަފުންނާއި އާންމު ފަރުދުންނާ ތަފާތުކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ

ރިއެކްޝަންސް
1
2
0
0
2
0
1