ރިޕޯޓް: ފުރަތަމަ ބުރުން ރައީސް ސޯލިހު މިހާބޮޑު ބައްޔެއް ވުމުގެ އަސްލަކީ ކޮބާ؟

12 ސެޕްޓެމްބަރ 2023 - 14:59

އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 262،135 މީހުންނަށެވެ. އޭގެ ތެރެއިން 89.2 ޕަސެންޓް މީހުން ވޯޓުލާފައި ވެއެވެ. އެ އިންތިހާބު މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވީ 134705 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓު ލީ މީހުންގެ 58.4 ޕަސެންޓެވެ. އޭރު ވެރިކަމުގައި ހުންނެވި އަބަދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 41.6 ޕަސެންޓެވެ. މިއީ މިހާތަނަށް ރިޔާސީ އިންތާހާބެއްގެ ނަތީޖާ މިހާ ތަފާތުބޮޑުކޮށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި އެއްބުރުން ކާމިޔާބު ކުރެވެނު ފުރަތަމަ ރިޔާސީ އިންތިހާބެވެ. 

މިހާ ދަށް ނަތީޖާއެއް ނުކުތީ ކީއްވެ؟

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިފައިވަނީ 86166 ވޯޓެވެ. އަދި ޑރ މުހައްމަދު މުއިއްޒުވަނީ 101494 ވޯޓުން ފުރަތަމަ ބުރުގެ އެއްވަނަ ހޯދާފައެވެ. މިއީ ގާތްގަޑަކަށް ފަނަރަހާސް ވޯޓުގެ ބޮޑު ތަފާތެކެވެ. މިއިންތިހާބުގައި ގާތްގަޑަކަށް 226000 ރައްޔިތުން ވޯޓްލާފައިވާއިރު, ވޯޓްލުމުގެ ހައްގު ލިބިފައިވާ ނިސްބަތުން %80 މީހުން ވަނީ ވޯޓްލާފައެވެ. 

advertisement

ރައީސް ސޯލިހުގެ ޓީމުން 130000 ވޯޓް ހޯދާނެކަމަށް ބުނަމުން އައިއިރު މިހާ ދަށް ނަތީޖާއެއް ނުކުތީ ކީއްވެތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެންމެ ގިނަ ބަޔަކު ދެކޭގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިތިބުމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް އެކަށީގެންވާ ރައްދެއް ނުދެވުން އެއީ ފޫނެބެއްދޭވަރުގެ ގެއްލުމެއްކަމަށް ދެކެއެވެ. 

އަދި ތަފާތުކުރުން ބޮޑުގޮތަކަށް މާލެ ސަރަހައްދުގެ އަގުބޮޑެތި ބިން މަދު ބަޔަކަށް ބަހާލުން ވެގެންދިޔައީ ރައްޔިތުންގެ ރުޅި ފަޅައިގެން ދިޔަކަމަށެވެ. ސަރުކާރުން ދެކެނީ މިކަމުން މާލޭ ރައްޔިތުންގެ ވޯޓް ލިބޭނެކަމަށެވެ. ނަމަވެސް މާލެއިން ލިބުނީ ދުވަހަކުވެސް ނުލިބޭ ފަދަ ދަށް ނަތީޖާއެެކެވެ. އަދި މިކަމުން ބާކީ ކޮށްލެވުނު ރައްޔިތުން ސަރުކާރަށް ބޮޑުތަނުން ވަނީ ނޫނޭ ބުނެފައެވެ. 

ސަރުކާރުގެ އެތެރޭގެ ކޯޅުންތަކަށް ބަލާއިރު ގިނަ ބަޔަކު އަންނަނީ ކެމްޕެއިން ގައި އިސްކޮށްތިބި ފަރާތްތަކަށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ. މިގޮތުން ގަދަ ރުޅި އާއި ރުންކުރުކަން އިސްކުރުން އެއީ ޕާޓީ އެތެރޭގެ ރޫހަށް ލިބުނު ގެއްލުމެއް ކަމަށް ޕާޓީގެ ގިނަބަޔަކު ދެކެއެވެ. ޝައްކެއްވެސް ނެތްގޮތުގައި ރައީސް ނަޝީދުގެ ޑިމޮކްރެޓްސް ވެގެން ދިޔައީ ސަރުކާރުގެ ފަޔަށް ވެއްޓުނު ރިހޭ ފޮޔަކަށެވެ. 15000 ވޯޓާއެކު ޑިމޮކްރެޓްސް ވަނީ ސަރުކާރަށް މެޖޯރިޓީ ގެއްލުވާލައި އިންތިހާބުގެ އިދިކޮޅަށް ދީލާލާފައެވެ. 

ދެވަނަ ބުރެެއްގައި ސަރުކާރަށް ފުރުސަތު އެބަ އޮތްތަ؟

މިހާރު އުފެދޭ ސުވާލަކީ ދެވަނަ ބުރެެއްގައި ސަރުކާރަށް ފުރުސަތު އޮތްތޯ އުފެދޭ ސުވާލެވެ. ހެދުނު ބޮޑެތި ގޯސްތަށް ރަނގަޅު ކުރެވޭނެތޯ އުފެދޭ ސަުވާލެވެ. ރައީސް ސޯލިހުގެ ވަނީ އެކަށީގެންވާގޮތެއްގައި ސަރުކާރަށް ސައްހަ މައުލޫމާތު ފޯރުނުކޮށްދެވުނު ކަމަށް އިއުތިރާފުވެފައެވެ. އަދި މިކަންކަމަށް އެދެވޭ ހައްލެއް ގެންނާނެކަމުގެ އިޝާރާތެއް ދީފައެވެ. 

އިންޑިއާ މިލިޓަރީ އާއި ގުޅޭ މައުލޫމާތު ހާމަކޮށް, ތަފާތުކުރުން ބޮޑުގޮތަކަށް ނާއިންސާފުން ބަހާލި ބިންތައް އިންސާފުގެ މަގަށް ރުޖޫއަކޮށް, ޕާޓީ އެތެރޭގެ ހިންގުން ހަރުދަނާކޮށްގެން މެނުވީ ސަރުކާރަށް ފުރުސަތު ފުޅާކުރެވޭކަށް ނެތެވެ. އަދި ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ރައީސް ނަޝީދުގެ ތާޢީދު ސަރުކާރަށް މުހިންމެވެ. 

ސުވާލަކީ ހެދުނު ގޯސްތަށް ޤަބޫލުކޮށް މިކަންކަން ރަނގަޅުކުރުމަށް ސަރުކާރަށް ކިހާ މަސައްކަތެއް ކުރެވޭނެތޯ އުފެދޭ ސުވާލެވެ.

ރިއެކްޝަންސް
1
1
2
1
0
0
2