އަމިއްލަ ހިޔާލު: ޕާޓީތަކުގެ މެންބަރުންގެ އަދަދު — ބޮޑު އޮޅުވާލުމެއްތަ؟ ފައިސާ ހައްގުތަ؟

17 ސެޕްޓެމްބަރ 2023 - 14:43

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދާ މެދު އަބަދު ވެސް ތުހުމަތުތައް ކުރެވެއެވެ. ހާއްސަކޮށް ބޮޑު ދެ ޕާޓީގެ މެދުގައި މި އަރާރުން އަބަދު ވެސް އޮވެއެވެ. އަދި އެއް ޕާޓީން އަނެއް ޕާޓީގެ މެންބަރުން ވަގަށް ނަގާކަމުގެ ތުހުމަތު އެހެން ޕާޓީތަކުން ވެސް ކުރެއެވެ. މި އަހަރުގެ ތެރޭގައި ވެސް އެފަދަ އެތައް ޝަކުވާތަކެއް ޕާޓީތަކުން ކޮށްފައި ވެއެވެ. އެހެންކަމުން ޕާޓީތަކުގެ މެންބަރުންގެ ސައްހަ އަދަދާ މެދު އަބަދު ވެސް ސުވާލެއް އޮވެއެވެ. މި މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ އިރު މި ޝައްކުތައް ވަނީ އިތުރުވެގެން ގޮސްފައެވެ.

ޕާޓީތަކުގެ ދަފްތަރަށް ވުރެ ވޯޓުގެ އަދަދު އެތައް ގުނަ މަދު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑު ދެ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުން ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެ ޕާޓީތަކުގެ ދަފްތަރަށް ވުރެ އެތައް ގުނައެއް މަދެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުން ނަމަ ޖުމްހޫރި ޕާޓީގައި 22،500 މެންބަރުން އެބަ ތިއްބެވެ. އެހެން ނަމަވެސް މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިފައިވަނީ 5،560 ވޯޓެވެ. މި އަދަދަށް ބަލާ ޕާޓީގެ ގިނަ ބަޔަކު ގާސިމަށް ވޯޓު ދީފައެއް ނުވެއެވެ. ނުވަތަ ޕާޓީގެ މެންބަރުންގެ އަދަދަކީ ސައްހަ އަދަދެއް ނޫނެވެ.

advertisement

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރެއްވި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުން މުހައްމަދު ނާޒިމް އަށް ރިޔާސީ އިންތިހާބުގައި ލިބިފައި ވަނީ 1،970 ވޯޓެވެ. އެ ޕާޓީގެ ދަފްތަރުގައި ވެސް 9،800 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރެކޯޑްތަކުން ދައްކައެވެ. އެ ޕާޓީއަކީ އެންމެ ކުރު މުއްދަތެއްގައި 10،000 މެންބަރުން ހަމަކުރި ޕާޓީއެވެ. 

އެހެން ނަމަވެސް ރިޔާސީ އިންތިހާބާ ޖެހުމުން މި ހުރިހާ މެންބަރުން ވީ ކޮންތާކުތޯ ވަނީ ސުވާލު އުފެދިފައެވެ. އަދި އިލެކްޝަންސްގެ ދަފްތަރުން ދައްކާ އަދަދުތަކަކީ ހަގީގަތުގައި ވެސް ސައްހަ އަދަދުތަކެއްބާއެވެ؟

ދައުލަތުގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ ސިޔާސީ ޕާޓީތަކަށް

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ބުނަނީ ދައުލަތުގެ ބަޖެޓުން 0.01 ޕަސެންޓް ކޮންމެ އަހަރަކު ވެސް ސިޔާސީ ޕާޓީތަކަށް ދޭންޖެހޭނެ ކަމަށެވެ. ގާނޫނުގައި މި ވާހަކަ ލިޔުމާ އެކު ރާއްޖޭގައި ގިނަ އަދަދެއްގެ ޕާޓީތަކެއް އުފެދިގެން ދިޔައެވެ. އެއް ދުވަސްވަރެއްގައި ކުދި ކުދި އެތައް ޕާޓީތަކެއް ރާއްޖޭގައި ހަރަކާތްތެރިވިއެވެ. މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދައިގެން ވެސް ބައެއް ފަރާތްތަކުން ޕާޓީ ހެދީ ދައުލަތުގެ ބަޖެޓުން ފައިސާ ހޯދުމަށެވެ. މިކަން އެންމެ ފަހުން ބޮޑު އުނދަގުލަކަށްވެ، ފައިސާ ބަހާނެ ގޮތުގެ އުސޫލެއް ހަދައި މިހާރު ފައިސާ ދެމުން އަންނަނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

އަދި މެންބަރުންގެ އަދަދު 3،000 ގައި ނުހިފޭއްޓޭ ނަމަ ޕާޓީ އުވާލާ ގޮތަށް ކަނޑައެޅުމާ އެކު ކުދި އެތައް ޕާޓީތައް ވުޖޫދުން ފުހެވިގެން ދިޔައެވެ. މި ބަދަލާ އެކު ރާއްޖޭގައި އޮތް މައި ދެ ފިކުރަށް ނިސްބަތްވާ ދެ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ވިޔަފާރިވެރިން ފަންޑްކުރަމުން އަންނަ ޕާޓީތައް ފިޔަވައި އެހެން ޕާޓީތައް ވުޖޫދުން ގެއްލިގެން ދިޔައެވެ. ވިޔަފާރިވެރިންގެ ޕާޓީތަކުން ކުރު މުއްދަތެއްގެ ތެރޭގައި 10،000 މެންބަރުން ހަމަކޮށް ޕާޓީ އަށް ފައިސާ ލިބޭ މަގު ތަނަވަސްކުރިއެވެ. އަދި އަހަރުގެ ކޮންމެވެސް ހިސާބަކުން އަދަދު ތަންކޮޅެއް މަދުވި ނަމަވެސް ބަޖެޓް ދޭ ދުވަސްވަރާ ދިމާކޮށް އެ އަދަދު އަލުން 10،000 އަށް އަރުވައެވެ. މައިގަނޑު ބޭނުމަކީ ދައުލަތުގެ ބަޖެޓުން ފައިސާ ހޯދުމެވެ.

މި އަހަރުގެ ބަޖެޓަށް ބަލާއިރު ވެސް ހަ ޕާޓީއަކަށް އެކު ޖުމްލަ 36.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދީފައި ވެއެވެ. އެންމެ ގިނަ ފައިސާ ލިބިފައި ވަނީ އެންމެ ގިނަ އަދަދެއްގެ މެންބަރުން ތިބި އެމްޑީޕީއަށެވެ. އ ޕާޓީއަށް 14.21 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެ ބަޖެޓުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް 9.54 މިލިއަން ރުފިޔާ ލިބިފައިވާ އިރު ތިން ވަނަ އަށް އެންމެ ގިނަ ފައިސާ ލިބިފައި ވަނީ ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީ އަށް 5.68 މިލިއަން ރުފިޔާ ލިބުނު އިރު ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް 2.59 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. ދަނގެތި ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ ކާނަލް ނާޒިމްގެ އެމްއެންޕީ އަށް 2.43 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީ އަށް 2.41 މިލިއަން ދައުލަތުގެ ބަޖެޓުން ލިބިފައި ވެއެވެ.

ސިޔާސީ ޕާޓީތަކަށް ދޭ ފައިސާއަކީ ވަރަށް ބޮޑު އިސްރާފެއް 

ދައުލަތުގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ ސިޔާސީ ޕާޓީތަކަށް ދިން ނަމަވެސް ސިޔާސީ ހަރަކާތްތައް ހިންގައި އިންތިހާބުތަކުގައި ވާދަކުރަނީ މަދު ޕާޓީއެކެވެ. މީގެ ތެރެއިން ބައެއް ޕާޓީތަކަކީ ދުވަހަކު ވެސް ރިޔާސީ އިންތިހާބުގައި ވެސް ވާދަނުކުރާ ޕާޓީތަކެވެ. އަދި މަޖިލީހުގައި ވެސް ވާދަކުރަނީ މަދު ދާއިރާއެއްގައެވެ. ކާމިޔާބީ ވެސް ލިބެނީ މަދު ފަހަރަކުއެވެ.

މި ވަގުތަށް ބަލާއިރު ވެސް މަޖިލީހުގައި އެފަދަ ޕާޓީތައް ތަމްސީލްކުރާ ވަރަށް ވުރެ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ އަދަދު ވެސް ގިނަ އެވެ. މަޖިލީހުގައި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ތިއްބެވީ ދެ މެންބަރުންނެވެ. އެމްއެންޑީގެ ދެ މެންބަރުން ތިއްބެވި އިރު އެމްއެންޕީގެ ތިން މެންބަރުންނެވެ. ކައުންސިލް އިންތިހާބާއި ބައި އިލެކްޝަންސްތަކުގައި ވެސް ބައިވެރިނުވާ ޕާޓީތައް އެބަ ހުއްޓެވެ. އަދި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު ނޫން ދުވަސްވަރެއްގައި ސިޔާސީ ހަރަކާތް ނުހިންގާ ޕާޓީތަކުން ވެސް ދައުލަތުގެ ފައިސާ އެބަ ނަގައެވެ. އެއްބަޔަކު ދެކޭ ގޮތުގައި މިއީ ވަރަށް ބޮޑު އިސްރާފެކެވެ.

ސިޔާސީ ޕާޓީތަކަށް ދޭ ފައިސާއަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގައި ކިނބިދޫ ދާއިރާ ތަމްސީލްކުރައްވާ އަބްދުﷲ ރިޔާޒް ވެސް މިދިޔަ އަހަރުގެ މެދު ތެރޭގައި ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީތައް ހިންގަންޖެހޭނީ ފަންޑްރައިޒްކޮށްގެން ކަމަށް ވެސް ރިޔާޒް އޭރު ވިދާޅުވިއެވެ. އެހެން ނަމަވެސް އަހަރު ނިމުމުގެ ކުރިން 10،000 މެންބަރުން ހަމަކުރެވޭތޯ އެ ޕާޓީ ލައްކަ ގިނަ މަސައްކަތް ކުރިއެވެ. އަދި ކުރު މުއްދަތެއްގައި އެ އަދަދު ހަމަކޮށް ދައުލަތުން ފައިސާ ލިބޭނެ މަގު ތަނަވަސްކުރިއެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި މިހާރު ގެންގުޅޭ އުސޫލް ބަދަލުކުރުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ރިޕޯޓެއް ތައްޔާރުކޮށް މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކޮށްފައި ވެއެވެ. ސިޔާސީ ޕާޓީތަކާ ގުޅޭ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް ސަރުކާރަށް ލަފާދިނުމާ ގުޅޭ އެ ރިޕޯޓުގައި ސަރުކާރަށް ގޮވާލާފައި ވަނީ އިންތިހާބުތަކުގައި ވޯޓު ލިބޭ ނިސްބަތަކުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް އުސޫލް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ސައްހަ އަދަދާ މެދު އެތައް ސުވާލެއް އުފެދިފައިވާ އިރު އެ އަދަދަށް ބަލައިގެން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސިޔާސީ ޕާޓީތަކަށް ދިނުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެކަން އިތުރަށް އެ ވަނީ ސާފުވެފައެވެ. ދައުލަތުން ހަރަދެއް ކުރާ ނަމަ އެ ދޭ ފައިސާ ހަރަދުކުރާ ގޮތް މިހާރަށް ވުރެ ހަރުދަނާ ގޮތަކަށް ބަލަންޖެހެއެވެ. 

އަދި އެ އަހަރަކު ދޭ ފައިސާ އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރާ ނަމަ ދައުލަތަށް ނަގަންޖެހެއެވެ. ދައުލަތުގެ މުއައްސަސާތަކަށް ދޭ ބަޖެޓު ވެސް އެކަށީގެންވާ ގޮތަށް ބޭނުންނުކުރާ ނަމަ އަހަރުގެ ފަހުކޮޅު އެ ފައިސާ ބަޖެޓުން އުނިކުރެއެވެ. ސިޔާސީ ޕާޓީތަކާ މެދު ވެސް އެ އުސޫލް ހިންގަންޖެހެއެވެ. 

ސިޔާސީ ޕާޓީއެއްގެ މައިގަނޑު މަގުސަދަކީ ސިޔާސީ ހަރަކާތް ހިންގުމެވެ. އިންތިހާބުތަކުގައި ވާދަކުރުމެވެ. އެހެންކަމުން ދައުލަތުން ދޭ ފައިސާ ވެސް ބޭނުންކުރަންޖެހޭނީ އެ ކަމަށެވެ. ހަމައެކަނި އޮފީހާއި ޖަގަހަ ހަދާފައި ވަކި ބަޔަކަށް މުސާރަ ދޭން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަކީ އިންސާފެއް ނޫނެވެ

ރިއެކްޝަންސް
0
0
0
0
0
0
0