އަމިއްލަ ހިޔާލު: ކެންޑިޑޭޓުންގެ ފޯކަސް މާލެއަށް!

26 ސެޕްޓެމްބަރ 2023 - 15:00

ރިޔާސީ އިންތިހާބުގެ ކުރިން ވެސް އަދި މިހާރު ވެސް ރާއްޖޭގައި އޮތް އެންމެ ބޮޑު ނަސްލީ ބަހުސަކީ މާލެ އާއި ރާއްޖެތެރޭ މީހުންގެ ބަހުސެވެ. މިއީ ހައްގުތައް ދިނުމާއި ސިޔާސަތު ބައްޓަންކުރުމުގައި ޒަމާނުއްސުރެ އޮތް ތަފާތުކުރުކެމެވެ. ވެރިކަން ކުރާ ރަށާއި އެހެން ސަރަހައްދުތަކާއި ދެމެދު ތަރައްގީގެ ތަފާތެއް އުޅޭނެ ކަމަށް ކޮންމެ މީހަކު ވެސް ގަބޫލުކުރެއެވެ. 

އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަ ގޮތެވެ. އެހެން ނަމަވެސް ސިޔާސަތެއްގެ ދަށުން މާލެ އާއި މާލޭގެ ރައްޔިތުންނަށް މޮޅު ގޮތް ލިބޭ ގޮތަށް ކަންކަން ފަހިކުރުމަކީ ގައުމެއްގެ ހައިސިއްޔަތުން ލަދުވެތި ކަމެކެވެ. ވައުދުގެ މޫސުމް ނުވަތަ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް މިކަން އެބަ ފާހަގަކުރެވެއެވެ. ކެންޑިޑޭޓުންގެ ފޯކަސް ވެސް ހުރީ މާލެއަށެވެ.

advertisement

ކެމްޕެއިން ނިންމާލަނީ ހަމަ އެކަނި މާލެއިން

މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ކެމްޕެއިންގެ ބޮޑު ބައެއް އަމާޒުވެފައި އޮތީ މާލެ އާއި މާލޭގެ ރައްޔިތުންނަށެވެ. އެހެން ވާންޖެހޭ ސަބަބުތައް ވެސް ގިނައެވެ. އެއީ ވޯޓުލާ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ކަމަށް ވުމެވެ. އެހެންކަމުން މާލެ އަށް މޮޅު ގޮތްތައް ހަދައިދިނުމަށް ކޮންމެ ކެންޑިޑޭޓަކު ވެސް ވައުދުތައް ވެއެވެ.

ބައެއް ކެންޑިޑޭޓުން ހަމަ އެކަނި ކެމްޕެއިން ނިންމާލީ ވެސް މާލެއިންނެވެ. ރަށްރަށަށް ދަތުރުކޮށް ރައްޔިތުން ދިރިއުޅޭ ހާލު ބެލުމުގެ ބަދަލުގައި މާލެ އާއި އާބާދީ ބޮޑު ދެތިން ރަށަކަށް ޒިޔާރަތްކޮށް ސޯޝަލް މީޑިއާ އިން ގައުމުގެ ހާލަތު ދެނެގަނެ، މެނިފެސްޓޯ އެކުލަވައިލި ކެންޑިޑޭޓުން ވެސް މަދެއް ނޫނެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ގިނަ ވައުދުތަކެއް ވަށާޖެހެނީ މާލެއަށެވެ. އެހެން ނަމަވެސް މާޒީގެ ފަތްފުށްތަކަށް ބަލާއިރު ހަމައެކަނި މާލެ އަށް އަމާޒުކޮށްގެން ނުވަތަ މާލޭގެ ރައްޔިތުންނަށް މޮޅު ގޮތްތައް ހަދައިދީގެން އިންތިހާބު ކާމިޔާބުކުރެވޭނެ ފޯމިއުލާއެއް ފެންނާކަށް ނެތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީގެ ފޯކަސް އޮތީ މާލެ އަށެވެ. 

ހުޅުމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހިޔާ ފްލެޓްތަކާއި ސަލްމާން މިސްކިތާއި މިހެން ގޮސް ތަރައްގީގެ އެތައް ބިޔަ މަޝްރޫއުތަކެއް މާލެ ސަރަހައްދުގައި އެމަނިކުފާނު ފެއްޓެވިއެވެ. އެހެން ނަމަވެސް އިންތިހާބުގައި ރަށްރަށުގެ ރައްޔިތުން ވަނީ އެ ތަރައްގީގެ މައްޗަށް ބަސް އިއްވާފައެވެ. އަނެއްކޮޅުން  މި ސަރުކަރުގައި މާލެ އަށް ދޭ ސަމާލުކަން ކުޑަވެ، ކުދި ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ތަރައްގީކުރުމުގެ ސިޔާސަތަކީ ވެސް މުޅިން ކާމިޔާބު ފޯމިއުލާއެއް ނޫންކަން މި އިންތިހާބުގެ ފުރަތަމަ ބުރުން އެ ވަނީ ހާމަކޮށްދީފައެވެ.

ހަމަހަމަކަމާއި ސިޔާސަތު ވަކިނުވާނެ ގޮތަކަށް ވައުދުތައް ބައްޓަންކުރަންޖެހޭ

ތަރައްގީގެ މަޝްރޫއުތަކުގައި ވެސް އަދި ވައުދުތަކުގައި ވެސް ހަމަހަމަ ސިޔާސަތެއް ނުވަތަ މި ދެ ބައި ވަކިނުވާނެ ގޮތަކަށް ވައުދުތައް ބައްޓަންކުރުން މުހިންމެވެ. މާލޭ ރައްޔިތުންގެ ތާއިދު ހޯއްދެވުމަށް ރައީސް ސޯލިހް ގެންގުޅުއްވީ ހިލޭ ބިންކަނޑައި ގޯތި ދިނުމުގެ ސިޔާސަތެކެވެ. އެހެން ނަމަވެސް އެ މަސައްކަތުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ރައްޔިތުންނެއްގެ ނަފްރަތު ސަރުކާރަށް އަމާޒުވިއެވެ. 

ހާއްސަކޮށް ދަފްތަރުގައި ޖެހިފައި ތިބި އެތައް ހާސް ރައްޔިތުންނާއި އެތައް އަހަރުތަކެއް ވަންދެން މާލޭގައި ދިރިއުޅެމުން އައި ރައްޔިތުން އެ ޕްރޮގްރާމުން ބާކީކުރުމަކީ ވެސް ފުރަތަމަ ބުރުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީގެ އަސްލެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. 

އާބާދީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭގެ އާބާދީގައި މާލޭގެ އަސްލު ރަށްވެހިންނަށް ވުރެ ރަށްރަށުން މި ތަނަށް ހިޖުރަކޮށްގެން ދިރިއުޅޭ ރައްޔިތުންގެ އަދަދު މާ ބޮޑަށް ވެސް ގިނައެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭގެ އާބާދީގައި 52 ޕަސެންޓް ނުވަތަ 82،000 އަށް ވުރެ ގިނަ މީހުންނަކީ ރަށްރަށުގެ މީހުންނެވެ. 

އަދި އޭގެ ތެރެއަށް ދަފްތަރު މީހުން އެއްކޮލުމުން އެ އަދަދު ލައްކައަކާ ގާތްކުރެއެވެ. އެއީ އިތުރު 6 ޕަސެންޓެވެ. މާލޭގެ ރަށްވެހިންގެ ނިސްބަތަކީ 42 ޕަސެންޓެވެ. އެއީ 67،881 މީހުންނެވެ. މި ހިސާބުތަކަށް ބަލާއިރު ވެސް ހަމައެކަނި މާލެ އާއި މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. 

ފުރަތަމަ ބުރުގެ ތަޖުރިބާ އަށް ބަލައި ސަރުކާރުން ވެސް މިހާރު ވަނީ ސިޔާސަތަށް ބަދަލުތަކެއް ގެނައުމުގެ ވައުދެއް ވެފައެވެ. އެ ގޮތުން މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ގޯއްޗާއި ފްލެޓް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ސޯލިހް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އަދި ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މާލޭގެ ސަރަހައްދުން ގޯއްޗާއި ފްލެޓް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ މަނިކުފާނުގެ ސަރުކާރެއްގައި އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިއީ ހެޔޮ ބަދަލަކެވެ. 

ސިޔާސަތުތަކާއި ވައުދުތައް ވުމުގައި ނަސްލީ ތަފާތުކުރުމަށް ނުވާ ގޮތަށް ކަންކަން ކުރުން މުހިންމެވެ. މާލެ އާއި ރާއްޖެތެރޭގެ ބަހުސަކީ ކުރަންޖެހޭ ފަދަ ބަހުސެއް ނޫނެވެ. މީހާ ވަކިތަނަކަށް ނިސްބަތްވުމަކީ އެ މީހަކަށް ލިބެންޖެހޭ ހައްގެއް އުނިވެގެން ދާންޖެހޭ ސަބަބެއް ކަމުގައި ވެގެން ނުވާނެއެވެ. ސިޔާސަތުތައް ބައްޓަންކުރަންޖެހޭނީ އެ ތަފާތު ނައްތައިލުމަށެވެ.

 އެހެން ނަމަވެސް ދެވަނަ ބުރުގެ ކެމްޕެއިންގައި ވެސް ކެންޑިޑޭޓުންގެ ފޯކަސް ބޮޑަށް ހުރީ މާލެއަށެވެ.

ރިއެކްޝަންސް
0
0
0
1
0
0
1