ޖީއެމްއައިޒެޑްއެލް ގެ ޒިންމާތައް އެޗްޑީސީއާއި ހަވާލުކޮށްފި
September 23, 2020
ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ޒިންމާތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.
ޖީއެމްއައިޒެޑްއެލްގެ ހުރިހާ ޒިންމާއެއް، ހުޅުމާލެ ބަލަހައްޓާ ކުންފުންޏާ ހަވާލުކުރިއިރު، އެ ދެ ކުންފުނި އެއްކުރަން ސަރުކާރުން ވަނީ މިދިޔަ މަހު ނިންމައިފަ އެވެ.
ޖީއެމްއައިޒެޑްއެލް އިން ނެރުނު އިއުލާނެއްގައި ބުނީ، ދެ ކުންފުނި އެއްކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، މި ބަދަލުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޖީއެމްއައިޒެޑްއެލްގެ ހުރިހާ އެސެޓަކާއި ލައިބިލިޓީއަކާއި މުވައްޒަފުންނާއި ހުރިހާ އެއްބަސްވުންތަކުގެ އިތުރުން ކުންފުނީގެ މައްޗަށް އޮތް ހުރިހާ އިލްތިޒާމުތަކާއި ޒިންމާތައް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
ސަރުކާރުން މިގޮތަށް ނިންމީ މާލީ ގޮތުންނާއި ހިންގުމުގައި ލިބޭ ފައިދާތަކަށް ބެލުމަށް ފަހު، ހުޅުމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ގޮތަށް ތަރައްގީ ކުރުމުގެ ހުރިހާ މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ޖީއެމްއައިޒެޑްއެލް އިން ބުނެ އެވެ.


