އަމިއްލަ ހިޔާލު: ދާއިމީ އެޑްރެސް — ދުނިޔެ ދަންނަ އެއްޗެއް ނޫން! އުވާލާ!

8 އޮކްޓޯބަރ 2023 - 15:19

އުފަންވީއްސުރެ މާލެއެވެ. ބައްޕަ އާއި މަންމަ ވެސް ވަރަށް ޅަ އުމުރުން ފެށިގެން ދިރިއުޅެނީ މާލޭގައެވެ. މި ތަނަށް އައި ކުރިއެރުމެއްގައި މި ތަނުގައި ދިރިއުޅޭ މާލެ އަށް އުފަން ރައްޔިތުންނެކޭ އެއްވަރަށް ހިއްސާވެއެވެ. އެހެން ނަމަވެސް ދެ މީހުންގެ ވެސް ދާއިމީ އެޑްރެސް އޮންނަނީ އެހެން ރަށެއްގައެވެ. ސަބަބެއް ބުނެދޭކަށް ނޭނގެއެވެ. ދަފްތަރުގައި ވެސް ނުޖައްސައެވެ. 

“ރާއްޖެތެރޭ” މީހެއްގެ ޓެގު އެޅިފައި

މުޅި އުމުރު މާލޭގައި އުޅުނަސް އެޅިފައި ވަނީ “ރާއްޖެތެރޭ” މީހެއްގެ ޓެގެވެ. އެހެން ކަމުން ވޯޓެއް ލާންޖެހުނަސް ނިސްބަތް ވަނީ އުފަން ރަށަށެވެ. ދުވަހަކު ރަށަށް ނުދިޔަޔަސް އަދި އެ ތަނުގައި އެއްވެސް މަސްލަހަތެއް ނެތަސް ރަށުގެ ކަންކަން ބަލަހައްޓަން ހޮވާ ކައުންސިލަށް މީހުން ހޮވަން ވޯޓު ލުމުގެ ހައްގު ލިބެއެވެ. އުމުރު ދުވަހު މާލޭގައި އުޅުނަސް މޭޔަރު ހޮވަން ވޯޓުމުގެ ހައްގެއް ނެތެވެ. އެވަރުން ނިމުނީކީ ނޫނެވެ.

advertisement

މާލެ ސަރަހައްދުން އަގު ބޮޑު ބިންތަކެއް ބަހައިފިއެވެ. ލައްވައެއް ނުލިއެވެ. މުޅި އުމުރު ދުވަހު މާލޭގައި އުޅުނަސް ރަޖިސްޓްރީ އެހެން ރަށެއްގައި އޮތީމައެވެ. ފްލެޓަކަށް ވެސް ކުރިމަތިލެވެނީ “ރާއްޖެތެރޭ” މީހުންގެ ކެޓަގަރީންނެވެ. ދާއިމީ އެޑްރެސް ބަދަލު ނުވެ އޮތީމައެވެ. 

އެހެން ކަމެކެވެ. އާސަންދަ ލިބެއެވެ. މާލޭ މީހެކޭ އެއް ހަމައަށެވެ. ދަރިފުޅަށް ހިލޭ ފޮތް ބައި ވެސް ލިބެއެވެ. މާލޭގެ ރައްޔިތުންނެކޭ އެއްގޮތަށެވެ. އުމުރުން ދުވަސްވީމާ އެލަވަންސް ވެސް ލިބެއެވެ. އެއްވެސް ތަފާތުކުރުމެއް ނެތެވެ. އެހެން ނަމަވެސް ގޯތި ބަހަންވީމާ “ރާއްޖެތެރޭ” މީހަކަށް ވީއެވެ. ނުލިބުނީއަކީ ނޫނެވެ. ކުރިމަތިލުމުގެ ހައްގު ވެސް ނުދިނީއެވެ.

މައިންބަފައިންގެ ކިބައިން ވާރުތަވާ މުދަލެއް ފަދަ ކަމެއް

މިއީ މާލެ އާއި ރާއްޖެތެރޭ މީހުންގެ ބަހުސެއް ނޫނެވެ. މިއީ މާލޭ މީހުންގެ ވެސް ބަހުސެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކާ ވެސް ގުޅިފައިވާ މައްސަލައެކެވެ. ދާއިމީ އެޑްރެހުގެ މައްސަލައެވެ. މިއީ ރާއްޖެ ނޫން އެހެން ސަރަހައްދުތަކުން ފެންނަ ކަމެއް ނޫނެވެ. ދާއިމީ އެޑްރެހަކީ އެ މީހަކު ދިރިއުޅޭ ތަނެވެ. އެއީ އެ މީހާ އުފަންވާ ބިމަކަށް ހާއްސަވެފައިވާ އެޑްރެހެއް ނޫނެވެ. ނުވަތަ މައިން ބަފައިންގެ ފުށުން ވާރުތަވާ އެޑްރެހެއް ވެސް ނޫނެވެ. ނަމަވެސް ރާއްޖޭގައި ތަފާތެވެ. ދާއިމީ އެޑްރެހަކީ މައިންބަފައިންގެ ކިބައިން ވާރުތަވާ މުދަލެއް ފަދަ ކަމެކެވެ. ފަސޭހަ ގޮތަކަށް ފިލައިގެން ދާ ކަމެއް ވެސް ނޫނެވެ. 

ރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކަރަކުން ވެސް މި ތަފާތުކުރުން ގެންގުޅުނެވެ. އެހެން ނަމަވެސް މިހާރު ނިމިގެންދާ މި ފަސް އަހަރުގެ ތެރޭގައި މިކަން އިންތިހާ އަށް ބޮޑެވެ. އެ ތަފާތުކުރުން ގެންގުޅުމުގައި މި ސަރުކާރަކީ އަރާ ހުރި ސަރުކާރެކެވެ. އެތައް ޒަމާނެއް ކޮށްފައި މާލެއިން ހިލޭ ބިން ދޫކުރަން ހުޅުވައިލި ސްކީމްގެ ތެރެއިން ފެނިގެން ދިޔައި “ރޭސިޒަމް” ނުވަތަ “ނަސްލީ ތަފާތުކުރުމުގެ” އިންތިހާއެވެ. އެންމެ ފުރަތަމަ އުސޫލު ހެދި އިރު ބައްޕަ ނުވަތަ މަންމަ އެއްވެސް ޒަމާނެއްގައި އެހެން ރަށެއްގައި ރަޖިސްޓްރީވެފައިވާ ނަމަވެސް ގޯއްޗަށް ކުރިމައްޗެއް ނުލެވެއެވެ. އެތައް ބައެއްގެ ފާޑުކިޔުމާ އެކު އެ ޝަރުތު ބަދަލުކުރި ނަމަވެސް ދެން ވެސް އުސޫލް އޮތީ މާލޭ މީހަކަށް ނޫނީ ގޯތި ނުލިބޭ ގޮތަށެވެ. 

މި އުސޫލާ ގުޅިގެން އެތައް ބަޔަކު ބުނަމުން ދިޔައީ އެ އުސޫލް އޮތީ ގާނޫނޫ އަސާސީގެ ރޫހާ ވެސް ހިލާފަށް ކަމަށެވެ. މާލެ އެކަންޏެއް ނޫނެވެ. އެއްވެސް ތަނަކުން ގޯތި ދޫކުރާ އިރު އެއްވެސް މީހަކު ބާކީވާ ގޮތަށް އުސޫލް ހެދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހާއްސަކޮށް މާލޭގެ އުފަން ރައްޔިތުންނަށް ވުރެ މާލޭގައި ދިރިއުޅޭ ރަށްރަށުގެ އާބާދީ ބޮޑުއިރު އެ މީހުންނަށް ބައިވެރިނުވެވޭ ގޮތަށް ގެދޮރުގެ ސްކީމެއް ހިންގިގެން ނުވާނެއެވެ. 

ދާއިމީ އެޑްރެހުގެ ސަބަބުން ހައްގުތައް ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މާލޭގެ އާބާދީގެ 85،000 އަށް ވުރެ ގިނައީ ރާއްޖޭގެ އެކި ރަށްތަކުން ހިޖުރަކޮށްގެން ދިރިއުޅޭ ރައްޔިތުންނެވެ. ދިރިއުޅުމުގެ ބޮޑު ބައި މި ތަނުގައި ހޭދަކުރި މީހުންނެވެ. ލިބޭ އާމްދަނީ މި ތަނަށް ހަރަދުކޮށް މި ތަނަށް ޓެކްސްތައް ދައްކައިގެން އުޅޭ މީހުންނެވެ. އެހެންކަމުން ދާއިމީ އެޑްރެހުގެ ސަބަބުން އެ މީހުންގެ ހައްގު ގެއްލިގެންނުވާނެއެވެ. 

މި ކަމަށް ވަކާލާތުކުރާ ފަރާތްތަކަށް ގޯސްވެގެން އުޅެނީ މާލޭ މީހުންނަށް ގޯތި ގެދޮރު ދޭތީއެއް ނޫނެވެ. މާލެ އަށް އުފަން އަދި މާލޭގައި ގިނަ ދުވަސްވީ މީހުންނަށް އިސްކަން ދިނުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެކެވެ. ޕޮއިންޓް ދިނުމުގައި އެ ތަފާތު ގެންގުޅުމަކީ ވެސް ބަޔަކު ދެކޮޅު ހަދާ ކަމެއް ނޫނެވެ. ނަމަވެސް މައްސަލައަކީ މާލޭގެ އުފަން ރައްޔިތުން ފިޔަވައި އެހެން ބަޔަކަށް ފުރުސަތު ނުދީ އެ ފަދަ ސްކީމްތައް ހިންގާތީއެވެ. އެއީ ގޯހެކެވެ. 

ދާއިމީ އެޑްރެހުގެ ސަބަބުން ހައްގެއް ގެއްލުމަކީ ވެގެންވާނެ ގޮތެއް ނޫނެވެ. އިންތިހާބުތަކުގައި ވޯޓުލުމުގައި ވެސް އުސޫލްތަކަށް ބަދަލު އަންނަންޖެހެއެވެ. ބޭރުގެ ގައުމުތަކުގައި ލޯކަލް ކައުންސިލްތަކަށް ނުވަތަ ގާނޫނު ހަދާ މަޖިލީހުގައި ސަރަހައްދުތައް ތަމްސީލްކުރުމަށް ވޯޓު ނަގާ ގޮތްތައް ދިރާސާކުރަންޖެހެއެވެ. ހަމައެކަނި ދައިމީ އެޑްރެހަށް ބަލައިގެން އެކަން ކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އުމުރު ދުވަހު މާލޭގައި އުޅެފައި ރަށުގެ ކަންކަން ބަލަހައްޓާ ކައުންސިލް ހޮވަން ވޯޓުލުމަކީ އިންސާފެއް ނޫނެވެ. 

ރަށުގައި އަޅާ ނަރުދަމާއަކުން ނުވަތަ ބަނދަރަކުން މާލޭގައި ދިރިއުޅޭ މީހާގެ ދިރިއުޅުމަށް އަންނަ ތަރައްގީއެއް ނެތެވެ. އޭނާގެ ދިރިއުޅުމާ ގުޅިފައި ހުރީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި މާލޭގައި ޕާކްކުރާނެ ތަންތަން ނެތުމާއި މަލޭގައި ހިތްއުފާކޮށްލާނެ ޖާގަތައް ނެތުމާއި މާލޭގައި ކުލި ދައްކައިގެން ދިރިއުޅެންޖެހިފައިވުމާއެވެ. އެހެންކަމުން އެކަން ކަމަށް ހައްލެއް ހޯދައިދިނުމަށް އަންނަ ބަޔަކު ހޮވުމުގައި އޭނާ އަށް ބަސްނުބުނެވޭ ނަމަ އެއީ ގޯހެކެވެ. އެ ކަމުގެ ހުރަހަކަށް ދާއިމީ އެޑްރެސް ވާ ނަމަ އެކަން އުވާލަންޖެހެއެވެ.

ދާއިމީ އެޑްރެހުގެ ސަބަބުން ހައްގުތައް ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ނަސްލީ ތަފާތުކުރުމަކަށް މަގުފަހިކުރުމަށް ބޭނުންކުރާ ހަތިޔާރެކެވެ. އެތައް ބައެއްގެ ހައްގުތައް އެކުލެވޭ ސިޔާސަތުތައް ކަނޑައެޅުމުގައި ދާއިމީ އެޑްރެހަށް ބެލުމަކީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރާ ކަމެކެވެ. ވަކި ކަމެއްގައި ދާއިމީ އެޑްރެހަށް ބަލާފައި އަނެއްބައި ކަންކަން ދޫކޮށްލާ ނަމަ އެއީ އިންސާފެއް ނޫނެވެ. ސަރުކާރުން ދޭ ބައެއް ހިދުމަތްތަކުގައި ވެސް އެކަން އޮތީ އެހެންނެވެ. 

މިއީ ކޮންމެވެސް ހިސާބަކުން ނިމުން އަންނަންޖެހޭ ކަމެކެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ވިޔަސް ނުވަތަ ސުޕްރީމް ކޯޓުން ވިޔަސް މެއެވެ. ދާއިމީ އެޑްރެސް އުވާލަންޖެހެއެވެ. 

ރިއެކްޝަންސް
2
17
3
7
1
0
2