ރިޕޯޓު: ދަފްތަރަށް ވަކި ގޮނޑިއެއް މުހިންމު!

22 އޮކްޓޯބަރ 2023 - 15:28

ތަފާސް ހިސާބު ދައްކާ ގޮތުގައި މާލޭގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު 10 ހާހުން މައްޗެވެ. އެހެން ނަމަވެސް މިއީ ވަކި އަވަށަކަށް ނިސްބަތްވާ ބައެއް ނޫނެވެ. އެ މީހުން ދިރިއުޅެނީ އެކި ތަންތަނުގައެވެ. އެހެން ނަމަވެސް އިންތިހާބުތަކާ ދިމާކޮށް ފޮށިތަކަށް މީހުން ބެހުމުގައި ދަފްތަރު މީހުން ބޭނުންކުރެއެވެ. 

އެހެން ގޮތަކަށް ބުނާ ނަމަ އެ މީހުންނަކީ ހުސްތަން ފުރަން ތިބޭ ބައެކެވެ. އެހެންކަމުން މަޖިލީހުގައި އެ މީހުން އެކަށީގެންވާ ގޮތެއްގައި ތަމްސީލްނުވާ ކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ. އަދި ދާއިމީ ގޮތެއްގައި ވަކި އަވަށަކަށް ނުވަތަ ވަކި ސަރަހައްދެއް ނެތުމަކީ އެ މީހުންގެ ވެސް ޝަކުވާއެކެވެ.

advertisement

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައައްޔާރުވާން ފަށާފައިވާ އިރު ދަފްތަރު މީހުން ތަމްސީލްވާނެ ރަނގަޅު ގޮތެއް ހެދުމަށް އަންނަނީ ވަކާލާތު ކުރަމުންނެވެ. މަޖިލީހުގެ ތެރޭގައި ވެސް ބައެއް މެންބަރުން ވަނީ މި އަޑު އުފުލާފައެވެ. 

މާލޭގެ ދަފްތަރުގައި ތިބި މީހުން މަޖިލީހުގައި ތަމްސީލްނުވޭ

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅައި މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެފައި ވަނީ މާލޭގެ ދަފްތަރުގައި ތިބި މީހުން މަޖިލީހުގައި ތަމްސީލްނުވާ ކަމަށެވެ. އެހެން ކަމުން ދަފްތަރަށް ހާއްސަ ގޮނޑިއެއް މަޖިލީހުގައި އިންނަންޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. 

ދަފްތަރު މީހުން ތަމްސީލްނުވަނީ ހަމައެކަނި މަޖިލީހަކު ނޫނެވެ. ސަރުކަރުގެ ބައެއް ސިޔާސަތުތަކުގައި ނުވަތަ މާލެ އަށް ހާއްސަކޮށްގެން ހިންގާ ބައެއް ކަންކަމުގައި ވެސް ދަފްތަރު މީހުން މިހާތަނަށް އައީ ބާކީ ކުރަމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ ހަމައެކަނި ވޯޓު ލާ ލިސްޓްގައި އޮންނަ ބައެކެވެ. އޭގެ އެއް މިސާލަކީ މި ސަރުކާރުން މާލެ ސަރަހައްދުގެ ބިންތައް ބަހައިލި އިރު ދަފްތަރު މީހުން ބާކީކޮށްފައި ވުމެވެ. އެތައް ހާސް ބިމެއް ހިލޭ ބަހައިލި އިރު ދަފްތަރު މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ނުދެއެވެ. އެހެން ނަމަވެސް ދަފްތަރުގައި ޖައްސާފައިވާ ގިނަ މީހުންނަކީ އެ މީހުންގެ މުޅި އުމުރު މާލޭގައި ދިރިއުޅުން ބިނާކޮށްފައި ތިބި މީހުންނެވެ. 

“މާލޭގެ ދަފްތަރުގައި މި ތިބި ރައްޔިތުންނަކީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ މީހަކު ހޮވަން ބޭނުންވީމާ ކޮންމެ ދާއިރާއަކަށް ވެސް ފުޓުނި އަޅާލާ ގޮތަށް ނޫނީ ފުޅިމަދު އުނގުރި ޖަހާ ގޮތަށް އަޅައިލަން އޮންނަ ބައެއްގެ ގޮތުގައި ތިބޭ ބައެއް،” މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ އެފަދަ ކަންކަމުގައި ދަފްތަރު މީހުންގެ ހައްގުގައި ވާހަކަ ދައްކާނެ މަންދޫބަކު ނެތުމުން އެ މައްސަލާގައި ވެސް އެ މީހުންގެ ހައްގުގައި ވާހަކަ ދެއްކިފައިނުވާ ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ މީހުންގެ ތެރޭގައި ދަފްތަރު މީހުން ހިމެނޭ އިރު އެ މީހުންގެ ހައްގުގައި ވަކާލާތުކުރާނެ މީހަކު މަޖިލީހުގައި ނެތެވެ. އެހެންކަމުން އެ އަޑު އެކަށީގެންވާ ގޮތެއްގައި އިވިގެން ގޮސްފައިނުވެއެވެ. 

އަލީ ހުސައިން ވެސް އަދި ގާނޫނީ ބައެއް ބޭފުޅުން ވެސް ގަބޫލުކުރާ ގޮތުގައި ދަފްތަރުގެ މީހުންނަށް ހާއްސަ ގޮނޑިއެއް ކަނޑައެޅުމަށް ކޮންމެހެން ގާނޫނު އަސާސީ އަށް ނުވަތަ ގާނޫނަށް ބަދަލުތަކެއް ގެންނާކަށް ނުޖެހެއެވެ. އެއީ ދާއިރާތަކަށް ކަނޑައެޅުމުގެ ބާރު ދީފައި އޮތް އިލެކްޝަންސް ކޮމިޝަނަށް ވެސް ކުރެވިދާނެ ކަމެކެވެ. 

“އެއީ މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ކަމެއް. ކަނޑައެޅިދާނެ މާލެ ދަފްތަރު ދާއިރާ 1، މާލެ ދަފްތަރު ދާއިރާ 2، މާލެ ދަފްތަރު ދާއިރާ 3، މިފަދަ ގޮތަކަށް ދާއިރާތަކެއް އޮންނަން ޖެހޭ،” އަލީ ވިދާޅުވިއެވެ. 

 އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި އިތުރު ދާއިރާތަކެއް

އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ދާއިރާތައް އިތުރުކޮށްފައެވެ. މަޖިލީހުގެ މިހާރުގެ ދާއިރާތަކުގެ އަދަދަކީ 87 އެވެ. އެހެން ނަމަވެސް ދެން ފެށޭ މަޖިލީހުގެ މެންބަރުންގެ އަދަދު 93 އަށް އަރާނެއެވެ. އާ ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ 2009 ވަނަ އަހަރު މަޖިލީހަށް އިންތިހާބުކުރީ 77 މެންބަރުންނެވެ. އޭގެ ފަށުން 2014 ވަނަ އަހަރު 85 އަދި އޭގެ ފަސް އަހަރު ފަހުން ދެ ދާއިރާއެއް އިތުރުކޮށް 87 އަށް ބަދަލުކުރިއެވެ. 

މި ފަސް އަހަރުގެ ތެރޭގައި އާބާދީ ބެހިގެންވާ ގޮތް ވަރަށް ބޮޑަށް ބަދަލުވެ މަޖިލީހަށް ވަނީ ހަ ދާއިރާއެއް އިތުރުކޮށްފައެވެ. މާލެ އަށް ދެ ދާއިރާއެއް އިތުރުކޮށްފައި ވެއެވެ. މާލޭގެ 17 ދާއިރާގެ ތެރެއިން ދަފްތަރުގައި ހިމެނޭ 9،653 މީހުން ފަސް ދާއިރާއަކަށް ބަހަލާފައިވާ އިރު އެންމެ ގިނަ މީހުން ހިމަނާފައި ވަނީ އަލަށް އުފެއްދި ހުޅުމާލޭ އުތުރު ދާއިރާއަށެވެ. އެއީ 3،715 މީހުންނެވެ. ދެން އެންމެ ގިނަ މީހުން ތިބީ ހުޅުމާލެ ދެކުނު ދާއިރާގައެވެ. އެ ދާއިރާގައި 2،918 މީހުން އެބަ ތިއްބެވެ. ބާކީ ތިބި މީހުން ބަހާލާފައި ވަނީ މައްޗަންގޯޅި އުތުރާއި މާފަންނު ދެކުނާއި ވިލިމާލެއަށެވެ. 

ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ދައުރުން ދައުރަށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން ދިއުމުގެ ސަބަބުން ދައުތަލަށް ބުރަ ބޮޑުވުމާއި އެ ނޫން ވެސް އެކަމާ ގުޅުން ހުރި މައްސަލަތައް ހައްލުކުރުމަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައި ވަނީ މަޖިލީހުގައި އިންތިހާބުކުރާ 55 ދާއިރާއެއް ހިމެނުމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލްކުރާނެ ދެ މެންބަރުންނާއި ސިޔާސީ ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ޕާޓީތަކުން އައްޔަންކުރާ 11 މެންބަރުން ތިބޭ ގޮތަށެވެ. 

މި އިސްލާހާ މެދު ހިޔާލު ތަފާތުވުން ބޮޑެވެ. އަދި މި ބިލް ފާސްވުމުގެ ފުރުސަތު ވެސް ކުޑައެވެ. މި ވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ރުހުމެއް މި ބިލަކަށް ނެތެވެ. މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް އެމްޑީޕީގެ މެންބަރުން ވަކާލާތުކުރެއްވި ނަމަވެސް ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގެ ކުރިން މިކަން ކުރާނެ ކަމަކަށް ނުބެލެވެއެވެ.

މި ބިލް ފާސްނުވި ނަމަވެސް ދާއިރާތައް ކަނޑައެޅުމަށް އީސީން މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓާ މެދު މަޖިލީހުގައި ބަހުސްކުރެވެމުންދާއިރު ދާއިރާތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. މި ބަހުސްގެ ތެރެއިން ދަފްތަރު މީހުންގެ އަޑު އިއްވުމަކީ މުހިންމު މަކެވެ. 

އަދި ދާއިރާތައް ބެހުމުގައި އެ މީހުން ވަކިން ތަމްސީލްކުރެވޭނެ ގޮތެއް ހޯދުމަކީ ދަފްތަރު މީހުންގެ ވަރަށް ބޮޑު އެދުމެކެވެ. އެކަމަށް ގޮވާލައި އިވޭ އަޑުތައް ވަނީ ގަދަވެފައެވެ. އަލީ ހުސައިން ވިދާޅުވި ގޮތަށް ގާނޫނު އަސާސީ ބަދަލުނުކޮށް ވިޔަސް މި ރިޕޯޓް ފައިނަލްކުރުމުގެ ތެރެއިން މާލޭގެ ދަފްތަރު މީހުންނަށް ހާއްސަ ގޮނޑިއެއް ކަނޑައެޅިދާނެއެވެ. 

ރިއެކްޝަންސް
1
0
0
0
0
0
0