ރިޕޯޓް: އިލެކްޓްރިކް ޗާޖިން ސިސްޓަމްތައް އަވަސްކުރަންޖެހޭ!

30 އޮކްޓޯބަރ 2023 - 14:04

ޒަމާނީ ޓެކްނޮލޮޖީއާ އެކު އުޅަނދުފަހަރަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދެއެވެ. އެއްގަމު އުޅަނދު އުފައްދާ ބޮޑެތި ކުންފުނިތަކުން މިހާރު އިސްކަންދެނީ ތެޔޮ ބޭނުންކުރާ އުޅަނދުފަހަރުގެ ބަދަލުގައި އިލެކްޓްރިކް ނުވަތަ ބެޓެރީ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރު މާކެޓަށް ނެރުމަށެވެ. މި އުޅަނދުތަކަށް އޮތް މާކެޓް ވަރަށް ހަލުވިކަމާ އެކު އަންނަނީ ފުޅަވަމުންނެވެ.  

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް ނުވަތަ އީ-ވެހިކަލް ޕްރޮމޯޓްކުރުމުގައި ގައުމުތަކުން ވެސް އަންނަނީ އިސްކަމެއް ދެމުންނެވެ. ހާއްސަކޮށް ތެޔޮ އަންދާ ނިސްބަތް މަދުވުމަކީ ތިމާވެއްޓަށް ވެސް ދެވޭ ލުޔަކަށްވާތީ އެފަދަ ވެހިކަލްތަކަށް ހާއްސަ ޓެކްސް ރޭޓްތަކާއި ޑިއުޓީތައް ވަނީ ކަނޑައަޅާފައެވެ.

advertisement

އަދި އިންޑިއާ ފަދަ ގައުމުތަކުގައި ބޮޑެތި ސްކީމްތައް ހަދައި އީ-ވެހިކަލް ޕްރޮމޯޓްކުރުމަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދީފައެވެ. ބައެއް ސިޓީތަކުގައި މިހާރު ވެސް ވަނީ ތްރީ ވީލާސް (ރިކްޝާ) ފަދަ އުޅަނދުފަހަރަކީ އީ-ވެހިކަލް އަށް މުޅިން ބަދަލުކޮށްފައެވެ. އަދި ބައެއް ސިޓީތަކުގައި އެ ނޫން ތްރީ ވީލާސް ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. 

ރާއްޖޭގައި އީ-ވެހިކަލް ގެންގުޅުމުގައި ގިނަ ދަތިތަކެއް 

ރާއްޖެ އިން ވެސް ވަނީ އެ ކަމަށް ހާއްސަކޮށް އުސޫލްތަކެއް ހަދާފައެވެ. އެ ގޮތުން އީ-ވެހިކަލް އަށް ނަގާ ޑިއުޓީ މައާފްކޮށްދީފައިވެއެވެ. ނަމަވެސް އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ގިނައެވެ. ތިމާވެއްޓަ ރައްޓެހި އުޅަނދުފަހަރު ރާއްޖެ އަށް އެތެރެކުރުމުގައި އިނާޔަތްތަކެއް ދީފައިވީ ނަމަވެސް އެފަދަ އުޅަނދުފަހަރު ގެންގުޅުމުގައި އަދިވެސް ގިނަ ދަތިތަކެއް އެބަހުއްޓެވެ. މައިގަނޑު އެއް ދައްޗަކީ އުޅަނދުފަހަރު ޗާޖްކުރެވޭނެ ސްޓޭޝަންތަކެއް ނެތުމެވެ. އެހެން ކަމުން މި ފަދަ އުޅަނދުފަހަރު ގެންގުޅެވެނީ މަދުބަޔަކަށެވެ. މައިގަނޑު ސަބަބަކީ ޗާޖްކުރެވޭނެ ގޮތެއް ނެތުމެވެ.

މާލެ ސަރަހައްދުގައި އީ-ވެހިކަލްއަށް ހާއްސަ ޗާޖިންގް ސްޓޭޝަންތަކެއް ހެދުމަށް މި ސަރުކާރުން ވެސް މަސައްކަތްކުރިއެވެ. ބަޔަކު ހޯދަން މީގެ ކުރިން އިއުލާނުކޮށްފައި ވެސް ވެއެވެ. އެހެން ނަމަވެސް އެ މަޝްރޫއު މިހާތަނަށް ވުޖޫދުވެފައެއް ނުވެއެވެ. އަންނަ މަހު އަލަށް ހަވާލުވާ ސަރުކާރުގެ މެނިފެސްޓޯގައި ވެސް އީ-ވެހިކަލް ޕްރޮމޯޓްކުރުމަށް ކަންތައްތަކެއް ކަނޑައަޅާފައި ވެއެވެ. އެ ގޮތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި އީ-ބައިކް ނިޒާމެއް ތައާރަފްކުރެއްވުމާއި ބެޓެރީ ސައިކަލާއި އީ-ވެހިކަލް (ކާރާއި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު) އެތެރެކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަމަށް އިންވެސްޓްކުރުން ހިމެނެއެވެ. 

“ތެޔޮ އެންދުން މަދު ކުރެވި އަޅުގަނޑުމެންގެ ޖައްވަށް މި ބޭރުކުރާ ގޭސްތައް މަދުކުރެވި، އަޅުގަނޑުމެންގެ ޖައްވު ސާފުވެ، އަޅުގަނޑުމެންނަށް ލިބޭނީ ސާފު ވެއްޓެއް….. އެހެންވީމަ މި ސިޓީ ވެސް، މާލެ ސިޓީ ވެސް، ހުރިހާ ސިޓީތަކަކަށް ފުރަތަމަ އިސްކަން ދީގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިދެންނެވި ގޮތަށް ބެޓެރި، އިލެކްޓްރިކް-އޮޕަރޭޓަޑް ވެހިކަލްތަކަށް އިންވެސްޓް ކުރުމަށް އަޅުގަނޑުމެންގެ ސަރުކާރުން އެހީތެރިކަން ދޭނަން،” ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ. 

 އީ-ވެހިކަލް އާންމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ

އީ-ވެހިކަލް މަދުން ނަމަވެސް ރާއްޖޭގައި ގެންގުޅެއެވެ. މީގެ ކުރިން ގިނަ އަދަދެއްގެ ބެޓެރީ ސައިކަލް ވެސް ރާއްޖެ އެތެރެކޮށް ވިއްކި އެވެ. އަދި މިހާރު ވެސް ވިއްކައެވެ. އެހެން ނަމަވެސް ތެޔޮ އަޅާ ތަންތަން ހުންނަ ގޮތަށް ޗާޖްކުރެވޭނެ ގޮތްތައް ނެތުމުން އެ ތަކެތީގެ މަގުބޫލުކަން އެހާ ބޮޑެއް ނޫނެވެ. 

ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މިސްރާބު ވެސް ހުރީ އީ-ވެހިކަލްއާ ދިމާއަށެވެ. އަދި ޒަމާނީ ރީތި ކާރުތައް ވެސް މިހާރު ބަދަލުވަމުން އަންނަނީ ތިމާވެއްޓަ ރައްޓެހި ގޮތަށެވެ. އެހެންކަމުން މިއީ ރާއްޖެ ވެސް ދާނެ މިސްރާބެވެ. މާކެޓަށް ނުކުންނަ އާ އުޅަނދުފަހަރު ވަރަށް އަވަހަށް ރާއްޖެ އަށް ވެސް ގެނެއެވެ. އެފަދަ އީ-ކާރު މިހާރު ވެސް ރާއްޖޭގައި އެބަ ގެންގުޅެއެވެ. އެހެން ނަމަވެސް އަގުގެ ގޮތުން އަދިވެސް އެއީ އާންމު މީހުންނަށް ފަސޭހައިން ގަނެވޭ ވެހިކަލްއަކަށް ނުވެއެވެ. އަދި އެފަދަ އުޅަނދުފަހަރު ޗާޖްކުރާނެ ތަންތަން ނެތުމުން އެކަން ވަނީ އުނދަގޫ އަދި ހަރަދު ބޮޑު ކަމަކަށެވެ. 

ތިމާވެށި ޕްރޮމޯޓްކުރުމަށް އާބަންކޯ އިން މިހާރު ވެސް ވަނީ އީ-ސްކޫޓަރތަކެއް ތައާރަފްކޮށްފައެވެ. ހުޅުމާލޭގެ ބައެއް ޕާކްތަކާއި ސަރަހައްދުތަކުގައި މިހާރު ވެސް އެ ތަކެތި ބަހައްޓާފައި ހުރެއެވެ. އެހެން ނަމަވެސް މިފަދަ ތަކެތި ބޭނުންކުރުން އާންމުކުރުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. މިއީ ގިނަ ބަޔަކަށް ފަސޭހައިން ބޭނުންކުރެވޭ ހިދުމަތަކަށް ހަދަންޖެހެއެވެ. 

“މީހުން އާންމުކޮށް ގޮސް އުޅޭ ތަންތަނުގައި މިފަ އެއްޗެހި ބަހައްޓާފައި ހުރުމަކީ މި ތަކެތި ބޭނުންކުރުން އާންމު ވާނެ ކަމަކަށް ވާނެ. ހުޅުމާލެ ހިޔާ ސަރަހައްދު. ވަރަށް ގިނަ މީހުން އުޅޭ ތަނެއް. މާރުކޭޓް، ބީޗް ނޫނީ އެ ނޫން ވެސް މީހުން އާންމުކޮށް ގޮސް އުޅޭ ތަންތަން. ޕާކްގައި ވެސް މިހާރު ހުރޭ. ދާ މަންޒިލަކަށް ގޮސްފައި އެ ތަކެތި ބެހެއްޓޭނެ ސްޓޭންޑްތައް ގިނަކުރަންވީ. އޭރުން ސައިކަލް ނޫނީ ޓެކްސީއެއް ނަގައިގެން ދާންޖެހޭ ޖެހުން ކުޑަކުރެވިދާނެ،” އާންމުންގެ މީހަކު ހިޔާލު ފާޅުކުރިއެވެ.  

ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެކެވެ. ތެޔޮ އަންދާ ނިސްބަތް މަދުކުރަމަށް އިސްކަންދޭ އިރު އީ-ވެހިކަލް ޕްރޮމޯޓްކުރުމަށް ހާއްސަ ކަންތައްތަކެއް ކުރަންޖެހެއެވެ. ގާނޫނީ ގޮތުން ބަދަލުތަކެއް ގެންނަންޖެހެއެވެ. އެ ގޮތުން ބެރުގެ ބައެއް ގައުމުތަކުގައި މިހާރު އެންމެ ބޮޑަށް އިސްކަމެއް ދޭ އެއް ބަދަލަކީ ޓެކްސީ އައި ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރެވޭނީ ހަމައެކަނި އީ-ވެހިކަލް ކަމަށް ކަނޑައެޅުމެވެ. އަވަށްޓެރި އިންޑިއާގެ ބައެއް ސިޓީތަކުގައި މި ބަދަލު މިހާރު ވެސް ވަނީ ގެނެސްފައެވެ.

ރާއްޖެ އިން ވެސް މި މަގުން ކުރިއަށް ދާންޖެހެއެވެ. ޓެކްސީތައް އީ-ވެހިކަލްއަށް ބަދަލުކުރުމަށް ބާރު އަޅަންޖެހެއެވެ. އަދި ގާނޫނީ ބަދަލުތައް ގެނައުމުގެ ކުރިން އެފަދަ އުޅަނދު ފަހަރަށް ފަހި ރައްކާތެރި މާހައުލަކާއި ނިޒާމެއް ގާއިމުކުރަންޖެހެއެވެ. އަދި ޖީބަށް ލުއި ގޮތްތައް ހޯދައިދޭންޖެހެއެވެ. އޭރުން ތެޔޮ އަންދާ މިންވަރު މަދުވެ އުޅަނދުފަހަރު މަދުވުމަށް ވެސް ބާރަކަށް ވާނެއެވެ. އާ ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން މި ބަދަލު ފެންނާނެ ކަމަށް ބެލެވެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0