އަމިއްލަ ހިޔާލު: ސްކޭމަރުން މޮޅީތަ؟ ނޫނީ ދިވެހިން “ގަމާރީތަ”؟

31 އޮކްޓޯބަރ 2023 - 15:36

ސްކޭމަރުން ނުވަތަ މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދާ މީހުންގެ އުކުޅުތަކަށް ޒަމާނާ އެއްގޮތަށް ދަނީ ބަދަލު ގެންނަމުންނެވެ. ކުރިއާ ހިލާފަށް މިހާރު ސްކޭމަރުން ވެސް އެކަން ކުރަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ. މިކަންކަން ހުއްޓުވަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް މިއީއެވެ. މިއީ ހަމައެކަނި ރާއްޖެ އޮތް ގޮންޖެހުމެއް ނޫނެވެ. ދުނިޔެގެ ހުރިހާ ގައުމެއްގައި ވެސް ސްކޭމަރުންގެ އުނދަގޫ ބޮޑެވެ.

ސްކޭމަރުން ހުއްޓުވުމަށް އޮތް އެންމެ ބޮޑު ހައްލު

ސްކޭމަރުން ހުއްޓުވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުން އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ހޭލުންތެރިވުމެވެ. ހާއްސަކޮށް މިފަދަ ސްކޭމަރުންގެ މަޅީގައި ޖެހުމުގެ ތަޅުދަނޑި އޮންނަނީ އެ މީހެއްގެ އަތުގައެވެ. އެފަދަ މަޅީގައި އާންމު ގޮތެއްގައި ޖެހެނީ ކޮންމެވެސް އެދުމެއްގައި ފަރުވާކުޑަކޮށް ކުރެވޭ ކަމެއްގެ ސަބަބުންނެވެ.

advertisement

ރާއްޖޭގައި ވެސް ސްކޭމަރުންގެ އުނދަގޫ ޖެހިފައިވާތާ އަހަރުތަކެއް ވެއްޖެއެވެ. މުވާސަލާތީ ހިދުމަތްތައް އާންމުނުވާ އިރު އެފަދަ މީހުން ގޭގެއަށް ހިނގީ ބޭސް ސިޓީ އާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމުގެ ނަމުގައެވެ. ނުލިބޭ އަނިޔާތައް ބޭރުފުށުން ދައްކައިގެން އެތައް ބައެއްގެ އަތުން ފައިސާ ހޯދަމުން ދިޔައެވެ. އެހެން ނަމަވެސް މިއީ މަކަރާއި ހީލަތުން ހިނގާ ކަމެއްކަން ގިނަ ބަޔަކަށް އެނގުނު އިރު އެތައް ބަޔަކު ވަނީ އެ މީހުންގެ މަޅީގައި ޖެހިފައެވެ.

އޭގެ ފަހުން މޯބައިލް ފޯނުގެ ހިދުމަތްތައް ތައާރަފްވުމާ އެކު ސްކޭމަރުންނަށް އިތުރު ފުރުސަތުތައް ތަނަވަސްވެގެން ދިޔައެވެ. ފޯން ރީލޯޑްކުރުމާއި ކާޑު އެޅުމާއި މިހެން ގޮސް އެތައް ކަމެއް ހިންގިއެވެ. ބައެއް ވިޔަފާރިވެރިން ވެސް މި މަޅީގައި ޖެހުނެވެ. އޭގެ ފަހުން ބޭންކް ކާޑުގެ ތަފްސީލްތައް ހޯދައިގެން ސްކޭމްތަކެއް ހިންގިއެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން މި މަޅީގައި ޖެހުނެވެ.

ޒަމާނީ ބަދަލުތަކާ އެކު އެކަން ކުރާ ގޮތްތައް ވެސް ވަނީ ބަދަލުވެފައި

ޒަމާނީ ބަދަލުތަކާ އެކު މިހާރު އެކަން ކުރާ ގޮތްތައް ވަނީ އަނެއްކާ ވެސް ބަދަލުވެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ކުންފުނިތަކުގެ ނަމުގައި ފޮނުވާ އެސްއެމްއެސްތަކާއި ޕިން ކޯޑާއި އޯޓީޕީ ހޯދައިގެން ވެސް ގިނަ ވައްކަންތަކެއް ކޮށްފައި ވެއެވެ. އަދި ތަފާތު އެކި ލިންކްތައް ފޮނުވައިގެން ބޭންކް އެކައުންޓަށް އެކްސެސްވުމާއި މިހެން ގޮސް ތަފާތު އެކި އުކުޅުތައް ދަނީ ބޭނުންކުރަމުންނެވެ. 

ތަފާތު ކަންކަމަށް އެހީ ހޯދުމުގެ ނަމުގައި ފޭސްބުކްގައި ޕޯސްޓްކޮށްފައި ހުންނަ އެކައުންޓްތަކަށް ބެލުމެއް ނެތި ފައިސާ ޖަމާކުރާ މީހުން ވެސް އުޅެއެވެ. ޑޮލަރު މާރުކުރުމުގެ ނަމުގައި ވެސް ހިންގާ ސްކޭމްތަކުގައި ވެސް އެތައް ބަޔަކު އަތުން ގިނަ އަދަދެއްގެ ފައިސާ ގެއްލިފައި ވެއެވެ. މުދާ އެތެރެކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާ ހީލަތުން އެތައް މިލިއަން ރުފިޔާއެއް ހޯދި މީހެއްގެ މައްސަލަ ދާދި ފަހުން ފެންމަތިވެފައި ވެއެވެ. މިހެން ގޮސް އެތައް ކަމެކެވެ.

ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ޒަމާނީ ޓެކްނޮލޮޖީއާ ވަރަށް އަހުލުވެރި ބައެވެ. ހާއްސަކޮށް އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ 

ކަންކޮޅުތަކަށް ލިބޭތީ މައުލޫމާތަކީ ދިވެހިންގެ އިނގިލިކުރިއާ ހިސާބުގައި އޮތް ކަމެކެވެ. އެހެން ނަމަވެސް އޭގެ ބޭނުން ހަމައެކަނި ޓިކްޓޮކް ބަލަން ހިފާތީ ވާގޮތަކަށް ވެސް ވެދާނެއެވެ. ވަރަށް އާދައިގެ ސްކޭމްތަކުގައި ވެސް ދިވެހިން އެބަޖެހެއެވެ. 

ހީނުކުރާކަހަލަ ތައުލީމީ ގޮތުން ރޯފިލާފައި ތިބޭ މީހުން ވެސް މި ސްކޭމްތަކުގެ ޝިކާރައަށް ވާފަހަރު ވެސް މަދެއް ނޫނެވެ. ގިނަ ފަހަރަށް މިއިން ކޮންމެ ކަމެއް ހިނގުމުގައި ތިމާގެ އަމިއްލަ އެދުމެއް ނުވަތަ ތިމާ އަށް ލިބިދާނެ ފައިދާއަކަށް އިސްކަން ދިނުން ހިމެނެއެވެ.

ކްރިޕްޓޯ ކަރަންސީ ނުވަތަ ފޮރެކްސް ޓްރޭޑްގެ ތެރެއިން ވެސް އެތައް ބަޔަކަށް ވަނީ ލަނޑު ލިބިފައެވެ. ކުރު މުއްދަތެއްގައި އަވަހަށް މުއްސަނދިވުން ނުވަތަ މާބޮޑު މަސައްކަތެއް ކުރުމަކާ ނުލައި އާމްދަނީއެއް ހޯދުމަކީ މީހުން ޝައުގުވެރިވާ ކަމެކެވެ. އެހެންކަމުން ސްކޭމަރުންގެ އުކުޅުތައް ވެސް ބައްޓަންކޮށްފައި ހުންނަނީ އެ ގޮތަށެވެ. 

މަޅީގައި ޖެހޭ މީހުން ވެސް ހަމަ ބުއްދި ބޭނުންކުރުމުގެ ބަދަލުގައި ތިމާ އަށް ލިބޭ ފައިދާ އަށް މާ ބޮޑަށް އިސްކަންދެވި އެމަޅީގައި ޖެހެނީއެވެ. މި ފަހަކަށް އައިސް ވަރަށް ގިނަ ބަޔަކަށް ރީތި ކުދިންގެ ފޮޓޯއާ އެކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ފްރެންޑް ރިކުއެސްޓް ލިބެއެވެ. އެ އެކައުންޓެއްގެ ތަފްސީލް ވެސް ބެލުމެއް ނެތި އަދި އެ އެކައުންޓްގެ ބެކްގްރައުންޑް ވެސް ބަލާނުލައި ހަމައެކަނި އިންނަ ފޮޓޯ އަށް ބަލާލައިގެން އެފަދަ މީހުންނާ ގުޅުން ބަދަހިކޮށް އެންމެ ފަހުން އެ މީހުންގެ މަޅީގައި ޖެހޭ މީހުން ވެސް މަދެއް ނޫނެވެ.

މިހުރިހާ ކަމަކަށް ބެލިނަމަވެސް މި މަޅީގައި ޖެހުމާއި ނުޖެހުން އޮންނަނީ އެ މީހެއްގެ ކޮންޓްރޯލްގެ ދަށުގައެވެ. އިހްތިޔާރެއް ނެތި ތިމާގެ އަތުން ފައިސާތަކެއް ފޭރިގަންނަ ފަހަރުތައް މަދުވެ. މިފަދަ ކޮންމެ ސްކޭމަކަށް ބެލި ނަމަވެސް އެނގި ހާމަވާން އޮންނަނީ ހޭލުންތެރިކަން ކުޑަކަމެވެ. އެހެން ބަހަކުން ބުނާ ނަމަ “ގަމާރު” ވުމުންނެވެ. ސްކޭމަރުން އަބަދު ވެސް މޮޅެތި ގޮތްތައް ހޯދާނެއެވެ. އެހެން ނަމަވެސް މިއިން ކޮންމެ ކަމަކުން ވެސް ސަލާމަތްވެވެނީ ހަމަ ބުއްދި ބޭނުންކޮށްގެންނެވެ. ހޭލުންތެރިވެގެންނެވެ

ރިއެކްޝަންސް
1
2
1
0
0
0
0