އަމިއްލަ ހިޔާލު: ޕީޕީއެމް އާއި ޕީއެންސީ — އެއް ފިކުރެއް، ދެ ވެރިއެއް!

6 ނޮވެމްބަރ 2023 - 13:16

ޕީޕީއެމް އާއި ޕީއެންސީއަކީ އެއް ފިކުރެކެވެ. މިހާތަނާ ޖެހެންދެން ދެ ޕާޓީ ކޮންޓްރޯލްކުރައްވަމުން ގެންދެވި ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވަނީ އެފަދައިންނެވެ. އެހެން ނަމަވެސް ދެ ޕާޓީގެ ލީޑަރުންނަކީ އެއް ފިކުރެއްގެ ބޭފުޅުންތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ދާތަން އެބަ ފެނެއެވެ. އެއް ފިކުރެއްގެ ގޮތުގައި މި ދެ ޕާޓީ އޮވެދާނެކަމާ މެދު ސުވާލު އުފައްދާ މީހުން މިހާރު މަދެއް ނޫނެވެ.

ވެރިކަމުގެ ތެރޭގައި އުފެދުނު ކޯޅުންތައް

ޕީޕީއެމް ވުޖޫދުވެގެން އައީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޑީއާރުޕީ ބައިބައިވުމުގެ ތެރެއިންނެވެ. ރައީސް މައުމޫނާއި އޭރު ޕާޓީގެ އިސްކޮށް ހުންނެވި އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް މައުމޫނު ޑީއާރުޕީ ދޫކޮށްލެއްވުމަށް ފަހު ކޮއްކޯފުޅު ރައީސް ޔާމީނާ އެކު ޕީޕީއެމްގެ ނަމުގައި ޕާޓީއެއް އުފެއްދެވީއެވެ. 

advertisement

ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގެ ތެރޭގައި އުފެދުނު ކޯޅުންތަކާ އެކު ޕީޕީއެމް ވެސް ދެ ބައިވެގެން ދިޔައެވެ. އެ ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު ޕާޓީގެ މައްސަލަ ޝަރުއީ މަރުހަލާއަށް ދިއުމުން ޕާޓީ ގެއްލިދާނެ ކަމަށް ބަލައި ބެކަޕް ޕްލޭނެއްގެ ގޮތުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އެ މަނިކުފާނަށް ވަފާތެރި ބޭފުޅުންކޮޅެއް ލައްވައި ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފެއްދެވިއެވެ. 

ރައީސް މައުމޫނާއި އެ މަނިކުފާނަށް ވަފާތެރި ފަރާތްތަކުން ހަރަކާތްތެރިވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ގޮތުގައެވެ. ކަންދިމާކުރި ގޮތުން ކާމިޔާބު ލިބުނީ ރައީސް ޔާމީނަށެވެ. އެހެންކަމުން ފަހަކާ ޖެހެންދެން ޕީއެންސީ އޮތީ ފުރަތަމަ އުފެއްދި މަގުސަދާ އެއްގޮތަށް ބެކަޕް ޕްލޭނެއްގެ ގޮތުގައެވެ. އެ ޕާޓީގެ މެންބަރުން އިތުރުކުރުމަކަށް ބަޔަކު މަސައްކަތެއް ވެސް ނުކުރެއެވެ. ކިރިޔާ ދެމި އޮންނަ ވަރަށް މެންބަރުން ބައިތިއްބައިގެން ޕާޓީ ދަމަހައްޓަމުން އައީއެވެ. 

ރައީސް ޔާމީނު ޖަލަށްލުމާ އެކު ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވިދާނެ ކަމަށް ބަލައި ޕީޕީއެމް އާއި ޕީއެންސީގައި ތިއްބެވި އިސް ބޭފުޅުން އަމިއްލަފުޅަށް މަސައްކަތްތަކެއް ކުރައްވަން ފެއްޓެވިއެވެ. ރައީސް ޔާމީން ނޫން ގޮތެއް ނެތް ކަމަށް ދެ ޕާޓީގެ ލީޑަޝިޕުން ބުނަމުން އައި ނަމަވެސް ވަކިވަކި ބޭފުޅުން ގެންދެވީ ބެކަޕް ޕްލޭން ތައްޔާރުކުރައްވަމުންނެވެ. 

މި މަހު 17 ވަނަ ދުވަހު ހުވާކުރައްވާ ޑރ. މުހައްމަދު މުއިއްޒުއަކީ ވެސް އޭގެ ތެރެއިން ބޭފުޅެކެވެ. އޭރު ޕީޕީއެމްގައި ހުންނެވި ޑރ. މުއިއްޒު އަށް އެހެން ބޭފުޅުންނަށް ވުރެ އެޑްވާންޓެޖް އޮތެވެ. މައިގަނޑު އެއް ސަބަބަކީ ވެރިކަމުގައި އޮތް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މާލެ އަށް ގަދަކޮށް އޮތް އެމްޑީޕީ ބަލިކުރައްވައި މާލޭގެ މޭޔަރުކަން ޕީޕީއެމް އަށް ހޯއްދަވައިދެއްވުމެވެ. އެހެންކަމުން ދެ ޕާޓީގެ ސެނެޓްގެ މެންބަރުންގެ އިތުބާރު އެ މަނިކުފާނު ގެންދެވީ ހޯއްދަވަމުންނެވެ. ސިޓީ ކައުންސިލްގެ އެކި ވަޒީފާތަކާއި ބައެއް މަސައްކަތްތައް ވެސް އެކަމުގައި ބޭނުންކުރެއްވިއެވެ. 

އިންތިހާބުގެ ބެކަޕް ޕްލޭނެއް ނެތް

އިންތިހާބުގެ ފަހުވަގުތާ ޖެހެންދެން ވެސް ރައީސް ޔާމީން ބެކަޕް ޕްލޭނެއް ނުގެންގުޅުއްވައެވެ. އަދި އެންމެ “ވޯސްޓް” ދަނޑިވަޅުގައި ވެސް ޑރ. މުއިއްޒުއަކީ އެ ޕްލޭންގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލްގެ ވާހަކަތަކުން އެނގެން އޮވެއެވެ. ރައީސް ކަމަށް ކުރިމަތިލުމަށް އިއުލާންކުރުމާ އެކު ރަނިން މޭޓެއްގެ ގޮތުގައި ޑރ. ޖަމީލް ކަނޑައަޅުއްވައި ރައީސް ޔާމީން ފޯމް ލެއްވީ އެ ސަބަބަށްޓަކައެވެ. 

އެހެން ނަމަވެސް ރައީސް ޔާމީނަށް ވާދަނުކުރެއްވިދާނެ ކަމަށް ބަލައި އޭރުވެސް އެތައް ބޭފުޅުންނެއް ތިއްބެވީ ފައިނަންގަވައިގެންނެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ކުށުގެ ރެކޯޑް ވެސް ސާފުކުރެއްވިއެވެ. ނަމަވެސް ޑރ. މުއިއްޒު ހަ ކުޅި ކުރިއަށް ކުޅުއްވީއެވެ. ރައީސް ޔާމީނާ ދެކޮޅަށް ކޯޓުން މައްސަލަ ނިންމުމުން އެމަނިކުފާނު ބޭނުންފުޅުވީ އިންތިހާބު ބޮއިކޮޓްކުރެއްވުމަށެވެ. އެހެން ނަމަވެސް އޭރު ޑރ. މުއިއްޒު ހުންނެވީ ސެނެޓްގެ މެޖޯރިޓީ ނަންގަވައިގެންނެވެ. ރައީސް ޔާމީނުގެ އެ ނިންމެވުން ސެނެޓުގެ ތެރެއިން ބަދަލުކޮށް ވަގުތުން ޕާޓީ ވެސް ބަދަލުކުރައްވައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފޯމު ހުށަހެޅުއްވިއެވެ. 

އެއް ފިކުރެއް ނަމަވެސް ހިޔާލު ތަފާތުވުންތަކެއް

އެ ހިސާބުން ވެސް ރައީސް ޔާމީނާއި ޑރ. މުއިއްޒުއާ ދެމެދު ހިޔާލު ތަފާތުވުން އުފެދުނެވެ. ދެ ޕާޓީގެ ފިކުރަކީ އެއް ފިކުރެއް ނަމަވެސް މިހާތަނަށް ތިލަވެފައިވާ ކަންކަމަށް ބަލާއިރު ރައީސް ޔާމީނާއި ޑރ. މުއިއްޒުއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އޮތް ކަމަށް ބަލަންޖެހެއެވެ. ރައީސް ޔާމީނު މިނިވަންކުރުމަށް މަގުމަތީގެ ހަރަކާތްތައް ނުހިންގުމަށް ޑރ. މުއިއްޒު ގޮވައިލެއްވި އިރު ރައީސް ޔާމީން އެދިވަޑައިގެންނެވީ އެއާ އިދިކޮޅަށެވެ. 

ލީޑާޝިޕްގެ ބޭފުޅުންނަށް ފާޑުވިދާޅުވިއެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު މަގުމައްޗަށް ނުކުތުމަށް އދިވަޑައިގަތެވެ. ޑރ. މުއިއްޒުގެ ލަފާފުޅުގެ މަތިން ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުކުރަން ފެށުމާ އެކު ރައީސް ޔާމީން ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ. އަދި ޕީއެންސީ އަށް މެންބަރުން ވައްދަން ޕީޕީއެމްގެ މެންބަރުން ފޯމު ފުރައިދޭންނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ ވާހަކަތަކާ ގުޅިގެން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީ އަށް 10،000 މެންބަރުން އިތުރުކުރުމުގެ މަސައްކަތްކުރަނީ ރައީސް ޔާމީނަށް ގެއްލުމެއް ދިނުމަށް ނޫން ކަމަށާއި އަދި ޕީޕީއެމްގެ މެންބަރުން ޕީއެންސީ އަށް ބަދަލުވުމަށް ޑރ. މުއިއްޒު ވެސް އެދިވަޑައިނުގަންނަވާ ކަމަށެވެ. 

“ރައީސް މުއިއްޒުގެ ލިޔުއްވުމުގައި ވެސް އޮންނާނެ 10،000 މެންބަރުން ހަމަކުރާއިރު ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕީއެންސީއަށް ބަދަލުނުކުރާށޭ،” އަބްދުއްރަހީމް ވިދާޅުވިއެވެ. 

ނަމަވެސް ޕީޕީއެމް އާއި ޕީއެންސީއަކީ އެއް ފިކުރެއްގެ މައްޗަށް ބިނާވެފައި އޮތް ދެ ޕާޓީއެވެ. އެހެންކަމުން ޕީއެންސީ ފުޅާވާވަރަކަށް ޕީޕީއެމްގެ ޒައިޒް ކުޑަވާނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އަނެއްކޮޅުން ފިކުރު އެއްގޮތް ނަމަވެސް ދެ ޕާޓީގެ ލީޑާޝިޕްގައި މައްސަލަތަކެއް އުޅޭކަން ފަހުން ބޭއްވި ބައްދަވުންތަކުން ހާމަވެއެވެ. ރައީސް ޔާމީން ގެއަށް ބަދަލުކޮށް، ދިން ލުއިތަކާ އެކު ޕާޓީގެ މެންބަރުންނަށް ބައްދަލުކުރެއްވި ދެ ފަހަރު ވެސް ލީޑާޝިޕްގެ ބޭފުޅުން ކުރީ ސަފުން ނުފެނުމަކީ އޭގެ އަލާމާތެކެވެ. 

ދޫދޫ މަތިން ދެކެވެމުންދާ ވާހަކަތައް ތިލަވާން އަދި ދުވަސްކޮޅެއް ނަގާނެއެވެ. ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމާ އެކު އެކުލަވާލައްވާ ކެބިނެޓާ އެކު މި ވާހަކަތަކުގެ އަޑު ގަދަވާނެ ކަމަށް ބެލެވެއެވެ. މިފަދަ ބައެއް ވާހަކަތައް މިހާރު ވެސް ފެންމަތިވެފައި ވެއެވެ. އަދި ކުރިއަށް އޮތް މާލޭ މޭޔަރުކަމުގެ ބައި އިލެކްޝަނާއި މަޖިލީހުގެ އިންތިހާބުގައި ވެސް ޕީއެންސީ އާއި ޕީޕީއެމްގެ ކޯޅުން ބޮޑުވާނެ ކަމަށް ބެލެވެއެވެ. 

ޕްރައިމަރީ ބޭއްވުމަށް ނިންމާފައި ވަނީ އެކުގައެވެ. އެހެން ނަމަވެސް ތުންތުން މަތިން އިވޭ އަޑުތަކަށް ބަލާއިރު ޕްރައިމަރީގައި ރައީސް ޔާމީނުގެ ޓީމަކާއި ޑރ. މުއިއްޒުގެ ޓީމެއް ވަކިން ވާދަކުރާނެއެވެ. ފެންނަނީ އެއް ފިކުރެއް ނަމަވެސް ދެ ލީޑާޝިޕެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0