އަމިއްލަ ހިޔާލު: ބޯހިޔާވަހިކަމުގެ ދަފްތަރެއް މުހިންމު!

6 ޑިސެމްބަރ 2023 - 15:01

ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެތައް ހާސް ބަޔަކު އެބަ ތިއްބެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައެވެ. އެހެންކަމުން ކޮންމެ ސަރުކާރަކުން ވެސް އެންމެ އިސްކަންދޭ އެއް ކަމެއްގެ ގޮތުގައި އޮންނަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެވެ. 

އެހެން ނަމަވެސް ކޮންމެ ސަރުކާރަކުން ވެސް އެފަދަ މަޝްރޫއުތައް ހިންގަނީ ކޮންމެ މަޝްރޫއަކަށް ވެސް ވަކިން ކުރިމަތިލުމަށް ހުޅުވާލައިގެންނެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ވެސް އަދި ސަރުކާރަށް ވެސް އެތައް ތަކުލީފުތަކެއް ކުރިމަތިވެއެވެ. 

advertisement

ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންގެ ސީދާ އަދަދެއް ޔަގީންކޮށް ބުނަން ނޭނގުނު ނަމަވެސް ފާއިތުވި އަހަރުތަކުގައި އެފަދަ މަޝްރޫއުތަކަށް ހުޅުވާލުމުން އެވްރެޖްކޮށް ފްލެޓަށް ވިއްސަކަށް ހާސް އަދި ގޯއްޗަށް ވެސް ހަމަ އެ އަދަދަށް ކުރިމަތިލައެވެ. މާނައަކީ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އަދަދު ގާތްގަނޑަކަށް 40،000 އަށް އަރައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިއަދަދު އިތުރުވަމުން ދާނެއެވެ. 

 ބޯހިޔާވަހިކަން ބޭނުންޖެހިފައިވާ މީހުންގެ އަދަދު ސާފުކުރުން މުހިންމު

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން މި ވަގުތު އެންމެ މުހިންމުވެފައި ވަނީ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ މީހުންގެ އަދަދު ސާފުކުރުމެވެ. މިދިޔަ ސަރުކާރުން ތައާރަފްކުރި ހައުސިން ޕޯޓަލްގެ ތެރެއިން ގިނަ ފަސޭހަތަކެއް ލިބި ކިޔުގައި ނުޖެހި ފޯމްލެވޭ ގޮތަށް ހެދުން ފަދަ ކަންކަމަކީ މި މަސައްކަތުގެ ތެރެއިން ކުރެވުނު ވަރަށް މުހިންމު މަސައްކަތްތަކެކެވެ. އަދި ދައުލަތުގެ އެކި ވުޒާރާތަކުގެ ތެރެއިން ޕޯޓަލް އަށް މައުލޫމާތު ލިބޭނެ ވިއުގައެއް އެކުލަވާލެވިފައި ވުމަކީ ވެސް މި ނިޒާމަށް ލިބިގެންދިޔަ ފުރިހަމަ ކަމެކެވެ. އެހެން ނަމަވެސް އަދިވެސް ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. 

ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން އެކަމަށް އެދިއްޖެ ހާލަތެއްގައި އެ މީހެއްގެ ދިރިއުޅުމުގެ ހާލަތު ފުރިހަމަ އަށް އެނގޭ ގޮތަކަށް ވިއުގަ ވަރުގަދަކުރަންޖެހެއެވެ. އެ ގޮތުން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަކީ ކޮބައިކަމާއި އެ މީހުންގެ ދަރިންނާއި އެ ދަރިންގެ ސްކޫލާއި ވަޒީފާގެ މައުލޫމާތާއި މިހެން ގޮސް އެ މީހަކާ ބެހޭ މުހިންމު މައުލޫމާތުތައް އެއް ވިއުގައެއްގެ ތެރެއިން ކަށަވަރުކުރެވޭ ނަމަ މިހާރު ކުރިމަތިވަމުންދާ މައްސަލަތައް މަދުވާނެއެވެ. 

މިދިޔަ ސަރުކާރުން ފްލެޓް ދިނުމަށް ނެރުނު ލިސްޓްގައި ބޮޑެތި މައްސަލަތެއް ކުރިމަތިވެފައި ވަނީ ހަގީގަތުގައި މި މައުލޫމާތުތައް ސައްހަކުރެވޭނެ ނިޒާމެއް ނެތުމުންނެވެ. ހައުސިން މިނިސްޓްރީން އޭރު ބުނެފައި ވަނީ ލިސްޓް އެކުލަވައިލީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ފޯމަށް ބަލައިގެން ކަމަށެވެ. 

އެ ފޯމްތަކުގައި ހުރި މައުލޫމާތުގެ ސައްހަކަން ބެލިފައެއް ނުވެއެވެ. އެހެން ކަމުން ރަށްރަށުގައި ދިރިއުޅޭ މީހުންނަށާއި މާލެ ބަދަލުވިތާ މާ ގިނަ ދުވަސް ނުވާ މީހުންނާއި ދަރިން ނެތް މީހުންނަށާއި އެ ނޫން ވެސް އެތައް އެތައް ކަމެއްގައި ދޮގު މައުލޫމާތު ދީފައިވާ އެތައް ބަޔަކަށް ފްލެޓް ލިބިފައި ވެއެވެ. 

މިހާރު ހުރި ގިނަ މައްސަލަތަކަކީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުންގެ ރަސްމީ ދަފްތަރެއް އެކުލަވާލެވިފައި ނެތުމުން ކުރިމަތިވެފައިވާ މައްސަލަތަކެވެ. އާ ސަރުކާރުން ދާދި ފަހުން ބުނެފައި ވަނީ ކޮންމެ ފަހަރަކު ވަކި މަޝްރޫއުތަކަށް އިއުލާނުކޮށްގެން ލިސްޓް ކަނޑައެޅުމުގެ ބަދަލުގައި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންގެ ވެއިޓިން ލިސްޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

“އޭރުން ދެނެގަނެވޭނެ ކޮބައިކަން ރައްޔިތުންގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ހޯދައިދޭންވީ ބަޔަކީ،” މަޖިލީހުގައި ވާހަކަ ދައްކަވަމުން އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވިއެވެ. 

ޑރ. ހައިދަރު ވިދާޅުވީ އެފަދަ ލިސްޓެއް އެކުލަވައިލުމަށް ފަހު މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާ އެކު އެ ލިސްޓްގެ ތަރުތީބަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. މިއީ މީގެ ކުރިން ވެސް ދެކެވުނު ވާހަކައެކެވެ. 

ޑިމާންޑަށް ވުރެ ސަޕްލައި މަދުވުން

ބޯހިޔާވަހިކަމުގެ މައްސަލަ އަށް ޖުމްލަ ހައްލެއް ނުލިބިގެން އުޅެނީ ޑިމާންޑަށް ވުރެ ސަޕްލައި މަދުވުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ބޭނުންޖެހިފައި ތިބި މީހުންނަށް އެކަށީގެންވާ ވަރަށް މަޝްރޫއުތައް ނުހިންގުމެވެ. އެހެންކަމުން ކޮންމެ ފަހަރަކު އެކަން ވަނީ ހައިޖާނަކަށެވެ. މި ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ނަމަ ސަރުކާރުގެ މައިގަނޑު ވިސްނުމަކީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. 

އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެއެވެ. މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ ވެސް 65،000 އަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ފުށިދިއްގަރުފަޅު ހިއްކައި ތަރައްގީކުރުމެވެ. އެހެން ނަމަވެސް މީގެ އިތުރުން ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ގޮތުން ހުޅުމާލެ ތިން ވަނަ ފޭހާއި، ގުޅީފަޅާއި ގިރާވަރުފަޅު އިތުރަށް ތަރައްގީކޮށް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައި ވެއެވެ. 

މިދިޔަ ސަރުކާރުން 4،000 ފްލެޓްގެ މަސައްކަތް ފަށާފައި ވެއެވެ. އޭގެ ތެރެއިން ބައެއް އިމާރާތްތައް ހުރީ ގާތްގަނޑަކަށް ނިމުމަކާ ހަމައިގައެވެ. އެ ތަންތަން ދޭނެ މީހުންގެ ލިސްޓް ވެސް ވަނީ އިއުލާނުކޮށްފައެވެ. އެހެން ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކޮށް އެކުލަވައިލި އެ ލިސްޓް މި ވަގުތު އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެންގުމަކަށް ހިފެހެއްޓިފައެވެ.

މި ސަރުކާރުން ބުނެފައި ވަނީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެތަންތައް ދޭނެ ކަމަށެވެ. އަދި އިމާރާތްތައް ނިމެމުންދާ ވަރަކަށް ހަވާލުކުރަމުންދާނެ ކަމަށެވެ. މީގެ އިތުރުން މިދިޔަ ސަރުކާރު ނިމުނު އިރު އިތުރު ފްލެޓްތައް އެޅުމަށް ބައެއް ކުންފުނިތަކާ ހަވާލުކޮށްފައި ވެއެވެ. އަމަލީ މަސައްކަތް ފެށިފައި ނުވި ނަމަވެސް އެ މަޝްރޫއުތައް ފެށިއްޖެ ނަމަ އިތުރު ބަޔަކަށް ފްލެޓްތައް ލިބިގެންދާނެއެވެ. 

މި ސަރުކާރުން އާ މަޝްރޫއުތަކެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރުކާރުން ވެސް ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތައް އިއުލާނުކުރާނެއެވެ. އޭގެ ކުރިން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުންގެ ލިސްޓެއް އެކުލަވާލައި އެ ފަރާތްތައް ތަރުތީބުކުރުން މުހިންމެވެ. 

އޭރުން ކޮންމެ ފަހަރަކު ފޯމް ހުށަހެޅުމުގެ ބަދަލުގައި އެ މީހަކަށް ފްލެޓް ލިބޭނީ ކޮން އިރަކުން ކަން އޮންނާނީ ކުރިއާލާ އެނގިފައެވެ. މީގެ ސަބަބުން އެތައް މައްސަލަތަކަކަށް ހައްލު ލިބިގެންދާނެއެވެ. އެހެން ނަމަވެސް މިފަދަ ދަފްތަރެއް އެކުލަވާލުމުގައި ރަނގަޅު ނިޒާމެއް އެކުލަވާލުން މުހިންމެވެ.  

ރިއެކްޝަންސް
0
0
0
0
0
0
0