އަމިއްލަ ހިޔާލު: ގަވާއިދާ ހިލާފު ވިޔަފާރިތައް ފާޅުގައި — އިދާރާތަކަކަށް ނުފެނޭ!

12 ޑިސެމްބަރ 2023 - 15:08

ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިޔާ ފްލެޓްތަކުގެ އިރުން ގޮނޑުދޮށަށް ދިއުމަށް އޮންނަ މަގުތަކުގައި ކުރިން ހުރީ މޭޒުތަކެކެވެ. ކޮންމެ ދުވަހަކު ހަވީރުން ފެށިގެން އެތަންތަނުގައި ހެދިކާ އާއި ކެއިން ބުއިމަށް ބޭނުންކުރާ ސާމާނުތައް ވިއްކަމުން ދެއެވެ. ބައެއް މޭޒުތަކުގައި ކުޑަކުދިން ޝައުގުވެރިވާނެ ކުޅޭ ސާމާނެވެ. އެއްބަޔަކު އަންނައުނު ވެސް ވިއްކައެވެ. ކަރަންޓް ނެތް ނަމަވެސް ބެޓެރީ ލައިޓްތައް ބޭނުންކޮށްގެން ރޭގަނޑު ވެސް އެކަން ކުރެއެވެ. ހީވަނީ ކުޑަވަރެއްގެ ސޭލެއް އަޅުވައިގެން އުޅޭހެންނެވެ. 

ހީވަނީ ރަސްމީ ބާޒާރެއްހެން

ހިޔާ ސަރަހައްދުގެ މި “ސޭލު” ސަރަހައްދުގެ ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އެތަނުގައި މިހާރު ހުރީ ހަމައެކަނި ކުދި މޭޒުތަކެއް ނޫނެވެ. އީދުގެ ފޯރިއާއެކު ގިނައީ ކުދި ކުދި ކެފޭތަކެވެ. މޭޒާއި ގޮނޑި ޖަހައި ދަންވަންދެން ވެސް ކޮފީ އާއި ކެއިން ބުއިމުގެ ހިދުމަތް އެ ތަންތަނުން އެބަ ދެއެވެ. އަދި ކުދިކުދި ގޮޅި ހަދައިގެން އެކި ބާވަތުގެ ސާމާނު ވިއްކާ އިރު މިހާރު އެ ސަރަހައްދު ހީވަނީ ރަސްމީ ބާޒާރެއްހެނެވެ. 

advertisement

ހިޔާ ސަރަހައްދުގައި އެންމެ ފުރަތަމަ މި ގޮތަށް ކާބޯތަކެތީގެ މޭޒުތައް އަތުރަން ފެށީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހިޔާ ފްލެޓްތައް ހަވާލުކުރުމުން އެ ތަންތަނަށް ބަދަލުވުމަށް ފިނިޝިންގެ މަސައްކަތް ކުރަމުން ދިޔަ އިރުއެވެ. އޭރު ވެހިކަލްތަކުގައި އެއްޗެހި ވިއްކަމުން ގޮސް ބައެއް މީހުން ސަރަހައްދަށް ބަދަލުވި އިރު މާރުކޭޓު ގޮޅި ހަދައިގެން ހިޔާ ފްލެޓްތަކުގެ ބޭރުން، މިހާރު ޕާކް ހަދަމުންދާ ސަރަހައްދުގައި ދިވެހިންނާއި ބިދޭސީން ވެސް ވިޔަފާރިކުރަމުން ދިޔައެވެ. 

އެ ސަރަހައްދަށް ފުރަތަމަ މީހުން ބަދަލުވި އިރު ފިހާރަތައް ނެތުމުން އެ ތަންތަނުގެ ފޯރި ވަރަށް ގަދަވިއެވެ. ގޮޅިތައް ގިނަވިއެވެ. ހާއްސަކޮށް ބިދޭސީންގެ ނުފޫޒު ވަރަށް ބޮޑަށް ގަދަކޮށްލިއެވެ. އެހެން ނަމަވެސް މީހުން ދިރިއުޅެން ފަށައި އެ ސަރަހައްދު ރީތިކުރުމުގެ މަސައްކަތް ފެށުމާ އެކު އާބަންކޯ އިން ވަނީ އެ ގާޑިޔާތަކާއި މޭޒުތައް ނަގައިފައެވެ. މާރުކޭޓް ގޮޅިގެން ލަކުޑިން ހަދާފައިވާ ތަންތަން ވެސް ރޫޅާލައި ސާފުކޮށްލިއެވެ. 

ހިޔާ ސަރަހައްދުގައި އެ ގޮތަށް މޭޒު ބަހައްޓައިގެން ފިޔަފާރިކުރުން މަނާކުރި ނަމަވެސް މީހުން އާބާދުވެ، ސަރަހައްދަށް ދިރުން ލިބުމާ އެކު އަނެއްކާ ވެސް މޭޒުތައް އަތުރަން ފެށިއެވެ. މި ފަހަރު ހަވީރު ފިންޏަށާއި ރޭގަނޑު ބުރުޖަހަން ނުކުންނަ މީހުންނަށް އަމާޒުކޮށް މޭޒުތައް އަތުރަން ފެށީ ބީޗް ސަރަހައްދަށް ދާން އޮންނަ މަގުތަކުގައެވެ. މިހާރު އެ ސަރަހައްދު އޮތީ ސޭލް އަޅުވާފައި އޮތް ކުޑަވަރެއްގެ ބާޒާރެއްގެ ގޮތުގައެވެ. ކާބޯތަކެތި ވިއްކާ ފުޑްކޯޓުތަކާއި ކެފޭތަކާއި އަންނައުނާއި ކުޅޭ ސަމާނު ވިއްކާ ސްޓޯލްތަކުން އެ ސަރަހައްދު ވަނީ ތޮއްޖެހިފައެވެ.

މި ވިޔަފާރިތަކަކީ އެއްވެސް ހުއްދައެއް ނެތި ހިންގާ ތަންތަނެވެ. ވިޔަފާރިކުރުމުގެ ހުއްދަ ނެތް އިރު އެއްވެސް ޓެކްސްއެއް ކުއްޔެއް ދެއްކުމެއް ނެތި ހިލޭ ކުރަމުންދާ ވިޔަފާރިތަކެކެވެ. ކެއިންބުއިމުގެ ސާމާނު ވިއްކައި ކުދި ކެފޭތައް އޮޕަރޭޓްކުރަމުންދާ އިރު ނަގަންޖެހޭ ހުއްދައެއް އޮންނަކަން ވެސް އެ ފަރާތްތަކަށް ރޭކާ ވެސް ނުލައެވެ. ނުވަތަ އެނގޭ ކަމަކަށް ނުހަދައެވެ. ކާބޯތަކެތި ވިއްކާ ނަމަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނަގަންޖެހޭ ހާއްސަ ހުއްދައެއް އޮނަން އިރު މޭޒާއި ގޮނޑި އަތުރައިގެން ކެފޭތައް އެހެރަ ހިންގަނީއެވެ. 

މި ކަން ހައްލުކުރާނެ ބަޔަކު ނެތް

ރޯމާ ދުވާލު ފާޅުގައި ގަވާއިދާ ހިލާފަށް ވިޔަފާރިތަކެއް ހިންގާ އިރު ހުޅުމާލެ ބެލެހެއްޓުމުގެ ޒިންމާ އޮތް އާބަންކޯ އިން ވެސް މި ކަން ހުއްޓުވަން އެއްވެސް ކަމެއް ނުކުރެއެވެ. ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން ދައުލަތަށް ޓެކްސް ދައްކައިގެން ހިޔާ ސަރަހައްދުގައި އެތައް ބަޔަކު ވިޔަފާރި އެބަ ކުރެއެވެ. އެހެން ނަމަވެސް ވަކި ބަޔަކު ދަނީ މިފަދަ އެއްވެސް ޓެކްސްއެއް، ފީއެއް ދެއްކުމެއް ނެތި ބީޗް ސަރަހައްދުގައި މޭޒު ބަހައްޓައިގެން ކެފޭ ހަދައިގެން ވިޔަފާރިކުރަމުންނެވެ.

ފާހަގަކުރެވޭ ކަމަކީ އާބަންކޯގެ އެކި ވަޒީފާތަކުގައި އުޅޭ މީހުން ވެސް އެ ސަރަހައްދުގައި މޭޒު ޖަހައިގެން ވިޔަފާރިކުރަމުން ގެންދާ ކަމެކެވެ. އެ ކުންފުނިން އަޅައިނުލާ އިރު ކާބޯތަކެތި ވިއްކާ ތަންތަން މޮނީޓާކުރުމުގެ ޒިންމާ އޮތް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވިޔަފާރީގެ ކަންކަން ބަލަހައްޓާ ޓްރޭޑް މިނިސްޓްރީ އަށް ވެސް ހިލަމެއް ނުވެއެވެ. 

މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ގެންދަނީ ހަމައެކަނި ހިޔާ ސަރަހައްދުގައި އެކަންޏެއް ނޫނެވެ. ހުޅުމާލެ އާއި މާލޭގެ އެކި ސަރަހައްދުގައި މިފަދަ ވިޔަފާރިތައް އެބަ ކުރެއެވެ. މީގެ އިތުން ބިދޭސީން ވެސް ގަވާއިދާ ހިލާފަށް އެތައް ވިޔަފާރިއެއް އެބަ ކުރެއެވެ. މިފަދަ ވިޔަފާރިތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަރަށް ފަހުން ވެސް ބުނެފައި ވެއެވެ. 

އެ ގޮތުން ބިދޭސީންގެ ނަމުގައި ހުންނަ އެކައުންޓްތަކަށް ފައިސާ ޖަމާކުރާ ގޮތަށް ކުރާ ވިޔަފާރިތަކާ މެދު ވިޔަފަޅު އަޅާނެ ކަމަށް ވެސް ދާދި ފަހުން ޓްރޭޑް މިނިސްޓްރީން ބުނެފައި ވެއެވެ. އެހެން ނަމަވެސް މާލޭގެ ބޮޑެތި މަގުތަކާއި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިކަން ވެސް އެބަ ކުރެއެވެ. އެހެން ނަމަވެސް ފިޔަވަޅުތަކެއް ނޭޅެއެވެ. 

މިފަދަ ބައެއް ތަންތަނުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ވެސް ޖެހިލުމެއް ނެތި ތިބޭކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ހިޔާ ސަރަހައްދެކޭ އެއްގޮތަށް މި ކަން ވެސް ހައްލުކުރާނެ ބަޔަކު ނެތެވެ. އެބަޔަކަށް ފެންނަތަނެއްގައި މޭޒު އަތުރައިގެން އެއްޗެހި ވިއްކައި ކެފޭ ހިންގަންވީއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
1