އަމިއްލަ ހިޔާލު: ސަރުކާރު މުވައްޒަފުން — މާ ކަންނެތާ ފޮޑަރު

19 ޑިސެމްބަރ 2023 - 14:07

ދުނިޔޭގެ ނިސްބަތުން ވެސް ދައުލަތުގެ މުވައްޒަފުން މަސައްކަތްކުރާ ވަގުތު އެންމެ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެއެވެ. އަހަރު ފެށޭ އިރު ކަނޑައަޅާ ރަސްމީ ބަންދު ދުވަސްތަކުގެ އިތުރުން ތަފާތު އެކި މުނާސަބާތަކާ ގުޅިގެން ވެސް އެތައް ދުވަހެއް ބަންދު ކުރެއެވެ. އާ ސަރުކާރާ އެކު އަނެއްކާ ވެސް މި ވަނީ އެ ބަންދަށް 10 ދުވަސް އިތުރުކޮށްފައެވެ. ކޮންމެ ރޯދަމަހެއްގެ ފަހު 10 ދުވަސް ބަންދު ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުގެ މުވައްޒަފުންނަށް މިހާރު ވެސް ގިނަ ދުވަސްތަކެއް ބަންދު ދުވަސްތަކުގެ ގޮތުގައި ލިބެއެވެ. އަހަރުގެ 365 ދުވަހުގެ ތެރެއިން 104 ދުވަހަކީ ހުކުރު ހޮނިހިރެވެ. އެއީ ބަންދު ދެ ދުވަހެވެ. ބާކީ މަސައްކަތްކުރަން އޮންނަ 260 ދުވަހުގެ ތެރެއިން ޗުއްޓީގެ ގޮތުގައި 30 ދުވަސް ލިބެއެވެ. ސަލާމުގެ ގޮތުގައި 30 ދުވަހާއި ގައުމީ އެކި މުނާސަބާތަކާ ގުޅިގެން ވިއްސަކަށް ދުވަސް ބަންދުކުރެއެވެ. އާއިލީ ޒިންމާގެ 10 ދުވަސް ވެސް ލިބެއެވެ. މާނައަކީ އަހަރެއްގައި ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތްކުރަންޖެހޭނީ ގާތްގަނޑަކަށް 170 ވަރަކަށް ދުވަހެވެ. އެއީ ނިސްބަތުން ނަމަ އަހަރެއްގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދެވެ. އޭގެ ތެރެއަށް އަނެއްކާ ވެސް 10 ދުވަސް އިތުރުކުރަން ސަރުކާރުން މި ވަނީ ނިންމާފައެވެ.

advertisement

މަސައްކަތްކުރަންޖެހޭ ދުވަސްތަކަށް ވުރެ މަސައްކަތްނުކުރާ ދުވަސްތައް ގިނަ

ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރެއްގެ އެވްރެޖްކޮށް ސިވިލް ސާވިސްގެ މުވައްޒަފަކު މަސައްކަތްކުރަންޖެހޭ ދުވަސްތަކަށް ވުރެ ޗުއްޓީ ނުވަތަ މަސައްކަތްނުކުރާ ދުވަސްތައް ގިނައެވެ. ބޭރުގެ އެހެން ގިނަ ގައުމުތަކާ ހިލާފަށް ރާއްޖެއަކީ މަސައްކަތު ގަޑި ވެސް ކުޑަ ގައުމެކެވެ. އާންމު ގޮތެއްގައި އިގްތިސާދު ރަނގަޅު ގިނަ ގައުމުތަކެއްގައި މަސައްކަތު ގަޑިއަކީ އަށް ގަޑިއިރެވެ. ނަމަވެސް ރާއްޖޭގައި ޝިފްޓް ޑިއުޓީ ހަދާ ތަންތަން ފިޔަވައި ސަރުކާރާއި ދައުލަތުގެ އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހަ ގަޑިއިރެވެ. ރޯދަ މަހު ހަތަރު ގަޑިއިރެވެ.

މަސައްކަތްކުރާ ގަޑި އިތުރުކުރުމާ މެދު ބައެއް ތަޖުރިބާކާރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އިތުރުކުރަންވީ މަސައްކަތްކުރާ ވަގުތެއް ނޫނެވެ. އޭގެ ބަދަލުގައި “ސްމާޓްކޮށް” މަދު ވަގުތުތަކެއްގައި ކުރާ މަސައްކަތުން އުފެއްދުންތެރިކަން އިތުރުވެގެން ދެއެވެ. އެ ގޮތުން އިގްތިސާދު ދުޅަހެޔޮ ބައެއް ގައުމުތަކުގައި މިހާރު ވެސް މަސައްކަތްކުރަނީ ހަފުތާއަކު ހަތަރު ދުވަހުއެވެ. 

އަނެއް ތިން ދުވަހަކީ އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ފުރުސަތު ދޭ ދުވަސްތަކެވެ. މިއީ ވަރަށް ސިސްޓަމެޓިކް ގައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލެކެވެ. އޭގެ ތެރޭގައި ޖަޕާނާއި ބެލްޖިއަމް، ނިއު ޒީލެންޑާއި އަޔަލެންޑް، ޔޫއޭއީ އާއި ސްޕެއިން ފަދަ އިގްތިސާދު ދުޅަހެޔޮ އަދި ނިޒާމްތައް ގާއިމުކުރެވި ތަރުތީބުކުރެވިފައިވާ ގައުމުތައް ހިމެނެއެވެ. ސުވާލަކީ ރާއްޖޭގައި މި ގޮތަށް އަމަލުކުރެވިދާނެ މާހައުލެއް ނުވަތަ އިގްތިސާދީ ދުޅަހެޔޮ ކަމެއް އެބަ އޮތް ހެއްޔެވެ؟

ފުނިޖެހިފައިވާ މައްސަލަތައް އިންތިހާ އަށް ގިނަ

ސަރުކާރުގެ އޮފީސްތަކުގައި ފުނިޖެހިފައިވާ މައްސަލަތައް އިންތިހާ އަށް ގިނައެވެ. ހިދުމަތް ދޭ ތަންތަނުން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުދެވޭ ކަމުގެ ޝަކުވާތައް ވެސް ގިނައެވެ. ހުށަހަޅާ ފޯމްތަކަށާއި ސިޓީތަކަށް ޖަވާބު ދިނުން ލަސްވުމުގެ ޝަކުވާތައް އަބަދު ވެސް އޮވެއެވެ. އިދާރާތަކުން ދޭ ހިދުމަތްތަކަށް ތިން ހަތަރު ދުވަސް ނަގާ ކަމުގެ ޝަކުވާތައް ވެސް އޮވެއެވެ. މިއީ މަސައްކަތްކުރާ ދުވަހާއި ވަގުތު މަދުވުމުން ކުރިމަތިވާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

އެހެން ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި ހަމަ އެކަނި މައްސަލައަކީ އެއީއެއް ނޫނެވެ. މަސައްކަތްކުރަން ލިބޭ ވަގުތުގައި އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރުމާއި އޮފީހަށް ވަގުތު ނުދިނުމަކީ ވެސް އޭގެ ސަބަބުތަކެވެ. އެ ގޮތުން އޮފީސް ގަޑީގައި ސްކޫލް ދޮށަށް ދިއުން ފަދަ އާއިލީ ޒިންމާ ތަކާއި ސަޔާއި ކެއިންބުއިން ފަދަ ކަންކަމަށް ހޭދަކުރާ ވަގުތު އިތުރުކޮށް ބޭކާރު ކަންކަމުގައި ވަގުތުތައް ހޭދަކުރުމަކީ ވެސް އުފެއްދުންތެރިކަން ދަށްވާ ސަބަބެކެވެ.

ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އޮފީހުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ކުރަންޖެހޭ މަސައްކަތް މަދުކުރުމުގެ ނިޒާމު ހަރުދަނާ ކުރެވިއްޖެ ނަމަ މިހާރަށް ވުރެ އުފެއްދުންތެރިކަން އިތުރުކުރެވިދާނެއެވެ. އަދި ރާއްޖެއަކީ ޓެކްނޮލޮޖީއާ ރަހުމަތްތެރި ގައުމަކަށް ވުމަކީ ލިބިފައިވާ އެޑްވާންޓޭޖެކެވެ. އެ ގޮތުން ކުރިން ކިޔުގައި ޖެހިގެން ކައުންޓަރުން ހޯދަމުން ދިޔަ ގިނަ ހިދުމަތްތަކެއް އޮންލައިން މެދުވެރިކޮށް ކިޔުގައި ނުޖެހި ލިބޭނެ އިންތިޒާމުތައް ގިނަ އޮފީސްތަކުގައި މިހާރު ވެސް ވަނީ ގާއިމުކޮށްފައެވެ. އަދި ސަރުކާރުގެ “ވަންގަވް” ޕޯޓަލްގެ ތެރެއިންނާއި މާލީ ކަންކަމުގައި މުއާމަލާތްކުރުމުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ފެށުމާ އެކު ގިނަ ކަންކަމުގައި ހޭދަވާ ވަގުތު މިހާރު ވަނީ ވަރަށް ބޮޑުތަން ކުޑަކުރެވިފައެވެ. އެހެން ނަމަވެސް މެނުއަލްކޮށް ނުވަތަ މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ގިނައެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ނިސްބަތް އިތުކުރެއްވިއްޖެ ނަމަ މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތް ބޮޑުތަނުން ކުޑަކުރެވިދާނެއެވެ.

ހަފުތާގެ މަދު ދުވަސްތަކުގައި މަސައްކަތްކޮށްގެން ނެރެވޭ ނަތީޖާ ތަޖުރިބާ ކުރުމަށް ރާއްޖޭގައި ވެސް ބައެއް އޮފީސްތަކުން މަސައްކަތްކޮށްފައި ވެއެވެ. އެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ މުވައްޒަފުން ހަފުތާގެ ހަތަރު ދުވަހު މަސައްކަތަށް ނުކުންނަ ގޮތަށް މިދިޔަ އަހަރު ނިންމިއެވެ. އަދި ދެ ބުރެއްގެ މަތިން ކުރި ތަޖުރިބާގެ އަލީގައި އެ އޮފީހުން ބުނެފައި ވަނީ އޭގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެގޮތުން ގަޑި ޖެހުނު މުވައްޒަފުންނާއި ސަލާމް ބުނި މުވައްޒަފުންގެ އަދަދު މަދުވުމުގެ އިތުރަށް ރަސްމީ މަސައްކަތުގެ ސްޕީޑް އިތުރަށް ހަލުވި ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ. އެހެން ނަމަވެސް ސުވާލަކީ ރާއްޖޭގެ ގިނަ އޮފީސްތަކުގައި މި މާހައުލު އެބަ އޮތް ހެއްޔެވެ؟

ބަންދު ދުވަސްތައް އިތުރުކުރުމާ މެދު ވަރަށް ބޮޑު ހިޔާލު ތަފާތުވުމެއް އެބަ އޮތް

ރޯދަމަހުގެ ފަހު 10ގެ އަޅުކަމަށް ސިވިލް ސާވިސްގެ ނުވަތަ ސަރުކާރުގެ އޮފީސްތައް 10 ދުވަހަށް ބަންދުކުރުމުން ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވެއެވެ. މައިގަނޑު ގޮތެއްގައި މި ޝަކުވާތައް ބިނާވެފައި ވަނީ ވަކި ބަޔަކަށް އެ ލުއި ލިބުމެވެ. އެ ގޮތުން ސަރުކާރުގެ އަދި ސިވިލް ސާވިސްގެ ތެރޭގައި ހިމެނޭ ޝިފްޓް ޑިއުޓީ އަދާކުރާ މުވައްޒަފުންނަށް އެފަދަ އެއްވެސް ލުޔެއް ނުލިބުމަކީ ތަފާތުކުރުމެއް ކަމަށް ގިނަ ބަޔަކު ސިފަކޮށްފައި ވެއެވެ. އެހެން ނަމަވެސް ސިފައިންނާއި ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ސިއްހީ ހިދުމަތްތެރިންނަށް 10 ދުވަހުގެ “އޮފް” ދޭނީ ކިހިނެއް ހެއްޔެވެ؟ އެ 10 ދުވަހު ހޮސްޕިޓަލްތަކުގައި ތަޅު އަޅުވާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ އެންމެންގެ މެދުގައި ބަހާލައިގެން ވެސް 10 ދުވަސް ދޭނީ ކިހިނެއް ހެއްޔެވެ؟

އަނެއް ބަޔަކު ދެކޭ ގޮތުގައި 10 ދުވަސް ބަންދު ދުވަހުގެ ގޮތުގައި ނުލިބޭ ނަމަ އެ 10 ދުވަހު މަސައްކަތްކުރާ މީހުންނަށް ބަންދު ދުވަހުގެ އެލަވަންސް ހަމަޖައްސައި ދޭންޖެހޭނެއެވެ. ނަމަވެސް ވަޒީފާގެ އޮނިގަނޑުގެ ތެރެއިން މިކަން އޮތް ގޮތެއް ސަރުކާރުން ސާފުކޮށްދީފައެއް ނުވެއެވެ. އެ ދުވަސްތަކަށް ބަންދު ދުވަހެއްގައި މަސައްކަތްކުރުމުގެ އިނާޔަތް ލިބޭ ނަމަ އަދުލުވެރި ބަދަލެއް ދެވުނީ ކަމަށް ބައެއް ފަރާތްތަކުން ހިޔާލުފާޅުކޮށްފައި ވެއެވެ.

ރާއްޖެ ފަދަ ގައުމެއްގައި ބަންދު ދުވަސްތައް އިތުރުކުރުމާ މެދު ވަރަށް ބޮޑު ހިޔާލު ތަފާތުވުމެއް އެބަ އޮތެވެ. ހާއްސަކޮށް އާބާދީގެ ވަކި ބަޔަކަށް އެފަދަ ދުވަސްތަކުގެ މަންފާ ލިބޭ ގޮތަށް ކަންކަން ބައްޓަންވުމަކީ ވެސް އޮތް ޝަކުވާއެކެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރެވެން އޮތީ ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. އެކަމަށްޓަކައި ހޭދަކުރާ ވަގުތު އިތުރުކޮށްގެންނެވެ. އެކަން ހާސިލްކުރެވޭނީ ހަމައެކަނި ޕްރައިވެޓް ސެކްޓައިން ކުރާ މަސައްކަތުން އެކަންޏެއް ނޫނެވެ. 

އެމީހުން މަސައްކަތްތަކާ ގުޅިފައިވާ ސިވިލް ސާވިސްގެ ހިދުމަތްތައް ވެސް ހަމަ އެ ގޮތުގައި ދެވިގެންނެވެ. އެހެންކަމުން ބަންދު ދުވަސްތައް އިތުރުކުރުމަކީ މި ވަގުތަށް ބަލާއިރު ރާއްޖެ އަށް ހެޔޮ ގޮތެއް ކަމުގައި ބެލެވޭކަށް ނެތެވެ. އެހެން ނަމަވެސް އުފެއްދުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ރަނގަޅު ދިރާސާތަކެއް ކޮށް “ސްމާޓްކޮށް” މަދު ވަގުތު ކޮޅެއްގައި ކުރާ މަސައްކަތުން ނެރެވޭ ނަތީޖާ ދެނެގަނެ އެ ގޮތަށް މަސައްކަތުގެ މާހައުލު ބައްޓަންކުރުމަކީ ކުރެވިދާނެ ކަމެކެވެ.

ރިއެކްޝަންސް
0
3
1
1
0
0
3