އަމިއްލަ ހިޔާލު: ވެބްސައިޓްތައް ބްލޮކްކުރުން — ނުރައްކާ ސިގްނަލެއް!

24 ޑިސެމްބަރ 2023 - 11:30

ޒަމާނީ ޓެކްނޮލޮޖީއާ އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް ގައިދެއްގެ ތެރެއިން ވަނީ ނެއްޓިފައެވެ. އިންތަކާއި މިންތަކުން ބޭރުވެ ފާޅުކުރާ ހިޔާލާއި ފަތުރާ ޚަބަރުތަކުގެ ތެދު ދޮގުގެ ޒިންމާ މިއަދު އުފުލަންޖެހެނީ އެ ފަތުރާ މީހެއް ނުވަތަ އެ ބަޔަކު ނޫނެވެ. އެލިބިގަންނަ މީހާއެވެ. ލިބޭ މައުލޫމާތުގެ ތެދާއި ދޮގު ވަކިކުރުމުގެ ޒިންމާއަކީ މިއަދު އެމީހެއްގެ އަމިއްލަ ޒިންމާއަކަށް ވަނީ ވެފައެވެ. މިފަދަ ޒަމާނެއްގައި މައުލޫމާތާއި ހިޔާލުފާޅުކުރުމުގައި ތަޅު އަޅުވަން އުޅުމަކީ މޮޔަ ކަމެކެވެ. ސަރުކާރުން މިއަދު މި ފެށީ އެ މޮޔަކެމެވެ. 

“މިސްއިންފޮމޭޝަން”، “ޑިސްއިންފޮމޭޝަން” އަދި “މަލްއިންފޮމޭޝަން”ގެ ވަބާގައި ދުނިޔެ ޖެހިފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ހާއްސަކޮށް ކޮވިޑްގެ ދުވަސްވަރު ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުގެ ސަބަބުން ބޮޑެތި މައްސަލަތައް ދިމާވެފައި ވެއެވެ. އެކަން ހުއްޓުވުމަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މަސައްކަތް ވެސް ކުރިއެވެ. އެހެން ނަމަވެސް އޭރުގެ ތަޖުރިބާތަކަށް ފަހު ތަޖުރިބާކާރުން ދެކޭ ގޮތުން އެކަމަށް އޮތް ހަމައެކަނި ހައްލަކީ ހަގީގަތް ހާމަކޮށް ވީހާ ވެސް ފާޅުކަން ބޮޑު ގޮތެއްގައި އާންމު މީހާ އަށް މައުލޫމާތު ލިބޭނެ މަގު ތަނަވަސްކުރުމެވެ. 

advertisement

ހައްލަކީ ހަގީގަތް ހާމަކުރުން

އަދި ކަމާ ބެހޭ ފަރާތްތަކުން ނުވަތަ އެކަމެއްގެ ތަޖުރިބާކާރުން ދައްކާ ވާހަކަތަކަށް އާންމު މީހާގެ އިތުބާރު ހޯދުމަކީ ވެސް އެކަމަށް އޮތް ހައްލެވެ. އެފަދަ މައުލޫމާތު ފެތުރުން ހުއްޓުވުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވެއެވެ. އަދި އެއީ ޒަމާނާ ނުގުޅޭ ނާތަހުޒީބު ކަމެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ދެކެއެވެ. 

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ އަނެއްކާ ވެސް މާގަދަވެގެން މިއުޅެނީ ސަރުކާރުން ވެބްސައިޓްތަކަކަށް ނުވަދެވޭ ގޮތް ހެދުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި މައުލޫމާތާއި ހިޔާލުފާޅުކުރުމުގެ އެކި ލިޔުންތައް ހިމެނޭ ދެ ވެބްސައިޓެއް ވެސް ހިމެނެއެވެ. ސަރުކާރުން ބުނެފައި ވަނީ އެ ދެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހެދީ އެއީ ރެޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓްތަކަކަށް ވާތީއެވެ. 

އެހެން ނަމަވެސް މީޑިއާތަކާ ގުޅޭ ދެ އިދާރާގެ ތެރެއިން ވެބްސައިޓްތަކާ ބެހޭ އިދާރާ މީޑިއާ ކައުންސިލުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ. މީޑިއާއެއްގެ ގޮތުގައި ބަލައި ފިޔަވަޅެއް އަޅާ ނަމަ އެކަން ކުރަންޖެހޭނީ މީޑިއާ ކައުންސިލް މެދުވެރިކޮށް ކަމަށް އެ ކައުންސިލުން ގަބޫލުކުރެއެވެ.

އަދި ނުވަދެވޭ ގޮތަށް ހެދި ދެ ވެބްސައިޓާ ގުޅިގެން އެފަދަ މައްސަލައެއް ބަލަމުން ނުދާ އިރު އަދި އިދާރާގެ ބަހެއް ވެސް ނެތި މީޑިއާއެއްގެ ގޮތުގައި ބަލައި ދެ ވެބްސައިޓަކަށް ނުދަވޭ ގޮތް ހެދުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވެސް ފާހަގަކޮށްފައި ވެއެވެ. މީޑިއާ ކައުންސިލްގެ އިތުރުން ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މި ދެ އިދާރާގެ އިތުރުން ބައެއް ފުންނާބު އުސް ނޫސްވެރިންނާއި މީޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން މިކަމާ ދެކޮޅަށް ފާޅުކުރަމުންދާ ހިޔާލުތަކަކީ ބަލަންވާ ވަރަށް ނުބަލައި ފާޅުކުރާ ހިޔާލުތައް ކަމަށް ސަރުކާރުން ދެކެއެވެ. ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަދި މީޑިއާ ކައުންސިލްގެ ރަން ގަލަށް ވެސް ހާސިލްކުރައްވައިގެން ހުންނެވި މި ސަރުކާރުގަ ތަރުޖަމާން މުހައްމަދު ޝަހީބު ވެސް ދެކެވަޑައިގަންނަވަނީ އެ ގޮތަށެވެ. 

ހިޔާލުފާޅުކުރުމަކީ ރަޖިސްޓްރީކޮށްގެން ކުރަންޖެހޭ ކަމެއް ނޫން

“ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން،” ޝަހީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. 

ރަނގަޅު ވާހަކައެކެވެ. މީޑިއާތައް ހިންގަންވާނީ ރަޖިސްޓްރީކޮށްގެން ކަމަށް ގާނޫނުގައި ބުނެފައި އެބަ އޮތެވެ. އޭގެ މާނައަކީ ރަޖިސްޓްރީނުކޮށް ހިންގާ މިފަދަ ވެބްސައިޓްތަކަކީ މީޑިއާތަކެއް ނޫނެވެ. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގާ ވެބްސައިޓްތަކެކެވެ. ހިޔާލުފާޅުކުރުމަކީ ރަޖިސްޓްރީކޮށްގެން ކުރަންޖެހޭ ކަމެއް ނޫނެވެ.

އެހެން ކަމަށްވާ ނަމަ މައްސަލައަކީ ސަރުކާރާ ދެކޮޅު ކޮންޓެންޓް ހެއްޔެވެ؟ އެ ހަމައިން ބަލާ ނަމަ ފޭސްބުކް ޕޭޖްތަކާއި އެކްސްގެ އެކައުންޓްތަކަކީ ވެސް ސަރުކާރާ ދެކޮޅު ކޮންޓެންޓް ހިމެނޭ ޕްލެޓްފޯމްތަކެވެ. އެ ނޫނަސް ރަޖިސްޓްރީނުކޮށް އެތައް ވެބްސައިޓްތަކެއް އެބަ ހިންގައެވެ. މި ހުރިހާ އެއްޗެއްގައި ތަޅު އަޅުވަންވީ ހެއްޔެވެ؟

ޝަހީބު ވިދާޅުވި ގޮތަށް ކޮންމެ ވެބްސައިޓަކީ މީޑިއާއެއް ނޫނެވެ. އެހެން ނަމަވެސް ސެންސަރުކުރުމުގައި ސަރުކާރުން މިހާރު ގެންގުޅޭ އުސޫލު ހާމަނުކޮށް ވަކި ކޮންޓެންޓެއް ހިމެނޭ ވެބްސައިޓްތައް ބްލޮކްކުރުމަކީ ހިޔާލުފާޅުކުރުމަށް އެޅޭ ހުރަހެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައި ވެސް މިފަދަ ކަންކަން ފެނިގެން ދިޔައެވެ. ވަކި ކަހަލަ ހިޔާލެއް ފާޅުކުރާ ވެބްސައިޓްތައް ބްލޮކްކުރިއެވެ. 

އެހެން ނަމަވެސް އެ ވެބްސައިޓްތަކަށް ވަންނަ މީހުން އޭރު ވެސް ކޮންމެވެސް ގޮތެއް ހަދައިގެން ވަދެއެވެ. ނުވަދެވޭ މީހުންނަށް ޕްރިންޓްކޮށްގެން އެ ލިޔުންތައް ބަހައި ވެސް ހެދިއެވެ. މި ޒަމާނުގައި ޕްރިންޓްކޮށްގެން ބެހުމަށް ވުރެ ފަސޭހަ ގޮތްތައް އެބަ އޮތެވެ. އެ ވެބްސައިޓްތަކުގައި ހިމެނޭ ކޮންޓެންޓް ފޭބްސްބުކް ޕޭޖް ފަދަ ޕްލެޓްފޯމްތަކުގައި ހިމަނައިގެން ނެރުމަކީ އުނދަގޫ ކަމެއް ނޫނެވެ. 

އަދި ބްލޮކްކުރާ ސައިޓްތަކަށް ވަދެވޭނެ ގޮތްތައް ޒަމާނާ އެކު ވަނީ ފަހިވެފައެވެ. ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދައުރު ވަރަށް ބޮޑެވެ. އެ މިނިވަންކަން ލިބުނީ އެތައް ބަޔަކު ކުރި މަސައްކަތުންނެވެ. އެ މަސައްކަތް ފަހަތަށް ސޮއްސާލައިގެން ދިޔުމަކީ ހިތާމަވެރި ކަމެކެވެ. އަދި އެއީ ބޭކާރު ވެސް ކަމެކެވެ. 

މިއީ މައުލޫމާތު ފެތުރުމާއި ލިބިގަތުމުގައި ތަޅު އެޅުވޭނެ ޒަމާނެއް ނޫނެވެ. އެކަން ޖެހޭނީ ހަޖަމްކުރަންށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0