ރިޕޯޓް: 2023 ގެ އުސްއަލިތައް ކުރުކޮށް

2 ޖެނުއަރީ 2024 - 13:56

ނިމިގެންދިޔަ އަހަރަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބު، ރިޔާސީ އިންތިހާބުގެ އަހަރަށްވުމުން އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ގިނަ ކަންކަން ގޮސް ގުޅިފައި ހުރީ ސިޔާސީ ކަންކަމާއެވެ. އެ ގޮތުން ޕާޓީތަކުގެ އެތެރޭގެ ކޯޅުންތަކާއި އިންތިހާބުގެ ކެމްޕެއިނާއި ސިޔާސީ ޕާޓީތަކާއި ވެރިންގެ ބުރަދަން ވަރަށް ރަނގަޅަށް ވަޒަންކޮށްލެވުނެވެ. މުޅި އަހަރު ވަށަޖެހުނީ ސިޔާސީ ކަންކަމުގެ ތެރޭގައެވެ.

އަހަރު ފެށުނު އިރު ޗެލެންޖެއް ނެތް

ރައީސް ކަމަށް 2018 ވަނަ އަހަރު އިބްރާހީމް މުހައްމަދު ސޯލިހް ވަޑައިގެންނެވީ ވަރަށް ވަރަށް ބޮޑު އަގުލަބިއްޔަތަކާ އެކުގައެވެ. އަދި އެ މަނިކުފާނު ވެރިކަން ކާމިޔާބު ކުރެއްވިތަ މާ ގިނަ ދުވަހެއް ނުވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ބޮޑު ކާމިޔާބެއް ވެރިކަމުގައި އޮތް އެމްޑީޕީ އަށް ލިބުނެވެ. އެހެންކަމުން 2023 ވަނަ އަހަރު ފެށުނު އިރު ވެސް ގިނަ ބަޔަކަށް ހީވެފައި އޮތީ ރައީސް ސޯލިހް ދެ ވަނަ ދައުރެއް ކާމިޔާބުކުރައްވާނެ ކަމަށެވެ. ހާއްސަކޮށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުން އިދިކޮޅުގެ މާ ބޮޑު ހަރަކާތެއް ނެތެވެ.

advertisement

ކޯލީޝަންގެ ތެރޭގައި ވެސް މާބޮޑު ބައިބައިވުމެއް ނެތެވެ. ފަހަކާ ޖެހެންދެން ވެސް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ 2018 ވަނަ އަހަރެކޭ އެއްގޮތަށް 2023ގެ ރިޔާސީ އިންތިހާބަށް ވެސް ރައީސް ސޯލިހް ނުކުންނަވާނީ ވަރުގަދަ ކޯލީޝަނަކާ އެކުގައި ކަމެވެ. އާންމުންގެ ޝަކުވާއެއް އޮތް ނަމަ އޮތީ ސަރުކާރު “ސްލޯ” ވުމުންނެވެ. މަޝްރޫއުތަކުގެ ސްޕީޑް ލަސްވުމެވެ. ހާއްސަކޮށް ސިނަމާލެ ބްރިޖާއި އަމީނީ މަގުގައި ތާރު އެޅުން ލަސްވުން ފަދަ ކަންކަމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އެތެރޭގެ ބައިބައިވުން އަދި އާ ޕާޓީ

ވެރިކަމުގެ ކުރީކޮޅުން ފެށިގެން ރައީސް ސޯލިހާއި އެމްޑީ އާއި މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތީ ބާރުވެރިކަން ހޯދުމުގެ ހަނގުރާމައެއް ފެށިފައެވެ. އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކާއި ފުރައްސާރައަށް ވުރެ ޕާޓީގެ އެތެރެއިން ރައީސް ސޯލިހަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ބޮޑެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި އަދި ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީ ގަބޫލުފުޅުނުކުރައްވައި ރައީސް ނަޝީދު ގެންދެވީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ފިކުރެއްގެ ދިރުމުގެ ނަމުގައި އާ ވިސްނުމެއް އުފަންވެ ސަރުކާރާ ދެކޮޅަށް ހަރަކަތްތައް ފެށިއެވެ. އަހަރު ދެބައިވި އިރު ހުޅުފަޅައިގެން ގޮސް އެންމެ ފަހުން ރައީސް ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންކޮޅެއް އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގެން އާ ޕާޓީއެއް އުފެއްދެވިއެވެ. “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި އުފެއްދެވި ޕާޓީއާ ރައީސް ނަޝީދު ގުޅިވަޑައިގެންނެވީ ފަހުންނެވެ.

އިތުބާރު ނެތްކަމުގެ ވޯޓާއި މަޖިލީހުގައި ތަޅު އެޅުވުން

މަޖިލީހުގެ ރައީސްކަމުން ރައީސް ދުރުކުރުމަށް އެމްޑީޕީން ކުރި މަސައްކަތަކީ ވެސް މިދިޔަ އަހަރުގެ ފަލަ ސުރުހީއެކެވެ. އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮތް މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު ދުރުކުރުމަށް އެމްޑީޕީގެ 54 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅިއެވެ. އަދި ހަމައެއާ އެކުއެކީގައި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ހުށަހެޅިއެވެ. ދެން ފެށިގެން ދިޔައީ މަޖިލީހުގައި ތަޅު އެޅުވިގެން ދިޔަ ތަނެވެ. މަޖިލީހުގެ ރިޔާސަތުން ދެން އަމަލުކުރައްވަން ފެއްޓެވީ ވަރަށް ހުދުމުހުތާރު ގޮތަކަށެވެ. ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާގެ ރިޔާސަތު ނައިބު ރައީސަށް ނުބެލެހެއްޓޭ ކަމަށް ވިދާޅުވެ، މަޖިލިސް ހުއްޓުމަކަށް ގެނެވުނެވެ. 

ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރަށް ފަހު ޑިމޮކްރެޓުންގެ ތާއީދު ހޯދުމުގެ ނިޔަތުގައި އެ މައްސަލަތައް އަނބުރާ ނެގި ނަމަވެސް ދެ ވަނަ ބުރަށް ފަހު އަލުން މައްސަލަ ހުށަހެޅިއެވެ. އެހެން ނަމަވެސް ނައިބު ރައީސް އާލާސްކަންފުޅާ ކަމަށް ވިދާޅުވެ، ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވުމަށް ހުރަސް އެޅުއްވިއެވެ. އެންމެ ފަހުން މަޖިލީހުގެ ރިޔާސަތާ މެދު އުފެދިފައިވާ ސުވާލަށް ޖަވާބެއް ހޯދަންޖެހުނީ ސުޕްރީމް ކޯޓުންނެވެ.

ނައިބު ރައީސަށް ނޫން ބޭފުޅަކަށް ރިޔާސަތު ބެލެހެއްޓެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ބޭއްވި ޖަލްސާގައި ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން ރައިސް ނަޝީދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމެވެ. އަދި ނައިބު ރައީސް ވެސް ހަމަ އެ މޭރުމުން އަމަލުކުރެއްވުމުން ނައިބަކަށް ވަޑައިގެންނެވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

ރިޔާސީ އިންތިހާބުގެ ޓިކެޓް

އެމްޑީޕީގެ ރިޔާސީ ޓިކެޓް ވަރަށް އަގުލަބިއްޔަތަކުން ހޯއްދެވީ ރައީސް ސޯލިހެވެ. ޕްރައިމަރީގެ ނަތީޖާ ރައީސް ނަޝީދު ގަބޫލުނުކުރެއްވި ނަމަވެސް އެ މަނިކުފާނަށް މުޅި ރާއްޖެއިން އެމްޑީޕީގެ ތެރެއިން ލިބިވަޑައިގަތީ 15،000 ވޯޓެވެ. އެމްޑީޕީގެ ޕްރައިމަރީގެ ފޯރިގަދަވި ނަމަވެސް މިދިޔަ އަހަރު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި އޮތީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާނެ ގޮތަކާ މެދުގައެވެ. ޖަލުގައި ހުންނެވި ނަމަވެސް ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން އޮތީ ރަސްމީ ގޮތެއްގައި ރައީސް ޔާމިނަށް ރިޔާސީ ޓިކެޓް އަރުއްވާފައެވެ. ބޮޑު ސުވާލަކަށް އޮތީ “ބެކަޕް ޕްލޭން”އާ މެދުގައެވެ.

އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެ ދެ ޕާޓީން ބުނަމުން ދިޔައީ އެފަދަ ޕްލޭނަކާ މެދު ނުވިސްނާ ކަމަށެވެ. އެހެން ނަމަވެސް ތުންތުން މަތިން އޭރު ނަންތަކެއް އިވެމުން ދިޔައެވެ. ރައީސް ޔާމީން އަށް ބޮޑުބޭބެ ވިދާޅުވާ ޣައްސަން މައުމޫނާއި، އޭރު ކޮމަންޑޫ ދާއިރާގެ މެންބަރަކަށް ހުންނެވި އާދަން ޝަރީފާއި، މާވަށު ދާއިރާގެ މެންބަރު އަހްމަދު ސައީދާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ފަދަ ބޭފުޅުންގެ ނަންތައް އަޑު އިވެމުން ދިޔައެވެ. މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވީ އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވެސް ޓިކެޓް ހޯއްދެވުމަށް މަސައްކަތްކުރައްވާ ކަމުގެ އަޑުތައް އޮތީ ފެތުރިފައެވެ.

ރިޔާސީ އިންތިހާބަށް ހުޅުވާލުމާ އެކު ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި އިސް ވަކީލް އަދި ކުރިން ވެސް އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލް ހަމަޖައްސަވައި އިލެކްޝަނަށް ފޯމް ހުށަހަޅުއްވާފައެވެ. އިލެކްޝަނުން ފޯމް ރިޖެކްޓްކުރުމާ އެކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. ބެކަޕް ޕްލޭނެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް ދެ ޕާޓީގެ ސެނެޓުގެ ތެރޭގައި މަޝްވަރާކުރެވެމުން ދިޔައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވަމުން ގެންދަވީ ޕްލޭން ބީއަކީ ވެސް ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމް އިދިކޮޅަށް އައުމުން ރައީސް ޔާމީން އެންމެ ފުރަތަމަ ނިންމެވީ އެ ދެ ޕާޓީން އިންތިހާބު ބޮއިކޮޓްކުރުމަށެވެ. އެހެން ނަމަވެސް އޭރު ދެ ޕާޓީގައި ޑރ. މުއިއްޒުގެ ކޮންޓްރޯލް އޮތީ މާ ވަރުގަދަކޮށެވ ސުޕްރީމް ކޯޓުގެ ހުކުމާ އެކު ސެނެޓުގެ ކޮންޓްރޯލް އޮތް ޑރ. މުއިއްޒުގެ ޓީމުން ކެންޑިޑޭޓަކު ކަނޑައެޅުމަށް ޖަލްސާ ބޭއްވިއެވެ. އަދި ރައީސް ޔާމީންގެ ނިންމެވުމާ ދެކޮޅަށް ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ކަނޑައެޅިއެވެ. ޓިކެޓަށް ވާދަކުރެއްވީ ޑރ. މުއިއްޒުގެ އިތުރުން އާދަމް ޝަރީފެވެ. ދެ ޕާޓީގެ ނިންމުމާ އެކު ރައީސް ޔާމީން ފަހުން ގޮތް ދޫކުރައްވައި ޑރ. މުއިއްޒުއަށް ރުހުން ދެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ބޮޑު ބަލި

ރިޔާސީ އިންތިހާބަށް ނުކުތް އިރު އެމްޑީޕީ އޮތީ އަހަރު ފެށުނު އިރު އޮތް ގޮތަކަށް ނޫނެވެ. ޕާޓީގެ ތެރޭގައި އޮތް ބައިބައިވުން ބޮޑެވެ. އަދި ކޯލީޝަން އެކުގައި އިންތިހާބަށް ނެރުމަށް ރައީސް ސޯލިހް ކުރެއްވި މަސައްކަތް ވެސް ކާމިޔާބެއް ނުވިއެވެ. ރައީސް ސޯލިހަށް ރުހުން ހޯއްދެވުނީ އަދާލަތު ޕާޓީގެ އެކަންޏެވެ. ކޯލީޝަންގައި ހިމެނުނު ޖުމްހޫރީ ޕާޓީން ނިންމީ ވަކިން އިންތިހާބަށް ނުކުންނަންށެވެ. ރައީސް ސޯލިހާ އެކު ބައަތު ހިއްޕެވުމަސް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެތައް ފަހެއްގެ މަތިން މަސައްކަތް ކުރެއްވި ނަމަވެސް ޕާޓީގެ އިސް ބޭފުޅުން އެ ގޮތް ބޭނުން ނުވީއެވެ.

އެހެން ކުދި ޕާޓީތަކުގެ ލީޑަރުގެ ސަޕޯޓު ހޯއްދެވުމަށް ވެސް ރައީސް ސޯލިހް މަސައްކަތް ކުރެއްވިއެވެ. އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރެއްވި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ފަހު ވަގުތު ނިންމެވީ ރައީސް ސޯލިހާ އެކު ވަޑައިގަތުމަށެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ނިންމެވީ ވަކިން އިންތިހާބުގައި ވާދަކުރެއްވުމަށެވެ. ޑިމޮކްރެޓުންގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް ވާދަކުރެއްވިއެވެ.

ކުރިން ވެސް ލަފާކުރެވިފައި އޮތް ގޮތަށް ރައީސް ސޯލިހަށް އެންމެ ބޮޑު ޗެލެންޖަކަށް ވެފައި އޮތީ އެތެރޭގެ ކޯޅުމުގައި ޕާޓީ ދެބައިވެފައި އޮތުމެވެ. ފުރަތަމަ ބުރު ލިބޭނެ ކަމަށް ބެލުވުނަސް އެއްބުރުން އިންތިހާބު ކާމިޔާބުވުމަށް އެމްޑީޕީ އަށް އޮތް ހުރަހަކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ފުރަތަމަ ބުރުގައި ވެސް ޑރ. މުއިއްޒު ވަނީ 15،000 ވަރަކަށް ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވާފައެވެ. އަނެއްކޮޅުން ޑިމޮކްރެޓުން ވެސް އެހާކަށް ވަރަށް ވޯޓު ހޯދިއެވެ. 

އެހެން ކަމުން ދެ ވަނަ ބުރަށް ރައީސް ސޯލިހަށް އޮތް ހަމައެކަނި ގޮތަކީ ރައީސް ނަޝީދުގެ ތާއީދު ލިބުން ކަން އޮތީ ހާމައަށް ފެންނަންށެވެ. އެ މަގަށް މަސައްކަތްކުރެއްވި ނަމަވެސް ދެ ވަނަ ބުރުގައި ވެސް އެމްޑީޕީ ފަޅިއަށް އެރީ އަދާލަތު އެކަންޏެވެ. ސިޔާމް ވެސް ދުރަށް ޖެހިވަޑައިގަތެވެ. ރައީސް ނަޝީދާއި ގާސިމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމްއާރުއެމްގެ ތާއީދު ވެސް ލިބޭ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމެވެ.

ސިޔާސީ ލީޑަރުގެ ބާރު ވަޒަންކުރެވުނު އަހަރެއް

ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ކަމަކަށް ފާހަގަކުރެވުނީ ސިޔާސީ މައިދާނުގައި މާ ވަރުގަދަ ބޭފުޅުން ކަމަށް މިހާތަނަށް ދެކެމުން އައި ގިނަ ބޭފުޅުންގެ ހަގީގީ ސިޔާސީ ބަރުދަނެއް ނެތް ކަމެކެވެ. “ކިންގް މޭކާ”ގެ ގޮތުގައި ރައީސުންނަށް ވެރިކަން ހޯއްދަވައިދެއްވާ ލީޑަރުގެ ގޮތުގައި ހުންނެވި ގާސިމް އަށް ވެސް އިންތިހާބުގައި ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވަރަށް ބޮޑު ލަދަކާއެވެ. ގާސިމަށް ހަ ހާސް ވޯޓު ވެސް ލިބިފައެއް ނުވެއެވެ.

އެއީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް ވުރެ ވެސް މަދު އަދަދެކެވެ. އެންމެ އަވަހަށް 10،000 މެންބަރުން ހޯދި އެމްއެންޕީގެ ލީޑަރު ނާޒިމަށް ވެސް 2،000 ވޯޓު ވެސް ހަމަކުރެއްވޭ ގޮތެއް ނުވިއެވެ. މި އިންތިހާބު ވެގެން ދިޔައީ ރައީސް ނަޝީދުގެ ވެސް ސިޔާސީ ހަޔާތުގެ ސިއްކަ ޖެހިގެން ދިޔަ އިންތިހާބަކަށެވެ. އެމަނިކުފާނުގެ ޕާޓީން ވާދަކުރެއްވި އިލްޔާސް ލަބީބަށް ލިބުނީ 15،000 ވޯޓެވެ. އަހަރު ނިމިގެން ދިޔައީ ރައީސް ނަޝީދު ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަންނަވާނެކަން އިއުލާންކުރެއްވުމާ އެކުއެވެ.

ރައީސް ޔާމީންގެ އާޕާޓީ

ރިޔާސީ އިންތިހާބަށް ފަހު މީޑިއާގެ ފަލަ ސުރުހީތަކުން އެންމެ ބޮޑު ޖާގައެއް ހޯދީ ޕީޕީއެމް ދޫކުރައްވައި ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވި ޚަބަރެވެ. ރިޔާސީ އިންތިހާބުގެ ޓިކެޓްގެ ވާދަވެރިކަމާ އެކު ރައީސް ޔާމީނާއި ޑރ. މުއިއްޒުއާ ދެމެދު ދުރުމިނެއް އުފެދިގެން ދިޔައެވެ. އަދި ޕާޓީގެ އެތެރޭގައި ޑރ. މުއިއްޒުގެ ބާރު ގަދަވަމުން ދިޔުން ހުއްޓުވުމަށް ރައީސް ޔާމީން މަސައްކަތްތަކެއް ވެސް ކުރެއްވިއެވެ. އެހެން ނަމަވެސް ވެރިކަން ލިބިވަޑައިގަތުމާ އެކު ޑރ. މުއިއްޒު އާއި ރައީސް ޔާމީނާ ދެމެދު އޮތް ގުޅުން އެއްކޮށް ކެންޑި ރައީސް ޔާމީން ނިންމެވީ ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފެއްދެވުމަށެވެ. އެ ގޮތުން ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅުން މަސައްކަތް ކުރައްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ ޕާޓީ ވުޖޫދު ނުވެއެވެ.

ނިމިދިޔަ އަހަރަކީ ވެސް ގިނަ ފިލާވަޅުތަކެއް ދަސްވި އާ ތަޖުރިބާތަކެއް ކުރަންޖެހުނު އަހަރެކެވެ. ރާއްޖޭގެ ދަރަނި ކަންބޮޑުވާ މިންވަރަކަށް އިތުރުވެ އިގްތިސާދީ ހީނަރުކަމެއްގެ ބިރު ބޮޑުވި އަހަރެކެވެ. އަވަށްޓެރި ލަންކާގެ އިގްތިސާދު ފުނޑި އިނދަޖެހުނު އިރު ރާއްޖެ ވެސް އެހާލަތަށް ހިނގައިދާނެ ކަމަށް ބައެއް ފަރާތްތަކުން އަންދާޒާކުރި އަހަރެކެވެ. އެހެން ނަމަވެއް ރާއްޖޭގެ ޓުއަރިޒަމަށް މިދިޔަ އަހަރަކީ ވެސް ފަހި އަހަރކެވެ. ރެކޯޑް އަދަދަކަށް ޓުއަރިސްޓުން ޒިޔާރަތްކުރި ނަމަވެސް ސިޔާސީ އެކި ބޭނުންތަކަށް ކުރި ހޭދައިގެ ސަބަބުން ގައުމުގެ އިގްތިސާދު އޮތީ ނާޒުކު ފައްތަރެއްގައެވެ.

ފެށުނު މި އަހަރު ވެސް ރާއްޖެއަށް އޮތީ ގޮންޖެހުންތަކެވެ. އެހެން ނަމަވެސް އެކަން ވެސް ބިނާވެފައި ވަނީ ސިޔާސީ ކަންކަމަށް އަންނަ ބަދަލުތަކާއެވެ. އާ އަހަރަކީ ވެސް ބޮޑު އިންތިހާބެއްގެ އަހަރެކެވެ. މަޖިލިސް އިންތިހާބެވެ.

ރިއެކްޝަންސް
0
0
0
0
0
0
0